އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެ ދިވެހި ވަފުދަށް މަރުޙަބާ ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދު މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ، ގަވަރުނަރު ރާދަކްރިޝްނަން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން، އިންޑިއާ އާއި ރާއްޖޭގެ ބަދަހިގުޅުމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުންވެސް ގަވަރުނަރު ރާދަކްރިޝްނަން ވާހަކަފުޅުދެއްކެވިއެވެ. އަދި މި ދާއިރާތަކާއި އިތުރި ދައިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހުންނެވީ މުމްބާއީގައެވެ.