ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދުތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "މަސައްކަތުގެ މާޙައުލުގައި ނަފުސާނީ ދުޅަހެޔޮކަން" މިއެވެ.