މިއަދު ކުއްލި ގޮތަކަށް ނިޔާވި ޢުމުރުން 13 އަހަރުގެ، ހުރަވީ ސްކޫލްގެ އަންހެން ދަރިވަރު، ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ފާޠިމަތު ޝިމާ މުޙައްމަދު، ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އެއްސެވީ ފުން އަސަރާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، އެ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އެ މަޢުޞޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ލެއްވުން އެދިވަޑައިގެން ވަނީ ދުޢާކުރައްވާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މަރްޙޫމާ ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.