ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައި، 2024 އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޫބަރު 16 ވީ ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.