މި އިންޓަރވިޔުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލުތައް ދެންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ އެޑިޓަރ އަޙްމަދު ޖަދުވާން.


ޕްރެޒެންޓަރ:

السَّلامُ عَلَيْكُم.

ޓީ.ވީ. ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑު މި ވަގުތު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ވަރަށް ޚާއްޞަ ބޭފުޅެއްގެ ވަރަށް ޚާއްޞަ އިންޓަރވިޔުއެއް ގެނެސްދިނުމަށްޓަކައި.
އަޅުގަނޑު މި ވަގުތު މިއިނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި.
ރައީސް، ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.
ރައީސް، އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވި ގޮތަށް، އަދިވެސް ހަމަ ވަރަށް ބުރަކޮށް އުޅުއްވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ އިނގޭތޯ. ކިހިނެއްތޯ މަސައްކަތް؟ ހާލު އަހުވާލު ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، އަޅުގަނޑު ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް މި ކުރަނީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރެވޭތޯ. އެއީ، އަރާމުކުރަން އޮވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، ވަރަށް ބުރަކޮށް މަސައްކަތް ކުރަނީ، އުފަލާ އެކީގައި.

ޕްރެޒެންޓަރ:

އާދެ، ރައީސް އަޅުގަނޑުމެންނަށް ދާދިފަހުން މަނިކުފާނު ކުރެއްވި މުހިންމު ގިނަ މަސައްކަތްތަކަށް ބަލާއިރުގައި، ރައްޔިތުންގެ ލާބައާއި މަންފާއަށް، ސީދާ ރައްޔިތުންނާ ގުޅުންހުރި ވަރަށްގިނަ ކަންކަމަށް، ވަރަށްގިނަ އިޞްލާޙީ ބަދަލުތަކެއް ގެންނަވައިފި. އަދި ވަރަށްގިނަ ކުރިއެރުންތަކެއް ގެންނަވަން ފަށްޓަވައިފި. އެކަންކަމާ ގުޅޭގޮތުން އަޅުގަނޑު ދެތިން ސުވާލު ދަންނަވާލާނަން އިނގޭތޯ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާލާނީ، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ. މަނިކުފާނު ވަރަށް ކުރިއްސުރެ ވިދާޅުވެފައިވޭ، ކެމްޕެއިން ތެރޭގައިވެސް. ދިވެހި ރައްޔިތުންނަށް ދިމާވެފައި މި އޮތް ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް މި ދައުރުގެ ތެރޭގައި، އެކަށީގެންވާވަރުގެ ބޮޑު ޙައްލެއް ގެންނަވާނެ ކަމަށް. ވެރިކަމާ ހަވާލުވެވަޑައިގެން ބައްލަވައިލެއްވިއިރުގައި، ކުރީގެ ނިމިދިޔަ ސަރުކާރުން ކަނޑުންނާއި، އެއްގަމުންނާއި، މަގުމެދުން ދީފައި ހުރި ވަރަށްގިނަ ގޯތިތަކާއި ފްލެޓްތަކެއް ހުރި. އެހެންނަމަވެސް، ނަމެއްގައި. ދެން އެ ރިއަލައިޒް ކުރަން، ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، ވަރަށްދަތި އުނދަގޫ، ވަރަށްބޮޑު މަސައްކަތެއްގެ ގޮތުގައި، އަޅުގަނޑުމެން ނޫސްވެރިންނަށްވެސް އަދި ޢާންމު ރައްޔިތުންނަށްވެސް ފާހަގަކުރެވުނު. އެހެންނަމަވެސް، މަނިކުފާނު މިހާރު މިވަނީ ކުރީގެ ސަރުކާރުން އިޢުލާނުކުރި ލިސްޓަށް، އޭގެތެރޭގައި، ޝަރުޠުހަމަވާ އެންމެންނަށް ފްލެޓް ދެއްވާނެކަން އިޢުލާނު ކުރައްވައި، އެކަންކަން ޢަމަލީގޮތުން ފަށްޓަވާފައި. އަޅުގަނޑު ހިތަށްއަރަނީ، މި މަސައްކަތް މަނިކުފާނު މިހާރު ޢަމަލީގޮތުން ކުރައްވާއިރުގައި، ކޮބައިބާވައޭ މީގައި ވިދާޅުވާނެ ވާހަކަފުޅަކީ، މިހާރު ކުރެއްވި މަސައްކަތުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އާދެ، އަޅުގަނޑު ވަކި މިއަދަކު ނޫން. ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދަނީ، ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް އިނގޭތޯ. ރައްޔިތުންނަށްވީ ވަޢުދު ފުއްދުމުގައި، ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކޮށްދީ، ލުއިކޮށްދީ، ދިރިއުޅުން ފަހިކޮށްދިނުމަށް ކުރަންހުރި ހުރިހާ ކަމެއް ކުރުމުގައި އިރާދަކުރެއްވީތީ އިނގޭތޯ. އަދި އަޅުގަނޑު ކުރިއަށްދާނީވެސް އެގޮތުގައި.

އެގޮތުން ބަލާއިރުގައި، ގެދޮރުވެރިކަން، ނޫނީވިއްޔާ ބޯހިޔާވަހިކަމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ، އިޖުތިމާޢީ އެންމެބޮޑު މައްސަލަ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑު އެންމެ އިސްކަމެއްދެނީ.

އަޅުގަނޑު ވަރަށްގިނަ ވަޢުދުތަކެއްވި އިނގޭތޯ. ވަރަށްގިނަ ދާއިރާތަކުން، ވަރަށްގިނަ ވަޢުދުތައްވި. ދެން އޭގެތެރޭގައި، އެންމެ މުހިންމު ވަޢުދުވެފައި މިވަނީ ހަމަ ގެދޮރުވެރިކަމާ ބެހޭގޮތުން އިނގޭތޯ. ދެން އެގޮތުން ބަލާއިރުގައި، މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތަކާއި ގޯތިތަކެއް އެބަހުރި. އެކަމުގައި ވަރަށް ސާފުކޮށް އަޅުގަނޑު ވަޢުދުވިން، އެކަން ކުރާނެގޮތް އިނގޭތޯ. ޖުމްލަ ވަޢުދަކީ، ކޮންމެ ސަރުކާރަކުން ދިންކަމުގައިވިޔަސް، އެ ދިން އެއްޗެއް، އެއީ، ފްލެޓެއްވިޔަސް، ގޯއްޗެއްވިޔަސް އަޅުގަނޑު އަތެއްނުލާނަމޭ. ދޭނަމޭ. އެ ވަޢުދު އަޅުގަނޑުވިން. ދެން އެ ވަޢުދާ އެކީގައި، އަޅުގަނޑު ދެންނެވިން، ޢާންމު އުޞޫލުގެ މަތިން، އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، ނޫނީވިއްޔާ އޮޅުވާލައިގެން، ޝަރުޠުހަމަނުވާ މީހަކު، ޝަރުޠުހަމަވާ ކަމަށް ގަވާއިދާ ޚިލާފު އެއްވެސް ކަހަލަ ކަމެއް ކޮށްފައިވާކަން އެނގޭނަމަ، ކުރީގައިވެސް އެ ކެންސަލްވާ ގޮތަކަށް، އެ މީހަކު ކެންސަލްވާނެއޭ. އެއީކީއެއް މިއަދަކު ކުރާ ކަމެއް ނޫނޭ. ކެމްޕެއިން ތެރޭގައިވެސް އެ ވާހަކަ އޮންނާނީ އަޅުގަނޑު ދައްކާފައި. އަދި ފަހުންވެސް. އެހެންވީމާ، ޖުމްލަ ވަޢުދަކީ، ގޯއްޗެއްވިޔަސް، ފްލެޓެއްވިޔަސް ދޭނަމޭ. އަތެއްނުލާނަމޭ.

އެހެންވީމާ، އިއްޔެ މިހާރު މި ނިންމި ނިންމުމަކީ، މިދިޔަ ސަރުކާރުން އެ ދިން ލިސްޓުގައި އޮތްގޮތަށޭ އަޅުގަނޑުމެން ކުރިއަށްދާނީ. ދެން އެ ލިސްޓުގައި، އޮޅުވާލާފައި، ޝަރުޠުހަމަނުވާ މީހަކު ޝަރުޠުހަމަވާ ކަމަށް ކަނޑައަޅައި، ދީފައި އޮވެއްޖިއްޔާ، އެ މީހަކު އުނިވާނެ. އެގޮތަށޭ ކުރިއަށްދާނީ. އެހެންވީމާ، އަޅުގަނޑު މި ފުއްދަނީ ވަޢުދު އިނގޭތޯ. ވަޢުދު ފުއްދަނީ.
ދެން މިދިޔަ ދުވަސްތަކުގައި، އެކިގޮތްގޮތަށް މިކަން ދިޔަ. ދެން އެކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެކިކަހަލަ މަޝްވަރާތައް ކުރެވި، އެކި ފަރާތްތަކުގެ ލަފާ ލިބި، މިގޮތަށް ކުރެވުނު ކަންތައްތަކެއް ދިޔަ. ދެން ރައްޔިތުން، އޭގެތެރޭގައި ވަރަށް ބޮޑަށް އުޅެންވެސް ޖެހިފައި އޮތީ. އަޅުގަނޑު އެކަމަށްޓަކައި، ހަމަ އެ ދަތިކަމުގައި އުޅެންޖެހުނު ހުރިހާ ރައްޔިތުންގެ އަރިހުން މާފަށްވެސް އެދެން. އަޅުގަނޑުގެ ނިޔަތަކަށްވީ، ހަމަ އެންމެ އިންޞާފުވެރިކޮށް، އެންމެ ރަނގަޅަށް މިކަން ކުރަން. މިކަމުގައި މި ކުރެވުނު ހުރިހާ މަސައްކަތެއްގައިވެސް ނިޔަތަކީ މިއީ.

ދެން އަޅުގަނޑުމެން މިދަނީ ހަމަ ވަޢުދުވެފައި އޮތް ގޮތަށް މިކަން ކުރުމުގައި. ކުރިއަށް ދިޔުން ހަމަ ވަރަށް ސްޓްރެއިޓް ފޯވަރޑް، ސިމްޕަލް ގޮތަކަށޭ މިކަން މިއޮތީ ކުރަން. ހަމަ އެ ލިސްޓަށް ދޭން ނިންމައި، އޭގައި ދެން ޝަރުޠުހަމަނުވާ، ނޫނީވިއްޔާ މަކަރު ހަދާފައި ހުރި މީހެއް ވެއްޖިއްޔާ އުނިވާނީއޭ. އަޅުގަނޑުމެން އަލުން ބަލުން ފަށައިގެން ޕޮއިންޓްދީ، ނޫނީވިއްޔާ އެހެން ކަމެއް ކޮށްގެން، ނުގަވާއިދުން މިއަށް ވަދެފައި ހުރި މީހަކު ވެއްޖިއްޔާ، މިއިން އުނިކުރުމަކީ އަދި އެހާ ފަސޭހަކަމެއް، ނޫނީވިއްޔާ ރަނގަޅު ކަމަކަށްވެސް ނުވެދާނެ. އެހެންވީމާ، މިހާރު މި ފައިނަލްވީ. ދެން މިގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ.

ދެން ހަމަ އެގޮތަށް، ގޯތިތައްވެސް އަޅުގަނޑުމެން ދިނީ. ދެން އިރާދަކުރެއްވިއްޔާ، ހުޅުމާލޭގައި މި ފްލެޓްތައް ނިމެމުންދާވަރަކުން އަޅުގަނޑުމެން ހަވާލުކުރަމުން ދާނަން. ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، މި އަހަރު ތެރޭގައި، ވީހާވެސް އަވަހަކަށް ހަވާލުކުރަން ފަށާނެ ވާހަކަ. އަޅުގަނޑަށް ހީވަނީ ސެޕްޓެންބަރު މަހާ ހަމަޔަށް ދާންވާއިރަށް، ވީހާވެސް ގިނަ މީހުންނަކަށް ހަވާލުކުރެވޭނެހެން. މިހާރުވެސް ގިނަ ތަންތަން ހުރީ ނިމިފައި އިނގޭތޯ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން، ހަމަ ނިމެމުންދާވަރަކުން ދާނީ ހަވާލުކުރަމުން.

ދެން އޭގެއިތުރަށް، ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ގޯތީގެ ކަންތަކުގައި. ހުޅުމާލެއިން ގޯތިތައް ލިބުނު މީހުންގެ ތެރެއިން، ވަރަށްގިނަ މީހުންނަށް އަޅުގަނޑުމެން ވާނީ ފޭސް 2 އިން ގޯތިތައް ހަވާލުކޮށްފައި. ދެން ފޭސް 3 މިހާރު އެވަނީ އެޗް.ޑީ.ސީ.ގެ ފަރާތުން އާ މާސްޓަރ ޕްލޭނެއް އިޢުލާނުކޮށްފައި. އެއީ، ކުރީގައި އޮތީ ވަރަށް ބޮޑަށް ތޮއްޖެހޭގޮތަށް ފަޅުތެރެ ހިއްކަން ނިންމާފައި. ދެން އެހެންނަމަވެސް، ހަމަ އެކިކަހަލަ ބޭނުންތަކަށް ފަޅުތެރެވެސް މިހާރު ބޭނުންވާނެ ދޮގެއްތޯ؟ ސިޓީއެއްގައި ވިއްޔާ އޮންނަންޖެހޭނެ ރަނގަޅު ފަޅެއް.

އެހެންވީމާ، މި ޒަމާނުގެ ކޮންސެޕްޓަށް ފިޓްވާގޮތަށް ޕްލޭން ހަދާފައި، އެއްވެސް ގޯއްޗެއް އުނިނުވާގޮތަށް ޕްލޭން ހަދާފައި، ދެން ހިއްކުމުގެ ކަންތައް އެޗް.ޑީ.ސީ.އިން ކުރިއަށް ގެންދާނީ. ގެންގޮސްފައި ހަމަ ފޭސް 3ންނާއި، ފޭސް 2 ގައި ދެން ނުދެވިހުރި ހުރިހާ ގޯތިތައްވެސް ހަވާލުކުރާނެ.

ދެން މިދިޔަ ސަރުކާރުން މި ގޯތިތައް ދިންއިރުގައި، މަގެއް، ތަނެއް ނުބަލައި ދިނީ. ދެން އަޅުގަނޑުމެން ވާނީ އެ ރަނގަޅުވެސް ކޮށްފައި.

ގިރާވަރުފަޅުވެސް، ބޭރުންގޮސް ކަނޑާ އެކީގައި ފައިބާވަރަށް ގޯތިދީފައި. މިހެން ކޮށްފައި އޮތީ. އެހެންނޫންތޯ؟

އެހެންވީމާ، ގިރާވަރުފަޅުންވެސް ކަނޑާ އެކީގައި ފައިބާގޮތަށް ދީފައިހުރި ގޯތިތައް އަޅުގަނޑުމެން މިވަނީ ގުޅީފަޅަށް ބަދަލުކޮށްފައި.

ދެން އަޅުގަނޑުމެން ފުރަތަމަ މަސައްކަތްކުރީ، ފުން ސަރަޙައްދު ހިއްކައިގެން، އެ ކަންތައް ކުރެވޭތޯ. ދެން މީގައި ޑިލޭސްތަކެއް އެބައުޅޭ، ފުން ސަރަޙައްދު ހިއްކުމުގައި. އެހެންވީމާ، ފުން ސަރަޙައްދަށް އަރާ ގޯތިތައް އަނެއްކާ އެއްގަމަށްލާފައި، ޕްލޭން އަލުން ބަދަލުކޮށްފައި، އިއްޔެ އިޢުލާނުކޮށްފައި، މިއަދު މި ގުރުއަތުލީ.

އެހެންވީމާ، މިހާރު ގުޅީފަޅުންވެސް ގޯތި އެ ފައިނަލްވީ. ފައިނަލްވެގެން އެ ހުރިހާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންތަކާއި އަދި، އިން ވަކިކޮށްފައި، ހަމަ ކަޑަޖަހާފައި، ގޯތިތައް ޢަމަލީގޮތުން އަޅުގަނޑުމެން ދޭން ފަށާނަން، ބުރިޖުގެ މަސައްކަތަށް ބަންދުވެފައި އޮތް ސައިޓް ކަހަލަ ތަންތަން ނޫން ހުރިހާ ތާކުން. ކޮންމެގޮތެއްވިޔަސް، އެ ތަންތަން ދެވޭނީ ހަމަ ހުސްވީމާ ދޮގެއްތޯ؟

އެހެންވީމާ، މި ޕްރޮޖެކްޓްގެ ތެރެއިން، ދެން ގިރާވަރުފަޅު ހިއްކުން. އެކަންވެސް ހަމަ މި ކިޔާ ލޮޕްސައިޑަޑް، ވަކިއަތަކަށް ގޮސް ހުސްވެފައި އޮތް، ދައުލަތަށް ބޮޑެތި ގެއްލުންވާގޮތަށް އޮތް އެގްރީމަންޓެއްވީމަ، އޭ.ޖީ. މިހާރު އެ ބާޠިލްކޮށް ނިންމަނީ. ނިމުނީމަ، އެތަން ސަލާމަތްވީމަ، އަޅުގަނޑުމެން ހަމަ އެތަން ސަރުކާރުން ހަމަ އަލުން ފަށައިގެން ހިއްކައި ނިންމާލާނަން. ނިންމާލާފައި، އެތާނގެ ގޯތިތައްވެސް ދީ ނިންމާލާނަން އިނގޭތޯ. އެހެންވީމާ، އެގޮތަށް މިކަން ދާނީ.

ދެން ހަމަ މި މައުޟޫޢުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. މިއީ ހަމަ އަދި މިހާތަނަށް ހިނގަމުން އައި ކަންކަން ރަނގަޅު މަގަށް އަޅުވައި، މީގައި ހުރި އޮޅުންބޮޅުންތައް ސާފުކޮށް، ސިސްޓަމްގެ ތެރެއިން، އުޞޫލުތަކުގެ ތެރެއިން މިކަން ކުރުމަށްޓަކައި ކުރަމުންދާހާ ކަންކަމޭ.

އަދި އަޅުގަނޑު ވަޢުދުވެފައި ހުންނާނެ ވަރަށް ގިނައިން ހަމަ މި ސަރަޙައްދަށް، މާލޭ ސަރަޙައްދަށް އެހެން ވަޢުދުތައްވެސް، ބޯހިޔާވަހިކަމާ ގުޅޭގޮތުން. އެގޮތުން ބަލާއިރުގައި އެއްކަމަކީ، ވަރަށްހަނި ގޯޅިތަކާއި، މިހެންގޮސް ލޯނު ނަގައިގެން، ގެއަޅަން މީހުންނަށް ބޭންކުން ލޯނު ނުލިބޭގޮތަށް ހުންނަ ގޯތިތައް ހުރޭ. އެ ހަނިގޯޅިތަކުގެ ތެރޭގައި ކަނެއްގައި. ނޫނީވިއްޔާ މިހެން ހުންނަ ސަރަޙައްދުތަކުގައި، މާ އިކޮނޮމިކަލް، ބޭންކަބަލް ޕްރޮޖެކްޓްތަކަށް ނުވާ ސަރަޙައްދު ހުންނަ ވަރަށްގިނަ ގޯތި އެބަހުރި. މި މީހުންނަށް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، ލާޖައްސާ އުޞޫލުން މާލޭ ސަރަޙައްދުން، ގްރޭޓަރ މާލޭ އޭރިއާއިން ބިންދީފައި، އެތަންތަން ދައުލަތަށް ނަގާފައި، އެ ލޯނު ލިބޭނެ މަގު ފަހިކޮށްދޭނެ ވާހަކަ. ނޫނީވިއްޔާ ލާޖައްސާފައި އޮތް ތަނުން ގޯތިދޭނަމޭ. އޭރުން އެ މީހާއަށް، އެ މީހާގެ ގޯތިހަދަން ފުރުޞަތު އެބަ ލިބޭ.

ދެން މި ވަޢުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ ދާދި އަވަހަށް ފަށަން އިނގޭތޯ. އެހެންވީމާ، ސަރުކާރުން ވަރަށް އަވަހަށް އިޢުލާނު ކުރާނެ، މާލޭގައި ހުރި، މިގޮތަށް ހުރި ގޯތިތައް، މުޅި ގޯތި އެކީގައި ދޫކޮށްލާފައި ހަމަ އެ ގޯތީގެ ސައިޒްގެ ގޯއްޗެއް، މާލޭ ސަރަޙައްދުން، އަޅުގަނޑުމެން ހިއްކާ ސަރަޙައްދުތަކުން، އުތުރުތިލަފަޅުވެސް ހިއްކަން މިއޮތީ ނިންމާފައި. އަދި ގިރާވަރުފަޅު ހިއްކައި ނިމޭއިރުގައި، އިތުރަށް ޖާގަ ލިބެންވެސް ލިބޭނެ. އަދި ގުޅީފަޅުންވެސް އަދި ފުންތަން ހިއްކައި ނިމޭއިރުގައި، އަޅުގަނޑުމެންނަށް ހަމަ ބައެއް ސަރަޙައްދު އިތުރުވާނެ. މިހެންގޮސް ރަސްމާލެ ހިއްކުމުގައި މިހާރު އަޅުގަނޑުމެން މިގެންދާ މަޝްރޫޢު އިރާދަކުރެއްވިއްޔާ، އެތައް ގުނައެއް ސްޕީޑް އަޕްވާ ގޮތަށް މިހާރު އިރާދަކުރެއްވީތީ އެގްރީމެންޓް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ނިމެމުން.

އެހެންވީމާ، މާލެ ސަރަޙައްދުގެ، ރަސްމާލެ ހިމެނޭހެން މުޅި މި ސަރަޙައްދުން މި އިތުރުވާ ބިންތަކުން ހުޅުމާލެވެސް ހިމެނޭހެން، އަޅުގަނޑުމެން މާލެއިން މިގޮތަށް ގޯތި ދޫކޮށްލާފައި، މިގޮތަށް ނުހެދޭނެ ގޮތަށް ހުންނަ ހަނި މަގުތަކާއި، މިތަންތާނގައި ހުންނަ ގޯތިތައް، އެ ގޭގެ އެންމެންވެގެން ދޫކޮށްލާފައި، އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ އެންމެންނަށް ފުރުޞަތު ހުޅުވާލާނަން އިނގޭތޯ.

އެހެންވީމާ، އަޅުގަނޑުމެން ފުރުޞަތު ހުޅުވާލައި، އެގޮތަށް އެއްބަސްވާ އެންމެންނަށް، އެގޮތަށް ބޭނުންވާ އެންމެންނަށް، ވީހާވެސް ގިނަ ބަޔަކަށް އަޅުގަނޑުމެން ބަލާނީ ގޯތިދޭން އިނގޭތޯ. ގޯތިދިނީމަ، މާލެތެރެއިން އެ ގޯތިތައް ހުސްވީ. އެތަންތަން ސަރުކާރަށް ނަގާނީ. ނަގާފައި، އެތަންތަން އޯޕަން އަޕް ކޮށްލުން، ނޫނީވިއްޔާ ގްރީން ސްޕޭސްއެއް ހެދުން، ލިވަބަލް އޭރިއާއަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން، ނޫނީވިއްޔާ ބޭނުންޖެހިފައިވާ މި މާލެއަށް ހިތްގައިމު ސިޓީއެއް ގޮތުގައި ހެދުމަށް ބޭނުންވާނެ ކަހަލަ ކަންތައްތައް، އެ ތަންތާނގައި ކުރާނީ.

އެހެންވީމާ، ވަރަށްގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ އިނގޭތޯ. ލާޖައްސާ އުޞޫލުން މާލެއިން ގޯތި، އެހެން ސަރަޙައްދަކުން ހޯދުން. މާލޭ ސަރަޙައްދުން، ކޮންމެވެސް ހިސާބަކުން ގޯތި ހޯދުން. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި، ރަސްމީ ލިޔުން ދޭނަން އިނގޭތޯ، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ.

ދެން ހަމަ އޭގެއިތުރަށް، މާލޭގައި، ސިނަމާލޭ ސަރަޙައްދުގައި ފްލެޓް އެޅުމުގެ މަޝްރޫޢެއް އެބައޮތް. އެއީ، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ފެށިފައި އޮތް މަޝްރޫޢެއް. މިހާރު ދެން ސިޓީ ކައުންސިލް ތްރޫކޮށް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އިނގޭތޯ. ދެން އެ މަޝްރޫޢުގެ ދަށުންނާއި އަދި ވިލިނގިލީގައިވެސް އެއީ، މާލޭގެ ގާތްގަނޑަކަށް 2000 ފްލެޓް. ވިލިނގިލީގައި 500 ވަރަކަށް ފްލެޓް. ދެން އަދި ހުޅުމާލޭގައި އިތުރު ސޯޝަލް ފްލެޓްސް އަންނާނެ، އެކި މަޝްރޫޢުތަކުގެ ތެރެއިން. އިންޑިއަން އެލް.އޯ.ސީ.ގެ ތެރެއިންވެސް މާލޭ ރީޖަނަށް އެބައޮތް، 4000 އަށްވުރެ ގިނަ ފްލެޓް. ދެން މިހެންގޮސް ފްލެޓްތަކެއް އެބައާދޭ.

ދެން އެހެންވީމާ، ރަސްމާލޭގައިވެސް ހަމަ ވަރަށްގިނަ ފްލެޓް އެޅުމުގެ މާސްޓަރ ޕްލޭނެއް މިއޮތީ. ވަރަށްގިނަ ގޯތިތައްވެސް ދިނުން އެބައޮތް.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި މާލޭގައި އަޅުގަނޑުމެން ހުޅުވާލާނަން، ކުރިމަތިލާން 18 އަހަރުން މަތީގެ، މިއީ ހަމަ އަޅުގަނޑުގެ ވަޢުދު ފުއްދުމަށް. 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް. މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން. ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވަހިކަމެއް ނެތް. 18 އަހަރުން މަތީގެ ރައްޔިތުންނަށް މި ދެންނެވި މުޅި މާލެ ސަރަޙައްދުން، ގްރޭޓަރ މާލޭ އޭރިއާ، ރަސްމާލެ ހިމެނޭގޮތަށް. ގޯތި، ނޫނީވިއްޔާ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުޅުވާލާނަން އިނގޭތޯ. ހުޅުވާލައި، އެ ފަރާތްތައް ކުރިމަތިލައި، އެ ފަރާތްތަކަށް ރަސްމީގޮތުން އަޅުގަނޑުމެން ކަށަވަރުކަމުގެ ލިޔުން ދޭނަން އިނގޭތޯ. ލިޔުން ދޭނަން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި. އެއީ، ޓާގެޓަކީ.

އެހެންވީމާ، މި އަހަރު ނިމޭއިރު، އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުގެ ވަޢުދުގައި މި ދެންނެވި ބައި ފުރިހަމަކުރުން. މާނަޔަކީ މާލޭގައި އެއްވެސް ރައްވެއްސަކު ފުރަތަމަ ގެ ނެތިފައި، މި ދެންނެވީ ޢާއިލާއެއްގެ އެއްވެސް މީހެއްގެ، ނޫނީވިއްޔާ އިންޑިވިޖުއަލްކޮށް، މި ދެންނެވީ 18 އަހަރުން މަތީގެ ރައްޔިތުން، އެ މީހެއްގެ ގޭބީސީގައި، އެ މީހާގެ ޢާއިލާގައި ގޯއްޗެއް ނެތިފައި ހުރި އެއްވެސް މީހަކު ނުހުންނާނޭ. އެ މީހާއަށް ގޯތި، ނޫނީވިއްޔާ ފްލެޓް ލިބޭނެ ތަން ޔަޤީންކޮށްދެވިފައި ހުންނާނީ އިނގޭތޯ.

ދެން ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދެވޭވަރަކުން އަޅުގަނޑުމެން މިހާރު ރަސްމާލެ މި ދެންނެވިހެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ބިން ހިއްކައި ނިންމަން ވަރަށް ޔަޤީންކަން އެބައޮތް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް ނިމިގެންދާނީ.

ދެން ހަމަ އެގޮތަށް، ޔޫ.ޓީ.އެފް. ހިއްކުންވެސް އެބައޮތް. މި އަހަރު ފަށާނަން. ދެންގޮސް މި ދެންނެވި ހުރިހާ ތަނެއް. އެހެންވީމާ، ގޯއްޗާއި ފްލެޓާ، އެ މީހަކު ޗޫޒްކުރާ ގޮތަކަށް، އަޅުގަނޑުމެން މާލޭ ސަރަޙައްދުން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދޭނަން. 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް އިނގޭތޯ.

އެހެންވީމާ، މި ބިޔަ މަޝްރޫޢު، މިއީ މާލޭ ވާހަކަ އެކަނި. ހަމައެއާއެކީ މިހާރު އިޢުލާނުކޮށްފައި އޮންނާނެ. އިތުރު 57 ރަށެއްގައި ހައުސިންގ މަޝްރޫޢު ހިންގަން. މިހާރު އޭގެ ބިޑިންގ ސްޓޭޖް ކުރިއަށް އެދަނީ. މި އަންނަ ހަފްތާ، ނޫނީ ޢީދު ބަންދު ނިމޭ ހިސާބުން ބިޑްތައް ބަލައިގަންނަން ފަށާނެ. އެހެންވީމާ، ބިޑްތަކާ އެކީގައި އަޅުގަނޑުމެން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، ނޫނީވިއްޔާ ބަޖެޓްތެރެއިން، ރާއްޖޭގެ 57 ރަށެއްގައި، އަޅުގަނޑު ވަޢުދުވީ 57 ރަށެއް. އެ 57 ރަށުގައި އެ ކަނޑައަޅާފައި އޮތް ޢަދަދަށް ފްލެޓް، ނޫނީވިއްޔާ ހައުސިންގ ޔުނިޓްތައް އަޅަމުންދާނީ.

އެހެންވީމާ، ގެދޮރުވެރިކަމުގެ މި ވަޢުދު ފުއްދުމުގައި، އަޅުގަނޑު ހަމަ އަބަދުވެސް ހުރި ގޮތުގައި މިހާރުވެސް މިހިރީ. ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދެން. މި ދައުރު ތެރޭގައި، އެކި ފުރުޞަތުތައް، އެއީ ހައުސިންގ، ސޯޝަލް ފަސް ޕަސެންޓްގެ ލޯނު ސްކީމުން ވިޔަސް، ނޫނީވިއްޔާ މި ދެންނެވި ގޮތަށް ވިޔަސް، ކަށަވަރުކޮށްދޭނަން އަޅުގަނޑުމެން.

ޕްރެޒެންޓަރ:

ރައީސް، އަޅުގަނޑު ހަމަ މިއާ ގުޅޭ ސުވާލެއް ދަންނަވާލާނަން އިނގޭތޯ. އަޅުގަނޑުމެންނަށް ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްގައި ވަރަށް މުހިންމު، ވަރަށް އުފާވެރި އުންމީދުތަކެއް މަނިކުފާނު ތި ދެއްވީ އިނގޭތޯ. ވެރިކަމާ ހަވާލުވެވަޑައިގެން، މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރެއްވިއިރުގައި، މެނިފެސްޓޯގެ މަސައްކަތަށްވުރެ ބުރަ މަސައްކަތެއް މަނިކުފާނު ކުރައްވަން ޖެހިވަޑައިގެންނެވި. ކުރީގައި ގޯހުން ހިނގާފައި ހުރި ކަންކަން ރަނގަޅުކޮށް، މާޔޫސްވެފައި ތިބި ރައްޔިތުންނަށް އުންމީދު އާކޮށްދެއްވުމުގެ މަސައްކަތް. އޭގެތެރެއިން އަޅުގަނޑަށް ހައުސިންގއާ ގުޅިގެން ފާހަގަކުރެވޭ އެންމެ މުހިންމު އެއްކަމަކީ، ކުރީގައި ދައުލަތުން ލިޔުންދީފައި، އެތައް ބަޔަކަށް ބޯހިޔާވަހިކަމުގެ ޔަޤީންކަން ދީފައި ތިބި އެތައް ބަޔަކަށް ކުރީގެ ސަރުކާރުން، ނިމުނު ސަރުކާރުން ވަނީ އެކަން ވަރަށްބޮޑު މާޔޫސްކަމެއްގެ ތެރެއަށް، ބައެއް ބޭފުޅުން ވިދާޅުވޭ، ދީފައި އަތުލި ފްލެޓްގެ ވާހަކަ އިނގޭތޯ. އެ ކެޓަގަރީގައި ފްލެޓަށް އެދި ކުރިމަތިލި އެންމެހައި ރައްޔިތުންނަށް ފްލެޓް ލިބޭނެކަމުގެ ޔަޤީންކަމުގެ ލިޔުންދީފައި އޮތް ކެޓަގަރީއަކުން މުޅި ކެޓަގަރީ އެއްކޮށް ގެއްލުނު ވާހަކަ މި ދަންނަވަނީ. ދެން ހިޔާ މަޝްރޫޢުގެ ތެރޭގައި ބަދަލުތައް ގެނައުމުގެ ސަބަބުން، ބައެއް މީހުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައި އޮތީ. މަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ އެކީގައި، މި ރައްޔިތުން ވަރަށް ބޮޑު އުންމީދެއްގައި ތިބީ. އެ އުންމީދު އަޅުގަނޑު ހިތަށްއަރަނީ، ދެންމެ މަނިކުފާނު ތި ވިދާޅުވި ކަންތައްތަކުގެ ތެރެއިން ކިހާވަރަކަށް ފުރިހަމަކުރެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ފުރިހަމަކުރާނަން. އަޅުގަނޑުގެ ވަޢުދުތައް ފުއްދާނަން. އަޅުގަނޑު ހަނދާން އެބަހުރި، ރައީސް ޔާމީންގެ ވެރިކަމުގައި ފައިނަލް ލިސްޓަށް އަރާފައި ތިބި އެތައް ބަޔަކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހަމަ ކެންސަލްކޮށްލީ. އެއްވެސްކަހަލަ އިންޞާފަކުން ނޫން. މި ސަރުކާރުން ފުރަތަމަ އަޅަން ފަށާ ސޯޝަލް ހައުސިންގގެ ތެރެއިން އެ މީހުންނަށް ފްލެޓް ހަވާލުކުރާނަން. ދެން މިހާރު މިއިން އެއްވެސް މަޝްރޫޢެއްގެ ތެރެއިން ލިބިއްޖިއްޔާ، ހަމަ ޢާންމު އުޞޫލުން ނުލިބޭނެ. އެ ދެން އެއީ އިސްތިސްނާ ދޮގެއްތޯ؟

އަޅުގަނޑު މިހެން ދަންނަވާ ކޮންމެ އެއްޗެއްގައިވެސް ޢާންމު އުޞޫލު ހަމަ އެޕްލައި ވާނެ އިނގޭތޯ. މިހާރު މި ހިންގާ ގެދޮރުވެރިޔާ ސްކީމް، ނޫނީވިއްޔާ އެހެން ސްކީމެއްގެ ތެރެއިން، ނޫނީވިއްޔާ މިދިޔަ ސަރުކާރުން ފެށި ސްކީމެއްގެ ތެރެއިން މިހާރު ލިބިފައި އޮތީ ސޯޝަލް ހައުސިންގ. އަބަދުވެސް އޮންނަ ގޮތް، ސަރުކާރުގެ ސޯޝަލް ހައުސިންގ ޕްރޮގްރާމަކުން ލިބިއްޖިއްޔާ، ދެން ނުލިބޭނޭ، ވަކި މުއްދަތެއް ވަންދެން އެންމެ ކުޑަވެގެން. އެހެންވީމާ، އެ އިސްތިސްނާ އަބަދުވެސް އޮންނާނެ. އެކަމަކު ޢާންމު ވަޢުދަކީ، މިދިޔަ ސަރުކާރުން ކެންސަލްކޮށްލި ހުރިހާ އެންމެންނަށް، ކުރީ ސަރުކާރުން ލިބިފައި، ރައީސް ޔާމީންގެ ވެރިކަމުގައި ލިބިފައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެންސަލްކޮށްލި އެންމެންނަށް އަޅުގަނޑުމެންގެ ފުރަތަމަ ހައުސިންގ ޕްރޮޖެކްޓް ތެރެއިން ހަމަޖައްސާނަމޭ.

ޕްރެޒެންޓަރ:

ރައީސް، ދެން މި ފަހުން މަނިކުފާނު އެޅުއްވި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ، ދިވެހި ރައްޔިތުން ވަރަށް ޒަމާންތަކެއް ވަންދެން ކަންބޮޑުވުން ފާޅުކުރާ މައްސަލައެއް، ކަރަންޓް ބިލުގެ މައްސަލަ އިނގޭތޯ. ބައެއް ބޭފުޅުން ވިދާޅުވޭ، ސްޓެލްކޯއިން ތިމަންނަމެންގެ ގޭގައި ނާރާވަރަށް ބިލް ކުރަނީއޭ. ފެނަކައިން މިހެން ހަދަނީއޭ. މަނިކުފާނު މިވަނީ އިއްޔެ ގޭބީސީތަކުގެ ކަރަންޓް ޓެރިފް ރޭޓުތައް ކުޑަކުރައްވަން އިޢުލާނު ކުރައްވާފައި. މިއީ އާދަޔާ ޚިލާފު އުފަލެއް ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ، އެތައް ޒަމާނެއް ވެއްޖެ، މި މައްސަލައިގެ ޝަކުވާ ސަރުކާރަށާއި، އެކި ތަންތަނަށް އުފުލާތާ. އެހެންނަމަވެސް، މިވާގޮތްވެސް ސާފުނުވެގެން ރައްޔިތުން އުޅޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އޮތީ.

ދެން އަނެއް ސުވާލަކީ، މި މައްސަލަ މިގޮތަށް މަނިކުފާނު ކަނޑައެޅުއްވީމާ، ދެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވާނީ ކިހިނެއްތޯ؟ މިވެސް ވަރަށްގިނަ މީހުން ކުރާ ސުވާލެއް. އަބަދު ސަބްސިޑީ ދީގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކަމަށްވާނަމަ، ކުންފުނިތައް ބަނގުރޫޓުވެ، ދައުލަތުގެ މާލިއްޔަތަށް، އޭގެ ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް ތި ވިދާޅުވީ.
ކަރަންޓުގެ އަގު ކުޑަކުރަން އަޅުގަނޑު މި ނިންމީ އިނގޭތޯ. ކަރަންޓުގެ އަގު، 100 ޔުނިޓަށްވުރެ ދަށް ބޭންޑް، އެންމެ ކުޑަ ބޭންޑް. އެ ބޭންޑް، 1/50 ރުފިޔާގެ ބަދަލުގައި، 1/25 ރުފިޔާއަށް. މިއީ ފެނަކައިގެ ކަސްޓަމަރުންގެ 19.3 ޕަސެންޓް މީހުން ފޯލްވާ ބޭންޑް. ނޫނީވިއްޔާ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި. ދެން 100 އިން ގޮސް 400 ޔުނިޓާ ދޭތެރޭގައި، ހަމަ ގާތްގަނޑަކަށް ޢާންމު ރައްޔިތުންގެ ގިނަ މީހުން ފޯލްވާނެ. މާލެވެސް ހިމެނޭހެން. އެ މީހުން އަތުން ނަގަމުންދިޔަ 1/50 ރުފިޔާއިން ގޮސް -/2 ރުފިޔާ ކޮންމެވެސް އެއްޗަކާ ހަމަޔަށް. މި ހުރިހާ ބޭންޑެއް 1/50 ރުފިޔާއަށް ފްލެޓްކޮށް، ފްލެޓް ރޭޓެއް މި ހަމަޖެއްސީ. ދެން 400 އަށްވުރެ މަތީ ބޭންޑްތަކުގެ އަގުތައް ހުރި އަގުގެ 10 އިންސައްތަ ކުޑަކޮށްލީ. 10 އިންސައްތަ ކުޑަކޮށްލީ. އެހެންވީމާ، މި ބަދަލު މި ގެނައީ. މިއީ ރާއްޖޭގެ ތާރީޚުގައި، އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު މިކަހަލަ ކަމެއް ކުރި.

ދެން މިކަން އަޅުގަނޑު މިކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއްނޫން، ކުންފުނިތަކުގެ އިންއެފިޝަންސީ، ނޫނީވިއްޔާ ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖް ކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށެއް. ސަރުކާރެއްގެ ބޭނުމަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން. އެހެންވީމާ، އަޅުގަނޑު މި ނިންމީ، ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން، އަތްފޯރާފަށުން ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. ދެން އެކަން މެނޭޖް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރާނެ. އެއީ، ސްޓެލްކޯގެ އެފިޝަންސީ ރަނގަޅު ކުރަން ޖެހިފައި. ފެނަކައިގައި ވަރަށްގިނަ ފައިނޭންޝަލް އިޝޫސްތައް އެބަހުރި. ރަނގަޅު ކުރަންޖެހޭ. ރިނިއުބަލް އެނަރޖީއަށް ވަރަށްބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑުމެން ކުރާނަން. މިއީ އަޅުގަނޑު އިޢުލާނުކޮށްފައި އޮތް އެއްޗެއް.

އަޅުގަނޑުމެންގެ މި ސަރުކާރުގެ ބާކީ މިއޮތް ދުވަސްކޮޅު ތެރޭގައި، 2028އާ ހަމަޔަށްދާއިރުގައި، އަޅުގަނޑުމެންގެ ޓާގެޓަކީ، 30 އިންސައްތައަކީ ރިނިއުބަލް ސޯސް އޮފް އެނަރޖީއެއް ހޯދައި، ކަރަންޓަށް ހަދަން ނޫންތޯ؟ އެހެންވީމާ، އެގޮތުންނާއި، އަދި އިތުރު ގޮތްގޮތުން، ކުންފުނި، ޚާއްޞަކޮށް، މި ދެ ކުންފުނި ހަރުދަނާކުރުމާއި، މިކަންކަމުގެ ތެރެއިން އަޅުގަނޑުމެން މިކަން ދެކޮޅުޖައްސާނަން.

މިކަން ކުރާނެގޮތް މިއޮތީ ވަށާޖެހޭގޮތަށް ރޭވިފައި. އެހެންވީމާ، ސަސްޓެއިނަބަލް ގޮތުގައި، ދެމެހެއްޓެނިވި ގޮތުގައި މި ނިންމި ރޭޓުތައް، މި ނިންމި އަގުތަކަށް ތަންފީޒު ކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނަން. ރައްޔިތުންނަށް މި ބާރޑަން، މިދިޔަ ދުވަސްތަކުގައި ޕާސްކޮށްގެން، ސަރުކާރުތަކުން ކުރި ކަންކަމަކީ، އަޅުގަނޑުގެ ސިޔާސަތެއް ނޫން. އަޅުގަނޑު މިދިޔަ ދުވަސްތަކުގައި، މި ދޮޅުއަހަރެއްހާ ދުވަސް މި ބެލީ، މިކަމުގައި ދެން އަޅުގަނޑުމެންނަށް ގެންދެވޭނެ ހިސާބެއް. އެހެންވީމާ، ހުރިހާ ކަމެއް ރަނގަޅަށް އަޅުގަނޑު ޗެކްކޮށް ހަދާފައި، ދެން ކުރިއަށްދާނެ މަގު ކުރަހާފައި، އަޅުގަނޑުމެން ޑިޒިޝަން މި ނެގީ. 1 ޖޫންއިން ފެށިގެން އަގުތައް ކުޑަކުރަން. އެއީ، ހަމަ ރާއްޖޭގައި ހުރިހާ ރަށެއްގައި. މާލެއެއް، ރަށްރަށެއް ކިޔާނެ ކަމެއް ނެތް. ހުރިހާ ރަށެއްގައި ހަމަ އެކީގައި މި ބަދަލުވާނީ. ސްޓެލްކޯގައިވެސް، ފެނަކައިގައިވެސް. އަދި އެމް.ޑަބްލިޔޫ.އެސް.ސީ. އިން ކަރަންޓް ދޭ ރަށެއްވިޔަސްވެސް. އެހެންވީމާ، ހުރިހާ ކުންފުންޏަކުން ކަރަންޓް ދޭނީ މި އަގުތަކުގައި.

ޕްރެޒެންޓަރ:

ރައީސް، އަޅުގަނޑުމެންނަށް މި އިޢާދަކުރަނިވި ހަކަތައިގެ ވާހަކަ ރައީސް ފާހަގަކުރެއްވީމަ، އަޅުގަނޑު ހިތަށްއަރަނީ، މިވެސް ރާއްޖޭގެ މި މާޒީއަށް ބަލާއިރުގައި، ޢާންމު ރައްޔިތުން ވަރަށްގިނަ ސުވާލުތައް އުފައްދާ ކަމެއް. އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމާއި، އެއަށް ބަރޯސާވާ މިންވަރު ބޮޑުކުރުމުގެ ނަމުގައި ބައެއް ސަރުކާރުތަކުން އެބަހުރި، ބޭރުގެ ވަރަށް ބޮޑެތި ހިލޭ އެހީވެސް ހޯދާފައި. ލޯނުވެސް ނަގާފައި އެބަހުރި. އެހެންނަމަވެސް، މި ހޯދި ފައިސާއާއި، ދިވެހި ރައްޔިތުންގެ ނަމުގައި މި ކުރި ކަންކަމުގެ ތެރެއިން އެކަށީގެންވާވަރުގެ ޙައްލެއް ރާއްޖޭގައި މި ހަކަތައިގެ ދާއިރާއަށް އައިސްފައި ނެތްކަން މިއީ ވަރަށްބޮޑު މާޔޫސްކަމެއް ރައްޔިތުންނަށް ކުރުވާ ކަމެއް. އަޅުގަނޑު ހިތަށްއަރަނީ، މަނިކުފާނު ވަރަށް ޔަޤީންކަމާ އެކީގައި، އިޢާދަކުރަނިވި ހަކަތައިގެ ވަރަށްބޮޑު، މުހިންމު އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތް ކުރައްވާއިރުގައި، މިފަހަރު ރައްޔިތުންނަށް، މިދިޔަ ސަރުކާރުތަކުން ކުރި ކަންތައްތައް އިޢާދަކުރެވޭނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަން އެބައޮތްބާ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ފުރިހަމަ ޔަޤީންކަން މިދެނީ. އަޅުގަނޑު މިކަންކަން ކުރަނީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އިނގޭތޯ. އެހެން ސަރުކާރުތަކުން އެކަންކަން ކުރި ގޮތަކީ ދެން ރައްޔިތުންނަށް ކަމުނުދާ ކަމެއްވީމަ ދޮގެއްތޯ، އަޅުގަނޑާ މިކަން ހަވާލުކޮށްފައި މިއޮތީ.

ދެން މިސާލަކަށް، ރ. އަތޮޅު ވާދޫ އިނގޭތޯ. އަޅުގަނޑު މިހާރު އެއޮތީ ކަނޑައަޅާފައި. ޕައިލޮޓް ޕްރޮޖެކްޓެއް ގޮތުގައި އެ ރަށް އެކީގައި، އިޢާދަކުރަނިވި ހަކަތައިން ހިންގަން. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިހާރު އެ މަޝްރޫޢު ފެށިފައި އެއޮތީ. ދެން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، އެކަން ދާގޮތް ދޮގެއްތޯ؟ އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެގޮތަށް. އަދި ނިމޭނެއެކޭ ނޫން. މަސައްކަތް މި ކުރަނީ، ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާންވާއިރަށް، އެ ރަށް އެކީގައި ކޮންވަރޓް ކުރަން. އެކަން ކުރެވިއްޖިއްޔާ ހަމަ ވަރަށް ޔަޤީން. ގައިމުވެސް މި އަހަރު ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން އިނގޭތޯ.

ދެން ހަމައެއާއެކީގައި، އެއީ، ޕައިލޮޓް ޕްރޮޖެކްޓެއް. ދެން ހަމަ އެގޮތަށް، ބައެއް ރަށްރަށް ހަމަ ބޭނުންވާ ރަށްރަށަށް ފުރުޞަތު ދީގެން، ހަމަ މުޅި ރަށް ބަދަލުކުރާނީ.

ދެން ކޫލް ސްކޫލް ޕްރޮޖެކްޓް. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމަކާއި، ހޯލުތަކާއި، ސްޓާފްރޫމްތައް. ދެން މިހާރު ސްޓާފްރޫމްތައް އޭ.ސީ.ކަންނޭނގެ. މިހެންހުރި ހުރިހާ ތަނެއް އަޅުގަނޑުމެން ފިނިކުރަން މި ނިންމީ. އޭ.ސީ ހަރުކުރަން. އެ އޭ.ސީ.އަށް ޕަވަރ ކުރުންވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި ނިންމީ. އެހެންވީމާ، މި ކަންކަމަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެއްނޫންތޯ؟ މިކަންކަން މި ކުރަނީ، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތުގައި.

އެހެންވީމާ، ކުރީގައި މިދިޔަ މާޒީގައި އެދިޔަ ކަންކަން އެގޮތަކަށް ނުދާކަން ރައްޔިތުންނަށް މިހާރުވެސް ފެނިވަޑައިގަންނަވާނެ އިނގޭތޯ.

ޕްރެޒެންޓަރ:

މިދިޔަ ދެ ހަފްތާއަށް ބަލާއިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެނުނު، މަނިކުފާނު ޞިއްޙީ ދާއިރާގެ ބޮޑެތި މަޝްރޫޢުތައް ފަށްޓަވައި، އަނެއްބައި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށްޓެވުން. އެގޮތުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމުގެ ކަންކަން އިފްތިތާޙުކޮށްދެއްވައި، މިކަހަލަ މަސައްކަތްތަކެއްގައި އުޅުއްވި ތަން. އޭގެތެރެއިން ވަރަށް އުފާވެރި ޚަބަރެއް ރައްޔިތުންނަށް ލިބުނު. އެއީ، އާސަންދައިގެ ޚިދުމަތް، އެ ތަޢާރުފްވީ ފަހުން މިހާތަނަށް، އައިނު އަޅަންޖެހޭ މީހުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ، 1000 ރުފިޔާ ދިނީމަ ދެން ވަރަށް އާދައިގެ ދުނިގަނޑަކާއި، ދެން ލޯގަނޑުކޮޅު އެކަންޏޭ މި ލިބެނީ. ދެން އަތުން ހޭދަކޮށްގެންނޭ މި ކުރަނީ. އައިނުގެ ވަކިހިސާބަކަށްވުރެ ދުނިގަނޑު އަގުބޮޑުވެއްޖިއްޔާ، ދެން އެއީ ބައެއް މީހުން ބުނަނީ އެއީ، ބިއުޓީ ސަރޖަރީއަކަށޭ އެވަނީ. އެހެންވީމާ، އާސަންދައަކުން އެއަކަށް އެހީއެއް ނުއެއްވެއޭ. ދެން ސަރުކާރުތަކުން މިފަދަ ރައްޔިތުންނަށް ވިދާޅުވެދެއްވާފައި ވަނީ، އެ ކަމެއް ކުރެވޭކަށް ނޯންނާނެއޭ، އާސަންދައިގެ ތެރެއިން. އެހެންނަމަވެސް، މާބޮޑު ބަޙުޘެއްނެތި މަނިކުފާނު އެކަން އިޢުލާނު ކުރައްވާފައި ވަނީ. އަޅުގަނޑު ހިތަށްއަރަނީ މިއީ ކިހާވަރެއްގެ ކަމެއްބާވައޭ؟ ކިހާ ޢަދަދެއްގެ ރައްޔިތުންނެއްގެ ޝަކުވާއެއް މަނިކުފާނަށް އަޑުއިވިވަޑައިގެން ކުރެއްވި ކަމެއްބާވައޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށް ވަރަށް ގިނައިން އައިސްފައި އޮތް ކަމެއް މިއީ އިނގޭތޯ. އަޅުގަނޑު ދެންނެވިން، މިކަން ކުރާނަމޭ. ދެން މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން ބެލީ. ބަލާފައި މިހާރު މިއޮތީ ނިންމާފައި، 1 ޖޫން އިން ފެށިގެން 1000 ރުފިޔާ ބަދަލުވާނެ 2000 ރުފިޔާއަށް. ދެން މީގެ އެޑްވާންޓޭޖް ނެގުމުގެ ފުރުޞަތެއް ނުދޭނަން، ޕްރައިވެޓް ސެކްޓަރއަކަށެއް އިނގޭތޯ. މި ޖެއްސި އަގު، 1000 ރުފިޔާއިން 2000 ރުފިޔާއަށް ހެދީމާ، ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުޞަތެއް ނުލިބޭނެ. އައި.ޖީ.އެމް.އެޗް.ގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް އިނގޭތޯ. އައި.ޖީ.އެމް.އެޗް.ގައި އައިނު ބިޒްނަސް ފަށާނަން.

ދެން ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް، އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން، ރައްޔިތުންނަށް އެ ދެވޭ ނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއަށް ގެނައުން ހުއްޓާލާފައި، އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު.

އެހެންވީމާ، އައި.ޖީ.އެމް.އެޗް.ގައި އަޅުގަނޑުމެން މި ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓަރގައި މިކަން ކުރައްވާ ބޭފުޅުންވެސް ޖެހޭނީ، އައި.ޖީ.އެމް.އެޗާ ކޮމްޕީޓް ކުރަން އިނގޭތޯ. އައި.ޖީ.އެމް.އެޗް.ގައި، ނޫނީވިއްޔާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް. ދެން އެހެން ކިޔަމާ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހުޅުމާލެވެސް ހިމެނޭހެން، ވިލިމާލެވެސް ހިމެނޭހެން. އެހެންވީމާ، އަޅުގަނޑުމެން މިކަން ކުރާނަން ސަރުކާރު ހޮސްޕިޓަލްގައި އިނގޭތޯ. ހަމަ އެއާއެކީގައި، ޕްރައިވެޓް ސެކްޓަރުންވެސް ހަމަ އެ ފެންވަރުގެ އައިނު ދުނިގަނޑާއި އައިނު ހައްދައިދޭން ޖެހޭނީ. އެހެންނޫންތޯ؟ އެހެންވީމާ، އެކަން އެގޮތަށް ދާނީ.

ދެން ޖުމްލަކޮށް ދަންނަވަންޏާ، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އަޅުގަނޑުގެ ހަމަ އެންމެ މުހިންމު ދެވަނަ ސިޔާސަތު. ނޫނީ ބޯހިޔާވަހިކަން. ބޯހިޔާވަހިކަމާ އެކީގައި ޞިއްޙީ ދާއިރާ. ދެން ހަމަ ގާތްގަނޑަކަށް އެކީގައިތާ އޮތީ މި ދާއިރާ. ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ، ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތް ކޮމަން ކަމެއް.

އެހެންވީމާ، އަޅުގަނޑު މި ބަލަނީ، އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުންވިޔަސް، ޢުމްރާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުންވިޔަސް، އަދި އެހެންކަހަލަ އިކްއިޕްމަންޓްސް، މެޝިނަރީ، މިހެންގޮސް ކޮންސިއުމަބަލްސް، މި ހުރިހާ އެއްޗެހި ރަނގަޅުކުރުން ކަމުގައިވިޔަސް، ޖުމްލަ ވަށާޖެހޭ ގޮތެއްގައި ޞިއްޙީ ދާއިރާ ވަރުގަދަކުރަން.

ދެން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، އިރާދަކުރެއްވީތީ އަޅުގަނޑުމެން ވާނީ ވަރަށްގިނަ ކަންތައްތަކެއް ފަށާފައި. ވަރަށްގިނަ ކަންކަން ހާސިލުވެސް ކޮށްފައި. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4000 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ މަޝްރޫޢުތައް އެބަ ހިނގާ. ދެން މިއީ ވަރަށްގިނަ މަޝްރޫޢު.

މާލޭ ސަރަޙައްދަށް ބަލައިފިއްޔާ، އައި.ޖީ.އެމް.އެޗް.، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ތަރައްޤީ ކުރުމަށް މި ކުރެވޭ މަސައްކަތް. ދަރުމަވަންތަ ހޮސްޕިޓަލް، ޓަރޝަރީ ފެންވަރަށް ހަމަ ޕްރޮޕަރ ހޮސްޕިޓަލަކަށް ބަދަލުކޮށް މަސައްކަތް ފަށާފައި އެވަނީ. އައި.ޖީ.އެމް.އެޗް.ގެ 75 އެނދުގެ ސަރޖިކަލް މަލްޓި-ސްޕެޝަލިޓީ ވަރޑެއް އެވަނީ ފަށާފައި. ތިޔަބޭފުޅުން ޑޮކްޓަރުންނާ ސުވާލުކޮށްލެއްވީމާ އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުން ވިދާޅުވާނެ. އެ ބޭފުޅުންގެ ކިޔުގައި ތިބި، އޮޕަރޭޝަން ނުކުރެވިފައި ތިބި އެތައް ޕޭޝަންޓުންނެއް، އޮޕަރޭޝަން ކުރުމާ އެކީގައި މިހާރު ވަރޑަށް ގެންދެވޭނެކަން އިނގޭތޯ. ހުޅުމާލޭގައި، އީ.އާރު ދެގުނަކޮށްދީފިން. ހުޅުމާލޭގައި އެތައް ޚިދުމަތެއް މިދިޔަ އަހަރު ނޮވެންބަރުގައި ފެށިން. އައި.ޖީ.އެމް.އެޗް.ގައި ކުޑަކުދިންގެ ޚާއްޞަ އީ.އާރެއް ހުޅުވިން. އޭގެ ސަބަބުން މުޅި އީ.އާރުގެ މި އޮންނަ ކްލޮގްވުމަށްވެސް ވަރަށްބޮޑު ލުޔެއް ލިބުނު. ދެން މިހެންގޮސް އެތައް ކަމެއް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ، ކުރަމުންވެސް ދާނަން. ހުޅުމާލޭގައި 250 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި މިހާރު އޭގެ ފީޒިބިލިޓީއާއި، ފައިނޭންޝަލް، އެ ހަދަންޖެހޭ ހިސާބުތައް ހެދުމާ، މިކަންކަން އެ ހިނގަނީ.

އެހެންވީމާ، އަޅުގަނޑުގެ އަމާޒަކީ، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ބޮޑު ތަކުލީފު އުފުލާފައި، އާސަންދައިންނާއި، އެންސްޕާއިން ފައިސާ ހޯދައިގެން، އަދިވެސް އެހެން ގޮތްގޮތުން ސަލާން ޖަހައިގެން ބޭރަށް ގޮސްގެން މި އުޅެންޖެހޭ އުޅުން ނިމުމަކަށް ގެންނަން އިނގޭތޯ. އެކަން ނިމުމަކަށް ގެނައުމުގައި، މާލޭސިޓީ، މި ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި، ޓަރޝަރީ ފެންވަރުގައި އަޅުގަނޑުމެން ތަރައްޤީ ކުރަން ނިންމާފައި އޮތް، އައްޑޫ، ކުޅުދުއްފުށި، ތިނަދޫ، އުނގޫފާރު، މިހެންގޮސް ބައެއް ރަށްރަށް. މިތަންތަނުގައި ޓަރޝަރީ ފެންވަރުގައި، ހަމަ ރަނގަޅު ފެންވަރުގެ، މާލެއާ ދެން އެއް ފެންވަރެއްގައި ހޮސްޕިޓަލްތައް ޤާއިމުކުރުމާ، މިހެންގޮސް ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުން. މި ހުރިހާ ކަމެއްގެ ތެރެއިން ބަލިބައްޔަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހޭވަރު ކުޑަކުރުން.

އަދި އޭގެއިތުރަށް، ބަލި ޖެހުމުން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަމަށް ހަމަ އެވަރަށް ޚަރަދުކުރުން. ޕްރިވެންޓިވް ހެލްތް ކެއަރ. އެކަން މިއޮއްހާ ދުވަހު ނުކޮށް ސަރުކާރުތަކުން މިތިބީ. އެކަން ނުކޮށް ބަހައްޓާފައި، ހަމަ ބޭސްފަރުވާއަށް ދެން އެކުރާ ކަމެއް ކުރޭ. އެކަމަކު ބަލިވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކޮށްފިއްޔާ، އަޞްލު އެއީ އިންވެސްޓްމަންޓަކީ. ޞިއްޙަތަށް ކުރެވޭ ޙަޤީޤީ އިންވެސްޓްމަންޓަކީ. އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތަށް އެހާ ސަމާލުކަން ދެނީ، ވޭޕް މަނާކޮށް، ސިނގިރޭޓް، ޖެނެރޭޝަނަލް ބޭން ގެނައުމާ، ދެން މިހެންގޮސް އެތައް ކަމެއް މި ކުރަނީ. ކެންސަރު ބަލިންނާއި، ދެންހުރި ބަލިތަކުން ދުރުކުރުމަށްޓަކައި. ވަށާޖެހޭ ޞިއްޙީ ނިޒާމު، ޞިއްޙީ ސިޔާސަތެއް އަޅުގަނޑުމެން މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެތައް ބަޔަކަށް މި ދާއިރާއިން ވަޒީފާވެސް އިރާދަކުރެއްވީތީ މިހާތަނަށް އައިއިރުގައި ދެވިއްޖެ. މާލެއިން އެކަނި މިހާތަނަށް މި ސަރުކާރު އައި ފަހުން 700 އަށްވުރެ ގިނަ ވަޒީފާ، ޞިއްޙީ ދާއިރާއިން ދެވިފައި ވަނީ. ދެން ރާއްޖޭގެ އެހެން ހުރިހާ ތަނެއް އެއްކޮށްލައިގެން، 1200 އަށްވުރެ ގިނަ ވަޒީފާ ދެވިއްޖެ. ޞިއްޙީ ދާއިރާއިން އެކަނި. މިއީ ދުވަހަކުވެސް ކުރެވުނު ކަމެއް ނޫން. ދުވަހަކުވެސް ކުރެވުނު ކަމެއް ނޫން.

އެހެންވީމާ، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަކީ، ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ، މި ދާއިރާ ޑިޖިޓަލައިޒް ކުރެވޭ ތަން. "މޯލްޑިވްސް 2.0"ގެ މި ޤައުމީ ސިޔާސަތުގެ ތެރެއިން ޤައުމީ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރެވޭނީ ޞިއްޙީ ދާއިރާ. އޭގެ ފައިދާ ވަރަށްބޮޑުވާނެ. ޕްރައިވެޓް ކުލިނިކްތަކުން ޓެސްޓް ހަދަނީ ނޫންތޯ؟ ނޫނީވިއްޔާ މި ކުރަނީ ނޫންތޯ؟ އެ ޑޭޓާ ނުލިބޭ ނޫންތޯ ހޮސްޕިޓަލްތަކަކަށް. މިކަން ކުރީމަކާ ދެން އެއްވެސް މީހަކަށް ނުފޮރުވޭނެ ޑޭޓާއެއް. ޤާނޫނެއް މި ހަދަނީ މިކަމަށް. "މޯލްޑިވްސް 2.0 ޤާނޫނު" އަންނާނީ. ރާއްޖޭގައި ނުހުންނާނެ، މި ޤާނޫނު އެޕްލައި ނުވާނެ އެކަކުވެސް. އެހެންވީމާ، ޕްރައިވެޓް ސެކްޓަރއެއް، އެހެން ތަނެއް ބަލާނެ ކަމެއް ނެތް. ޞިއްޙީ ދާއިރާގައި، ކޮންމެ ރައްޔިތެއްގެ، އެ މީހެއްގެ މި ޑިޖިޓަލް އައި.ޑީ. ކާޑު ޤާއިމުވެގެންދާއިރު، އެ އައި.ޑީ. ނިޒާމުގެ ތެރެއިން އެ މީހާގެ ޑޭޓާ ހުންނާނީ ހޯދިފައި. އެހެންވީމާ، ފަރުވާދޭ މީހާއަށް ވަރަށް ފަސޭހަވާނެ. އޭނާގެ ކުރީގެ ހިސްޓްރީ ހޯދަން ވަރަށް ފަސޭހަވާނެ. އަމިއްލައަށްވެސް އެކްސެސް ވެވޭނެ. މިހާރު ހުރި އެކިކަހަލަ ކުދިކުދި ޕޯޓަލްތައް އެއްކޮށްލެވި، ހަމަ އެއް ނިޒާމެއްގެ ތެރެއަށް ދާނީ. އަޅުގަނޑުމެން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރާނީ ޞިއްޙީ ދާއިރާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް.

ޕްރެޒެންޓަރ:

ރައީސް، އަޅުގަނޑު ހިތަށްއަރަނީ އިނގޭތޯ. ތި ވިދާޅުވިހެން، ހިސާބުތަކުން އަޅުގަނޑުމެންނަށް އެބަ ފެނޭ، ޞިއްޙީ ދާއިރާއަށް މަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އައި އެދެވޭ ކުރިއެރުން. އެގޮތުން، މި ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޤާއިމުނުކުރެވޭވަރަށް މާލޭ ސަރަޙައްދުގެ، ސަރުކާރު ހޮސްޕިޓަލްތަކުގެ އެނދު އިތުރުކުރުން އެއީ، ވަރަށް އާދަޔާ ޚިލާފު ކަމެއް ގޮތުގައި ވަރަށްގިނަ މީހުން ފާހަގަކުރޭ. މިއާއެކީގައި، އަދި ޢާންމު ޞިއްޙަތު ސަލާމަތް ކުރުމަށާއި، އަދި ސަރުކާރުގެ މި ހޮސްޕިޓަލްތަކުގައި ޚިދުމަތް ފުޅާކުރުމަށް ކުރައްވާ މަސައްކަތް މިއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް. މިކަންކަމާ ގުޅިގެން ދާދިފަހުން ޑަބްލިޔޫ.އެޗް.އޯ.އިން މަނިކުފާނުގެ އަގު ވަޒަންކޮށް، އެކަން ފާހަގަވެސް ކުރައްވާފައި ވަނީ. އަޅުގަނޑު ހިތަށްއަރަނީ، މިކަންކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުންދާއިރުގައި، މިހާރުވެސް ބައެއް ރައްޔިތުންގެ ޝަކުވާއެއް އެބައޮތް. އެއީ، މިސާލަކަށް، އާސަންދައިގެ ތެރެއިން ޚިދުމަތް ދިނުމުގައި، ބައިކުޅަބައި ނަގާފައި، އަނެއްބައި އަތުންދޭ މައްސަލައާއި، ދެން ޞިއްޙީ ޚިދުމަތުގެ ތެރެއިން މި ޖާގަ ނުލިބުމުގެ މައްސަލައާއި، މިހެންހުރި ބައެއްކަހަލަ ކުދިކުދި މައްސަލަތައް. މިކަންކަން ޙައްލުކުރައްވަން، ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުކުރައްވަން ކޮބައިތޯ މަނިކުފާނު ކުރައްވާ މަސައްކަތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަދިވެސް ވަރަށްގިނަ ކަންކަން ކުރެވެން އެބަހުރި އިނގޭތޯ. މިއީ ހަމަ ފެށުމެއް ދޮގެއްތޯ؟ މީގެތެރެއިން ދާނެ އެތައް ކަމެއް. މިސާލަކަށް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ޑޮކްޓަރުން. މި ޑޮކްޓަރުން، ޕޭޝަންޓުން ބަލާ ޢަދަދު އިތުރުކުރަން އެބަޖެހޭ. ސަރުކާރުން ކިޔަވައިދީފައި ތިބި ޑޮކްޓަރުން މިއީ ދޮގެއްތޯ؟ އެހެންވީމާ، ޑޮކްޓަރުންވެސް ޕްރައިވެޓް ކުލިނިކްތަކުގައި، ޕޭޝަންޓުން ބަލަން، ހޮސްޕިޓަލް ދޫކޮށްލާފައި ގޮސް މި ކުރާ ކަންކަން. އެހެންނޫންތޯ؟ މިކަންކަން ރަނގަޅުކުރެވި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން. މި ދެންނެވީ އެންމެ މައި ހޮސްޕިޓަލްވީމަ. ދެން އެހެން ހޮސްޕިޓަލްތަކަށް ސޭމް ޕޮލިސީ އަންނާނީ. ސަރުކާރުގެ ހޮސްޕިޓަލެއް ވިއްޔާ.

ޕޭޝަންޓުން ބަލާ ޢަދަދު އިތުރުކުރުން ޔަޤީންކުރާނަން އިރާދަކުރެއްވިއްޔާ އިނގޭތޯ. ހަމަ ކޮންމެ ޕޭޝަންޓަކަސް، ދޭންވާ ކެއަރދީގެން، ހަމަ ކޮލިޓީ ޓްރީޓްމަންޓް އެންޝުއަރ ކުރެވޭ، އެހެންނަމަވެސް، ގިނަ ޢަދަދަކަށް ޕޭޝަންޓުން ބަލާގޮތަށް ބަދަލުކުރެވޭނެ. މިހާރު ނައިޓް އޯ.ޕީ.ޑީ.ވެސް މި ފެށީ ނޫންތޯ، އެންމެ މުހިންމު ފަސް ދާއިރާގައި. މިކަމަށް ފާހަގަކުރެވިފައި އޮތް. އެއީ، ވަރަށް ބޮޑު ބެކްލޮގެއް، ވެއިޓިންގ ލިސްޓެއް އޮތީ. ދެން އެހެންވީމާ، ނައިޓް އޯ.ޕީ.ޑީ. ފެށީ. ދެން މީގެތެރެއަށް އަޅުގަނޑުމެން ގެންނާނަން، ސަރުކާރުން ކިޔަވައިދީފައި ތިބި، މިހާރު އެހެން ތަންތާނގައި ތިބި ޑޮކްޓަރުން އިނގޭތޯ. އެ ޑޮކްޓަރުންނަށް އިންސެންޓިވައިޒް ކޮށްދީގެން ގެނެސް، އެ މީހުން ލައްވައި، ރޭގަނޑު އޯ.ޕީ.ޑީ. ހިންގާނަން. އަދި ދުވާލުގެ އޯ.ޕީ.ޑީ.، ނޯމަލް އޯ.ޕީ.ޑީ.ގައިވެސް ބަލާ ޢަދަދު އިތުރުކުރުވުމާއި، ދެން މިހެންގޮސް ވަރަށްގިނަ ކަންތައް ރަނގަޅުކުރެވި، އިރާދަކުރެއްވިއްޔާ އިންސެންޓިވައިޒް ކުރެވި، އަޅުގަނޑުމެން ކޮންމެގޮތެއްވިޔަސް، ޕްރޮފެޝަނަލް ޑޮކްޓަރުން، އެ މީހުންގެ ޚިދުމަތް ބަލައިގަންނާނަން އިނގޭތޯ. ހަމަ ބަލައިގަންނާނީ އެކަން ކުރަން އޮންނަ ރީތިގޮތުގައި. އެހެންވީމާ، ޑޮކްޓަރުންވެސް ހިތްހަމަޖެހިގެން، ޕޭޝަންޓުންވެސް ހިތްހަމަޖެހޭ ނިޒާމެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަންކަން ރަނގަޅުކުރާނަން ކުރިއަށް އޮތް ދުވަސްތަކުގައި.

ހަމައެއާއެކީގައި، އާސަންދަ ނިޒާމު ރަނގަޅުކުރަން މި ކުރެވޭ ކަންކަން. ބޭހުގެ ނިޒާމު ދޮގެއްތޯ؟ އެއާއެކީގައި އަދި ސަރޖަރީތަކާއި، މިކަންކަމާ، މި ބޭނުންކުރާ އާލާތްތައް އެހެންނޫންތޯ؟ މީގެ ކޮލިޓީ ބެލެހެއްޓުންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެބަ ކުރަންޖެހޭ. އެހެންވީމާ، ވަރަށްގިނަ ކަންކަން މީގައި އަދި އެބަހުރި ކުރަން އިނގޭތޯ.

ޕްރެޒެންޓަރ:

ރައީސް، ވަރަށްގިނަ މުހިންމު އުންމީދުތަކެއް ތި ދެއްވީ. ރައްޔިތުންގެ އުފާފާގަތިކަމާއި ކުރިއެރުމަށް މަނިކުފާނު ކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް ކާމިޔާބަށް އެދެން އިނގޭތޯ.

ނިންމާލަމުން އެއްވެސް އެއްޗެއް ފާހަގަކުރައްވަން ބޭނުންފުޅުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ޖުމްލަގޮތެއްގައި ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މި ކުރާ ކަމަކީ ވަޢުދު ފުއްދުމޭ. އިރާދަކުރެއްވިއްޔާ އެކަމައިގެން ކުރިއަށްދާނަމޭ.

ޕްރެޒެންޓަރ:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިކަމުގައި ދެއްވާ އެއްބާރުލެއްވުމަށް.

ޕްރެޒެންޓަރ:

ރައީސް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވި ކަމަށްޓަކައި އިނގޭތޯ. އަޅުގަނޑު އެދެނީ، ހަމަ މަނިކުފާނުގެ ވަޢުދުތައް ފުރިހަމަވެ، އޭގެ އުފާފާގަތިކަން އަޅުގަނޑުމެން އެންމެހައި ރައްޔިތުންނަށް ލިބުން. ހަމަގައިމުވެސް ރައްޔިތުންގެ އެންމެބޮޑު އުންމީދަކީ އެއީ އިނގޭތޯ. މަނިކުފާނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ!

ޕްރެޒެންޓަރ:

އާދެ، އަޅުގަނޑު ދެންމެ ތިޔަބޭފުޅުންނާ ހަމަޔަށް މި ގެނެސްދިނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ވަރަށް ޚާއްޞަ އިންޓަރވިޔުއެއް. މި އިންޓަރވިޔުގައި ރައްޔިތުންގެ އުންމީދުތަކާ ގުޅުންހުރި ވަރަށް މުހިންމު ގިނަ ވާހަކަފުޅުތަކެއް، އެ މަނިކުފާނު ވަނީ ވިދާޅުވެދެއްވާފައި. ހަމަގައިމުވެސް މި ވާހަކަފުޅުތަކާ އެކީގައި، ތިޔަބޭފުޅުންގެ އުންމީދުތައް އާވެ، ތަރައްޤީގެ އުންމީދުގައި ތިއްބެވި ރައްޔިތުންނަށް އުފާވެރި ތަސައްލީއެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ޝައުޤުވެރިކަމާއެކީ އަޅުގަނޑުމެންގެ މި އިންޓަރވިޔު ބެއްލެވި ކަމަށްޓަކައި އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބާއްޖަވެރި، ރައްކާތެރި، އަމާން ދުވަހަކަށް އެދެން.

وَالسَّلَامُ عَلَيْكُمْ.