ޝާމިލު އަދި ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ނުވަތަ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސާސް (އެމް.އެސް.އެމް.އީޒް) އިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅުދައްކަވައިފިއެވެ.
މި މޭރުމުން އެމަނިކުފާނު ވާހަކަފުޅުދައްކަވާފައި ވަނީ ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި، ދިވެހިރާއްޖޭގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ކުރިއަށް ގެންދިޔަ، "އެމްޕަވަރިންގް އެމް.އެސް.އެމް.އީޒް އިން ސިޑްސް ތުރޫ ގްރާންޓްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް އެކްސްޕީރިއަންސް" އިވެންޓްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ 90 އިންސައްތަ ހިއްސާކުރާ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، "ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލީ ތަނަވަސްކަން އިތުރުކުރާނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކުރާނެ މާޙައުލުތައް ތަރައްޤީކޮށްދިނުމާއި، މާކެޓްތަކަށް ވާސިލުވެވޭނެ ގޮތްތައް ފަހިކޮށްގެން ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ނިންމަވާފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްއެސްއެމްއީތަކަށް ބޭނުންވާ ހުނަރާއި ތަމްރީނާއި ޢިލްމާއި މާލީއެހީ ލިބޭނެ ގޮތްތަކާއި، ޤާނޫނީ އޮނިގަނޑުތައް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ޕްލޭންގައި އަލިއަޅުވާލާފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްތަކުގެ މުޖުތަމަޢުތަކުގައި، އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދާދިފަހުން ލޯންޗުކުރެވުނު ފަށާ މަދަދު ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހީގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. އަދި މި ސްކީމްގެ ދަށުން 25 އިންސައްތަ ލޯނު ދޫކުރުމަށް ޚާއްޞަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގް ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.