ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް 2025" ގެ ނޯތު މާލެ ލީގް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޝާފީއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް 2025" ގެ ނޯތު މާލެ ލީގްގެ ފުރަތަމަ މެޗް ކުޅޭ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިތްވަރު ދެއްވާފައެވެ. "މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް 2025" ގެ ނޯތު މާލެ ލީގްގެ ފުރަތަމަ މެޗުގައި، މީރު އައިލެންޑް ރިޒޯޓާއި ވަން އެންޑް އޮންލީގެ ޓީމު ބައްދަލުކުރި މެޗު، 3-0 ސެޓުން ކާމިޔާބުކުރީ ވަން އެންޑް އޮންލީގެ ޓީމުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް 2025" ގެ ނޯތު މާލެ ލީގް ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ.

"މޯލްޑިވްސް ރިޒޯޓު ވޮލީ ލީގް" އަކީ ދިވެހިރާއްޖޭގެ ރިޒޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ދިރުވައި، އާލާކޮށް، ދުޅަހެޔޮ ކަމާއި ހަށިހެޔޮކަން އިތުރު ކުރުމާއި މުވައްޒަފުންގެ ކިބައިގައި ވޮލީބޯޅަ ކުޅުމުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ވޮލީބޯލް އެކަޑަމީއިން އިސްނަގައިގެން އިންތިޒާމު ކުރާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ ހަތަރު ޒޯނެއްގައެވެ. މި މުބާރާތުގައި 17 ރިޒޯޓަކުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.