ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހޮޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ފެނުގެ މަޝްރޫޢު ލަސްވެގެންދާ މައްސަލަ ހައްލުކުރުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި މޭނާ ސްކޫލް އެއް ކެމްޕަސްއަކަށް ބަދަލުކުރުން ހިމެނެއެވެ. ޞިއްޙީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އަމާޒުކޮށް ހޮޅުދޫ ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ކުނި މެނޭޖްކުރުމުގައި އެ ރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަޝްވަރާތައްވެސް މި ބައްދަލުކުރެއްވުމުގައި ކުރެވުނެވެ. މީގެއިތުރުން ހޮޅުދޫގައި މިހާރު ތަރައްޤީކުރެވެމުންދާ ބަނދަރާއި ފަޅުގެ ޖާގަ އިތުރުކުރުމާއި ޒަމާނި އިސްލާމީ މަރުކަޒެއް ނުވަތަ މިސްކިތެއް ބިނާކުރުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.