بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ޅޮހީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ނ. އަތޮޅަށް މިކުރާ ދަތުރުގައި، މިއަދު ހެނދުނު ތިޔަބޭފުޅުންގެ ގާތަށް އަޅުގަނޑަށް އާދެވުނު ވަގުތު ރަށުގެ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރަށުގެ ތަރައްޤީއަށް ކުރަންހުރި ވަރަށް ގިނަ ކަންކަން އެބަހުރި. މިއަދު ބައްދަލުވުމުގައި، މި ބައްދަލުވުމުގެ ކުރިން އޮތް ބައްދަލުވުމުގައި، މުއައްސަސާތަކުގެ ވެރިންނާ އެކީގައި އޮތް ބައްދަލުވުމުގައި، އަޅުގަނޑު ގާތު ވިދާޅުވި، ލިސްޓު ވަރަށް ދިގުވެދާނެއޭ. އެއީ އެއްވެސް މައްސަލައެއް ނޫން. އެއިން އެ ދޭހަކޮށްދެނީ، ކުރީގައި އެކަންކަމަށް، ކަންކަން ކުރަންތިބި ފަރާތްތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތީމާ، އެ ލިސްޓު ދިގުވެފައި އޮތްކަން. އެއީ، އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ، ދެން އެކަންކަން ވަރަށް ސަމާލުކަންދީގެން ކޮށްދިނުން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޅޮހީގެ ރައްޔިތުންގެ ދިގު ލިސްޓު ކުރުކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ އެކީގައި ނިންމައިދޭނަން.

އާދެ، މިހާރު ހިނގަމުންދާ މަޝްރޫޢެއް، ބަނދަރުގެ މަޝްރޫޢަކީ. ދެން އެ މަޝްރޫޢު ކުރިއަށްދާއިރުގައި، އެންމެ އެދެވޭގޮތަށް ބަނދަރުގެ ބޭނުން، ހުރިހާ މޫސުމެއްގައި ހިފުމުގައި، ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް ގެންނަން އެބަހުރި. އެކަންކަން ކުރުމުގައި، މިނިސްޓްރީގެ ފަރާތުން ކައުންސިލާ އެކީގައި އިށީންނާނެ. ވާހަކަ ދައްކާލާނެ. އެއީ މިސާލަކަށް، ނެރު ބަދަލުކުރުން ކަމުގައިވަންޏާވެސް ވާހަކަ ދެއްކޭނެ. އަދި އެހެން ބައެއް ކަންކަން އެބަހުރި. އެހެންވީމާ، އެކަންކަމަކީ އިންޖިނިއަރިންގ މަސައްކަތްތަކެއްވެސް ހިމެނޭނެ ކަންކަން. ދިގު މުއްދަތަކަށް އެކުރާ މަސައްކަތް ދެމިއޮންނަންޖެހޭނެ.

އެހެންވީމާ، މި ހުރިހާ ކަމަކަށް ބަލައިގެން، ވީ އެންމެ ރަނގަޅަކަށް، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ ބައްޓަމަށް، ކަންތައްތައް ނިންމުމަށްޓަކައި ބަނދަރުގެ މަސައްކަތް އަޅުގަނޑު ކޮށްދޭނަން. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ދާދި އަވަހަށް ފަށާނަން. ދެން އެ ނިމޭގޮތަކަށް، ރައްޔިތުންގެ މަޝްވަރާއާއެކީ، ކައުންސިލުން ފައިނަލްކޮށްދޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ބަނދަރުގެ ކަންކަން އަޅުގަނޑުމެން ނިންމައިދޭނަން.

އޭގެތެރޭގައި، އޮޑިއެހެލާ ސަރަޙައްދު ހެދުންވެސް އެބައޮތް. ދެން ބޭނުންވެލައްވާ ބޭރު ހިމާޔަތްކުރަން. އެހެންވީމާ، ތަފްޞީލަށް ނުގޮސް، މި ދަންނަވަނީ، ބަނދަރުގެ ކަންކަން ރައްޔިތުން އެދޭގޮތަށް، ވީއެންމެ ރަނގަޅަކަށް، ދިގު މުއްދަތަކަށް، ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެން މި ދަންނަވަނީ، ޓެކްނިކަލީ ބަލަންޖެހޭ ކަންކަންވެސް ހުންނާނެތީ.

އާދެ، ދެން މި ސްކޫލްގެ ވާހަކަ، ޙަޤީޤަތުގައިވެސް އެއް ދަންފަޅިއަކަށް ހިންގާއިރުގައި، ޢުމްރާނީގޮތުން، އިންފްރާސްޓްރަކްޗަރ ވައިސް، ޔަޤީނުންވެސް މިހާރު މި ސްކޫލަކުން ނުފުދޭނެ. އެހެންވީމާ، އެ މަޝްރޫޢު އޮތީ ކޮންމެވެސް ސަބަބަކާހުރެ މިދިޔަ ދުވަސްތަކުގައި ނުހިންގާ. ގިނަ ޚިދުމަތްތައް ދޭން ޖާގަނެތް. އެކިކަހަލަ ކްލާސްރޫމްތަކާއި އެކި ކަންކަމަށް ބޭނުންވާ ޖާގަނެތް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަށީގެންވާ ފެންވަރެއްގައި، މި ދެންނެވި ހުރިހާ ކަމަކަށް ފުދޭ ފެންވަރެއްގެ ޢިމާރާތެއް މިތާނގައި އެޅުމުގެ ރަނގަޅު މަޝްރޫޢެއް، އެއީ ހުރިހާ ކަމެއް ފުދޭގޮތަށް، ތަފްޞީލަށްނުގޮސް، ރައްޔިތުން ބޭނުންވާގޮތަށް، ސްކޫލުން ބޭނުންވާގޮތަށް، ބޭނުންވާ ހުރިހާ ވަސީލަތްތަކަކަށް ބޭނުންވާވަރުގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް، މި އަހަރުގެ ބަޖެޓުގައި ނެތީމާ، އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް ފަށިއިދިނުމަށްޓަކައި، މި އަންނަ އަހަރުގެ ބަޖެޓް ފަސްކުރާއިރު ހިމަނައި، މި އަންނަ އަހަރު ފެށޭތަނުން، އޭގެ މާނައަކީ، ޖަނަވަރީ ހިސާބުގައި، ޢަމަލީ މަސައްކަތް ފަށައިދޭނަން.

އޭރުން، ގާތްގަނޑަކަށް އެވަރުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސް ނިންމައިލެވޭނެ. އެންމެ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި ނިމެންޖެހޭނެ. ބަލަމާ ހިނގާ، ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި، އަހަރު ފެށޭތަނުން ފެށުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް. އެހެންވީމާ، މި އަންނަ އަހަރުގެ ތެރޭގައި، އުންމީދުކުރެވެނީ، ދާއިމީ ޙައްލަކަށް ބޭނުންވާ ފެންވަރުގެ ސްކޫލް ޢިމާރާތެއް އެޅިގެންދާނެއޭ.

ދެން ހެލްތް ދާއިރާއަށް ބަލާއިރުގައިވެސް އޮތީ ހަމަ އެހެން. ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި. އަޅުގަނޑު ރަށްރަށަށް ވެފައި އޮންނާނެ ވަރަށް މުހިންމު ވަޢުދެއް. ހުރިހާ ރަށަކަށް، ޖުމްލަކޮށް. އެއީ، ލެބޯރެޓަރީގެ ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން. އަދި ކުރިޔަށް އޮތް ތަނަށް ވިސްނާފައި ޤާއިމުކޮށްދިނުން. އެއީ، މުޅި ރާއްޖެއަށްވީ ވަޢުދެއް. އެކަމުގައިވެސް މި ރަށަށް ބޭނުންވޭ އެބަ ކަންތައްތަކެއް ކުރަން. އަދި ވަޒީފާ، ނޫނީވިއްޔާ މުވައްޒަފުންގެ އަދަދުވެސް، ވަރަށް ރަނގަޅަށް، އެބަޖެހޭ މި ރަށުގައި ރަނގަޅުކޮށްދޭން. ޖާގައިގެ ވަސީލަތުގެ ގޮތުންވެސް، ޖާގައިގެ ގޮތުންވެސް ރަނގަޅުކުރަންޖެހޭ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ދެން އަޅުގަނޑުމެން އެކި ކުންފުނިތަކާ ހަވާލުކުރުމުގެ މަޝްރޫޢުތައް ފަށައިގަންނައިރު އެއީ، ގާތްގަނޑަކަށް ސެޕްޓެންބަރު ހިސާބުގައި އަޅުގަނޑުމެން އިތުރު މަޝްރޫޢުތަކެއް ކުންފުނިތަކާ ހަވާލުކުރާނަން. އެ ބެޗުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި ރަށުގެ ހެލްތް ސެންޓަރު، ޞިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް، ލެބޯރެޓަރީ ސަރވިސަސްއާއި ހުރިހާ ކަމަކަށް ބޭނުންވާ ޢިމާރާތް އެޅުމުގެ މަސައްކަތުގައި ސޮއިކޮށް، ނޮވެންބަރު، ޑިސެންބަރު ހިސާބުގައި އެންމެ ލަސްވެގެން ޢަމަލީ މަސައްކަތް ފަށާނަން.

ދެން، ވަޒީފާއަށް ބޭނުން މުވައްޒަފުން ނެގުމުގެ ކަންތައް. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންވެސް ހަމަޖައްސައިދޭނަން. އެހެންވީމާ، މި އަންނަ އަހަރު ވެގެންދާނީ، އިރާދަކުރެއްވިއްޔާ މި ރަށުގެ ޞިއްޙީ ދާއިރާއަށްވެސް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ދާއިމީ ރަނގަޅު ޙައްލެއް ލިބޭނެ އަހަރަކަށް. ތަޢުލީމީ ދާއިރާއަށްވެސް. އެހެންވީމާ، މި ދެ ދާއިރާއަށް ރަނގަޅު ޙައްލެއް، ރައްޔިތުން އެދޭ ފެންވަރަށް، ހިތްހަމަޖެހޭ ފެންވަރަށް ގެނެސްދޭނަން.

ދެންއޮތީ ކުޅިވަރުގެ ދާއިރާ. ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، މިއަދު ދެން މި ބިންގާ އެޅުނީ އޭގެތެރެއިން ދެ މަޝްރޫޢު. އެއީ، ފިޓްނަސް ރިކްރިއޭޝަން ސެންޓަރާއި، އައުޓްޑޯރ ޖިމް. މިހާރު އެޅިފައި އޮތް ފުޓްބޯޅަ ދަނޑުގެ ކަންތައްވެސް ނިންމުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ. ވަށާފާރު، ފެންސް. އެކަމަކު ލައިޓްވެސް އަދި ހިމަނަންޖެހޭ.

އަޅުގަނޑުމެން މިހާރު ގެންގުޅޭ ސްޓޭންޑަޑަކީ، ނިމިފައި ހުރި މަޝްރޫޢުތަކުގައިވެސް، ފުޓްބޯޅަ ދަނޑެއް އަދި ފުޓްސަލް ދަނޑެއް، ކޮންމެކަހަލަ ދަނޑެއްގައިވިޔަސް، ރޭގަނޑު ބޭނުންކުރެވޭގޮތަށް އަލިކުރުން. އެހެންވީމާ، ރާއްޖޭގައި މިގޮތަށް ހުރި ހުރިހާ ދަނޑުތަކެއް އަލިކުރުމުގެ މަޝްރޫޢެއް ގެންދަން މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި، މިހާރު އޮންނާނީ ނިންމާފައި. އެހެންވީމާ، މިއަހަރު މި ރަށުގައި ފުޓްބޯޅަ ދަނޑުގެ މިހާރު ނިންމަން މިހިރަ ކަންކަމުގެ ތެރޭގައި، ލައިޓުގެ މަސައްކަތް ހިމަނައި، އަދި ފުޓްސަލް ދަނޑު، އާ ދަނޑެއް، ބޮޑު ދަނޑެއް، ފުޓްސަލް ދަނޑުގެ އޮންނަންޖެހޭ ސައިޒަށް އިރާދަކުރެއްވިއްޔާ ހެދޭނެ. ދެން، އަޅުގަނޑުމެން ފުޓްސަލް ދަނޑުވެސް މި ހަދަނީ، ހަމައެކަނި ކުޅެވޭ ޖާގަ އެކަނި ހިމަނައިގެނެއް ނޫން. ވަށާ ފެންސް ޖަހައި، ފާރު އަދި ލައިޓްވެސް ހިމެނޭގޮތަށް. އެހެންވީމާ، ފުޓްސަލް ދަނޑެއް އެޅުމާއެކީގައި، އަދި ވޮލީ ކޯޓަކާއެކީގައި، ފުރިހަމަ ވޮލީ ކޯޓަކާއެކީގައި، މި ތިން ކަންތައް ހިމެނޭގޮތަށް މި އަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ މަސައްކަތް ފަށައިދޭނަން.

އާދެ، އެހެންވީމާ، ކުޅިވަރުގެ ދާއިރާއަށްވެސް މި ދެންނެވި ކަންކަން ހަމަޖެހިގެންދާނެ. އާދެ، ޖުމްލަކޮށް، މި ތިން ދާއިރާ، ކުޅިވަރު، ޞިއްޙީ، ތަޢުލީމީ ދާއިރާއަކީ، ރަށްރަށުގައި އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ފުރިހަމަކުރުމަށް މަސައްކަތްކުރާ ކަންކަން، ކޮންމެ ރަށެއްގައިވެސް. އާބާދީއަށް ބެލުމެއްނެތި. މި ދެ އަހަރުގެ ތެރޭގައި. މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓާގެޓަކީ ހުރިހާ ކަމެއް، މި ތިން ދާއިރާއިން ފުރިހަމަކޮށްދިނުން. އެހެންވީމާ، އެގޮތަށް ރާވައިގެން މިގެންދަނީ.

ދެންހުރި ކަންކަމަށް ބަލާއިރުގައި، ހުރިހާ ތަފްޞީލަކަށް އަޅުގަނޑު ނުދިޔަނަމަވެސް، އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް، ރާޅާއަޅާ ސަރަޙައްދަކީ، އިންޓަރނޭޝަނަލް ފެންވަރުގެ މުބާރާތްތަކާއި، ކަންކަން ކުރެވޭ ތަނަކަށް ހަދާނެކަމުގެ ވަޢުދު. އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު އަޅުގަނޑުމެން ކުރިޔަށް ގެންގޮސްދޭނަން. މި އަހަރު ނިމުމުގެ ކުރީގައި، ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށައިދޭނަން.

މިހާރު އަޅުގަނޑު ދަންނަވާފައި ވާނެ، މި ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު، އެމް.ޓީ.ސީ.ސީ.އިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން، ކައުންސިލާވެސް މަޝްވަރާ ކޮށްގެން، މި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވަށައިގެން އޮންނަ މަގެއް، ރިންގ ރޯޑެއް ލާފައި، އެ މަސައްކަތްވެސް އެކްސްޓެންޝަނެއް ގޮތުގައި، އިތުރު ފޭސްއެއް ގޮތަށް ހިމަނައިގެން، ބަނދަރުގެ މަސައްކަތް ނިމިގެންދާއިރުގައި، އެބައިވެސް ކުރިޔަށް ގެންދެވޭގޮތަށް ހަދަން. ރިންގ ރޯޑެއްވެސް ހަދަން. އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިޔަށްދާނެ.

ދެން، އިރާދަކުރެއްވިއްޔާ މި ރަށުގައި ގެސްޓްހައުސް ޓޫރިޒަމަކީ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމެއް ކަމަށް ތިޔަބޭފުޅުން ގަބޫލުކުރައްވާ ކަމެއް. އަޅުގަނޑުވެސް ގަބޫލުކުރަނީ އެގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށަށް އެއިން ފައިދާތަކެއް ވާނެ. ޓޫރިޒަމަށް ފައިދާވާގޮތަށް އަޅުގަނޑު އެދެނީ މަގުހަދަން. މާ ހާޑް ފިނިޝިންގއަކަށް ނުގޮސް، ޓޫރިޒަމް ކޮމްޕެޓިބަލް މަގެއްގެ ގޮތުގައި ހެދިއްޖިއްޔާ، އަޅުގަނޑު ހިތުން އޭގެ ފައިދާ ރަށަށް ކުރާނެ.

އާދެ، ދެން ކޮންމެ ރަށެއްގައި އަޅުގަނޑުމެން ހަދާގޮތަށް ނިންމާފައި ހުރި ކަންކަމުގެ ތެރޭގައި، ކުޑަކުދިންގެ ޕާކުވެސް ހިމެނޭ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުން އެއީ، ދެ އަހަރު ދުވަހުގެ މަޝްރޫޢެއް. މި އަހަރާއި މި އަންނަ އަހަރުގެ ތެރެއަށް ބަހާލައިގެން. ކޮންމެގޮތެއްވިޔަސް، މި ރަށުގައިވެސް ކުޑަކުދިންގެ ޕާކު ހެދުން އޮންނާނެ. ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ހުރި މަޝްރޫޢުތަކުގެ ތެރޭގައި، މި ކަހަލަ ކަންތައް މި ހުންނަނީ. އޭ.ޓީ.އެމް. ބެހެއްޓުން. ކުޑަކުދިންގެ ޕާކު ހެދުން. ޕޮލިސް ޕޯސްޓް ހެދުން. ދެން މިހެންގޮސް ހުންނާނެ ހުރިހާ ރަށެއްގައި ކުރާނެ ކަންތައްތައް. މިދިޔަ އަހަރުގެ ތެރޭގައި މިކަންކަން ކޮށް ނިންމުން، ނޫނީވިއްޔާ ކުރަން ފެށުމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނީ.

ދެންހުރި ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ގެންދެވޭނެ. އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލި ކަންތައްތައް، މި ދެންނެވި ގޮތަށް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ގިނަ މަސައްކަތްތައް ޢަމަލީގޮތުން ފުރިހަމަވެގެންދާނެ. އެކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް މި އަރުވަނީ. ޅޮހީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގެ ދިގު ލިސްޓު، ހަމަ އެކީގައި ނިންމާލަދިނުމުގެ ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ.

ދެން އަޅުގަނޑު ތިޔަބޭފުޅުންގެ ގާތަށް އަންނަހިތްވަނީ، މިކަންކަމުގެ ތެރެއިން ގިނަ ކަންކަން ނިންމާލާފައި، އެކަންކަމުގެ އުފަލުގައި ބައިވެރިވާން. އެ އުންމީދުގައި ވަކިވެލާނަން. ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މާލަސްތަކެއްނުވެ، އަނެއްކާވެސް ބައްދަލުކުރުމުގެ އުންމީދުގައި ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.