ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެކްޓިންގ ޑިރެކްޓަރ-ޖެނެރަލް ވަލީދު ޝަލްމާން އަލް ބަހަރް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެކްޓިންގ ޑިރެކްޓަރ-ޖެނެރަލް އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ. އެކްޓިންގ ޑިރެކްޓަރ-ޖެނެރަލް ވަލީދު ޝަލްމާން އަލް ބަހަރް ދެއްކެވި ވާހަކަފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާކަމަށާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އާއި ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އެގޮތުން، އިގްތިސާދީ، ސިއްޙީ، އިޔާދަކުރުވަނިވި ހަކަތަ، އަދި މަސްވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި، ރާއްޖޭގެ ތަރައްޤީގައި އެފަންޑުން އަދާކުރަމުންދާ ދައުރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެެ.
މިއަދުގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިވެހިރާއްޖެ އާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.