بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނޮޅިވަރަންފަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުން، މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، އަޑުއައްސަވަމުން އަދި ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިރޭގެ ވަގުތެއްގައި އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ނޮޅިވަރަންފަރުގެ ކުދި ބޮޑު އެންމެހައި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުމެން މިއަދު މިތާނގައި މި ފަށާ މަސައްކަތްތަކަކީ، ނޫނީވިއްޔާ ސޮއިކުރެވިގެން މި ފެށޭ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންގެ ތަރައްޤީގެ މިންވަރު، މިންގަނޑު، ނޫނީވިއްޔާ ފެންވަރު، އެތައް ތަނަކުން މަތިވެގެންދާނެ މަޝްރޫޢުތަކަކަށް ވާނެ.
ރިޔާސީ އިންތިޚާބުގައާއި އަދި ފަހުން ތިޔަބޭފުޅުންނާ ބައްދަލުވެގެން އަޅުގަނޑު ވެފައިހުރި ވަޢުދުތަކާއި، އަދި އޭގެއިތުރަށްވެސް، ކަންތައްތައް ފެށުމަށް މިއަދު ސޮއިކުރެވިގެން މި ދިޔައީ. އަދި މަސައްކަތްތައް ފެށިގެން މިދަނީ. އާދެ، އަޅުގަނޑުމެން މިއަދު މި ސޮއިކުރި ކޮންމެ މަޝްރޫޢަކީ، އެ މަޝްރޫޢެއްގެ މަސައްކަތް، އެ މަޝްރޫޢެއް ސޮއިކުރެވިގެންދިޔަ މިނިސްޓްރީއާއި ކުންފުނީގެ ފަރާތުން ވަރަށްގާތުން ބަލައި، ވަރަށް އިސްކަމެއްދީގެން، ހަލުވިމިނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނެ މަސައްކަތްތަކެއް.
އެގޮތުން، އަޅުގަނޑުމެން މިވަނީ އެކި ދާއިރާތަކުން، އެކި މަޝްރޫޢުތަކުގައި ސޮއިކޮށްފައި. އަދި މީގެއިތުރަށް، މި ރަށުގައި އަޅުގަނޑުވީ އިތުރު އެހެން ވަޢުދެއް ކަމުގައިވާ، ބީ.އެމް.އެލް.ގެ ބުރާންޗް ހުޅުވުންވެސް މާދަމާ ހެނދުނު އެބައޮތް. އެއީވެސް އިރާދަކުރެއްވިއްޔާ، އެކަމުގެ ސަބަބުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަކަށްވާނެ. އަދި ކައުންސިލް ޢިމާރާތްވެސް އެޅުމުގެ މަސައްކަތް އެބައޮތް.
އާދެ، އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި މިއަދު އަޅުގަނޑުމެން މި ފަށަނީ ވަރަށް މުހިންމު ޞަފްޙާއެއް. އިރާދަކުރެއްވިއްޔާ، ނޮޅިވަރަންފަރުގެ ތަރައްޤީ، އެތައް ގުނައަކުން މަތިވެގެންދާނެ މަސައްކަތްތަކަކަށް މިކަންކަން ވާނެ.
އާދެ، އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުގެ ތެރެއިން، މި ރަށުގައި އެންމެ މަތީ ކެޓަގަރީގެ ޞިއްޙީ ނިޒާމު ޤާއިމުކުރުމަށްޓަކައި، ހެލްތު ސެންޓަރުގެ މަސައްކަތްތައް ހަވާލުކުރެވިގެން މިދަނީ. އޭގެއިތުރަށްވެސް، މިހާރުން މިހާރަށްވެސް މި މަޝްރޫޢު ނިމެންދެންވެސް، މި ރަށުގެ ޞިއްޙީ މަރުކަޒުގައި، ޚިދުމަތް ދިނުމަށްޓަކައި އިރާދަކުރެއްވިއްޔާ އިތުރު ޚިދުމަތްތައް އަޅުގަނޑުމެން އިތުރުކުރާނަން.
އެހެންވީމާ، ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުން އިތުރުކުރުމާއި، އަދި އިތުރު ބައެއް މުވައްޒަފުން އިތުރުކުރުމާއި، މިފަދަ ކަންތައްތައް ކުރިއަށްގެންދަން އަޅުގަނޑުމެން މިހާރު މިއޮތީ ނިންމާފައި. އެހެންވީމާ، މަޝްރޫޢު ނިމެންދެން މަޑުނުކޮށް، މިހާރުވެސް އަޅުގަނޑުމެންނަށް އިތުރުކުރެވޭނެ ކަންތައްތައް އިތުރުކުރާނަން. އެހެންވީމާ، އެކަންކަން ކުރިއަށް އޮތް ތާނގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
އޭގެއިތުރަށް، ސްކޫލްގެ މަޝްރޫޢަށް ބަލާލާއިރުގައި، ސްކޫލްގެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ، އަޅުގަނޑު ވަޢުދުވިގޮތަށް އެހެން ތަނެއްގައި. ކައުންސިލުން ކަނޑައަޅާފައި އޮތް އެހެން ބިމެއްގައި. އާ މަޝްރޫޢެއްގެ ގޮތުގައި. އާ ސްކޫލެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން މި ފަށަނީ. މަލްޓި-ޕަރޕަސް ހޯލާއި، ކްލާސްރޫމްތަކާއި، އެކިއެކި ލެބްތަކާއި، ހުރިހާ ކަމެއް ހިމެނިގެންދާ ގޮތަށް. އެހެންވީމާ، އިރާދަކުރެއްވީތީ ފުލް ފުލެޖް، ފުރިހަމަ އާ ސްކޫލެއް އެޅުމުގެ މަސައްކަތް މި ފެށީ.
އިރާދަކުރެއްވިއްޔާ އެކަން މި އަހަރު ފެށި، މި އަންނަ އަހަރުގެ ތެރޭގައި ބޮޑުބައެއް ނިމި، ދެން އަންނަ އަހަރުގެ ތެރޭގައި އެކީގައި އިރާދަކުރެއްވިއްޔާ ނިމޭނެ، ފުލް ހުރިހާ ކަމެއް. އެކަމަކު، ހަމަ ޔަޤީނުންވެސް ހޯލާއި، ކްލާސްރޫމްތަކާއި، ބައެއް ކަންކަން ނިމުމުން، ބޭނުންކުރެވެމުންވެސް ދާނެ. އެގޮތަށް ތަރުތީބު ކުރެވިގެން، ޕްލޭން ކުރެވިގެންދާނެ. އެހެންވީމާ، އެގޮތަށް އެ މަސައްކަތް ދާނެ.
އާދެ، ހައުސިންގ ޔުނިޓުގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުން. އަޅުގަނޑުމެން މި ހަވާލުކުރީ ރަސްމީކޮށް ނިމިފައި ހުރި 100 ޔުނިޓު. އެވަރުން އަދި މި ރަށުގެ ގެދޮރުގެ މައްސަލައަށް އެކީގައި ހައްލެއް ނުއެއްއާދޭ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، އިތުރު ހައުސިންގ މަޝްރޫޢެއް ކުރިއަށްގެންދަން.
އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، 250 ޔުނިޓުގެ ފުލް ސްކޭލް މަޝްރޫޢުގެ ތެރެއިން، 100 ހައުސިންގ ޔުނިޓު އެޅުމަށް، މި އަންނަ މަހު ކުރީކޮޅު، އަޅުގަނޑުމެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރާނަން. 100 ހައުސިންގ ޔުނިޓު އަޅަން ގަސްދުކުރަނީ، މިރަށުގެ ރައްޔިތުންގެ ތެރެއިން ގޯތި އޮތް ފަރާތްތަކަށް. ގޯތި އޮތް ފަރާތްތަކުގެ ތެރެއިން، އެ ގޯތީގައި ގެއެއް އެޅިފައި ނެތް، އެޅުމުގެ ކެޕޭސިޓީ ނެތް ފަރާތްތަކަށް. އެ މީހުންގެ ގޯތީގައި، އެއިން ކޮންމެ ބޭފުޅެއްގެ ގޯތީގައި، ތިން ކޮޓަރީގެ ހައުސިންގ ޔުނިޓެއް އެޅުމުގެ މަޝްރޫޢެއްގެ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދާނަން. ކައުންސިލުން އެފަރާތްތައް ފާހަގަކޮށްދޭނެ. ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ގެންދާނެ.
އެހެންވީމާ، 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގައި މި އަންނަ މަހު ކުރީކޮޅު ސޮއިކުރެވި، ޢަމަލީ މަސައްކަތް މި ރަށުގައި ފެށިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގައި، ދަތިތައް ހުރި ފަރާތްތަކަށް ލުއިގޮތަކަށް އެކަން ހަމަޖެހިގެން އެދަނީ. އޭގެއިތުރަށް، އަދި ކުރިއަށް އޮތް ތާނގައި، އިތުރު މަޝްރޫޢުތައް ރޭވިގެން ކުރިއަށްދާނެ. އާދެ، އެހެންވީމާ، މި ދެންނެވި ކަންތައްތައް ވެގެންދާނީ އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުންނަށް، ނޮޅިވަރަންފަރުގެ ރައްޔިތުންގެ މުހިންމު ކިތަންމެ ކަމެއް ހައްލުވެގެންދާނެ ކަންކަމަށް.
ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުމެން މި ސޮއިކުރީ، ވަރަށް މުހިންމު ދެ މަޝްރޫޢެއްގައި. އަޅުގަނޑުގެ ވަޢުދުތައް އެއީ. ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅާ ސްޓޭޑިއަމެއް ހަދައިދިނުން. އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން. މި ދެ ކަންތައް ވެގެންދިޔައިމާ، އެ ވެގެންދާނީ ޙަޤީޤަތުގައި ވަރަށް ފުރިހަމަގޮތެއްގައި ކުޅިވަރު ތަރައްޤީ ކުރުމުގައި، ވަރަށް ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދުމުގެ ވަރަށް ބޮޑު ދޮރެއް ހުޅުވިގެންދާ ކަމަކަށް. ފުޓްބޯޅައިގެ ދާއިރާއިންނާއި އަދި ޖުމްލަކޮށް ވަރަށް ގިނަ އިންޑޯރ ކުޅިވަރުތައް ކުޅެވޭގޮތަށް މިކަން މި ހަމަޖެހިގެން މިދަނީ. ސްޕޯޓްސް ކޮމްޕްލެކްސް ނިންމަން ވަރަށް ގިނަ ވަގުތު ނަގާނެ. ބޮޑު މަޝްރޫޢެއް. އެހެންނަމަވެސް، އެއަށްވުރެ އަވަހަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިމޭނެ. މި ފުޓްބޯޅަ ދަނޑު، ނޫނީވިއްޔާ ސްޕޯޓްސް ކޮމްޕްލެކްސް ނިމެންދެންވެސް މަޑުނުކޮށް، މި ރަށަށް މިހާރުންމިހާރަށް ބޭނުންވާ ބައެއް ކުޅިވަރުތަކުގެ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި، ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ، ވޮލީބޯލް ކޯޓެއް އެޅިގެންދާން. އެހެންވީމާ، މި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން، އެކަމަށް ފުރުޞަތެއް ހޯދައިނުދީ ނުބާއްވައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް ވޮލީބޯލް ކޯޓެއް އެޅުމަށް ބަޔަކާ ހަވާލުކުރާނަން.
އާދެ ދެ ހާހަށްވުރެ ގިނަ އާބާދީ އޮތް ރަށެއް. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، އަޅުގަނޑުމެން މި ގެންދާގޮތަށް ހުރިހާ ދާއިރާއަކުންވެސް ސަމާލުކަންދީގެން، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި އަޅުގަނޑުމެން މިކަންކަން ގެންދާނަން. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ތަރައްޤީގެ ސިޔާސަތު. އަދި އަޅުގަނޑު އިޢުލާނުކުރި ގޮތަކީވެސް އެއީ. އަދި މި ތަންފީޒުކުރާ ގޮތަކީވެސް އެއީ.
ކުނި މެނޭޖް ކުރުމަކީ މިގޮތުން ބަލާއިރުގައި، ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެން ކުރާ ކަމެއް. ކުރަން ނިންމާފައި އޮތް ކަމެއް. ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމާއި، އެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެގޮތް ހެދުން. މިގޮތުން ބަލާއިރުގައި، މިފަދަ އާބާދީ އޮންނަ ރަށްރަށާއި އަދި އަރބަން ސެންޓަރުތަކާއި، ވެރިކަންކުރާ ރަށްރަށާއި، މިފަދަ ތަންތާނގައި އަޅުގަނޑުމެން ވެމްކޯ މެދުވެރިކޮށް ޚިދުމަތް ދިނުމަށް، އަޅުގަނޑު ނިންމާފައި އޮންނާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ރަށުގައި ކުނި މެނޭޖްކުރުމާއި، ކުނި މެނޭޖްކުރުމުގެ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ވެމްކޯއާ ހަވާލުކުރާނަން. އިރާދަކުރެއްވިއްޔާ ވެމްކޯގެ ޚިދުމަތް މި ރަށުގައި ގިނަވެގެން ފަސް މަސްދުވަހުގެ ތެރޭގައި ޢަމަލީގޮތުން ފެށިގެންދާނެ.
އެކަން ވެގެންދާނީ، ކުނި މެނޭޖްކުރުމުގެ ދާއިމީ ޙައްލެއް ހޯދުމުގެ ވަރަށް ފުރިހަމަ ކާމިޔާބީއެއް ތިޔަބޭފުޅުންނަށް ލިބިގެންދާ، ވަރަށް ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަކަށް. އަދި އޭގެއިތުރަށް، އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަކަށް.
އާދެ، އެހެންވީމާ، މި ދެންނެވި ކަންކަން އަޅުގަނޑުމެން އެގޮތަށް ކުރިއަށް ގެންދާނަން. އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑުމެން މިރޭ މި ހަވާލުކުރި ޓޫރިޒަމް ބިމަކީ، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ވެގެންދާނެ ކަމަށް. ސާދަވަރަކަށް ހެކްޓަރުގެ ބިން، އެތައް އަހަރެއް ވަންދެން އޮތީ ލޮކްވެފައި. ބޭނުންނުކުރެވި. އަޅުގަނޑުމެން މިހާރު ހުރިހާ މަރުޙަލާއެއް ނިންމައި، ކައުންސިލާ މިރޭ ރަސްމީކޮށް މި ހަވާލުކުރީ. ކައުންސިލްގެ ފަރާތުން ރަނގަޅު އިންވެސްޓަރެއް ހޯދަން ވަރަށް އަވަހަށް އެތަން ހުޅުވާލާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ހުޅުވާލައިގެން، އެ ތަރައްޤީވެގެން ބޭނުންކުރެވިގެންދާއިރުގައި، ކައުންސިލަށް ލިބޭ އާމްދަނީ ވެގެންދާނީ، ރައްޔިތުންނަށް އެއިން ފައިދާވާ ކަމަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެކަން ކުރެވޭނެ މަގު މިއަދު މިވަނީ ފަހިވެފައި. އެކަމުގެ މުނާސަބަތުގައި، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، މި ދެންނެވި ކަންކަން، މިއަދު މި ސޮއިކުރެވިގެންދިޔަ ހުރިހާ މަޝްރޫޢެއް، ކޮންމެ މަޝްރޫޢެއް ވަކިން އަޅުގަނޑު ނުއެއް ދަންނަވާނަން. އެ ހުރިހާ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާއިރު، އަދިވެސް ބައެއް ކަންކަން ކުރަން އެބަހުރި. އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓް ހަދާއިރުގައި، ތަރުތީބުކުރާނެ ބައެއް ކަންކަން މީގެތެރޭގައި ހިމެނޭނެ.
މިސާލަކަށް، ރަށްގިރުމުގެ މައްސަލަ ޙައްލުކުރަން މިހާރު މި ރަށުގައި ސަމާލުކަންދޭންޖެހޭ ކަމަކަށްވެފައި އެބައޮތް. އެހެންވީމާ، އެކަހަލަ ބައެއް ކަންކަން އެބަހުރި، އަޅުގަނޑުމެން ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ، އެކަންކަމަށް އަޅުގަނޑުމެން ވަރަށް އިސްކަމެއް، ސަމާލުކަމެއް ދޭނަން.
އާދެ، އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ، ޢަމަލީގޮތުން ވަރަށް ގިނަ، ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ހިނގަމުންދާނޭ ދުވަސްތަކަކަށް.
މިކަންކަމުގެ ސަބަބުން، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކުރިއެރުމަށް، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އިރާދަކުރެއްވިއްޔާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް މި ކުރާ މަސައްކަތްތައް މި ގޮތުގައި ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން، އެ ރައްޔިތުން ގާތުން އަޅުގަނޑުމެން މި އޮޅުންފިލުވަނީ. ގާތަށްއައިސް، ގާތުން މި އޮޅުންފިލުވަނީ. އޮޅުންފިލުވައިގެން އެކަންކަމަށް ދާއިމީ ޙައްލު ގެނެސްދިނުމުގެ ކަންކަން ކުރިއަށް މި ގެންދަނީ. އޭގެ ނަތީޖާއަކީ، ރައްޔިތުން ސީދާ ބޭނުންވާ ގޮތަށް، ކަންކަން ވެގެންދިޔުން. މި ދަތުރުގައިވެސް އަދި ކުރިންވެސް، އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ، މިގޮތަށް ހުރި ކަންކަން. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށަކަށްގޮސް، ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް މިއޮތީ ތާވަލެއް ހަދާފައި. އެއީ އަމާޒަކީ. އިރާދަކުރެއްވިއްޔާ، އެހެން ގެންދެވޭތޯ ބަލާނަން. ރާއްޖޭގައި ބާކީހުރި ހުރިހާ ރަށަކަށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ދެވޭނެކަމަށް މި ބަލަނީ. އޭރުން ރައްޔިތުން ބޭނުންވާ މިފަދަ ކަންކަން ވަރަށް ރަނގަޅަށް، ވަރަށްގާތުން ފެނިގެންދާނެ.
އެގޮތަށް ކަންތައްތައް ތަރުތީބުވެގެން ދިޔައިމާ، އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް، ވަރަށް ގިނަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެށޭނެ. އަދި މި އަންނަ އަހަރު އޭގެތެރެއިން ބާކީހުރި ކަންކަން ފެށޭނެ. އެގޮތަށް އަޅުގަނޑުމެން ބަޖެޓް ތަރުތީބު ކުރާނަން. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވިގޮތަށް، މި ދެ އަހަރަކީ ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތްތައް ފަށާނެ ދެ އަހަރު. އަދި ގިނަ މަސައްކަތްތަކެއް ނިންމާ ދެ އަހަރަށްވާނެ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ރައްޔިތުންނާ ބައްދަލުވާއިރު، އަދި ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ކަންކޮޅުތަކުގައި ލައިވްކޮށް މި ބައްދަލުވުން ބަލަމުންދާއިރުގައި، ސަރުކާރުން މަސައްކަތް ކުރަމުންދާނީ، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ގެންދިޔުމަށޭ. ސަރުކާރުގެ ޒިންމާއަކީ، ރައްޔިތުން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކޮށްދިނުން. ރާއްޖޭގެ ކަންކަން ފުރިހަމަގޮތުގައި ގެންދިޔުމުގައި، އެންމެންގެވެސް ޒިންމާތަކެއް އެބައޮތް. ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، ކަންކަން ކުރިއަށް ގެންދާއިރުގައި، އެހެން ހުރިހާ ފަރާތްތަކުންވެސް، އެ ފަރާތްތަކުންވެސް އަދާކުރަންޖެހޭ ޒިންމާތައް އޮންނާނެ. އެއީ، ސިޔާސީ ޕާޓީތައް ކަމުގައިވިޔަސް، އަދި އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތައް ކަމުގައިވިޔަސް، އަދި މީޑިއާ ކަމުގައިވިޔަސް، ކޮންމެ ފަރާތެއްގެވެސް ޒިންމާތަކެއް އެބަވޭ. އަޅުގަނޑުގެ އެއްވެސް ޝައުޤުވެރިކަމެއް ހުރި ކަމެއްނޫން، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސްއިރަކު ކުރި ކަމެއްވެސް ނޫން. ކުރާނެވެސް ކަމެއްނޫން. އެހެންނަމަވެސް، ޒިންމާދާރުކަމާ އެކީގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭނީ.
އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގައި، އަމިއްލަ މެންބަރަކު މިހާރު އެބައޮތް، މީޑިއާއާ ބެހޭ ބިލެއް ހުށަހަޅާފައި. ސަރުކާރުގެ ފަރާތުން، ސަރުކާރުގެ ޕާޓީން، ޕީ.އެން.ސީ.ގެ މެންބަރުންނަށް އަޅުގަނޑު މިހާރުވާނީ ދަންނަވާފައި، އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއްނޫނޭ. އެ ބިލުގައި ހުށަހަޅާފައި އެބައޮވޭ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެކޭ، އެ ބިލު ފާސްވެގެން ޤާނޫނަކަށްވަންޏާ، ވާއިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. އެގޮތަކަށް އަޅުގަނޑު އެކަމެއް ނުކުރާނަން. އަޅުގަނޑު މިހާރު ދަންނަވާފައި ވާނެ، އެ އިޞްލާޙުކުރާ މަރުޙަލާއަކަށް ހިނގައްޖެނަމަ އިޞްލާޙު ކުރާއިރުގައި، އެ އުފެދޭ ކޮމިޝަންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށްވާންވާނީ.
އެހެންވީމާ، އަޅުގަނޑު ބޭނުމެއްނޫން، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކީ މީޑިއާއަށް އެއްވެސްވަރަކަށް ނުފޫޒުފޯރުވާ ބަޔަކަށްވާކަށް. މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް. މިހާރު އޮތް ބިލުގައި އޮތްގޮތުންވެސް، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގައި، 7 މެންބަރުންގެ ކޮމިޝަނެއް ހަދާގޮތަށް އޮތްއިރުގައި، 4 މެންބަރުން އަންނަނީވެސް މީޑިއާތަކުން ވޯޓުލައިގެން. ދެންތިބި 3 މެންބަރުން ރައްޔިތުންގެ މަޖިލީހުން ވޯޓުލައިގެން ހޮވަނީ. ހުޅުވާލައިގެން ލިބޭ ނަންތަކުގެ ތެރެއިން. އެ 7 މީހުންގެ ތެރެއިންވެސް، ރައީސް ނަގަން އަޅުގަނޑު ބޭނުންވަނީ، އެ 7 މީހުން ވޯޓުލައިގެން. އެހެންވީމާ، އެއްވެސްވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް ބޭނުމެއްނޫން، މީޑިއާ ރެގިއުލޭޓް ކުރުމުގައިވިޔަސް، އަދި ބެލެހެއްޓުމުގައިވެސް އޮންނާކަށް. އަޅުގަނޑު ދެކޭގޮތުގައި އޮންނަންވާނީ، ފުރިހަމަ މިނިވަންކަން އޮންނަގޮތަށް. ދެފުށް ފެންނަގޮތަށް. ޒިންމާދާރުކަމާއެކީގައި ހިންގޭ މީޑިއާއެއްގެ ގޮތުގައި.
އަޅުގަނޑު ގަބޫލުކުރަނީ، ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރާނީ ޒިންމާދާރުކަމާއެކީގައި ކަމަށް. ތެދުބަހުން މަޢުލޫމާތު ފެތުރުމާއި، ކަންކަމުގައި ދެކޮޅުބަލައި، ޙަޤީޤަތް އޮޅުންފިލުވައިގެން، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މިފަދަ ކަންކަން ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، އެވާހަކަ އަޅުގަނޑު މި ދަންނަވާލީ، އަޅުގަނޑުމެން މި ދަތުރުގައި އުޅޭއިރުގައިވެސް، އެކި ފަރާތްތަކުން އަޅުގަނޑާ ހަމައަށް ސުވާލުތައް އެބަ ފޯރުކުރޭ. ދެން އަޅުގަނޑު ގަސްދުކުރީ ނިންމާލުމުގެ ކުރީގައި މިއިން ކޮންމެވެސް އެއް ޖަލްސާއެއްގައި، މި މައުޟޫޢަށް ކޮންމެވެސް އެއްޗެއް ދަންނަވާލަން. މި ރަށާ ސީދާގުޅޭ ކަމެއް މީގައި އޮތީކީއެއް ނޫން. އެހެންނަމަވެސް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅޭ ކަމެއްވީމަ.
އާދެ، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، ނޮޅިވަރަންފަރުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީގައި އަޅުގަނޑުމެން މި ފަށާ ހުރިހާ ކަމެއް، ކުރިން ދެންނެވި ގޮތަށް، ވަރަށް ބާރަށް، ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން. އޭގެ ފުރިހަމަ ނަތީޖާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ނެރެދޭނަން. އަޅުގަނޑުގެ ހުރިހާވެސް ޝައުޤުވެރިކަމެއް ހުންނަނީ، ނަތީޖާ ނެރެން. މި ސަރުކާރުން ހުރިހާ ކަމެއްވެސް މި ކުރަނީ، އަޅުގަނޑު ވީ ވަޢުދުތައް ފުއްދަން. އަދި އިތުރަށް، ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ބަލައިގެން، އޭގެ ތެރެއިން، ވަޢުދުތަކުގެ އިތުރަށްވެސް ކަންކަން ކޮށްދެވޭތޯ ބަލަން. އެހެންވީމާ، އެ ނަތީޖާ ނެރެދިނުމުގައި، ރެޔާއި ދުވާލު އަޅުގަނޑުމެން ދާނީ މަސައްކަތް ކުރަމުން. ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރަމުން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.