بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނޭކުރެންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލް ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދޭ ޔަޤީންކަމަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ފެށިފައިވާ މަޝްރޫޢުތައް ބާރުމިނުގައި ގެންގޮސް، އަވަހަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަމާއި، އަދި އިރާދަކުރެއްވިއްޔާ އާ މަޝްރޫޢުތައް، ޚާއްޞަކޮށް، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގެ ގޮތުން، ކުރަންހުރި ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން.
އެގޮތުން، ބައެއް ކަންކަން ދަންނަވާލަން އަޅުގަނޑު ގަސްދުކުރަން. އާދެ، އަޅުގަނޑު ވާނީ ވަޢުދުވެފައި، ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރުގައި، ބަނދަރުގެ ޖާގަ ބޮޑުކޮށްދޭނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރު ފެށިފައިވާ، ހިނގަމުންދާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، 100 ފޫޓު އިތުރުކޮށްދީގެން. އެކަމަށް ބޭނުންވާ ހުރިހާ ކަމެއްވަނީ އަޅުގަނޑުމެން ހަމަޖައްސާފައި. އެހެންވީމާ، އެކަމުގައި އެއްވެސް ދައްޗެއްނެތި، އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ. ބަނދަރުގެ މަޝްރޫޢާއެކީގައި ބައެއް ކަންކަން ހިނގަމުންދާނެ.
މިއަދު ސޮއިކުރި ސްވިމިންގ ޓްރެކް މަޝްރޫޢު، އަދި އޭގެއިތުރަށް، ބަނދަރު މަޝްރޫޢާ ގުޅިގެން ކުރިއަށްދާ ކަންކަމުގެ ތެރޭގައި، ދޯނިއެހެލާ ސަރަޙައްދެއް ޤާއިމުކުރުމާއި، އަދި އޭގެއިތުރަށް، މޫދަށްއެރޭނެ ބީޗެއް ޤާއިމުކޮށްދިނުމުގެ މަސައްކަތް ހިމެނޭގޮތަށް، މި މަސައްކަތްތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އޭގެއިތުރަށް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި ރަށުގެ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ މަޝްރޫޢެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. މި އަހަރު ނުފެށޭ ސަބަބަކީ، ބަނދަރުގެ މަޝްރޫޢަށް އިސްކަންދީ، ބޮޑުހިލައިގެ މަސައްކަތް،އަޅުގަނޑުމެން ފުރަތަމަ ބަނދަރަށް އިސްކަންދީގެން ފަށާތީ. ދެން އެއަށްފަހު، ބޮޑުހިލަ، އިތުރަށް ބޭނުންވާ މަޝްރޫޢަކަށްވާތީ، ރަށް ގިރުމުގެ މައްސަލައަށް މި އަންނަ އަހަރަށް މި ޕްލޭން ކުރަނީ.
އާދެ އޭގެއިތުރުން، މި ރަށުގައި ހިނގަމުންދާ ސްކޫލް މަޝްރޫޢުވަނީ ވަރަށް ގިނަ ދުވަސްވެފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް އެ މަޝްރޫޢު ނިންމައި، ދިރާސީ އާ އަހަރު ފެށެންވާއިރަށް، އެ އިމާރާތުގެ ބޭނުން މި ރަށުގެ ސްކޫލަށް ކުރެވޭގޮތަށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިންމައިދޭނަން.
ހަމައެއާއެކީގައި، ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއް ކޮންމެހެންވެސް ބޭނުންވޭ. ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއް ހަދައިދިނުން، އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން، އަހަރުގެ ކުރީކޮޅު ތެރޭގައި، މަލްޓި-ޕަރޕަސް ހޯލުގެ ޢަމަލީ މަސައްކަތް ފަށައިދޭނަން. އިރާދަކުރެއްވިއްޔާ މަލްޓި-ޕަރޕަސް ހޯލެއް އެޅިގެންދިޔުން ވެގެންދާނީ، މި ސްކޫލަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަކަށް. އާދެ، ސްކޫލްގެ މަސައްކަތުގެ އިތުރަށް، ދެން އަޅުގަނޑުމެން މި ރަށުގައި މިއަދު މި ފެށި މަޝްރޫޢުތައް، ވަރަށް ބާރަށް ކުރިއަށް ގެންދާނަން. އެއިން ކޮންމެ މަޝްރޫޢަކުން މި ރަށަށް ވަރަށްބޮޑުތަނުން ތަރައްޤީ އިތުރުވާނެ.
ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން މިފަށާ މަޝްރޫޢުގެ ސަބަބުން، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ވަރަށް ތަނަވަސް، ވަރަށް ފުރިހަމަ މަރުކަޒެއް، އިމާރާތެއް މިއަށް އެޑްކުރެވިގެން، އިތުރުކުރެވިގެން މިދަނީ.
ހަމައެއާއެކީގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒަކީވެސް އެކިކަހަލަ އިންޑޯ ކުޅިވަރުތަކަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަކަށްވާނެ. އާދެ މި ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު އެޅިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ކަމެއް މި ރަށުގެ ކުޅިވަރަށްޓަކައި، މި ރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްޞަކޮށް، ބެޑްމިންޓަން ކުޅުމުގައި، ވަރަށް ކުޅަދާނަ ރަށަކަށްވާއިރުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑޯ ބެޑްމިންޓަން ހޯލަކާ އެކީގައި، އެ މަޝްރޫޢު ކުރިއަށް ގެންދާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ދާދި އަވަހަށް އެކުއެކީގައި ހިނގަމުންދާނެ.
އާދެ، ފުޓްބޯޅަ ދަނޑެއް މިހާރު ވަނީ، ޓަރފް އެޅިފައި. އެހެންނަމަވެސް، ރޭގަނޑު ކުޅެވޭގޮތަކަށް ލައިޓެއް ނެތް. އަދި ފެންސްޖަހައި، ރައްކާތެރިކޮށް ވަށާފާރު ރޭނިފައެއްވެސް ނެތް. މި މަސައްކަތަކީވެސް އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަންތައްތަކެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފުޓްބޯޅަ ދަނޑުގައި އަޅުގަނޑުމެން ވަށާފާރުލުމާއި، ލައިޓްޖެހުމާ އެކީގައި، ކޮންމެވެސްވަރަކަށް ޗޭންޖިންގ ރޫމްވެސް ހިމަނާލައިގެން އަޅުގަނޑުމެން އެކަން ކުރިއަށް ގެންގޮސްދޭނަން. އާދެ، އެހެންވީމާ މި ދެންނެވި ގޮތަށް، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރަންހުރި ކަންކަން ގެންދާނަން.
އާދެ، މި ދެންނެވި މަޝްރޫޢުތަކުގެ އިތުރަށްވެސް، މި ރަށުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން އަޅުގަނޑުމެން ގަސްދުކޮށްފައިވަނީ. އަޅުގަނޑު ވަޢުދުވެފައި ހުރި އެހެން ބައެއް ކަންކަންވެސް މީގެތެރޭގައި ހިމެނިގެންދާނެ. ހިމެނިފައި އެބަހުރި.
އާދެ، އިރާދަކުރެއްވިއްޔާ އިޤްތިޞާދީ ގޮތުން ނަފާ ހޯދައިދިނުމަށްވެސް ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ. ކުރާއިރުގައި ރައްޔިތުންގެ މަޝްވަރާއާ އެކީގައި، ކައުންސިލުން ހުށަހަޅާ ކަންކަމަށް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް އިޖާބަދޭނަން. ކުރީގައި ޖަލެއްހަދަން އޮތް ބިން، މިހާރު ވާނީ ކައުންސިލާ އަނބުރާ ހަވާލުކޮށްފައި. އެއީ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، އިޤްތިޞާދީ ގޮތުން ރަށަށް ފައިދާހުރި ގޮތަކަށް އެތަން ބޭނުންކުރުމުގައި ފުރުޞަތުދޭނެ ކަމަށް. އެގޮތަށް ފަހިކޮށްދޭނެ ކަމަށް. އެހެންވީމާ، ކައުންސިލުން އެ ބިމުގެ ބޭނުންހިފަން ރަނގަޅު ޕްރޮޕޯޒަލެއް ރައްޔިތުންގެ މަޝްވަރާއާ އެކީގައި ހައްދަވައި ހުށަހެޅުއްވުމުން، އަޅުގަނޑުމެން އެކަމަށް ހުއްދަދޭނަން. އިރާދަކުރެއްވިއްޔާ، އެކަމުގައި ހަމަ ފުރިހަމަ ސަޕޯޓް އަޅުގަނޑުމެން ދޭނަން.
އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ގިނަގުނަ ކަންތައްތައް އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަދިވެސް އެއްފަހަރު ދެން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.