بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުޅުދުއްފުށި ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސިޓީގެ މޭޔަރ، މި ސިޓީގެ ދެ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުން، ކައުންސިލްގެ މެންބަރުން، މުއައްސަސާތަކުގެ އިސްވެރިން، މި ސިޓީގެ ޚިދުމަތްތެރި އިސްރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ވަރަށް އިސްކަމެއްދީގެން، ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން. އަޅުގަނޑުމެން މިއަދު މިތާނގައި މި ސޮއިކުރި ދެ މަޝްރޫޢާއި، އަދި މި ޖަލްސާގެ ކުރިން ފެށުނު މަސައްކަތްތަކާއި، މި ހުރިހާ ކަންކަމަކީވެސް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ފެށިގެންދާ މަސައްކަތްތަކެއް. އަދި އޭގެއިތުރަށްވެސް، ވަރަށް ގިނަ ކަންކަން މި ސިޓީގައި ކުރިއަށް ގެންދަން އެބަހުރި. އަދި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް، އޭގެތެރޭގައި ހިމެނޭ ކަންކަން އެބަހުރި.

އެހެންވީމާ، އަޅުގަނޑު މިރޭ އިރާދަކުރެއްވިއްޔާ މި ގަސްދުކުރަނީ މިކަންކަމަށް އަލިއަޅުވާލައި، ބައެއް ވާހަކަތައް ދަންނަވާލަން. ކޮންމެގޮތެއްވިޔަސް، އެންމެ މުހިންމު، އެންމެ ދަތިވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަ. ގެދޮރުގެ މައްސަލައަކީ، މި ސިޓީގެ އެންމެ ގިނަ މީހުންނަށް ޝާމިލްވާ، އެންމެ ބޮޑަށް ޙައްލު ބޭނުންވެފައި އޮތް ކަންތައް. އެއީ އަދި ރާއްޖޭގައިވެސް ބައިބޯ ހުރިހާ ތަނެއްގައި، އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް އެންމެ ބޮޑު މައްސަލަ.

އެހެންވީމާ، އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއްދިނީ މި ދާއިރާއިން މި މައްސަލައަށް ޙައްލުތައް ގެނައުމަށް މަޝްރޫޢުތައް ހިންގަން. އާދެ، އޭގެތެރެއިން މިސިޓީއަށް އަޅުގަނޑު ވަޢުދުވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދެ ކަމެއް، މިރޭ މި ފެށިގެންދަނީ. ސޮއިކުރެވިގެންދަނީ. ޖުމުލަ 3400 ހައުސިންގ ޔުނިޓް. އެއީ، ކުރިން ސޮއިކުރެވިފައި އޮތް މަޝްރޫޢަކާއި، ހިނގަމުންގޮސް ހުއްޓިފައި އޮތް މަޝްރޫޢަކާއި، އަދި މުޅިން އަލަށް ސޮއިކުރެވިގެންދާ 2000 ޔުނިޓެއް ހިމެނޭހެން އަޅުގަނޑު ވަޢުދުވި މަޝްރޫޢު.

އާދެ، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، އެކި ސަބަބުތަކާ ހެދި ކުރިއަށްނުގޮސް އޮތް، 400 ޔުނިޓުގެ މަޝްރޫޢުގެ ކަންތަކުގައި ވަރަށް ގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވި، މިދިޔަ ހުރިހާ ދުވަހެއްގެ ތެރޭގައި، އެ މަޝްރޫޢު ރީސްޓާޓް ކުރަން. ނޫނީވިއްޔާ، ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތެއް ހަދަން. ދެން ކޮންމެއަކަސް މިހާރު އެ ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރެވި، އަޅުގަނޑުމެންނަށް މިރޭ އެޗް.ޑީ.ސީ.އަށް މި ހަވާލުކުރެވުނީ އެ މަޝްރޫޢު. ދެން އޭގެއިތުރަށް، 2000 ހައުސިންގ ޔުނިޓް އެޅުމަށްވެސް މި ހަވާލުކުރީ އެޗް.ޑީ.ސީ.އާ.

އެނގިވަޑައިގަންނަވާނެ ފަދައިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ، ހައުސިންގ ޑިވެލޮޕްމަންޓަށް ޚާއްޞަ ކުރެވިފައި އޮތް، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަކުރެވިފައި ސަރުކާރުގައި އޮންނަ، އެންމެ މުހިންމު، އެންމެ ބޮޑު ކުންފުނި. އެހެންވީމާ، އެޗް.ޑީ.ސީ.ގެ ޒިންމާއަކަށްވާނީ، އަދި މި އެގްރިމެންޓްގެ ތެރެއިން އެ ބޭފުޅުންގެ މަސައްކަތަކަށްވާނީ، މި ދެ މަޝްރޫޢު ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދިޔުން.

އާދެ، މި 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ހައުސިންގ ޔުނިޓް އެޅުމަށް އަޅުގަނޑުމެން ނިންމާފައި ވަނީ، އަމިއްލަ ގޯތިއޮވެ، އެ ގޯތީގައި މިއިން ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށްގެން. އެ ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ ގެއެއް. އެހެންވީމާ، 700 ޔުނިޓް މި ޚާއްޞަކުރަނީ، ތިޔަބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި، ގެއަޅަން ބޭނުންވާ މީހުންނަށް. އެހެންވީމާ، އެގޮތަށް 700 ޔުނިޓް އެޅުމުގެ މަސައްކަތް ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން، އެޗް.ޑީ.ސީ.އާ ގުޅިގެން، އައިޑެންޓިފައިކޮށް ނިމުނުހާ އަވަހަކަށް، ޢަމަލީ މަސައްކަތް ފަށައިދޭނަން.

އެހެންވީމާ، މި އަހަރު ތެރޭގައި އަޅުގަނޑު އުންމީދުކުރަން، ޢަމަލީގޮތުން ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް. އެކަމަކަށް އެއްވެސް ހުރަހެއް މިހާރު ނެތް. 1300 ޔުނިޓް އަޅާނީ ވަކިން ލޭންޑް ޔޫސް ޕްލޭންގައި، ގެދޮރު ބިނާކުރުމަށް ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްސް ހިންގަން ކަނޑައަޅާފައި އޮތް ލޮކޭޝަންގައި. 1300 ފުލެޓް އެޅުމަށް އަޅުގަނޑުމެން ނިންމާފައި މިވަނީ. އެހެންވީމާ، ޖުމުލަ 2000 ހައުސިންގ ޔުނިޓް އޭގައި މި ހިމެނެނީ.

އަޅުގަނޑު ގަބޫލުކުރަނީ، 700 ހައުސިންގ ޔުނިޓް މިގޮތަށް ކަނޑައެޅީމާ، ވަރަށް ގިނަ މީހުންނަށް އޭގައި ފައިދާތައްވާނޭ ކަމަށް. އަމިއްލައަށް ބޭންކުން ލޯނު ނަގައިގެން، ގެ އަޅަންއުޅެ ނުވެފައި ހުރި، އެތައް ބަޔަކު ތިބެދާނެ. އަދި މިކަމުގެ ސަބަބުން ލުއިގޮތަކަށް މިކަން ހަމަޖެހިގެން ދިޔުމުން، ވަރަށްބޮޑު ފަސޭހައެއްވާނެ. މިއީ، ސޯޝަލް ހައުސިންގ ކެޓަގަރީގައި ހިންގޭ މަޝްރޫޢަކަށްވާތީ، ކޮންމެ މަހަކު އަނބުރާ ދައްކަންޖެހޭނީ، ވަރަށް ކުޑަ އެއްޗެއް. މިހާރު އެކަމަށްވެސް އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތުގެ ތެރެއިން، ކުރިން އަޅާފައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓުގެ އަގުތައްވެސް އޮންނާނީ ކުޑަކޮށްދީފައި. އެ ނިސްބަތުން މި ޔުނިޓުތައްވެސް ލިބޭނީ. މަހުން މަހުން ދައްކަންޖެހޭ އަގު، ވަރަށްވަރަށް އެފޯޑަބަލް ވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހައުސިންގ ނީޑުގެ ވަރަށް ބޮޑު ޙައްލެއް މިކަމުން އަންނާނެ ކަމެއް މި ކަމަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު މިގޮތަށް ގެންދެވޭނެ.

އަޅުގަނޑު އުންމީދުކުރަން ކައުންސިލާއި އެޗް.ޑީ.ސީ.އާއި، އަދި ހައުސިންގ މިނިސްޓްރީއާ އެކީގައި، މި ދެންނެވި ގޮތަށް މި 700 ޔުނިޓް އަޅަން ބޭނުންވާ ފަރާތްތައް، ވީ އެންމެ އަވަހަކަށް އައިޑެންޓިފައި ކޮށްދީ، ނިންމައިދޭނެ ކަމަށް.


އާދެ، އޭގެއިތުރަށް، ދެން އަޅުގަނޑުމެން މި ސޮއިކުރި ކޮމްޕްލެކްސް، ސްޕޯޓްސް ކޮމްޕްލެކްސް، މިއީ މި ސިޓީގެ ތަރައްޤީއަށް، ޚާއްޞަކޮށް، ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް. އަޅުގަނޑު ވަޢުދުވީ ކަމެއް. ސްޕޯޓްސް ކޮމްޕްލެކްސްގެ ތެރޭގައި، ގާތްގަނޑަކަށް އިންޑޯކޮށް ކުޅެވޭ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، އިންޑޯ ކުޅިވަރުތަކުގެ ގޮތުގައި ކުޅެވޭ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، ކޮމްޕްލެކްސް ޑިޒައިންކޮށްފައި ހުންނާނީ. އަދި އިތުރު ފެސިލިޓީޒްތައްވެސް އޭގައި ހިމެނޭގޮތަށް. އަދި ކުޅިބަލާ މީހުންނަށް 1200 މީހުންގެ ކެޕޭސިޓީގެ ކުޅިބަލާ ޖާގަވެސް، މާލޭގައި ސޯޝަލް ސެންޓަރު ކަހަލަ ގޮތަކަށް އެ ކޮންސެޕްޓް މި އޮންނަނީ.

އެހެންވީމާ، އެގޮތަށް އެޅޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް މިއީ. މި ކޮމްޕްލެކްސް މި އަޅަނީ، ވަރަށް މަދު ރަށްތަކެއްގައި. އެކަމުގެ ނީޑް އަދި އޭގެ ޕޮޓެންޝަލް އޮތް، އަދި އޭގެ ބޭނުން އެންމެ ބޮޑަށް އޮންނާނެ ކަހަލަ ރަށްރަށް ބަލާފައި، ސިޓީތައް ބަލާފައި މި އަޅަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވަރަށް ބާރު ސްޕީޑްގައި ފެށިގެން ގެންގޮސް ނުހުއްޓި، ވަރަށްވަރަށް ހަލުވިކަމާއެކީގައި ގެންގޮސް ނިންމާލަދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އިރާދަކުރެއްވިއްޔާ، މިދެ މަޝްރޫޢު މިގޮތަށް ގެންދެވޭނެ.

އަދި މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން މަސައްކަތް ފެށްޓި، ނޫނީވިއްޔާ މަސައްކަތް އިފްތިތާޙުކުރި މަޝްރޫޢުތައްވެސް އެގޮތަށް ކުރިއަށްދާނެ. އޭގެތެރޭގައި އެއް މަޝްރޫޢަކީ، އެއަރޕޯޓަށް ގެންނަން އަޅުގަނޑު ވަޢުދުވި ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް އެމް.އޭ.ސީ.އެލް.އިން އެ ފަށާ މަސައްކަތް. އެ މަސައްކަތަކީ އިރާދަކުރެއްވިއްޔާ، ޓަރމިނަލްއާއި އަދި އިތުރު ކަންކަމަށް ބޭނުންޖެހިފައި ހުރި ހުރިހާ ކަމެއް ހިމެނޭގޮތަށް، ސްކޯޕް ކުރެވިފައި އޮތް މަޝްރޫޢެއް.

ހަމަ އެގޮތަށް، ދެން އަޅުގަނޑުމެން މިއަދު މި ފެށި ޕޯޓުގައި، މާދަމާއިން ފެށިގެންވެސް އެ ޚިދުމަތްތައް ލިބިގެންދާގޮތަށް މި އިތުރުކުރި ޚިދުމަތްތަކާއެކު، އަދި ޕޯޓާ ވިދިގެން، ބައެއް މަސައްކަތްތަކަށް އިތުރަށް ބިން ބޭނުންވޭ. އަޅުގަނޑަށް ޔަޤީން، ސިޓީ ކައުންސިލުން އެކަން ހަމަޖައްސައިދެއްވާނެ ޕޯޓަށް. ހަމަޖައްސައިދެވުނީމާ އަދި އިތުރަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ފުލް ސްކޭލްގައި މި ޕޯޓުގެ ކަންތައްތައް ހަމަޖެހިގެންދާނެ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ މިއަދު ފެށިގެން މިދިޔަގޮތަށް ދާނެ.

ހަމަ އެގޮތަށް، އަޅުގަނޑު ވަޢުދުވީ އަނެއްކަންތައް، ވޭސްޓް މެނޭޖްމަންޓް. ފުރިހަމަ ސްޓޭޓް އޮފް ދި އާޓް، ވޭސްޓް މެނޭޖްމަންޓް މަރުކަޒެއް ހަދާނެ ވާހަކަ. އެކަމަށް ބަޖެޓުގެ ހުރިހާ ކަމެއް ހަމަޖެހި، ވަސީލަތްތައް ހަމަޖެހިގެން މަސައްކަތް މިއަދު މި ފެށީ. އެހެންވީމާ، އެއީވެސް އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ކުރިއެރުމެއް މި ސިޓީއަށް، އަދި މި ސަރަޙައްދަށްވެސް އެއިން ބޭނުންހިފޭނެ ތަނަކަށްވާނެ. ހަމަ އެގޮތަށް، އަޅުގަނޑު ވަޢުދުވީ އަނެއް މަޝްރޫޢު، މި ތަނުގައި އިތުރު ބުރާންޗެއް ޤާއިމުކުރުމަށްޓަކައި، މިއަދު މިފެށި މަސައްކަތްވެސް އެ ހިމެނެނީ.

އާދެ، އަޅުގަނޑު އިތުރު ކަންކަންވެސް ދަންނަވާލާނަން ކުޅިވަރުގެ ދާއިރާއިން. ކުޅިވަރުގެ ދާއިރާގައި، އެންމެ މުހިންމު، ވަރަށް ލަސްވެފައި އޮތް ކަމަކީ، ސިންތެޓިކް ޓްރެކްގެ މަޝްރޫޢު. މި މަޝްރޫޢަކީ އެކިކަހަލަ ފަންޑުތަކާ ގުޅުވައިގެން، އެކިފަހަރު މަސައްކަތް ކުރެވިފައި އޮތް ކަމެއް. އަޅުގަނޑުމެން މިހާރު ނިންމައިފިން، ސަރުކާރުން އެގޮތަށް މި ދިގުލައިގެންދިޔަ ނުދޭން.

އެހެންވީމާ، މިހާރު ފިނޭންސް މިނިސްޓްރީން އެކަމަށްޓަކައި މަގުތަކެއް ފަހިކޮށް، އިރާދަކުރެއްވިއްޔާ، އެންމެ ލަސްވެގެންވެސް މި އަހަރުގެ ތެރޭގައި، މި އަހަރު ނިމުމުގެ ކުރީގައި، ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ލަސްވެގެންވެސް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ސިޓީގައި ފަށައިދޭނަން. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާ އެ ޕްރޮޖެކްޓް ކުރިއަށްދިޔައިމާ، އެތްލެޓިކްސްގެ ދާއިރާއިން ފެންނާނެ. އަދި މި ދާއިރާގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.

އާދެ، ކުޅިވަރުގެ ވާހަކަ ދައްކާއިރުގައި، ވަރަށް ތާރީޚީ ކަމެއްވެސް މި ސިޓީއަށް ޚާއްޞަވެގެން އެބަ ލިބޭ. މި އަންނަ މަހުގެ 18 ވަނަ ދުވަހު އެ ފެށިގެންދަނީ، ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޓޯރނަމަންޓް. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ރާއްޖޭގެ ރަށެއްގައި މިގޮތަށް، މިހާބޮޑު އިންޓަރނޭޝަނަލް މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރު. މިއީ ޙަޤީޤަތުގައި ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް. ކޮމަންވެލްތުގެ ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވޭކަން. ސަރުކާރުން ވަރަށް ބޮޑު ހޭދައެއް މިކަމަށްކޮށް، ވަރަށް އިސްކަމެއްދީގެން، ހޭންޑްބޯލް އެސޯސިއޭޝަނާ އެކީގައި ކުރެވުނު މަސައްކަތުން މިކަން ހަމަޖެހިގެންގޮސް، މިހާރު އިންތިޒާމުތަކުގެ ކަންތައްތަކުގައިވެސް ކައުންސިލުން އެބަ އެހީތެރިކަން ދެއްވާ.

މިތަނުގައި ދާއިމަށް ހުންނާނެ ގޮތަށް އަޅުގަނޑުމެން އެބަ ޤާއިމުކުރަން، ހިޔާގަނޑުލާފައި ހުންނަގޮތަށް، ކުޅިބަލަން ތިބެވޭ ސިޑިބަރި. ގާތްގަނޑަކަށް 500 މީހުންނަށް، އަދި 100 ވީ.އައި.ޕީ. ސީޓުވެސް ހިމެނޭހެން. ދާއިމަށް މިތަނުގައި، މި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޙަޤީޤަތުގައި މިއިން ޤާއިމުވެގެން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ވެގެންދާނެ، ހޭންޑްބޯލް ކުރިއަރުވާ، ބީޗް ހޭންޑްބޯލް ކުރިއަރުވަން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް. އެހެންވީމާ، ހޭންޑްބޯލް ކުޅުމުގައި އުޅޭ ހުރިހާ ފަރާތްތަކަށް، މިކަމުގެ މުނާސަބަތުގައި އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

ހޭންޑްބޯލްގެ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާލަން ބޭނުން، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި ކޮމްޕްލެކްސްގެ ތެރޭގައި އަޅުގަނޑު ދެންނެވިން، އިންޑޯ ހުރިހާ ކުޅިވަރުތަކެއް ކުޅެވޭނެއޭ. ހޭންޑްބޯލްވެސް ކުޅެވޭނެއޭ. އެކަމަކު އެ މަޝްރޫޢު ނިމެންދެން އަޅުގަނޑުމެން މަޑުނުކޮށް، ޑުވަލް ސްޕޯޓްސް، ފުޓްސަލްއާއި، ހޭންޑްބޯލްއާ، ދެ ކުޅިވަރު ކުޅެވޭގޮތަށް، އިތުރު ދަނޑެއް މި ސިޓީގައި މި އަހަރުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފަށައިދޭނަން.

އަޅުގަނޑު އުންމީދުކުރަނީ، އޭގެ ސަބަބުން ޚާއްޞަކޮށް، އަންހެން ކުޅުންތެރިންނަށް ވަރަށް ބޮޑު ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް. މިހާރު ހިނގަމުންދާ އަދި ބޭނުންކުރާ ފުޓްބޯޅަ ދަނޑުތަކުގައިވެސް ނިންމަން ހުރި ހުރިހާ ކަމެއްވެސް އެއީ، ބައެއް ފުޓްބޯޅަ ދަނޑުތަކުގައި ރޮސްޓްރަމް، އަދި ލައިޓް، ފެންސް، މިހެންހުރި ކަންކަން ކުރަން އެބަހުރި. އެ ހުރިހާ މަސައްކަތްތަކެއްވެސް މި އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ޢަމަލީގޮތުން ކޮށް ނިންމައިދޭނަން.

އެހެންވީމާ، ސްޕޯޓްސް މިނިސްޓްރީން ވަރަށް ގާތުން އެގެންދަނީ އެކަންކަމަށް، ކަންކަން ފުރިހަމަކުރަމުން. އިރާދަކުރެއްވިއްޔާ ކުޅިވަރުގެ ދާއިރާއަށް އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ ތެރެއިން، ގިނަ ކަންކަން މި އަހަރުގެ ތެރޭގައި ނިމި އަދި ގިނަ ކަންކަން ފެށިގެން މިދަނީ.

ކުޅިވަރުގެ ތެރޭގައި ހިމެނޭ ރޭސިންގވެސް. އަޅުގަނޑުމެން މިއަދު މި ފެށި ތިންވަނަ ފޭސް، މަގުހެދުމުގެ ތިންވަނަ ފޭސްގެ މަސައްކަތް. ދެން ބައެއް ފަރާތްތަކުން ވިދާޅުވެދާނެ، ދެވަނަ ފޭސް ނުނިންމައި، ކީއްކުރަންހޭ ތިންވަނަ ފޭސް ފަށަނީ. ދެވަނަ ފޭސްގެ ތާރުއެޅުމުގެ މަސައްކަތް އެވަނީ ހަމަޖެހިފައި. ފިނޭންސް މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް، އެ ފަރާތުގެ ޕޭމަންޓްގެ ކަންތައްވެސް ހަމަޖައްސައިދީފައި މިހާރު އެވަނީ. އެހެންވީމާ، އޭގެ އެއްވެސް އިޝޫއެއް ނެތް.

އެހެންވީމާ، ތިންވަނަ ފޭސްގައި، އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނޭ ސްކޯޕަށް، މިހާރު އެވަނީ ހަވާލުކޮށްފައި. އެހެންނަމަވެސް، އެ ފޭސް ނިމިގެންދާނީ، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އިތުރަށް ފައިސާ ހިމެނި، އަޅުގަނޑު ވަޢުދުވީގޮތަށް، މި ސިޓީގެ ހުރިހާ މަގެއް ހަދައި ނިމިގެން. ހުރިހާ މަގެއް މި ފޭސްގެ ތެރެއިން ހަދައި ނިމޭނެކަމުގެ ޔަޤީންކަން ދެން.

ދެން މީގެތެރޭގައި، ބައެއް މަގުތައް އަޅުގަނޑު ވަޢުދުވީގޮތަށް، މަދު ބައެއް މަގުތައް އަޅުގަނޑުމެން ކައުންސިލާވެސް އަދި ކަމާބެހޭ ރޭސިންގ ކަންތަކުގައި އުޅޭ ކުދިންނާވެސް، ފަރާތްތަކާވެސް މަޝްވަރާކޮށްގެން އަޅުގަނޑުމެން ކަނޑައަޅާނަން، އެ ޑިޒައިން، އެ ސްޓްރެންތް، ނޫނީވިއްޔާ އެ ޑިޒައިން ކުރެވިގެންދާ ދިޔުމުގައި، ރޭސިންގއަށް ބޭނުންކުރެވޭ ގޮތަށް. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ޕްލޭންގައި އޮތް ވާހަކަ ހަނދާންނުނެތޭކަން، އަދި އެކަން ކުރަން ނިންމާފައި އޮތްކަން ޔަޤީންކޮށްދިނުމުގެ ގޮތުން މި ދަންނަވާލީ.

އާދެ، ދެން އަޅުގަނޑު ތަޢުލީމީ ދާއިރާގައި، މިހާރު ހިނގަމުންދާ، ލަސްވެފައިވާ، ތިން މަޝްރޫޢެއްގެ ވާހަކަ ދަންނަވާލާނަން. މީގެ ބައެއް މަޝްރޫޢުތައް އަދި ވަރަށް ލަސްކޮށް ދަނީ. މީގައި ގިނަފަހަރަށް ވާގޮތަކީ، ފައިސާގެ މައްސަލަ ދިމާވަނީ. މިއިން އެއްވެސް މަޝްރޫޢެއްގެ ޕޭމަންޓް ޑިލޭވެ، އެކަހަލަ ކަމެއް ވެގެނެއްނޫން މިދަނީކީއެއް. އެހެންވީމާ، އެޑިޔުކޭޝަން މިނިސްޓްރީ އަދި ކަމާބެހޭ ކޮންޓްރެކްޓަރުންނާ އަޅުގަނޑުމެންނާ ވާހަކަ ދެކެވިގެން ދާނީ. އަދި ފިނޭންސް މިނިސްޓްރީން ވަރަށް ގާތުން މި ތިން މަޝްރޫޢު ނިންމުމަށްޓަކައި، ފައިސާއާ ގުޅޭގޮތުން އިތުރު ކަންތައްތަކެއް ކޮށްދޭންޖެހޭނަމަވެސް، ވަރަށް ގާތުން ކޮށްދޭނެ.

އެހެންވީމާ، ޖުމްލަކޮށް މި ތަޢުލީމީ ދާއިރާގައި ހިނގާ ހުރިހާ މަޝްރޫޢުތަކެއް، މި އަހަރުގެ ތެރޭގައި ނިންމައިދީ، ދިރާސީ އާ އަހަރު ފެށޭއިރުގައި، އެ ތަންތަނުގެ ބޭނުންކުރެވޭނެ ގޮތަށް ހަމަޖެހޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ދެން އޭގެތެރޭގައި، ސެން ކްލާހާއި، ހުރިހާ ކަމެއްވެސް ހިމެނިގެންދާނެ. ޖުމްލަކޮށް ތަޢުލީމީ ދާއިރާގެ ހުރިހާ ކަމެއް އެގޮތަށް ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

ދެން އަޅުގަނޑު ފާހަގަކޮށްލަން ޞިއްޙީ ދާއިރާ. މިއީ އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި، ނޫނީވިއްޔާ އަޅުގަނޑުމެން އިޢުލާނުކޮށްފައި އޮތް، ތަރައްޤީގެ ޕްލޭންގައި، ނޮދަން އިންޓަރ ގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ މަރުކަޒު. އެހެންވީމާ، އަރބަން ސެންޓަރ ކެޓަގަރީގެ ތެރެއިންވެސް އެންމެ މަތީ ފަންތީގެ ރަށް. ނުވަތަ އުތުރުން ސިޓީ. އެހެންވީމާ، މިތަނުގައި ހުންނާނީ ޓާޝަރީ ހޮސްޕިޓަލެއް ކަމަށް އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި. ޓާޝަރީ ލެވެލްއަށް ޑިވެލޮޕްކުރަން ޖެހޭނެކަން އެއީ، އަޅުގަނޑުމެން ކަނޑައަޅައި، އިޢުލާނު ކުރެވިފައި އޮތް ސިޔާސަތު.

އެހެންވީމާ، އެކަމަށް ބޭނުންވާ ކަންތައްތައް މިހާރު އެވަނީ ފެށިފައި. 10 ބުރީގެ އިމާރާތެއް ހުރިހާ ޚިދުމަތްތަކެއް، ކެތުލެބާއި ހުރިހާ ފެސިލިޓީޒްއެއް ހިމެނޭގޮތަށް، ބޭނުންވާ އިމާރާތް ޑިޒައިންކުރަން، ދާދިފަހުން އަޅުގަނޑުމެން ބަޔަކު ހޮވައި ހަވާލުކޮށްފިން. އެ މަސައްކަތް ނިމޭއިރުގައި އޮންނާނީ، ޑީޓެއިލް ޑިޒައިން ޓެންޑަރަށް ބޭނުންވާގޮތަށް ހަދައި ނިމިފައި. މިއީ މީގައި ބަޖެޓް އިޝޫއެއްވެސް އޮތް ކަމެއްނޫން. އެހެންވީމާ، ބަޖެޓް އިޝޫއެއް ނެތީމާ، ނިމޭތަނުން، މަސައްކަތް ބަޔަކު ބިޑްކޮށްގެން، ޓެންޑަރކޮށްގެން ހޯދައި އަޅުގަނޑުމެން ހަވާލުކުރާނަން. މި ޕްރޮސެސް އޮތީ ކުރިއަށް.

އެހެންވީމާ، ޓާޝަރީ ހޮސްޕިޓަލުގެ ތެރޭގައި ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ވަރަށް ސްމޫތުކޮށް އެބަ ކުރިއަށްދޭ. ދެން އޭގެކުރިން މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް މިހާރު ހުރި ޖާގައިގެ ތެރެއަށް އިތުރުކުރެވޭނެ ފެސިލިޓީޒް ހުރިތޯ ބެލުމުގެ ކަންތައް، ހޮސްޕިޓަލާއި، ހެލްތު މިނިސްޓްރީއާ ގުޅިގެން، އެގެންދަނީ ކުރިއަށް. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް އަރުވަން.

އާދެ، ހަމައެއާއެކީގައި، އަޅުގަނޑު ދެން ބައެއް އިތުރު ކަންކަމުގެ މަޢުލޫމާތުވެސް އަރުވާނަން. އަޅުގަނޑު ޙަޤީޤަތުގައި މިރޭ އެންމެ އިސްކަމެއް މިދެނީ، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ ކަންކަން މިހާރު ދާގޮތް އެންމެ ފުރަތަމަ ކިޔައިދިނުމަށް.

އާދެ، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓްކުރާ ކަންކަމުގެ ތެރޭގައި އެއްކަމަކީ، މި ސިޓީގައި އިސްލާމީ މަރުކަޒެއް އެޅުން. އެކަމަށް މިހާރުވަނީ ބަޖެޓް ކުރެވިފައި. އިރާދަކުރެއްވިއްޔާ، އިސްލާމިކް ސެންޓަރެއްގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އެ ޔަޤީންކަން ދެން.

އާދެ، އަޅުގަނޑު އިތުރު ބައެއް ކަންކަންވެސް ދަންނަވާލާނަން. އާދެ، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން. އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން އަޅުގަނޑު ވެފައިހުރި ވަޢުދަތަކަށް ބަލާއިރުގައި، އެއަރޕޯޓުގެ ޑިވެލޮޕްމަންޓް އޮފްކޯޒް އެއީ، އެންމެ މުހިންމު އެއް ކަންތައް. އެއަރޕޯޓާ އިންވެގެން އޮތް ސަރަޙައްދުގައި، އިޤްތިޞާދީ ފުރިހަމަ ބޭނުމެއް ހިފޭނެގޮތް ހަދަން އިންވެސްޓަރުންނަށް ހުޅުވާލައިދޭނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަމަށް އިކޮނޮމިކް މިނިސްޓްރީން އެވަނީ ފުރިހަމައަށް ތައްޔާރުވެފައި. އަޅުގަނޑު އުންމީދުކުރަން، އިކޮނޮމިކް މިނިސްޓްރީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން، ސިޓީ ކައުންސިލުން އެ ބިން ބޭނުންކުރުމަށް ދެއްވާނެ ކަމަށް. އެކަން ހަމަޖެހުނުހާ އަވަހަކަށް، އަޅުގަނޑުމެން އެތަނަށް އިންވެސްޓް ކުރުމަށް، ސިޓީ ހޮޓަލެއް ޤާއިމުކުރުމަށް ހުޅުވާލާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން، މި ސިޓީގައި ސިޓީ ހޮޓަލެއް އެޅިގެންދިޔައީމަ، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.

އޭގެއިތުރަށް، މިތާ ކައިރީގައި އޮތް ކޭލަކުނު، އިކޯ ޓޫރިޒަމް ޑެސްޓިނޭޝަނެއް ގޮތުގައި ތަރައްޤީކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. މިހާރު އެކަން ކުރުމަށް އެވަނީ އެމް.ޓީ.ޑީ.ސީ.އާ ހަވާލުކުރެވިފައި. އެމް.ޓީ.ޑީ.ސީ.ގެ ފަރާތުން އެތަނަށް ބޭނުންވާ ހުރިހާ ޕޭޕަރ ވަރކެއް ނިންމައިފި. ޑިޒައިނިންގއާ ހުރިހާ ކަމެއް. އަދި، އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި، ފައިނޭންސިންގ ހަމަޖެހިފައި އޮތް ކަމެއް. އެމް.ޓީ.ޑީ.ސީ.އިން އެ މަޝްރޫޢު ކުރިއަށް ގެންދާނެ. ކޭލަކުނުގެ އިކޯ ޓޫރިޒަމް މަޝްރޫޢު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން، އެކަމުގައި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ.

އަޅުގަނޑުމެން އިއްޔެ ވާނީ ނާގޯށީގެ މަސައްކަތް ރަސްމީކޮށް ފަށާފައި. އެއީ، ވަރަށް ގިނަދުވަސް ވެފައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ސަތާރަވަރަކަށް އަހަރުވެފައި އޮތް މަޝްރޫޢެއް. އެކި ގޮތްގޮތަށްގޮސް ހުއްޓި، ފަށައި، އަނެއްކާ ހުއްޓި، އަނެއްކާ ފަށައި، މިކަހަލަ ގޮތަކަށް ގޮސް، މިހާރު ސަރުކާރުން ވަރަށް އިސްކަމެއްދީގެން ފިނޭންސް މިނިސްޓްރީގެ ވަރަށް ބޮޑު ޔަޤީންކަމަކާ އެކީގައި، ބޭންކް އޮފް މޯލްޑިވްސްއިން އެވަނީ، އެމް.ޓީ.ޑީ.ސީ.އަށް އެ ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ފައިނޭންސިންގއެއް ސެކިއޮރ ކޮށްދީފައި. މިހާރު، އިއްޔެ މި ފެށިގެންދިޔަ މަސައްކަތަކީ، ފައިނޭންޝަލް އެއްވެސް އިޝޫއެއްނެތި، މިހާރު ބާރަށް ދާނެ މަޝްރޫޢެއް. އެ ބޭފުޅުން އެ ޔަޤީންކަން ދެއްވަނީ، މިހާރު އެ ކަނޑައަޅާފައި އޮތް ފުރަތަމަ ފޭސްގެ ތެރޭގައި ހިމަނާފައި ހުރި ހުރިހާ ވިލާތަކާއި، ހުރިހާ ކަމެއް ނިންމައި، މި އަންނަ އަހަރުގެ ނިޔަލަށް، ޓޫރިސްޓުންނަށް ހުޅުވާލެވޭނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށް ނިމިގެންދާއިރުގައި، މި އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އިރާދަކުރެއްވިއްޔާ މިއީ ފެށުމެއް.

މިހާރު އަޅުގަނޑުމެން ވާނެ ވަރަށް ބޮޑެތި އިންސެންޓިވްތަކާއެކީގައި، ލުއިތަކާއެކީގައި އިންވެސްޓަރުންނަށް، މި އަތޮޅުގެ އެކިއެކި ފަޅުތަކުން ބައިތައްވެސް އިޢުލާނުކޮށްފައި. ގާތްގަނޑަކަށް 10 ބަޔަށް، ފަޅުތަކުގެ ތެރެއިން ބައެއް ބައި ހިމެނޭގޮތަށް. ބައެއް ރަށްތައް ހިމެނޭހެން، އަޅުގަނޑު އިޢުލާނުކޮށްފިން. މި އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް، އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވައިލާފައި އެވަނީ. އެއީވެސް، މި އަތޮޅަށް ޓޫރިޒަމް ގެނައުމަށްޓަކައި، ޓޫރިޒަމް ފުޅާކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައެޅި ސިޔާސަތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ޓޫރިޒަމް އެންމެ މަދުން އޮތް، ނޫނީވިއްޔާ ނެތް އަތޮޅެއް ގޮތުގައި، މި ލޭބަލް ކުރެވިފައި އޮތް އޮތުން، ނިމުމަކަށް ގެނެސްދިނުމަށްޓަކައި މި ކުރެވޭ ކަންކަން ކާމިޔާބުވާނެ. އަޅުގަނޑުމެންނަށް މިކަމުގައި ފުރިހަމަ ޔަޤީންކަން އެބައޮތް. މިހާރު މި ފެށިގެންދާ ކަންކަމުގެ ތެރެއިންނާއި، އަދި މި ހުޅުވާލި ފުރުޞަތުތަކުގެ ތެރެއިން.

އެހެންވީމާ، މި އަތޮޅަށް، މި ސިޓީއާއި، މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޚާއްޞަކޮށް، މި ޓޫރިޒަމް ސެކްޓަރގެ ތެރޭގައި އުޅޭ ފަރާތްތަކަށްވެސް، އަދި ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް، އަޅުގަނޑުމެން މިދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އެ މާޒީގައި މިދިޔަ ހުރިހާ ދުވަސްތަކެއްގައި އެދިޔަގޮތް، އިރާދަކުރެއްވިއްޔާ ނިމުމަކަށް މި އަންނަނީއޭ. އޭރުން އެ ދުރުގައި އެހެން އަތޮޅުތަކުގައި ހުރި ރިޒޯޓުތަކަށް ގޮސް މަސައްކަތް ކުރަންޖެހޭ ކުރުން، ނިމުމަކަށް އައިސް، އަމިއްލަ ރަށް ކައިރީގައި، އަމިއްލަ އަތޮޅުގައި އޮންނަ ރިޒޯޓުތަކަށް އައުމަށް، މި ކުރަމުން އައި އިންތިޒާރު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ވަރަށް ގާތުގައި އޮތް ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، ޓޫރިޒަމާބެހޭ ވާހަކަ ދައްކާފައި، ދެން މަސްވެރިކަމުގެ ވާހަކަ ދައްކަންޖެހޭނީ. މަސްވެރިކަމާ ގުޅޭގޮތުން ފެށިފައި، ނޫނީވިއްޔާ ފަށަން ނިންމާފައި އޮތް، ނުހިނގާ އޮތް މަޝްރޫޢެއް، އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢެއް އެބައޮތް. މިއީ، ސަޢޫދީ ފަންޑުން ކޮންފަރމް ވެފައި އޮތް މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރު އެދަނީ ޓެންޑަރ ޕްރޮސެސް. އެ ނިމުނުހާ އަވަހަކަށް، ޢަމަލީ މަސައްކަތް ފެށޭނެ ކަމެއް އެއީ.

އާދެ، މަސްވެރިކަމުގެ ދާއިރާއަށް އިތުރު ވަރަށް މުހިންމު ވާހަކައެއް އަޅުގަނޑު ދަންނަވާލަން ބޭނުން. މި ސިޓީގެ ރައްޔިތުންނަކީ ޚާއްޞަކޮށް، މީގެ ކުރީގެ ދުވަސްތަކެއްގައި، ކުރީގެ ޒަމާނެއްގައި، ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމްދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް، ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއި، އަދި ބައެއް އެހެން ކަންކަމާހެދި އެކަންވަނީ ހުއްޓިފައި. އަޅުގަނޑުމެން މިހާރު، ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާ ވާހަކަ ދައްކައި، އަދި ގަވާއިދުތަކާ އެއްޗެހި ބަލައި، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން، އަދި ކުރަމުން މިދަނީ. މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. އެހެންވީމާ، މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން.

އެހެންވީމާ،މި މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކުން، އަލުން އެކަން ކުރުމުގެ ފުރުޞަތު 1 ނޮވެންބަރުން ފެށިގެން ލިބިގެންދާނެ. އެހެންވީމާ، އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް އަޅުގަނޑު ގޮވާލަން. އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެވުނީ. އިރާދަކުރެއްވިއްޔާ މިގޮތަށް މިކަން ދާނެ. ގަވާއިދުތަކާއި، ޕްލޭންތަކާއި، ހުރިހާ ކަމެއްގައި ސަރުކާރުން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މި ކުރަނީ. އެހެންވީމާ، އެ ތާރީޚުގައި އެ މަސްވެރިކަން ފެށުމަކީ، މިހާރު ތިޔަބޭފުޅުންނަށް ކުރެއްވޭނެ ކަމެއް. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެކަން ކުރެވޭނެ.

އާދެ، ސްކޫލެއްގައި މި ޖަލްސާ މި ބޭއްވެނީ. ސްކޫލްތަކުގައި އަޅުގަނޑުމެން އަބަދުވެސް މި ޖަލްސާ ބާއްވަނީ. އެންމެ އުނދަގޫ އެއްކަމަކީ ހޫނުވުން. ސްކޫލްތަކުގެ ކްލާސްރޫމްތައް ހޯލުތައް. އެހެންވީމާ، ސަރުކާރުން ނިންމީ އޭސީ ކޮށްދޭން. އަޅުގަނޑުމެން ކަނޑައެޅި ޓާގެޓާ އެއްގޮތަށް، އެ މަޝްރޫޢުގެ ކަންކަން އެބަ ހިނގާ. އޭސީތައް ބަލްކުކޮށް މި ގެންނަނީ. ހުރިހާ ރަށަކަށް، ހުރިހާ ކްލާހަށް ބޭނުންވާވަރަށް. ފުރަތަމަ ފިޔަވަހީގައި މި "ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ނަމުގައި މި ހިންގާ މަޝްރޫޢުގައި، ހުރިހާ ކްލާސްތަކެއް، އަދި ސްޓާފުން ބޭނުންކުރާ ރޫމްތައް މި އޭސީކޮށްދެނީ. މި އަހަރުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ކްލާސްރޫމްތަކެއް އަދި ޓީޗަރުން ބޭނުންކުރާ ރޫމްތައް އިރާދަކުރެއްވިއްޔާ އޭސީކޮށްދީ، ނިންމުމަށްޓަކައި ކަނޑައަޅާފައި އޮތް މަޝްރޫޢު، އެއްވެސް ކަހަލަ މައްސަލައެއް ނެތި، ބާރަށް ކުރިއަށް އެބަދޭ. އަދި އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި، ކަނޑައަޅާފައި އޮތްގޮތަށް، މިކަން ނިމިގެންދާނެ ކަމުގެ ޔަޤީންކަން، ހުރިހާ ބެލެނިވެރިންނަށާއި، ހުރިހާ ދަރިވަރުންނަށާއި، ޓީޗަރުންނަށާއި، ސްކޫލްތަކުގެ ހުރިހާ ބޭފުޅުންނަށް އަނެއްކާވެސް އަރުވަން.

ދެވަނަ ފިޔަވައްސެއްގެ ތެރޭގައި، މިގޮތަށް ހުންނަ ހޯލުތައް، މަލްޓި ޕަރޕަސް ހޯލުތަކާއި، މިކަހަލަ ތަންތަން އޭސީކުރަން ނިންމާފައި އޮތީ. އެހެންވީމާ، މުޅި ޕްރޮޖެކްޓަކީ، ދެ ފިޔަވަހި. ދެވަނަ ފިޔަވައްސެއްގައި ހޯލުތަކާއި، ސްކޫލްތަކުގައި މިހެން ހުންނަ ބޮޑެތި ތަންތަން އަޅުގަނޑުމެން އޭސީކުރާނަން. އެހެންވީމާ، ޖުމްލަކޮށް ބަލާނަމަ ސްކޫލްތަކުގެ ހުރިހާ ތަނެއް އޭސީކުރެވިގެންދާނެ. އަނެއްކާ، އޭސީކޮށްފައި، އަޅުގަނޑުމެން ސޯލަރ ޕަވަރ ބޭނުންކުރަން ނިންމާފައި މިވަނީވެސް. އެހެންވީމާ، އެކަންވެސް އެގޮތަށް ގެންދަން ނިންމާފައިވާ ވާހަކަ ދަންނަވަން. ކައުންސިލް އަދި މުއައްސަސާތަކާ އެކީގައި ބާއްވާ މީޓީންގތަކުގައި، އަދި ރައްޔިތުންގެ ފަރާތުންވެސް އެކަމުގެ މަޢުލޫމާތަށް ވަރަށް ގިނައިން އަހާ. މަޝްރޫޢު ދާގޮތާއި، ކިހިނެއްތޯ ދަނީ. ވަރަށް ގިނައިން އޮޅުންފިލުވާ ކަމެއް އެކަމަކީ.

ހަމައެއާއެކީގައި، އަޅުގަނޑު އިތުރު ކަމެއްވެސް ދަންނަވަލާނަން. ބައެއް ކައުންސިލްތަކާ އަޅުގަނޑުމެންނާ ބައްދަލުވާއިރުގައި، މި އަންނަ ސުވާލަކީ، ލާމަރުކަޒީ ނިޒާމު ޤާނޫނަށް މި ގެނައި އިޞްލާޙުގެ ސަބަބުން، ތިމަންނަމެނަށް ވަރަށް ދަތިވެއޭ އެބަ. އަޅުގަނޑު މިކަމާ ބެހޭގޮތުން ދޭ ޖަވާބު ދަންނަވާލާނަން. އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިޞްލާޙެއް ނުގެންނަމޭ. ލާމަރުކަޒީ ނިޒާމު އިރާދަކުރެއްވީތީ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އަޅުގަނޑުވެސް މިކަމުގެ ތެރޭގައި، ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އެކިފަހަރު، އެކިގޮތަށް އުޅެފައި މިހިރީ. އެންމެފަހުން މާލޭސިޓީގެ މޭޔަރެއް ގޮތުގައި އުޅުނީ. އުޅުނުއިރުގައި ކަންކަން ދިމާވިގޮތްވެސް ހަނދާން އެބަހުރި އަދިވެސް. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި އޭރުގައި އޮތް ސަރުކާރުން، މާލޭގައި އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް ނުދޭ. ލޭންޑް ޔޫސް ޕްލޭން ހަދާފައި، ހުށަހަޅައިގެން، އަހަރުދުވަސްވީއިރުވެސް ފާސްކޮށްނުދޭ. ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހަދަންވެގެން ހުށަހެޅީމަ، އަޅުގަނޑު އެ މަގާމުން ވަކިވީއިރުގައިވެސް އޮތީ ހުއްދަ ނުލިބި. އެހެންވީމާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ސަރުކާރަކުން ކަންކަމަށް ހުރަސްއަޅަންޏާ އަޅާގޮތާއި، އެޅީމަ ވާ ދަތި އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. މި ސަރުކާރަކުންނެއް އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑުގެ ޢަޒުމެއް އެއީ، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކޮށްދިނުން.

އެހެންވީމާ، މި ހުރިހާ ކުރިއެރުންތަކެއް މި ގެނެސްދެނީ. މިސާލަކަށް، ޑަބްލިޔު.ޑީ.ސީ.ތައް، ޑަބްލިޔު.ޑީ.ސީ.ތަކަށް އަޅުގަނޑުމެން މިހާރު ޤާނޫނު އިޞްލާޙުކޮށްދީގެން މިވަނީ، ރޯދަމަހުގެ ޢިނާޔަތްވެސް ލިބޭގޮތަށާއި، އަދި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވަނީ މުސާރައެއް ކަމުގައިނުވިޔަސް، އެ ދަރަޖަދީގެން، ދެން މުސާރަ ލިބޭ ފަރާތްތަކަށް އޮންނަ ޙައްޤުތައްވެސް ޤާނޫނުތަކުގެ ތެރެއިން ހޯދައިދީފައިވާނީ. ވިހެއުމުގެ ޗުއްޓީއާއި، މިހެން ހުންނަ ހުރިހާ ކަމެއްވެސް އަދި ބޭންކްތަކަށް ލޯނަށް އެދުމާއި، މިހުރިހާ ފެސިލިޓީއެއްވެސް، އަޅުގަނޑުމެން މިއޮތީ ފަހިކޮށްދީފައި.

ހަމަ އެގޮތަށް، ކައުންސިލްތަކުގެ އިމާރާތްތައް ނެތިފައި، ނޫނީވިއްޔާ ހަލާކުވެފައި ހުރި އިމާރާތްތައް ހުރިހުރުން ބަދަލުކުރުމަށްޓަކައި، ދެ މަޝްރޫޢެއްގެ ތެރެއިން، 105 ރަށެއްގެ ކައުންސިލް އިމާރާތް އަޅައިދިނުމުގެ މަސައްކަތް މިއޮތީ ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމައި، އަދި މަސައްކަތް ފެށިފައި. އޭގެތެރެއިން އެއް މަޝްރޫޢަކީ، ޗައިނާގެ ހިލޭއެހީގައި ދާ މަޝްރޫޢެއް. އެހެންވީމާ، އޭގައިވެސް ފައިނޭންޝަލް އިޝޫއެއް ނެތް. އޭގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. މިހާރު ދަނީ އޭގެ ޕްރީ ފީޒިބިލިޓީއާއި، ދެން މިހެން ހުންނަ ޕްރީ ސްޓޭޖަސްތައް. ދެން، ސަރުކާރުގެ ބަޖެޓުން ހިނގާ މަޝްރޫޢުގެ މަސައްކަތް މިހާރު އެ ފެށުނީ.

އެހެންވީމާ، ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށް ގިނަ ކަންކަން މި ކުރަނީ. ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށްޓަކައި، އަޅުގަނޑު މި އަންނަނީ، ސަރުކާރުގެ ކަމާބެހޭ މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިން ގޮވައިގެން، ސީދާ ކައުންސިލްތައް ގާތަށް. މާލެއަކަށް ނުގެންދަން ކައުންސިލްތަކެއް. މާލެއަކަށް އަޅުގަނޑު ބޭނުމެއްނޫން ގެންނާކަށެއް. އަޅުގަނޑު ބޭނުންވަނީ، ކައުންސިލްތަކާއި، ރައްޔިތުން ގާތަށް އަންނަން. އެއްބުރު ނިމި، މިހާރު ދެވަނަބުރަށް 73 ކައުންސިލާ ބައްދަލުވެއްޖެ، ދެވަނަބުރަށް. މިރޭ މި ޖަލްސާއަށްފަހު، މި ސިޓީ ކައުންސިލާ ބައްދަލުވީމަ، 74 ވަނަ ކައުންސިލާ އެ ބައްދަލުވީ. ދެވަނަބުރު މިދަނީ މިހާރު.

އެހެންވީމާ، ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހު ތެރޭގައި ދާންކަމަށް މިއުޅެނީ. ގޮސް ނިންމަން ކަމަށް. އޭރުން ދެ ބުރަށް ހުރިހާ ކައުންސިލަކާވެސް ބައްދަލުވީ. އަދި ޑަބްލިޔު.ޑީ.ސީ.ތަކާވެސް ބައްދަލުވީ. އެހެންވީމާ، ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކޮށްދީ، ގުޑް ގަވަރނަންސެއް އެސްޓެބްލިޝް ކޮށްދީ، ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން ހިންގަން މި ނިންމީ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލާއެކީގައި ހަދާފައި އޮންނަ ތަރައްޤީގެ ޕްލޭނާއި، ފާސްކޮށްފައި އޮންނަ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމެއް ކުރަން ހުށަހަޅައިފިއްޔާ، އެއްވެސް ހުރަހެއްނެތި ހުއްދަ ލިބޭނެ. އެއިން ބޭރުން ކަމެއް ހުށަހަޅައިފިއްޔާ، ސަރުކާރުން ބަލާނެ، ސަރުކާރުގެ ސިޔާސަތާ ދިމާވޭތޯ. އަޅުގަނޑުގެ ވަޢުދުތަކާ ދިމާވޭތޯ. މިއީ، ޤާނޫނުގައި އޮންނަ ގޮތް. ސަރުކާރުގެ ސިޔާސަތާ ދިމާވޭތޯ ބަލާފައި ހުއްދަދޭނަން. އެއްވެސް ކަމެއް ނުހިފަހައްޓާނަން. އަދި ވަޒީފާއަކަށް މީހަކު ނަގަންވިޔަސް، ފާސްކޮށްފައި، އޮނިގަނޑާ އެއްގޮތަށް، އަދި ބަޖެޓް ހަމަޖެހިފައި އޮވެއްޖިއްޔާ، ހުށަހެޅީމަ، ބަލާފައި ހުއްދަ ދޭނަން. އެހެންވީމާ، އެއްވެސް ކައުންސިލަކުން، އެ ވިދާޅުވާ އެއްޗެއް އަޅުގަނޑަކަށެއް ގަބޫލެއްނުކުރެވޭ، އެއީ، އެއްގޮތަކަށްވެސް ޙަޤީޤަތާ އެއްގޮތަށް ވިދާޅުވެވޭ ވާހަކައެއް ކަމަކަށް. ވަރަށް ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަމުން، އިތުރަށް ވަރުގަދަކުރަމުން މިދަނީ. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އޭރުގެ ސަރުކާރުން އެ ކުރިމަތިކުރި ޖެއްސުންތަކާއި، ހުރަސްތަކާއި، އެކަންކަން އަޅުގަނޑު މިހިރީ ޢަޒުމް ކަނޑައަޅައިގެން، އަޅުގަނޑުމެންގެ ސަރުކާރަކުން އެއްވެސް ކައުންސިލަކާ ދިމާވިޔަނުދޭން. އެހެންވީމާ، އެއްވެސް ބޭފުޅަކަށް އެހެން ވިދާޅުވުމުގެ ފުރުޞަތެއް ނުލިބޭނެ.

އަނެއްކާ މިދަނީ އެތައް ރަށަކަށް، އެ ރަށެއްގެ ރައްޔިތުންނަށް އިޤްތިޞާދީ ފައިދާ ހޯދައިދިނުމަށްޓަކައި، ކައިރީގައި އޮންނަ ފަޅުފަޅާއި، ރަށްރަށް ދެމުން. އިޚްތިޞާޞަށް ލެވޭހާ ކައިރީގައި އޮވެއްޖިއްޔާ، އިޚްތިޞާޞަށް ލައިދެމުން. އެއަށްވުރެ ދުރުގައި އޮވެއްޖިއްޔާ، ރަށުގެ ބައެއްގޮތުގައި ހަދައިދެމުން. އެތައް ރަށެއް މިހާރުވެސް ހަދައިދެވިއްޖެ. އެތައް ފަޅެއް ދެވިއްޖެ. އެހެންވީމާ، ކައުންސިލްތަކުގެ އަތްމަތީގައޭ މިހާރު އޮތީ، ކަންކަން ކުރުން. ބޯޅައޮތީ ކައުންސިލްގެ ކޯޓުގައޭ މިހާރު. އެތައް ރަށަކަށް ދެވިއްޖެއޭ، ކައުންސިލްތަކަށް ދެވިއްޖެއޭ ރަށްރަށް. އެހެންވީމާ، އެކަން ކުރައްވަންވީ މިހާރު. މި ރަށުގެ ކައުންސިލާވެސް ހަވާލުކޮށްފައި އޮންނާނެ، ސްވިމިންގ ޓްރެކެއް އަޅަން. އެކަމަކު އަދިވެސް ނާޅާ. އަދިވެސް ނާޅާ. އެހެންވީމާ، މިހެން ކަންތައްތައް ވުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން، ސަރުކާރުން ކަމެއްކޮށްނުދޭތީ ވާކަމެއްނޫން. ދެން އަޅުގަނޑަށްފަހު މޭޔަރ ވާހަކަދައްކަވާނެ. އަޅުގަނޑު އުންމީދުކުރަން، އެއަށް ޖަވާބެއް ދެއްވާނެކަމަށްވެސް. ސްވިމިންގ ޓްރެކް ކަންތަކުގައި.

އާދެ، އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށްނެތިން. މި ދެތިން ކަމެއް މި ފާހަގަކޮށްލީ. މި ރަށުގެ ތަރައްޤީއަށް ހުރި މަޝްރޫޢުތަކުގެ އިތުރުން، ދެތިން ކަމެއް އަޅުގަނޑު މި ފާހަގަކޮށްލީ. އެއީ، މިގޮތަށް ރައްޔިތުންނާ އެކީގައި ބައްދަލުވާއިރުގައި، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، ކަންކަމުގެ ޙަޤީޤަތް އޮންނަގޮތް ބަޔާންކޮށްދިނީމަ، އަޅުގަނޑު ހިތުން، ވަރަށް ސާފުވެގެންދާނެ. އަދި މީގައި ދެރަކަމެއް އޮވޭ. މިހާ ސާފުކޮށް އަޅުގަނޑު ބަޔާންކުރީމަވެސް، އެ ވާހަކަތައް ބައެއް ފަރާތްތަކުން އެހެން ގޮތްގޮތަށް އެބަ ބަދަލުކުރޭ. އެ ދެން، އެ ބަދަލުކުރާ ފަރާތެއް އެކަމަށް ޒިންމާވާނީ. އަޅުގަނޑެއް ނޫން.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ގައިމުވެސް އެއްވެސް ކަހަލަ ތަޢައްޞުބެއް ނެތި، އެއްވެސް ތަޢައްޞުބެއް ނެތި، ވަކިކޮޅެއް ނުނަގާ، ވަކިގޮތަކަށް އެމީހާ ނުވިސްނާ، ސިޔާސީ ފިކުރަކުން ގޮސް، ޙަޤީޤަތް ދޫކޮށްލާފައި، އަމިއްލައަށް ގަބޫލުކުރަން ބޭނުންވާގޮތް އެކަނި ތެދަށްވާގޮތަށް، ވިސްނުން ހުންނަ މީހުން އެ ވިސްނާގޮތް ނޫން، އެގޮތް ނޫންގޮތަށް، ޙަޤީޤަތް އަމިއްލަ ސިކުނޑިން ވިސްނާ ކޮންމެ މީހަކަށް ވަރަށް ސާފުކޮށް އެނގޭނެގޮތަށޭ، އަޅުގަނޑު މި ވާހަކަ ދައްކަނީ.

އަޅުގަނޑަށް މުހިންމީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތްކޮށްދިނުން. އަޅުގަނޑުމެން މިދަނީ ކޮންމެ ރަށަކަށް. މިއީ ވަރަށް ބޮޑު ސިޓީއެއް، ވަރަށް ބޮޑު އާބާދީއެއް. އަދި، މީގެ އަނެއްކޮޅު، ވަރަށް ކުދިކުދި ރަށްރަށަށްވެސް މިދަނީއޭ. އަދި ސިޔާސީގޮތުން މުޅިން ރަށުގެ ބޮޑު އިންސައްތައެއް، މިހާރުގެ ސަރުކާރުގެ ޚިޔާލާ ތަފާތު ރަށްރަށަށްވެސް އެބަދެވެއޭ. އެކަމަކު، އަޅުގަނޑުމެން ތަފާތެއްނުކުރަން. އަޅުގަނޑު އަބަދުވެސް މި ދަންނަވާ ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކަށް އެއްވެސްވަރަކަށް މުހިންމެއް ނޫން، ދިވެހި ރައްޔިތަކު ކަމުގައިވަންޏާ، އެ ރައްޔިތެއްގެ ހުރީ ކޮން ފިކުރެއްތޯ، ކޮން ވިސްނުމެއްތޯ، އެ މީހަކު ނިސްބަތްވަނީ ކޮން ރަށަކަށްތޯ، އެމީހާ ނިސްބަތްވާ ރަށުގެ އާބާދީ ބޮޑުތޯ، ކުޑަތޯ، އެ މުހިންމެއް ނޫން. އަދި އެހެން އެއްވެސް ތަފާތުކުރުމެއްވެސް ބޭނުމެއްނޫން. އަޅުގަނޑުމެންގެ ސަރުކާރުން، އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމުގައި ތަފާތުކުރުމެއްނެތި، އެ ވަޢުދުތައް ފުއްދަން އަޅުގަނޑުމެން ބޭނުންވަނީ. އިރާދަކުރެއްވީތީ، އެހެން މިއަދާ ހަމައަށްވެސް މިއައީ. އެހެންވީމާ، މި ސިޓީގައިވެސް ކަންތައްތައް އެގޮތަށް ދާނެ. އަޅުގަނޑުމެން މަސައްކަތްކުރާނީ ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކޮށް، އިޚްލާޞްތެރިކޮށް، ތެދުވެރިކޮށް، އަމާނާތްތެރިކަމާ އެކީގައި.

އެހެންވީމާ، ދެންމެ މިތަނުގައި މި ބަޔާންކުރިގޮތަށް، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ދާނީ. އަދި އިތުރު ކަންކަންވެސް އެބަހުރި. އަޅުގަނޑު ބައެއް ކަންކަން ލިސްޓް ކޮށްލައިގެން މި ދެންނެވީ. އަޅުގަނޑުގެ ވަޢުދުފޮތް މިއޮތީ. މީގައި އެބަހުރި ކަންކަން، އަދި ބައެއް ކަންކަން އަޅުގަނޑު ބަޔާންނުކޮށް، ނޫނީވިއްޔާ ދެންމެ ނުދަންނަވާވެސް.

އަދިވެސް އެއްފަހަރު، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށާ މަޝްރޫޢުތަކާއި، ފެށިގެން ހިނގަމުންދާ މަޝްރޫޢުތައް ނިންމުމުގެ މަސައްކަތާއި، މި ދެންނެވި ގޮތަށް ގެންދިޔުމާއި، މި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން. އަދި އިތުރަށް މި ހުޅުވާލާ ފުރުޞަތުތަކާއި، އެކަންކަމުގެ ބޭނުން ތިޔަބޭފުޅުން ފުރިހަމައަށް ހިއްޕަވާނެކަން އަޅުގަނޑަށް ޔަޤީން. އިރާދަކުރެއްވިއްޔާ މި ސިޓީގެ ކޮންމެ ރައްޔިތަކަށް ފަރުދީގޮތުން މުއްސަނދިކަން ލިބިގެންދިޔުމާއި، ޖަމާޢަތެއް ގޮތުގައި ކުރިއެރުން ލިބިގެންދިޔުމަކީ، އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް. އެހެންވީމާ، އެގޮތަށް ކަންކަން ގެންދިޔުމުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި، ފުރިހަމަ އެހީތެރިކަމާއި، މަގުދެއްކުމާއި، ހުރިހާ ކަމެއް ލިބިގެންދާނެ. އެ ޔަޤީންކަމާ އެކީގައި އަޅުގަނޑު ވަކިވެލަން. އަނެއްކާވެސް މާލަސްތަކެއްނުވެ، ތިޔަބޭފުޅުން އަރިހަށް އެނބުރި އައުމުގެ އުންމީދުގައި.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މި ލޮބުވެތި ޤައުމަށް އުފާ ފާގަތިކަން މާތްﷲ މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.