بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކުރިނބީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، މި ރަށުގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ވަރަށް ހެނދުނުގެ ވަގުތެއްގައި އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. އާދެވުނު ވަގުތު މި ރަށުގެ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް ވާނީ މި ރަށުގެ ތަރައްޤީއަށްޓަކައި، ބައެއް ކަންތައްތަކުގައި ވަޢުދުތަކެއް ވެފައި. އަޅުގަނޑު ވަޢުދުތައްވީ، ޙަޤީޤަތުގައިވެސް އެ މަސައްކަތްތައް ފުރިހަމަކޮށްދިނުމުގެ ޢަޒުމުގައި އަދި ނިޔަތުގައި. އަދި އެގޮތަށް މަސައްކަތް ކުރެވޭނެކަން ޔަޤީންވާތީ. އިރާދަކުރެއްވިއްޔާ، މި ރަށުގައި މި ފެށިގެންދާ މަޝްރޫޢުތަކާއި އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ކަމެއް ފުއްދައިދިނުމުގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ކުރިއަށްދާނަން.
އާދެ، އެގޮތުން މިހާރު ކުރިއަށްމިދާ ބަނދަރުގެ މަޝްރޫޢާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން. އެ މަޝްރޫޢު މިހާރު އެ ކުރިއަށްދަނީވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ވެފައި އޮތް ވަޢުދާ އެއްގޮތަށް. ރައްޔިތުން އެދޭގޮތަށް ބަނދަރު ބޮޑުކޮށްދީ، ބަނދަރުގެ މަސައްކަތް ގެންދާނެ ކަމަށް އަޅުގަނޑު ވާނީ ވަޢުދުވެފައި.
ދެން ހަމަ އެއާއެކީގައި، އެ ބަނދަރުގެ މަސައްކަތް ދާއިރުގައި، އަދި އިތުރު ކުރިއެރުންތައް، އަޕްގްރޭޑިންގ، ނޫނީވިއްޔާ ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ރައްޔިތުންގެ ކިބައިން އެދޭ، އެކަންކަން ކައުންސިލްގެ ރައީސް، ކައުންސިލްގެ ބައްދަލުވުމުގައި، ކައުންސިލަރުންނާއި މުއައްސަސާތަކާ އެކީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ވަރަށް ތަފްޞީލުކޮށް އެ ވާހަކަތައް ޙިއްޞާ ކުރައްވާފައި.
އާދެ، މި ރަށުގައި މި އޮތް ބަނދަރު، އަޅުގަނޑުމެން މިހާރު މި ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށް ގެންދާއިރުގައި، އިތުރަށް ބޭނުންވާ މުހިންމު ބައެއް ބަދަލުތައް އެބަހުރި. ބޭރުތޮށީގެ ބޭނުން ވީހާވެސް ޖާގަ ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތަކަށް، ބޭނުންކުރެވޭނެ ގޮތެއް ހަދައިދިނުން އެއީ، ރައްޔިތުން އެދޭ ކަމެއް. ޙަޤީޤަތުގައިވެސް މި ރަށުގެ ޖާގައަށް ބަލާއިރުގައި، އެންމެ ފީޒިބަލް، ނޫނީވިއްޔާ ޚަރަދަށް ބަލާއިރު، ކޮސްޓް އިފެކްޓިވް ގޮތަކަށްވާނީވެސް، ދުރު ރާސްތާއަށް ކުރިއަށް ވިސްނާއިރުގައި އެގޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންގޮސް ނިންމާއިރުގައި، ރައްޔިތުން އެދޭގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން. އެ ޔަޤީންކަން ދެން.
މިކަން ކުރިއަށްދާއިރު އަދި ބައެއް އެހެން ކަންކަންވެސް ކުރާގޮތަށް މިހާރު އަޅުގަނޑުމެން މި ގަސްދުކުރަނީ. އެއީ، މި މަސައްކަތް މި ހިނގާއިރުގައި، މިކަމާއެކީގައި، މި ރަށުގައި ދެންހުރި ބައެއް ކަންކަން ރާވައިލެވިއްޖިއްޔާ، ޚަރަދުގެ ގޮތުން ވަރަށް ބޮޑަށް ލުއިވެ، އަދި މަސައްކަތަށް ބަލާއިރު އަވަސްވެސް ވާނެ.
އޭގެ ތެރޭގައި، ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް، މޫދަށްއެރޭނެ ތަނެއް ހެދިގެންދިޔުން. އެއީ، މިކަހަލަ މަސައްކަތެއް ހިނގާއިރުގައި، ކުރެވޭޒާތުގެ ކަމެއް. ވަކިން އެ ޕްރޮޖެކްޓެއް އަނެއްކާ މޮބިލައިޒް ކުރަން ވެއްޖިއްޔާ އެއީ، އިތުރު ޚަރަދުތަކެއް އަދި ވަގުތުތަކެއްވެސް ދާނެ ކަމެއް.
ހަމަ އެއާއެކީގައި، އޮޑިއެހެލާނެ ސަރަޙައްދެއްވެސް މި ރަށުގައި ހަދަންޖެހޭ. ހަދާއިރުގައި އެއީވެސް މިކަހަލަ މަޝްރޫއެއް ހިނގަމުންދާއިރު ކުރެވޭކަހަލަ ކަންކަން. ހަމައެއާއެކީގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަކީ، ބޮޑުހިލަ ޖައްސައިގެން ކުރާ މަސައްކަތެއް. ބަނދަރު ހަދަނީވެސް އެގޮތަށް. ބޮޑުހިލައިގެ ބޭނުން ކުރަންޖެހޭ. އަދި މެޝިނަރީވެސް، ގާތްގަނޑަކަށް އެއް މެޝިނަރީއެއް ބޭނުންކުރާ ކަންކަން މި ހުންނަނީ.
އާދެ، އެހެންވީމާ، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި، ތަރުތީބުކޮށްގެން ކަމުގައިވިޔަސް، މާނައަކީ، މި ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު، މި އަންނަ އަހަރަށް ކޮންމެގޮތެއްވިޔަސް ފޯލްވާނެ. އެހެންވީމާ، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި، މި އަންނަ އަހަރަށް ބަޖެޓުގެ ތެރޭގައި، މި ދެންނެވި ބައިތައް ހިމަނައިގެން ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، މި ރަށުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރުގައި، ބަނދަރަށް ގެންނަ ބަދަލުތަކާއެކީގައި، ދެންމެ މި ދެންނެވި، ރައްޔިތުން އެދޭ ބަދަލުތަކުގެ އިތުރަށް، މޫދަށްއެރޭނެ ބީޗަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މައްސަލަ ޙައްލުކުރުމާއި، އޮޑިއެހެލާނެ ތަނަކާ އެކީގައި މަޝްރޫޢު ނިންމާނެކަމުގެ ޔަޤީންކަން ދެން. އިރާދަކުރެއްވިއްޔާ، ވަރަށް ގިނަ ކަންތައް އެކުގައި އޭރުން ޙައްލުވެގެން އެބަދޭ.
އާދެ، ދެން އަޅުގަނޑުމެން މިއަދު މި ސޮއިކުރި ދެ މަޝްރޫޢަށް ބަލާއިރުގައި، މިއީވެސް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ދެންނެވި ބައެއް ކަންތައްތައް. ސިއްޙީ ދާއިރާ ތަރައްޤީކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. ހެލްތު ސެންޓަރުގެ ފެންވަރު މަތިކޮށް، ޚިދުމަތް ވަރުގަދަކޮށް، މަތިކޮށްދޭނެ ކަމަށް އަޅުގަނޑު ދެންނެވިން. އެހެންވީމާ، މިއަދު މި ސޮއިކުރި މަޝްރޫޢުގައި، މި ހެދޭ އިމާރާތުގެ ސްކޯޕްގެ ތެރޭގައި، ލެބޯރެޓަރީއާއި، ވޯޑާއި، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، ނަރސިންގ ސްޓޭޝަން، ގަރާޖު، ސްޓޯރޭޖް އޭރިއާ، ޕަބްލިކް ހެލްތު ޔުނިޓުފަދަ ވަރަށް ގިނަ ތަންތަން ހިމެނޭނެ.
އެހެންވީމާ، އެ އިތުރުވާ ޖާގަ، މިއީ ގާތްގަނޑަކަށް 365 ދުވަސް، ނޫނީ އެއް އަހަރު ދުވަހުގެ މަޝްރޫޢެއް. ގިނަވެގެން އެއް އަހަރުތެރޭގައި ނިންމާ މަޝްރޫޢެއް. މި މަޝްރޫޢު ނިމިގެންދާއިރުގައި، މި ދެންނެވި ހުރިހާ ޚިދުމަތްތަކެއް ވަރަށް ބޮޑަށް އެބަ ފުރިހަމަވެގެންދޭ. އެހެންވީމާ، އެކަން އެގޮތަށްދާނެ. އޭގެކުރިންވެސް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން، މިހާރު މި ހިނގާ އިމާރާތުގެ ތެރޭގައި، މުވައްޒަފުން އިތުރުކުރެވެން އޮތްވަރެއް އަޅުގަނޑުމެން ބަލައި، ޚިދުމަތްދޭ ގަޑި 16 ގަޑިއިރަށް އިތުރުކުރުމަށްޓަކައި އިތުރަށް ބޭނުންވަނީ، ކިތައް މުވައްޒަފުންތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް ހޯދަން. އެކަން މި އަހަރުގެ ތެރޭގައި ކުރެވެން އޮތިއްޔާ، މި އަހަރު އަޅުގަނޑުމެން ގަޑި އިތުރުކޮށްދޭނަން. އަދި ނުކުރެވެންޏާ، ޔަޤީނުންވެސް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު، މި އަންނަ އަހަރުގެ ކުރީކޮޅު ޔަޤީނުންވެސް އެންމެ ލަސްވެގެން އަޅުގަނޑުމެން ޚިދުމަތްދޭ ގަޑި އިތުރުކޮށްދޭނެ ކަމަށް ދަންނަވަން.
ޔަޤީނުންވެސް މަރުކަޒުގެ މަސައްކަތް ނިމުނީމާ، 24 ގަޑިއިރަށް ބަދަލުކުރެވޭނެ. އެއީ، 24 ގަޑިއިރަށް ބަދަލުކުރާއިރުގައި، އެބަޖެހޭ ދެންމެ މި ދެންނެވި ޚިދުމަތްތައް ފިޒިކަލީ ޤާއިމުވެފައި ހުންނަވަރުގެ އެކަށީގެންވާ ޢިމާރާތެއް ހުންނަން. އެހެންވީމާ، ފުރަތަމަ 16 ގަޑިއިރަށް ބަދަލުކުރުމާއި، ބޭނުންވާ އިންސާނީ ވަސީލަތް އިތުރުކުރުމަށް މި އަހަރު ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން. އަދި ނުވަންޏާ، އެންމެ ލަސްވެގެން މި އަންނަ އަހަރަށް ބަޖެޓްކުރާއިރު، އެކަން ކުރެވޭނެ.
ސްކޫލަށް ބަލާއިރުގައި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލެއް ޤާއިމުކުރުމަށް އަޅުގަނޑު އޮންނާނީ ވަޢުދުވެފައި. މި މަޝްރޫޢުގައި މިއަދު މި ސޮއިކުރެވުނީ. އާދެ، ދެ މަޝްރޫޢުގެވެސް ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ހިނގަމުންދާނެ. ބާރު ސްޕީޑްގައި މަސައްކަތް ގެންދާނަން. ސޮއި މިކުރަނީ، އެ ކަންތައްތައް މި އަހަރު ކުރުމަށް ބަޖެޓުގައި ޖާގަ ހަމަޖައްސައިގެން. އެހެންވީމާ، އެ އިޝޫއެއް ނާންނާނެ. ދެން، ސްކޫލްގެ މަސައްކަތްދާއިރުގައި، އަޅުގަނޑުމެން ގަސްދުކުރަނީ، ކުރިއަށް އޮތް ގިނަ އަހަރުތަކަކަށް، އިތުރަށް ސްކޫލަށް ޖާގަ އިތުރުކުރަން ނުޖެހޭގޮތަށް، އިތުރު ހަތަރު ކްލާސްރޫމްވެސް ހިމެނޭގޮތަށް، މި މަޝްރޫޢު ނިމިގެންދާއިރުގައި ކުރިއަށް ގެންގޮސްދޭން. އިރާދަކުރެއްވިއްޔާ، އެގޮތަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަންދެން. އާދެ، އެހެންވީމާ، މި ދެންނެވި ދެ މަޝްރޫޢު މިގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.
ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، ކުޅިވަރުގެ ދާއިރާއަށްވެސް އަޅުގަނޑު ހުންނާނީ ބައެއް ކަންކަމުގައި ވަޢުދުތަކެއް ވެފައި. އާދެ، ފުޓްބޯޅަ ދަނޑު ހަދަންވެފައި. ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމަކީ، އަޅުގަނޑުމެން މިހާރު ކުރަން ނިންމާފައި އޮތް މަސައްކަތެއް. އާދެ، ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފެށިގެންދާނެ. ފުޓްބޯޅަ ދަނޑުގައި ފުރިހަމަކުރެވިގެންދާނީ، ފުޓްބޯޅަ ދަނޑެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކަކާ އެކީގައި.
އޭގެއިތުރަށް، މިހާރު ބޭނުންކުރާ ފުޓްސަލް ދަނޑު ހަލާކުވެފައި އޮތީމަ، ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށްދިނުމާ އެކީގައި، ހޭންޑްބޯލް ކޯޓެއްވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި އަންނަ އަހަރުގެ ކުރީކޮޅުގައި، ހޭންޑްބޯލް ކޯޓެއް އެޅުމާއެކީގައި، މި އަހަރު ތެރޭގައި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކުރުން، ދެ ކަންތައް މިގޮތަށް ގެންގޮސްދޭން އަޅުގަނޑުމެން ނިންމާފައިވާ ވާހަކަ ދަންނަވަން. އެހެންވީމާ، މި ދެންނެވި ގޮތަށް، މި ހުރިހާ ކަމެއް ރޭވިފައިވަނީ.
އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށާ މަސައްކަތްތައް، މި ދެންނެވި ގޮތަށް ދާނެ. އަޅުގަނޑުމެން މިއަދު ވާނީ، ބީ.އެމް.އެލް. އޭ.ޓީ.އެމް.، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފައި. ފިޓްނަސް ރިކްރިއޭޝަން ސެންޓަރަކީ އިންޑޯ، އެތެރޭގައި ކުޅެވޭ ވަރަށް ގިނަ ބޯޑް ގޭމްސްތަކާއި، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭގޮތަށް، އަދި އެރޮބިކްސްއާއި، ހަށިހެޔޮކަމަށް ބޭނުންވާ މިކަހަލަ ބައެއް ކަސްރަތުގެ ކަންކަމަށް ބޭނުންވާ ޖާގަވެސް ހިމެނޭގޮތަށް، އަދި އިތުރު ވަސީލަތްތައްވެސް ހިމެނޭހެން ޤާއިމުކުރެވިގެންދާ ތަނެއް.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އަދި އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި، އަޅުގަނޑުމެން ވަރަށްވަރަށް އިސްކަމެއްދީގެން، ކާމިޔާބުކަމާއެކީގައި ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އަދިވެސް އަރުވާ ވާހަކަ. މި ގިނަ މަސައްކަތްތައް މިހާރު މި ފެށިގެން ގޮސް، މި އަންނަ އަހަރު ތެރޭގައި، މީގެ ގިނަ ކަންކަން ނިމިގެންދާނެ. އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި މި ހިމެނެނީ، ބަނދަރާ ގުޅިފައި ހުރި މި ހުރިހާ ކަމެއް. މިކަންކަން އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ގެންދެވޭނެ.
އަދިވެސް އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތައް އެބަހުރި. މަގު ހެދުމާއި، މިކަހަލަ ބައެއް ކަންތައްތައްވެސް. ކުނި މެނޭޖް ކުރުމުގެ މަރުކަޒުވެސް އެބައޮތް. އެވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް. ކުނި މެނޭޖް ކުރުމަށް ބަލާއިރުގައި، މި މަޝްރޫޢަކީ މި އަތޮޅާއި، ހއ. އަތޮޅުގެ ޖުމްލަ ވިއްސަކަށް ރަށުގައި، ކުރީގައި ބަޔަކާ ހަވާލުކޮށްފައި އޮތް މަޝްރޫޢެއް. އެ މީހުން އެ މަސައްކަތް ނުކުރަނީ. ދެން މި މަޝްރޫޢުގެ ފަންޑަކީ ބޭރުގެ ފަންޑެއް. ދެން، މިހާރު ގާތްގަނޑަކަށް އަށެއްކަ މަސްދުވަސް ވެއްޖެ. އެ މީހުން މަސައްކަތް ނުކުރާތީ، މި ޕްރޮޖެކްޓް މިހާރު، ކުރީގައި ދީފައި އޮތް ފަރާތުން ވަކިކޮށްފައި، ސަރުކާރުގެ އެކިއެކި ކުންފުނިތައް، އެކި ރަށްރަށުގައި ޤާއިމުވެފައި ހުރި އެކި ކުންފުނިތަކާ ހަވާލުކުރަނީ. މި ރަށުގައިވިއްޔާ، އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރަން ނިންމައިގެން، މީގެ ކުރީގައި ހަވާލުކޮށްފައި އޮތް ފަރާތުގެ އަތުން، އެ އޮންނަ އުޞޫލުގެ ތެރެއިން، ބޭރުގެ ފަންޑަށް ލިޔެގެން، އެ ބޭފުޅުންގެ ޕްރޮސީޖަރއިން އެ ޓަރމިނޭޓް ކުރަން މަސައްކަތް ކުރަމުންދަނީ. އެކަން ކުރެވޭނީ، އެ ބޭފުޅުންގެ ޕްރޮސީޖަރއާ އެއްގޮތަށް. އެ ބޭފުޅުން އެ ޓަރމިނޭޝަން ހުއްދަ ދިންހާ އަވަހަކަށް، އަޅުގަނޑުމެން ޓަރމިނޭޓް ކޮށްފައި، ސަރުކާރުގެ، މި ދެންނެވިހެން، މި ރަށުގައިވިއްޔާ އެމް.ޓީ.ސީ.ސީ. އަދި އަނެއް 19 ރަށުގައި އެ ރަށެއްގައި އޮތް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އެސް.އޯ.އީ.އަކާ ހަވާލުކޮށްގެން، ކުރަންއޮތީ ނިންމާފައި. އެހެންވީމާ، އެކަމުގައިވާ ލަސް، މި ރަށުގައި މިވަނީ. އަދި އަނެއް ރަށްރަށުގައިވެސް އެވަނީ. އެހެންވީމާ، އެކަން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން އެބަ ނިންމާލެވޭތޯ. އާދެ، އެ ތަފުޞީލު އަޅުގަނޑު ހިތުން މިދިނީ. ވަރަށް ގިނަ ރަށްރަށުން މިކަމުގައި އެބަ ސުވާލުކުރޭ، މިކަން ނުވެގެން މިދަނީ ކީއްވެގެންތޯ.
އާދެ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީގެ ކަންކަމުގައި، މި ދެންނެވި މަޝްރޫޢުތައް ބާރަށް ގެންގޮސް ނިންމާލައިދޭނަން. ނިންމާލުމާ އެކީގައި، މި ރަށުގެ މަޝްރޫޢުތައް ހުޅުވުމުގެ ކަންކަމުގައި، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން އަނެއްކާވެސް އައުމުގެ އުންމީދުގައި ވަކިވެލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.