ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، ރައްޔިތުންނާ އަދި ފަތުރުވެރިން ބޭނުންކުރުމަށް މޫދަށް އެރޭނެ ދެ ސަރަހައްދު ތަރައްޤީކޮށްދެއްވުމަށާއި ރަށުގެ މަގުތައް ހައްދަވައިދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރަށުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށާއި، ސްކޫލްގެ އޮފީސް އިމާރާތާއި އެހެނިހެންވެސް، ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.
ފޯކައިދޫ ސްކޫލަކީ، އޯލެވެލް އަދި އޭލެވެލަށް ކިޔަވައިދޭ ސްކޫލެއް ކަމަށްވާތީ، ސައިންސް ސްޓްރީމަށް ކިޔަވާކުދިންނަށް ލެބޯރޓަރީއެއްގެ މުހިންމުކަމާއި، އެހެނިހެން ޚިދުމަތްތައް ދިނުމަށް ވެސް ޖާގައިގެ ދަތިކަން ސްކޫލަށް ކުރިމަތިވެފައިވާކަން ސްކޫލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒަށް ފިޒީޝަނެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ބައްދަލުވުމުގައި ޞިއްޙީ މަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.
ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އިތުރުން ހޭންޑް ބޯލް ކުޅޭނެ ކޯޓެއްގެ މުހިއްމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.