މާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވަމުންގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެ އަތޮޅު މާއުނގޫދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި ރަސްމީކޮށް ފެށި މުހިންމު އުމްރާނީ މަސައްކަތްތަކާއި އެ ނޫންވެސް ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން، މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ކަމުގައިވީ ނަމަވެސް، އެ މަޝްރޫޢުތައް ފައްޓަވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުން ގަސްދުކުރައްވަނީ، އެއީ، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތުގެ އިތުރުން، ރަށު ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތާއި، މާއުނގޫދޫ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތާއި، ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ޢިމާރާތްކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްވެސް މިއަދު އެރަށުގައި ވަނީ ޢަމަލީގޮތުން ފަށާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގައި މިހާރުވެސް ކުރިއަށްދާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ހަވާލުކުރައްވައިގެން އެމަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކުރިއަށްގެންދާ ބަނދަރު މަޝްރޫޢަށް، ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން އިތުރުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ގިރާ ސަރަޙައްދުގެ މަސައްކަތް ކުރައްވާނީ، މޫދަށް އެރޭ ސަރަޙައްދެއް ހިމަނުއްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މިއަހަރު އެ ރަށުގައި ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ފައްޓަވައި، އެ ރަށުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިލަދުންމަޑުލު އުތުރުބުރީގެ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، އަތޮޅުގެ ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން ކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމުގައި ވިދާޅުވެ، އެކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ނަތީޖާ ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.