بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދަނބިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އެންމެހައި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ވަރަށްވެސް ވިއްސާރަ ވަގުތަކާ ދިމާވީ. އެހެންނަމަވެސް، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް މިއަދު ފެށިގެން މިދިޔައީ. މޫސުން ތަންނުދިނުމުގެ ސަބަބުން ރަސްމިއްޔާތެއްގެ ސިފައިގައި، ޢަމަލީގޮތުން މަސައްކަތްތައް އެގޮތަށް ނުފެށުނު ނަމަވެސް، ފެށިގެން ގޮސްފައި އެބަވޭ. އެގޮތުން ބަލާއިރުގައި، ދެންމެ ހަނދާނީ ފިލާ އެ ހަވާލުކުރެވުނު، ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް.ގެ ޚިދުމަތް އެވަނީ މިއަދު ފެށިފައި.
ހަމަ އެފަދައިން، ފެށިގެންދިޔަ މަޝްރޫޢުތަކަށް ބަލާއިރުގައި، ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށްޓަކައި، ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތެއްގެ މަސައްކަތް، މިހާރު އެވަނީ ފެށިފައި. އެ މަޝްރޫޢުގެ ދަށުން، ވޯޑުގެ ޖާގަ އިތުރުކުރެވި، ނަރސް ސްޓޭޝަން، ލެބޯރެޓަރީ، މިފަދަ މުހިންމު ޖާގަތައް އިތުރުކުރެވިގެންދާނެ. އޭގެ ސަބަބުން، ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މި އިމާރާތް ނިމުނީމަ، އެ ލިބޭ ޖާގައާއި، ވަސީލަތްތަކުގެ ތެރެއިން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްވެސް ވަރުގަދަވެގެން، ފުރިހަމަވެގެންދާނެ.
މީގެއިތުރަށް، ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައި. އަދި އެއާއެކީގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް، ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީ ޚިދުމަތް ދިނުމަށްވެސް، އިރާދަކުރެއްވީތީ މިހާރު އެވަނީ ފެށިފައި. އެހެންވީމާ، މި ކަންކަން އަޅުގަނޑުމެން މިއަދު މި ފަށައިގެން ގެންދާއިރުގައި، މީގެއިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އެބަހުރި.
އާދެ، އަޅުގަނޑުމެން ދެންމެ ސޮއިކުރި މަގު ހެދުމުގެ މަޝްރޫޢަކީ، ހަމަ ޔަޤީނުންވެސް މި ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމުވެފައިވާ މަޝްރޫޢެއް. މިކަން ކުރިއަށް ގެންދިޔުމަށް ބަލާއިރުގައި، ރަށުގެ ނަރުދަމާއަށް ދިމާވެފައިވާ ބޮޑު މައްސަލަ ޙައްލުކުރުމަކީ، އަޅުގަނޑު ހިތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެލައްވާނެ ކަމަކަށްވާނީ.
މި ދަތުރުގައި ދެންމެ އަޅުގަނޑުމެންނާ އެކީގައި އޮތް މުއައްސަސާތަކާއި، ކައުންސިލުގެ ބައްދަލުވުމުގައި، އެކަމާ ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވޭ. އާދެ، މިކަން ދާއިމީގޮތެއްގައި ޙައްލުކުރުމަކީ، މުހިންމު ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ވަރަށް އަވަހަށް އެކަމަށް ޙައްލެއް ގެނައުމަށް، މިކަމުގެ ތަފުސީލީ ދިރާސާއެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން މި ދަތުރަށްފަހު ފަށާނެ. އެއަށްދާ ޚަރަދު ކަނޑައަޅައި، އެކަން ޙައްލުކުރުމުގެ މަސައްކަތްކުރާނެ. ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށްފަހު، މިއަދު ސޮއިކުރެވިގެންދިޔަ މަގުތައް ހެދުމުގެ މަސައްކަތް، އަޅުގަނޑު ހިތުން ފެށޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން.
މީގެއިތުރަށްވެސް، ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ މައްސަލަވެސް ޙައްލުކުރުމަށް، ފެނަކައިން އިތުރު ޖެނެރޭޓަރ ގެނައުމާއި، މިފަދަ ކަންތައްތައް ރޭވިފައިވަނީ. އެހެންވީމާ، މިކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ހިނގާނެ.
އާދެ، އޭގެއިތުރަށް ބަލާއިރުގައި، މި ރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ގާއިމުކުރުމަށް، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، ދާދި އަވަހަށް އަޅުގަނޑުމެން ކުންފުންޏަކާ އެގްރީމަންޓް ހަދާނަން. ހެދުމަށްފަހު، މި އަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ މިސްކިތުގެ މަސައްކަތް ފަށާނަން.
އަދި ހަމައެއާއެކީގައި، އިތުރު ބައެއް މަޝްރޫޢުތައްވެސް ކުރިއަށް ގެންދަން ގަސްދުކުރަން. އާދެ، ރަށުގައި ވޮލީކޯޓެއް ގާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށްވެސް، ސަރުކާރުން އެހީތެރިކަންދޭނެ. ހަމަ އޭގެއިތުރަށް، ހޭންޑްބޯލް ކޯޓެއް އެޅުމަށް މި އަހަރުގެ ތެރޭގައި ފަރާތަކާ ހަވާލުކުރެވި، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށްދާނެ.
އާދެ، މިއީ ބައެއް މަސައްކަތްތައް. މީގެ އިތުރަށް ބަލާއިރުގައި، ސްކޫލުގައި މަލްޓި-ޕާރޕަސް ހޯލެއް އެޅުމަށްޓަކައި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން އިރާދަކުރެއްވިއްޔާ، އަހަރުގެ ކުރީކޮޅު އެ މަސައްކަތްވެސް އަޅުގަނޑުމެން ފަށާނަން.
މީގެއިތުރަށް ބަލަންޏާ، މި ރަށުގެ ލަފާ ފުރުމަށް ބައެއް ދަތިތައް އެބަހުރި. ނެރުތަކުގައި ހުރި ބައެއް މައްސަލަ. އެހެންވީމާ، ނެރުތައް ފުންކުރުމަށާއި، ބަނދަރު ތެރޭގައި ހުރި ދަތިތައް ޙައްލުކުރުމަށް ކަމާބެހޭ ވުޒާރާއިން މި ދަތުރަށްފަހު، ޓީމެއް ފޮނުވާނެ ސަރވޭކޮށް، އެ ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރަންދާ ޚަރަދު އަންދާޒާކުރަން. ކުރުމަށްފަހު އެކަން ކުރެވޭނެ ގޮތެއްވެސް އަޅުގަނޑުމެން ހަމަޖައްސާނަން.
އާދެ، ހަމަ އޭގެއިތުރަށް ބަލާއިރުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ މަރުކަޒަށް އަޅުގަނޑުމެން އެމްބިއުލެންސެއްވެސް ހަމަޖައްސައިދޭނަމޭ. ވަރަށް އަވަހަށް އެބަ ގެންނަން. މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން އެބަ ގެންނަން، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް. އަޅުގަނޑު ހަނދާންވަނީ، 63 ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް އެބަ ގެނެވެއޭ. މި އެމްބިއުލެންސްތައް އަޅުގަނޑުމެން މި ފޮނުވަނީ، މިފަދަ ރަށްރަށަށް. އެމްބިއުލެންސް ހަލާކުވެފައި، ނޫނީވިއްޔާ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށް. އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ދާއިރާއެއް ޞިއްޙީ ދާއިރާއަކީ. މި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި އެންމެ މަތީގައި އުޅޭ އެއް ދާއިރާއަކ،ީ ޞިއްޙީ ދާއިރާ. އެހެންވީމާ، ޞިއްޙީ ޚިދުމަތް ވަރުގަދަ ކުރުމަށްޓަކައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ އިންވެސްޓް ކުރަން.
އާދެ، އެހެންވީމާ، އަޅުގަނޑު ދެންމެ މި ދެންނެވި މަޝްރޫޢުތަކުގެ އިތުރަށްވެސް ކުރިއަށް އޮތް ތަނުގައި، މި ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިނގާނެ. ތިޔަބޭފުޅުންނަށް އެންމެ މުހިންމު އެއް ކަމަކަށް ހަމަ ޔަޤީނުންވެސް ވާނެ ކޯޒްވޭ. މާދަމާ އަޅުގަނޑުމެން އިސްދޫ ކަލައިދޫ ކޮޅުން، މި ރަށާ ގުޅުވާލުމުގެ ކޯޒްވޭގެ ޢަމަލީ މަސައްކަތް މި ފަށަނީ. މިހާރު އެތައް ދުވަހެއްވެއްޖެ، މި ސޮއިކުރެވިފައި، ނޫނީވިއްޔާ އެކި މަރުޙަލާތަކުގައި ހިނގަމުންދާތާ. އެ ކަންކަން ހަމަޖެހިގެންގޮސް، ޢަމަލީ މަސައްކަތް މި ފެށިގެންދަނީ. ހަމަ ޔަޤީނުންވެސް މި ގުޅުވާލުން ވެގެންދާނީ، ތިޔަބޭފުޅުންނަށް ވަރަށް މުހިންމު ތަރައްޤީގެ ގުޅުވާލުމަކަށްކަން އަޅުގަނޑު ޔަޤީންކުރަން. މީގެ ބޭނުމަކަށްވާނީ، ޓޫރިޒަމް ފުޅާކުރުމާއި، އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ގެނައުން. އެހެންވީމާ، އެކަމުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައިވެސް ބޭނުންވާ މަގުތައް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު.
އެހެންވީމާ، މިފަދަ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުން އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ. އަޅުގަނޑުމެން ކަންކަން ކުރަން ގަސްދުކުރާ ގޮތަކީވެސް. މި ދަތުރުގައި ރައްޔިތުންގެ ގާތަށް އައިސް، މިފަދަ ކަންކަމުގައި މަޝްވަރާކޮށްލީމާ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދުތައް އެބަ ހާސިލުވޭ. ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ވަރަށް ބޮޑަށް އެބަ އޮޅުންފިލާ. އެހެންނޫނީވިއްޔާ، ވަރަށް ގިނަ ދުވަސް ވެގެންދޭ އެބަ ސިޓީ ފޮނުވުން، މީޓިންގތަކަށް މާލެއަށް ޓީމުތައް ގެންދިޔުން، މިފަދަ ކަންކަން ކުރަން ހަދައިގެން. އެއީ، ކުރީ ޒަމާނުގައި ކަން ކުރިގޮތް. އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން އެއީ.
އެހެންވީމާ، މި ދަތުރުގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ވަރަށް ގިނަ ކަންކަމަށް ޙައްލުގެނެވޭނެ މަގުތައް ހޯދުމަށް މަސައްކަތް މި ފެށުނީ. ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިގެން.
އާދެ، އެހެންވީމާ، ދެންމެ އަޅުގަނޑު މި ދެންނެވިފަދައިން، މިއަދު ޢަމަލީގޮތުން ފެށުނު މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް ތަނުގައި، މި ދެންނެވިހެން މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް އަޅުގަނޑު މި ދެންނެވި މަޝްރޫޢުތަކާއި، މި އަންނަ އަހަރަށް ބަޖެޓު ކުރެވިގެން، މި އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ މަޝްރޫޢުތަކާއި މި ކަންކަން، އަދި މި ދެންނެވި ފަދައިން، ބައެއް ކަންކަމުގެ ދިރާސާތަކެއް، ސާރވޭތަކެއް ކުރެވި، އަގު ކަނޑައަޅައި، އަގު އަންދާޒާ ކުރެވިގެން، ވީ އެންމެ އަވަހަކަށް ހަމަ މި އަހަރުގެ ތެރޭގައި ފެށޭތޯ އަޅުގަނޑު މަސައްކަތްކުރާނެ ބައެއް ކަންތައްތައް އެއީ. އެ ހުރިހާ ކަމެއް ހިމެނޭހެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ތަރައްޤީއަށް ރަނގަޅު، އުފާވާފަދަ، ހިތްހަމަޖެހޭފަދަ ކުލަޖެއްސުމެއް، ޙަޤީޤަތަކަށް ހަދައިދިނުމެއް އަޅުގަނޑުމެން ގެނެސްދޭނަން. އެ ކަންކަން ކޮށްދިނުމުގެ ޒިންމާއަކީ، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު. އެހެންވީމާ، އެކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް.
އަދިވެސް އެއްފަހަރު ދަނބިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މިފަދަ ގިނަ މަސައްކަތްތަކެއް ވަރަށް ބާރު ސްޕީޑުގައި ގެންގޮސް ނިންމާލެވި، އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް މި ކަންކަން ނިމި، އެ ކަންކަމުގެ އުފަލުގައި ބައިވެރިވާން އަންނަން. އެ އުންމީދުގައި މިއަދު ވަކިވެލާނަން. އަދިވެސް އެއްފަހަރު ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.