بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ގަމުގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅަށް ކުރަމުންމިދާ ދަތުރުގައި، މިއަދު ހަވީރު ގަމަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އަޅުގަނޑު ވަޢުދުތަކެއްވިން. އަދި ފަހުންވެސް، މި ރަށަށް އާދެވުނު ވަގުތު، ކަންކަމުގައި، އެ މައްސަލަތައް ޙައްލުކޮށްދިނުމުގައި ކަންކަން ކޮށްދޭނެ ކަމަށް ދެންނެވިން. އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިއަދު މިތަނުގައި ސޮއިކުރެވިގެންދިޔައީ، އަދި މި ދަތުރުތެރޭގައި، މިއަދާއި މާދަމާ މި ފެށިގެންދާ މަޝްރޫޢުތަކަކީ،
މި ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ ގޮތުން ފެށޭ، ސޮއިކުރެވޭ މަޝްރޫޢުތަކެއްކަން. ވަރަށް ބޮޑު ޔަޤީންކަމެއް، ފުރިހަމަ ޔަޤީންކަމެއް، އިރާދަކުރެއްވީތީ އަޅުގަނޑު ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަން. ސޮއިކުރެވިގެންދިޔަ ކޮންމެ މަޝްރޫޢަކާއި، ޢަމަލީގޮތުން ފެށިގެންމިދާ ކޮންމެ މަޝްރޫޢެއްވެސް، އޭގެ ފުރިހަމަކަމާ އެކީގައި ނިންމައިދޭނެ ކަމުގެ.
އާދެ، ރާއްޖޭގެ ރަށްތަކުގެ ގޮތުން ބަލާއިރުގައިވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގައިވެސް، މީހުން ގިނަ ރަށްތަކުގެ ގޮތުން ބަލާއިރުގައި، އެންމެ ބޮޑު ރަށް. އެހެންނަމަވެސް، އާބާދީއާއި، ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ ޒަމާންތަކެއް ވަންދެން ދެކެވުނުއިރުގައިވެސް، މި ރަށުގެ ރައްޔިތުންނަށް އެކަށީގެންވާވަރެއްގެ ތަރައްޤީއެއް ނައިސްވާކަން އެއީ، ތިޔަ ލޮބުވެތި ރައްޔިތުން ޤަބޫލުކުރައްވާ، ވިދާޅުވާ، އަދި ޙަޤީޤަތް. އަޅުގަނޑުގެ ޒިންމާއަކީ، ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއި، ޢަދުލުވެރިކަމާއެކީގައި، ގަމުގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން. އެކަން އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ފުރިހަމަކޮށްދޭނަން.
މި ރާއްޖޭގައި، ކޮންމެވެސް ސަބަބަކާހުރެ، ޒަމާންތަކެއް ވަންދެން އައިސްފައި އޮތް އާދައެއް، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއް ސަރަޙައްދުތަކުގައި، ތަފާތުކުރުން، އެއް ރަށާއި، އަނެއް ރަށާ. އެއީ، އަޅުގަނޑު ޤަބޫލުކުރާ ހަމައެއް ނޫން. ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވެގެން އައީ، ޢަދުލުވެރިކަން ޤާއިމުކުރުމަށް. ހަމަޖެހުން ޤައުމުގައި ޤާއިމުކުރުމަށް. ޤައުމުގައި ހަމަޖެހުމެއް ޤާއިމެއްނުވާނެ، ޢަދުލުވެރިކަން ޤާއިމުނުކުރެވިއެއް. ތަފާތުކުރުން ނައްތާނުލައެއް.
އެހެންވީމާ، އެކި އަތޮޅުތަކުގައި، އެކި ހިސާބުގައި، މިގޮތަށް އެތައް ޒަމާންތަކެއްގެ ތެރެއިން ތަފާތުކުރަމުން އައި، ބޭއިންސާފުން ކަންތައްތައް ވަމުން، ކުރަމުން، ކުރިމަތިކުރަމުން އައި އައުން، ނިމުމަކަށް ގެނައުން އެއީ، އަޅުގަނޑު ކުރަމުންމިދާ ކަންތައް. ކުރާ ކަމެއް، ފެންނަމުންދާ ޙަޤީޤަތެއް. ރާއްޖޭގެ އެކި ރަށްރަށުގައި، އެކި ސަރަޙައްދުތަކުގައި، އެ ރަށްރަށުގެ ރައްޔިތުންނަށް މިކަން ޤަބޫލުކުރެއްވޭނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޢަދުލުވެރިކަން ޤާއިމުކުރުމަކީ، ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ، ލިބެންޖެހޭ ތަރައްޤީ، އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަކީ، އަޅުގަނޑުގެ ޒިންމާއެއް. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ރައްޔިތުންނަށްވީ ގިނަ ވަޢުދުތަކެއް، އިރާދަކުރެއްވިއްޔާ ފުއްދުމުގެ މަސައްކަތް މިހާރު މިދަނީ ފެށިގެން.
މިތަނުގައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުތަކަށް ބަލާއިރުގައިވެސް، ޓޫރިޒަމްގެ ދާއިރާއިން މި އަތޮޅު ކުރިއެރުވުމަކީ، އަޅުގަނޑު ވީ ވަޢުދެއް. މުޅި އަތޮޅަށް ޓޫރިޒަމް އިތުރަށް ފުޅާކުރުން. އެކަމަށް މިހާރުވާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، އެކި ފުރުޞަތުތައް ހުޅުވައިވެސްލެވިފައި. އެކި ފަރާތްތަކުން، އެކި އުސޫލުތަކުން، ކަނޑައެޅިފައި އޮންނަ ހަމަތަކުން ބިޑުތައް ހުށަހަޅައި، ޕްރޮޕޯޒަލް އިވެލުއޭޓް ކުރެވި، ސޮއިކުރުމާ ހަމައަށް އެދަނީ.
މިއަދު މިތާ ސޮއިކުރެވުނު އެއް އެއްބަސްވުމަކީ، އޭގެތެރެއިން އެ ހުރިހާ މަރުޙަލާއެއް ނިމި، ސޮއިކުރުމާ ހަމައަށް ގެނެވިފައި އޮތް އެއް އެއްބަސްވުން. މި ރަށާ ވަރަށް ކައިރިން ރިޒޯޓެއް ތަރައްޤީކުރުމަށް އެ ހަވާލުކުރެވުނީ. ހަމަ ޔަޤީނުންވެސް، މި ރަށުގެ ޒުވާނުންނަށް، ރައްޔިތުންނަށް މިއިން ވަޒީފާގެ ފުރުޞަތުތަކާއި، އަދި ތަފާތު ގިނަ ފުރުޞަތުތައް ލިބޭނެ. މުޅި އަތޮޅަށްވެސް ފައިދާވާނެ. އަޅުގަނޑު ދެންމެ މި ދެންނެވި ފަދައިން، އެކި މަރުޙަލާތަކުގައި މިހާރު އެބަ ކުރިއަށްދޭ، އިތުރު ރަށްތައް ހަވާލުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް. ދާދި އަވަހަށް، އިރާދަކުރެއްވިއްޔާ މި އަތޮޅުގެ ރައްޔިތުންނަށް، ޖުމްލަކޮށް ފެނިވަޑައިގަންނަވާނެ، މިގޮތަށް އަދި އިތުރު ދެތިން ހަތަރު ރިޒޯޓު ހެދުމަށް، އެކި ފަރާތްތަކުން، އެކި އިންވެސްޓަރުން އެގްރީމަންޓްތައް ހަދައި، މަސައްކަތްތައް ފަށާތަން. ޓޫރިޒަމްގެ ގޮތުން ކުރިއަރާފައި އޮތް އަތޮޅަކަށް މި އަތޮޅު ހަދައިދިނުމަށް އަޅުގަނޑު ވީ ވަޢުދު، އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން. އެއީ އަޅުގަނޑު ވަރަށް މުހިންމު މަޤްޞަދެއްގައި ވީ ވަޢުދެއް. ޒުވާނުން، އާންމު ރައްޔިތުން ޢާއިލާއާ ދުރުގައި، އެހެން އަތޮޅުތަކުގައި، މާދުރު އަތޮޅުތަކުގައި ވަޒީފާ އަދާކުރަން ޖެހިފައި އޮތް އޮތުން ބަދަލުކުރުމަށްޓަކައި ވީ ވަޢުދެއް އެއީ. މި އަތޮޅާއި، އަދިވެސް އެކަށީގެންވާ ވަރަށް ޓޫރިޒަމް ކުރިއަރާފައި ނެތް އަތޮޅަތަކަށް ޚާއްޞަކުރެވިގެން، ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށައިގެން މިއުޅެނީ. ޢާއިލާތަކާ ކައިރީގައި ވަޒީފާ އަދާކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް. އަދި އެއާ ގުޅުވައިގެން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ، މި ދެންނެވި ފަރާތްތަކަށް، ޒުވާނުންނަށް، އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައްވެސް ފަހިކޮށްދިނުމުގެ ބޭނުމުގައި. އެހެންވީމާ، މިއީ ގުޅިލާމެހިފައި އޮތް ސިޔާސަތެއްގެ ތެރެއިން، ތަންފީޒުކުރަން މަސައްކަތްކުރާ ކަމެއް. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވެގެންދާނެ.
ހަމައެއާއެކީގައި، ދެން އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުތަކަށް ބަލާއިރުގައިވެސް، މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވަނީ. މިރޭ މި ސޮއިކުރި މަގުތަކުގެ މަޝްރޫޢުގެ ފިޔަވަހީގެ މަސައްކަތް ނިމިގެންދާއިރުގައި، އަޅުގަނޑު ވަޢުދުވީ ގޮތަށް، މި ރަށުގެ ހުރިހާ މަގެއް ހަދައި ނިމިގެންދާނެ. އެ ޔަޤީންކަން އަޅުގަނޑު އަރުވަން. އެހެންވީމާ، އާރު.ޑީ.ސީ.އިން މި ފެށި މަސައްކަތް، އެގޮތުގައި ގެންދާނަން.
ހަމައެއާއެކީގައި، ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް، މާދަމާ މި ފެށޭ މަސައްކަތްތަކަކީވެސް، މި ރަށުގެ އެ މައްސަލަ ޙައްލުކުރަން ޖެހިފައިވާ މަސައްކަތްތަކެއް. އާބާދީ ސަރަޙައްދުގެ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީވެސް، އަޅުގަނޑު ވަޢުދުވީ ކަމެއް. އެކަންވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން އެ ފެށެނީ.
އޭގެއިތުރަށްވެސް، މުޅި ރާއްޖޭގައި އޮތް ޑްރަގުގެ ވަބާ ނައްތާލުމަށްޓަކައި، ދެތިން ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ސެންޓަރުތަކެއް ހަދަން ވީ ވަޢުދުގެ ތެރެއިން މި ރަށުގައި ހަދަން ވަޢުދު ވީ މަރުކަޒު ހެދުމުގެ ޢަމަލީ މަސައްކަތްވެސް މާދަމާ ފެށިގެން ދާނެ. ހަމައެއާއެކީގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް މިހާރު ފެށިގެން އެދިޔައީ.
ހަމަ އެފަދައިން، އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި. މިރޭ މި ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި، މިހުރި ކަންކަމަކީވެސް ދާދި އަވަހަށް ފެށިގެންދާނެ ކަންކަން. އެގޮތުން ބަލާއިރުގައި، ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމަށް މި ހަވާލުކުރެވިގެންދިޔަ މަޝްރޫޢަކީ، އަޅުގަނޑު ހިތުން ގަމުގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ޞިއްޙަތު ހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި، ކުޅިވަރު ކުޅުމަށްޓަކައި، ހަށިހެޔޮކަން ޤާއިމުކުރުމަށްޓަކައި، ވަރަށް ފުރިހަމަ، ވަރަށް މުހިންމު ވަސީލަތަކަށްވާނެ ކަމެއް.
އާދެ، ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯކޮށް ކުޅެވޭ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، ސްޕެކްޓޭޓަރ ކެޕޭސިޓީ، ނޫނީވިއްޔާ ބަލަންތިބޭ މީހުންގެ އަދަދު، 1200 މީހުންނަށް ވާވަރުގެ، ވަރަށް ޒަމާނީ، ވަރަށް ފުރިހަމަ ސްޕޯޓްސް ކޮމްޕްލެކްސެއް އެއީ. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން މި ރަށުގެ ޒުވާނުންނާއި، ރައްޔިތުން ވަރަށް ބޮޑަށް އެދޭ، އަދި އަޅުގަނޑު ވަޢުދުވެފައި އޮތް މަޝްރޫޢެއް ފުރިހަމަކުރުމަށްޓަކައި ފެށޭ ކަމެއް.
ހަމަ އޭގެއިތުރަށް، އަޅުގަނޑު ދަންނަވާލަން، އިރުއުތުރު ފަރާތު ބަނދަރުގެ މަޝްރޫޢަކީވެސް އަޅުގަނޑު ވަޢުދުވީ މަޝްރޫޢެއް. މި މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ހަމަ ޔަޤީނުންވެސް، ބަނދަރުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ރައްޔިތުންނަށް މިއީ ހަމަ ވަރަށް މުހިންމު ތަރައްޤީގެ މަޝްރޫޢަކަށް ވެގެންދާނެ.
ހަމަ އެގޮތަށް، ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމަށް ވީ ވަޢުދު ފުއްދުމަށްޓަކައި، މިރޭ އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުގެ ތެރެއިން، ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރެވިގެންދާ މި މަޝްރޫޢުގައި، ސްޕެޝަލިޓީ އެކިއެކި ދާއިރާތަކާއި، ސުޕަރ ސްޕެޝަލިސްޓުން އެކި ދާއިރާތަކުން މި ރަށުގައި ޚިދުމަތްކުރާ ގޮތަށް، އިތުރަށް އެޅިގެންދާ އިމާރާތާއި، އެ އިމާރާތުގައި ޤާއިމުކުރެވިގެންދާނެ ވަސީލަތްތަކާ އެކީގައި، ވަރަށް ފުރިހަމަ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ހަވާލުކުރެވިގެން މިދިޔައީ. އެ އިމާރާތް އެޅިގެންދިޔައީމަ، މިހާރު ހުރި އިމާރާތަށް ބައެއް ބަދަލުތައް، ހޮސްޕިޓަލްގެ ބޭނުންކުރުމުގެ ތެރެއިން އަންނާނެ. ކުރެވިގެންދާނެ.
އެހެންވީމާ، ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ ޞިއްޙީ ދާއިރާއަށްވެސް، މި މަޝްރޫޢުގެ ތެރެއިން. އަދި އެ މަޝްރޫޢު އަންނަންދެންވެސް، މިހާރުވެސް އެކިއެކި ސްޕެޝަލިސްޓް ދާއިރާތަކުން ޑޮކްޓަރުން ހޯދުމަށްވެސް އަޅުގަނޑުމެން އެވަނީ އިޢުލާނުވެސް ކޮށްފައި. އަޅުގަނޑު ހިތުން އެކަން ތިޔަބޭފުޅުންނަށް ފާހަގަކުރެއްވިފައި އޮންނާނީ، ގެޒެޓް ކުރެވިފައި އޮތް އިޢުލާނުތަކުން. އޭގެތެރެއިން މިސާލަކަށް، ކިޑްނީގެ ބައްޔާއި، މިހެންހުރި ހިތުގެ ބައެއް ބައްޔާއި، މިފަދަ ދެތިން ހަތަރު ދާއިރާއަކުން، ޚާއްޞަ ޑޮކްޓަރުން ހޯދަން އެއޮތީ އިޢުލާނުވެސް ކޮށްފައި މިހާރު. އެކިކަހަލަ ތެރަޕީތައް ދިނުމަށްޓަކައި، ފިޒިއޮތެރަޕީ ކަހަލަ، ސްޕީޗް ތެރަޕީ ކަހަލަ ދާއިރާތަކުންވެސް، އަޅުގަނޑުމެން އެއޮތީ މި ރަށަށް ބަޖެޓު ހަމަޖައްސާފައި. ބަޖެޓުގެ އެއްވެސް ތާށިކަމެއް ނެތް. އިޢުލާނުކޮށްގެން އެކި ފަރާތްތައް ހޯދުމުގެ މަސައްކަތުގައި މިހާރު މިދަނީ. އެހެންވީމާ، މި ރަށަށް ބޭނުންވާ އެކިއެކި ޞިއްޙީ ފަންނުވެރިން، ސްޕެޝަލިސްޓުން، ޓެކްނީޝަނުން ހޯދުމުގައި، އަޅުގަނޑުމެން މިއޮތީ ބަޖެޓު ހަމަޖައްސާފައި. ފައިސާގެ ތާށިކަމެއް ނެތް. އެކަމަށްޓަކައި ހަމައެކަނި އޮތް ތާށްޓަކީ، އެކަމަށް ބޭނުންވާ މީހުން ހޯދުމުގެ މައްސަލަ. އެހެންވީމާ، އިޢުލާނުކުރެވި، އެކި މަރުޙަލާތަކުން އެކަން އެބަ ކުރަން. އެހެންވީމާ، ޓަރޝަރީ ހޮސްޕިޓަލަށް އިތުރަށް މި ބޭނުންވާ މުހިންމު އިމާރާތް އެޅެންދެންވެސް، މިހާރުން މިހާރަށްވެސް އިތުރުކުރެވެންހުރި ޚިދުމަތްތައް، އިތުރުކުރެވޭނެވަރަކަށް ކުރަމުންދާނީ. އެކަން އެއޮތީ އެގޮތަށް ޕްލޭން ކުރެވިފައި. އެމް.އާރު.އައި. ޚިދުމަތާއި، މިފަދަ އެތައް ކަމެއްގައި، މިއިން ކޮންމެ ކަމެއްގައިވެސް މިކަހަލަ ބޮޑު ޚިދުމަތެއް ގެންނަންޏާ، އިމާރާތަށްވެސް ބަދަލު އަންނާނެ. އެހެންވީމާ، މިއިން ކޮންމެ ކަމެއް ކުރުމުގައި، ޕްލޭން ކުރެވިގެން، ހޮސްޕިޓަލް ކުރިއެރުވުމަށް އަޅުގަނޑުމެން އެއޮތީ ކަނޑައަޅާފައި. އެ ވަޢުދުވެސް ފުއްދިގެންދާނެ.
އާދެ، ބޯހިޔާވަހިކަމުގެ ދާއިރާއިން އަޅުގަނޑު ފާހަގަކޮށްލާނަން. ހަމަ ޔަޤީނުންވެސް، މިއީ މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ދާއިރާ. އަދި އަޅުގަނޑު ވަރަށް އިސްކަމެއްދީގެން ވަޢުދުވީ ދާއިރާއެއް. ޙަޤީޤަތުގައި، އާބާދީ ބޮޑު ރަށްރަށުގައި، އެންމެ މުހިންމު ކަމަކަށް އޮތީވެސް މި މައްސަލަ. އެހެންވެގެން، އެކަމަށް އަޅުގަނޑުމެން އެހާ އިސްކަމެއް މިދެނީ. އެންމެ މުހިންމު ކަމަކަށް، އަޅުގަނޑު އެކަމަށް ވަޢުދުވީވެސް އެހެންވެގެން. މި އަހަރަށް ކަނޑައެޅުނު ބަޖެޓުގައިވެސް އެންމެ މުހިންމު އިސްކަމެއްދޭ ދާއިރާއަކީ މިއީ. މި އަންނަ އަހަރަށްވެސް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، އެންމެ އިސްކަމެއްދެނީ އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން. މި އަހަރެކޭ އެއްފަދައިން، މި އަންނަ އަހަރުވެސް.
އާދެ، މީގެތެރެއިން ދެންމެ އަޅުގަނޑުމެން ސޮއިކުރި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މި ހަވާލުކުރި، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި، އަދި އިތުރު 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި، ވަރަށް އަވަހަށް އެހެން ފަރާތަކާއެކު ސޮއިކުރުމުގެ މަސައްކަތް، ހައުސިންގ މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ. އެ ސޮއިކުރެވުނުހާ އަވަހަކަށް، ހަމަ މި އަހަރު ތެރޭގައި، އިތުރު 100 ހައުސިންގ ޔުނިޓުވެސް މި ރަށުގައި އެޅުމުގެ މަސައްކަތް ފެށޭނެ. އެއީ، މިހާރު ހިނގަމުންދާ 100 އާއި، ސޮއިކުރެވިގެން މިދިޔަ 100 އާއި، އަދި އޭގެއިތުރު 100.
މިހާރު އަޅަމުންދާ 100 ޔުނިޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ ސިޔާސަތު މިކަމުގައި. މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން. މި 100 ހައުސިންގ ޔުނިޓު މިހާރު ނިމުމަކާ ހަމައަށް އެދަނީ. ނިމުނީމަ، އެ 100 ޔުނިޓު އެކީގައި ކަނޑައެޅިގެންދާނީ މި ރަށުގެ ރައްޔިތުންނަށް. ރަށުން ބޭރުން މީހުން ބަދަލުކުރުމަކަށް، އެ 100 ޔުނިޓަކުންނެއް އަޅުގަނޑުމެން ކަނޑައެއްނާޅާނަން. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ގެންދަނީ. މި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނީ، ރައްޔިތުންގެ ވިންދާއި، އިޙްސާސާ ގުޅޭގޮތަށް. ރައްޔިތުން އެދޭގޮތަށް. ހަމަ ޔަޤީނުންވެސް، މި ރަށުގެ ރައްޔިތުން ބޭނުންވާނީ، އެ ހުރިހާ ހައުސިންގ ޔުނިޓުތައް މި ރަށަށް ކަނޑައަޅަން. އެހެންވީމާ، އެގޮތަށް އެކަން ކުރިއަށްދާނީ. ދެން، އިތުރަށް އެޅޭ ޔުނިޓުތަކުގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި ރަށުން ބޭރުން އެކި ފަރާތްތަކަށް ފުރުޞަތުތައް ހުޅުވާލުމަކީ، އަޅުގަނޑުމެން މަރުޙަބާ ކިޔާނެ ކަމެއް. އެހެންނަމަވެސް، އެވެސް ހަމަ ރައްޔިތުން ނިންމަވާނީ. ރައްޔިތުން ބޭނުންވެލައްވާ ގޮތަކަށް ކުރިއަށް ގެންދާނީ. އާދެ، 300 ހައުސިންގ ޔުނިޓު މިހާރު މި ހަމަޖެހުނީ. އަޅަމުންދާ ޔުނިޓުތަކާއި، ސޮއިކުރެވިގެން މިދިޔަ 100އާ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ސޮއިކުރެވޭނެ އިތުރު 100. އަދި އޭގެއިތުރަށްވެސް، އަޅުގަނޑުމެން ކުރިއަށް ގެންދާނަން ހައުސިންގ މަޝްރޫޢުތައް. އަޅުގަނޑު ކަނޑައަޅާފައި މިއޮތީ، 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ކުރިއަށް ގެންދާގޮތަށް. މަރުޙަލާތަކަށް ބަހާލެވިފައި މިއޮތީ.
އެހެންވީމާ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަކީ، އަޅުގަނޑު އެންމެ އިސްކަމެއްދޭ ކަންތައް. އަޅުގަނޑު ކުރިން ވަޢުދުވީ ގޮތަށް، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ގޯތީގެ ޖާގަ، ނޫނީވިއްޔާ ގޯތީގެ އޭރިއާވެސް ދެގުނައަށް ބޮޑުކޮށްދީ، 4000 އަށްވެސް ހަދައިދިނީ. އަޅުގަނޑު އުންމީދުކުރަން، އެ ގޯތިތައް އެއީ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ގޯތިތަކަކަށް މިހާރު ވެފައިވާކަމަށް، 4000 އަކަފޫޓަށް ބަދަލުކުރެވިގެންދިޔައީމަ، އެ 400 ގޯތި. ހަމަ އެގޮތަށް، އިރާދަކުރެއްވިއްޔާ ދެންއޮތް މަރުޙަލާތަކުގައިވެސް އަޅުގަނޑުމެން އިތުރު ހައުސިންގ ޔުނިޓުތައް، ރައްޔިތުން އެދޭގޮތަށް، ފަހިކޮށްދެމުން ގެންދާނަން.
އާދެ، ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާއިރުގައި، މި ރަށަކީ އެހެން ރަށްރަށުން އާބާދީ ޤާއިމުވެ، ދިރިއުޅެމުންދާ ރަށަކަށްވާއިރުގައި، ކުރިން އަޅުގަނޑު ދަންނަވާލި ގޮތަށް، ޢަދުލުވެރިކަމުގެ ތެރެއިން، އިންސާފުވެރިކަން މުޅިން ޤާއިމުނުވެ ހުރި ކަންތައްތަކެއް ހުރި ރަށެއް. މީހުން ބަދަލުކުރާއިރުގައި، ސަރުކާރުގެ އަބަދުވެސް ސިޔާސަތަކީ، ބަދަލުގެ ފައިސާއެއްގޮތުގައި، ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުން. އޭރުގައި އޮންނަނީ 50,000 ރުފިޔާ. އެކަމުގައި ރައްޔިތުން އަޅުގަނޑު ގާތުގައި، ކެމްޕެއިން ތެރޭގައި އެ ވާހަކަ ދެއްކީމަ، ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑު ވަޢުދުވީން، އެ މައްސަލަ ޙައްލުކޮށްދޭނެ ކަމަށް.
އާދެ، މި ފައިސާ ލިބެންޖެހޭ 169 ފަރާތެއްވާކަން، އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. މިހާރު އެއީ ގާތްގަނޑަކަށް، 8.45 މިލިއަން ރުފިޔާ، 50,000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު އެވަނީ ހަމަޖައްސާފައި. ދެން، ފިނޭންސް މިނިސްޓްރީއާއި، ހައުސިންގ މިނިސްޓްރީގެ ޓީމެއް، މި ރަށަށް ދާދި އަވަހަށް އަންނާނެ. އައިސް، މި ލިބޭ ފަރާތްތަކާ ބައްދަލުކުރުމާއި، އޭގެ ތަފުސީލުތައް އިތުރަށް އޮޅުންފިލުވައި، އެއިން ކޮންމެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި، ސީދާ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ. އެހެންވީމާ، އެ މަރުޙަލާ ދެން އޮތީ. މީގެތެރެއިން ބައެއް ބޭފުޅުން ނިޔާވެފައިވެސް މިހާރު ވެދާނެ. މީގައި ލީގަލީ ބަލަންޖެހޭ ކަންކަންވެސް ހުންނާނެ. އެހެންވީމާ، އެ ތަފުސީލުތައް ހޯދުމަށް ޓީމެއް އަންނާނެ، ހަމަ ވަރަށް އަވަހަށް. ދެ މިނިސްޓްރީގެ ޖޮއިންޓް ޓީމެއް. އައިސް، އެ ތަފުސީލުތައް ނަންގަވައިގެން، އެ ބޭފުޅުން އެނބުރި ވަޑައިގެންފައި، ކޮންމެ ބޭފުޅެއްގެ ސީދާ އެކައުންޓަށް، އިރާދަކުރެއްވިއްޔާ މި 50,000 ރުފިޔާ ޖަމާކޮށްދޭނަން.
އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑުގެ ޒިންމާއެއް. އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އަމާނާތްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދަމުންދާނަން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން. އެގޮތުން އަޅުގަނޑު މި ރަށުގައި ވީ މި ހުރިހާ ވަޢުދެއްވެސް ފުއްދުމުގެ މަސައްކަތް ކުރަމުން މިދަނީ.
އާދެ، މީގެއިތުރަށްވެސް އަޅުގަނޑު ބައެއް ކަންތައް ދަންނަވާލާނަން. ތަޢުލީމީ ދާއިރާއިންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ނިމެމުންދާ 12 ކްލާސްރޫމް، އެ ތިން ސްކޫލްގެ ތެރެއިން، އެއް ސްކޫލެއްގައި ނިމެމުން އެބަދޭ. އެ މަޝްރޫޢު ނިންމުމާއި، އަދި ތިން ސްކޫލަށްވެސް އިތުރަށް އެބަ ބޭނުންވޭ އިންފްރާސްޓްރަކްޗަރވެސް. ޢުމްރާނީ އިތުރު ކުރިއެރުން ބޭނުންވޭ. އެހެންވީމާ، މި އަންނަ އަހަރަށް އަޅުގަނޑުމެންގެ އާ މަޝްރޫޢުތަކުގެ ލިސްޓުގައި، އެބަ ހިމަނަން ސްކޫލްތަކަށް، މި ރަށުގެ ސްކޫލްތަކަށް އިތުރަށް ބޭނުންވާ ޢުމްރާނީ ކުރިއެރުންތައް. ޢިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭނުންވާ ބަޖެޓު އިރާދަކުރެއްވިއްޔާ، ފާސްވެގެންދާ ބަޖެޓުގެ ތެރެއިން ހިމެނިފައި އޮންނާނެ. ހިމެނިގެން، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ޢުމްރާނީ ހުރިހާ މަޝްރޫޢުތައް، މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، ހަމަ ޢަމަލީގޮތުން ހިނގަމުންދާނެ. އެ ޔަޤީންކަންވެސް ތަޢުލީމީ ދާއިރާއިން އަޅުގަނޑު ދެން. މި ރަށުގެ ރައްޔިތުންނަށް ދެން.
މީގެ އިތުރަށްވެސް، ދަތުރުފަތުރު ކުރުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް، ބަހުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި، ތަޢުލީމީ ފަންޑުން ޚަރަދުކޮށްގެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ރަށަށް ބަހެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެބަ ކުރިއަށްގެންދަން. ތަޢުލީމީ ފަންޑުން، އެޑިޔުކޭޝަން މިނިސްޓްރީން އެމް.ޓީ.ސީ.ސީ.އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް އެއީ. އަޅުގަނޑުމެން މި ބަލަނީ މަދުވެގެން ދެ ބަސް މި ރަށަށް މި ވަގުތަށް ފޯރުކޮށްދޭން. އެހެންވީމާ، އެކަންވެސް ކުރިއަށް އެބަދޭ. އެހެންނަމަވެސް، އަޅުގަނޑަށް އެ ބޭފުޅުން ދެއްވާފައިވާ މަޢުލޫމާތަށް ބަލާއިރު، އަދި ދެ މަހެއްހާ ދުވަސް ވެގެންދާނެ. އެހެންވީމާ، ދިރާސީ އާ އަހަރަށް ބަސް ގެނެވިގެން ދިޔުމަކީ އަޅުގަނޑު ހިތުން، އެކަން ހާސިލު ކުރެވިގެންދާނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމަށްވެސް މަސައްކަތް ކުރެވޭ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން.
އާދެ، މީގެއިތުރުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އެބަހުރި. އާދެ، މިހާ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވާއިރުގައި، ޢުމްރާނީ ތަރައްޤީގެ ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާއިރުގައި، މަގުތައް ބެލެހެއްޓުމާއި، އެކިއެކި ބަނދަރުތަކާއި، އެހެން ހުންނަ ހުރިހާ ތަނެއްގެ މެއިންޓެނަންސް މަސައްކަތްތަކަކީ، ވަރަށް މުހިންމު ކަމެއް ދޭންޖެހޭ، ވަގުތުން ވަގުތަށް
ކުރެވެންޖެހޭނެ މަސައްކަތްތަކަށް ވާންޖެހޭނެ. އެހެންވީމާ، މާދުރުން އެހެން ހިސާބަކުން، ޕަބްލިކް ވަރކްސް ޔުނިޓަކުން ތަކެތި ގެނެސްގެން، މަސައްކަތްކުރާ ގޮތް ބަދަލުކުރަން އަޅުގަނޑު ނިންމާފައި މިހާރު މިއޮތީ. މި ރަށުގައި އިރާދަކުރެއްވިއްޔާ، ޕަބްލިކް ވަރކްސް ޔުނިޓެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. އެކަމަށްޓަކައި ބޭނުންވާ ބަޖެޓުވެސް ހަމަޖައްސާފައި މިހާރު އޮންނާނީ. ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ތަކެތި އަންނަން ނަގާނެ ދޮޅުމަހެއް، ނޫނީ ދެ މަހެއްހާ ދުވަސް.
އެހެންވީމާ ސީދާ ތާރީޚަށް ނުގެނެވުނު ކަމުގައިވިޔަސް އަމާޒަކީ، މި އަހަރު ނިމެންވާއިރަށް ތަކެތި ގެނައުން. ކޮންމެގޮތެއްވިޔަސް ދާދި އަވަހަށް މި ރަށަށް ޚާއްޞަ ކުރެވިފައިވާ، ފްލީޓެއް، ޕަބްލިކް ވަރކްސް ޔުނިޓުގެ މެޝިނަރީޒް މި ރަށަށް ގެނެވިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ ބޭނުންވާ މުވައްޒަފުންވެސް ނެގި، މި ރަށުގައި ޤާއިމުވެފައިވާ ޕަބްލިކް ވަރކްސް ޔުނިޓެއް، ދާދި އަވަހަށް ހިނގަން ފަށާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
މި އަންނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި ހުރި ބައެއް ކަންކަން އަޅުގަނޑު އަދިވެސް ދަންނަވާލަން ބޭނުން. ބޮޑެތި ބައެއް އެހެން ރަށްތަކުގައި އަޅުގަނޑުމެން އަޅާހެން، ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް އެޅުން އެބައޮތް. އެވެސް ބަޖެޓުގައި ހިމެނިފައިވަނީ. ބަޖެޓު ފާސްވެގެންދިޔައިމާ އިރާދަކުރެއްވިއްޔާ، އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ.
އާދެ، އަޅުގަނޑު މި ބަލަނީ ފުރަތަމަ މި ލިސްޓު ކިޔައި ނިންމާލެވޭތޯ. އެހެންވީމާ، ޖުމްލަކޮށް މި ދެންނެވި މައިގަނޑު ދާއިރާތަކުން ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން މިވަނީ ތަރުތީބު ކުރެވިފައި. ބޭރުގެ ފަންޑުތަކާ ގުޅިފައި ހުރި ބައެއް ކަންކަން އަޅުގަނޑު ދަންނަވާނުލައި އަދި މި ބޭއްވީ. އެއީ ބޭރުގެ ފަންޑަކީ، ބޭރުގެ ފަންޑުގެ އުސޫލުން ހިނގާ ކަމަކަށްވާތީ. އިންޑިޔާގެ އެލް.އޯ.ސީ.ގެ ތެރެއިން، ލައިން އޮފް ކްރެޑިޓްގެ ތެރެއިން، އަޅުގަނޑު ވަޢުދުވީ މަޝްރޫޢެއް، މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުން އެބައޮތް. އެހެންނަމަވެސް، އަޅުގަނޑަކަށް އޭގައި ނުދެންނެވޭނެ، މިވެނި ދުވަހަކު ފެށޭނެއެކޭ. އެހެންނަމަވެސް، މައްސަލައެއް ނެތް. ފަންޑު ހަމަޖެހިފައި. އެ ޕްރޮސީޖަރއިން ހިނގާ ކަމެއްވީމާ، އެކަންވެސް އެގޮތަށްދާކަން އަޅުގަނޑު ދަންނަވާލަން ބޭނުންވީ.
އާދެ، ޖުމްލަކޮށް ހަމަ ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖުތިމާޢީ ހުރިހާ ދާއިރާއެއް، ޢުމްރާނީ ތަރައްޤީގެ ހުރިހާ ދާއިރާއަކުން، ގަމުގެ ރައްޔިތުންނަށް މި ހުރިހާ ދުވަހު ގެއްލިފައިވާ، ނޫނީވިއްޔާ ނުލިބި އޮތް، ނޫނީވިއްޔާ ފޯރުކޮށްދެވިފައި ނުވާ ތަރައްޤީ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ ތެރެއިންނާއި، އޭގެ އިތުރަށްވެސް ކޮށްދީ ނިންމައިދޭނެކަމުގެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، މި އަތޮޅުގެ މި ދަތުރު ގާތްގަނޑަކަށް މިހާރު މި ނިމުނީ. މާދަމާ އިސްދޫ ކަލައިދުއަށް އަޅުގަނޑަށް ދެވުނީމާ، ހުރިހާ ރަށަކަށް ދެވުނީ. އާދެ، އަތޮޅުގެ މި ދަތުރު ނިމިގެންދާއިރުގައި، މުޅި އަތޮޅުގެ ރައްޔިތުންނަށް މުހިންމު އެހެން ކަމެއްވެސް އެބައޮތް. އެއީ، އާރު.ޓީ.އެލް.ގެ ޚިދުމަތް. އަޅުގަނޑުމެން އާރު.ޓީ.އެލް.ގެ ޚިދުމަތް ޤާއިމުކުރުމަށް، މިހާރު ބާކީއޮތް ހުރިހާ އަތޮޅަކަށް ފްލީޓް ފެބްރިކޭޓްކޮށް، މަސައްކަތް އެބަ ހިނގާ. އެކަން ނިމޭހާ އަވަހަކަށް، މި އަތޮޅަށްވެސް އަންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ، އެންމެ ލަސްވެގެން ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ ބާކީހުރި ހުރިހާ އަތޮޅެއް ކަވަރުކުރުން ކަމުގައިވާތީ، މިހާދުވަސް ދެން އެންމެ ގިނަވިޔަސްވާނީ. އެހެންވީމާ، އާރު.ޓީ.އެލް.ގެ ޚިދުމަތަށް އިންތިޒާރުކުރައްވާ ބޭފުޅުންނަށް، ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައޭ ހިނގަނީ. ގާތްގަނޑަކަށް، ފެބުރުވަރީ، މާރިޗު ހިސާބަށް ދާއިރަށް އެކަންވެސް މި އަތޮޅަށް އަދި މި ޚިދުމަތް ނުފެށި ބާކީހުރި ހުރިހާ އަތޮޅަކަށްވެސް އެއޮތީ ފެށޭގޮތަށް ހަމަޖެހިފައި. އެކަން އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.
އާދެ، މި ރަށުގައި ހިނގަމުން އެބަދޭ، އިތުރު ބައެއް މަޝްރޫޢުތައްވެސް. ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން ހިންގާ މަޝްރޫޢުތައްވެސް ހިނގާނެ. ސަރުކާރުން ހިނގަމުންދާ މަޝްރޫޢުތައް އަޅުގަނޑުމެން ބަލާނީ، ވީހާވެސް އަވަހަކަށް ނިންމަން. ފުލުހުންގެ އެކޮމަޑޭޝަން އިމާރާތެއް އެޅުން، މިސްކިތް އެޅުން، މިހެންގޮސް އެކި ކަންކަން އެބަ ހިނގާ. މިއިން ކޮންމެ ކަމެއް ނިންމާލުމަށް ވަރަށް އިސްކަމެއްދީގެން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އާދެ، ފުލުހުންގެ ވާހަކަ ދަންނަވާލެވުނީމާ ހަމަ މިއަދު މިތާހުރެ ކަމެއް ދަންނަވާލަން އަޅުގަނޑު ބޭނުން.
އާދެ، ފުލުހުންގެ ޚިދުމަތަށް ބަލާއިރު، އަޅުގަނޑުމެން ގަބޫލުކުރަނީ އެއީ އަސާސީ ކަމެއްގެ ގޮތުގައި. ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ސަރުކާރުން ކަންކަން ކޮށްދޭ ކަމަށްވަންޏާ، ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި އޮންނަންޖެހޭނެ. އެއީ، ރައްޔިތުންނަށްޓަކައި މުހިންމު ކަމެއް. އާދެ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، 17 ނޮވެންބަރު 2023 ގައި ރާއްޖޭގައި އެއްވެސްވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތް. އެއްވެސްވަރަކަށް ޚިދުމަތްނެތި. އެ 66 ރަށަށް އޭރުގައި ޖެހެނީ، ބޭނުން ޖެހިއްޖިއްޔާ ކައިރި އެހެން ރަށަކުން ޓީމު އަންނަން. އެހެންވީމާ، އެ ރަށެއްގެ ރައްޔިތުން އުޅެންޖެހެނީ، ކޮންމެފަދަ ކަމެއް ދިމާވިޔަސް، އެފަދަ ހާލެއްގައި.
އެހެންނަމަވެސް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތްވަނީ މިއަދު ހަވީރު 5:15 އިން ފެށިގެން ޤާއިމުކޮށް ނިމިފައި. އާދެ، 5:15 ގައި ރ. އަތޮޅު ރަސްގެތީމުގައި، އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް ޤާއިމު މި ކުރީ. އާދެ، ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު މި ކުރެވުނީ. ރިޔާސީ ބަޔާނުގައި މި އަހަރުގެ ފެބުރުވަރީގައި އަޅުގަނޑު އިޢުލާނުކުރީ، މި އަހަރު ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމަށް. އެހެންވީމާ، ﷲ އިރާދަކުރެއްވީތީ، އޭގެ ގާތްގަނޑަކަށް ދެމަސް ކުރިން އެކަން އަޅުގަނޑުމެން ކޮށް މި ނިމިގެންދިޔައީ.
މީގެ އިތުރަށްވެސް، ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ސަރުކާރު ފެށިގެން އައިއިރު، 17 ނޮވެންބަރު 2023 ގައި، ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތްދޭ އޮތީ އެންމެ 17 ރަށް. އަމިއްލަ އިމާރާތެއްގައި. ފުލުހުންގެ ނަމުގައި އަޅާފައި ހުރި އިމާރާތެއްގައި، ޚިދުމަތްދޭ އެންމެ 17 ރަށް ރާއްޖޭގައި އޮތީ. ދެންހުރި ރަށްތަކުގައި، ކައުންސިލުން ފޯރުކޮށްދީފައި ހުންނަ އިމާރާތެއްގައި، ނޫނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން، ނޫނީވިއްޔާ ކޮންމެވެސް އެހެން ފަރާތަކުން ކުއްޔަށް ނަގާފައި ހުރި، ކޮންމެވެސް ތަނެއްގައި ފުލުހުން ޚިދުމަތްދެމުން މިހާތަނަށް އައިސްފައި ހުރީ. އޭގެ ސަބަބުން، ފުލުހުންނަށް ޚިދުމަތް ދިނުމަށް އެތައް ދަތިތަކެއް ދިމާވޭ. އޭގެ ސަބަބުން، ރައްޔިތުންނަށް އެތައް ނިކަމެތިކަމެއް އެބަ ލިބޭ. ފުލުހުންގެ ފަރާތުން އެ ލިބެންޖެހޭ ސަޕޯޓް، ނޫނީވިއްޔާ އެ ފޯކަސް ނުލިބި، އެ ބޭފުޅުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށް ނުދެވުނީމާ، ރައްޔިތުންނަށް އޭގެ ނިކަމެތިކަން އެބަލިބޭ. އެހާލުގައި ރާއްޖެ އޮތީ 17 ނޮވެންބަރު 2023 ގައި. އެންމެ 17 ރަށުގައި ފުލުހުންގެ އިމާރާތް ހުރީ.
މިހާރު، ރާއްޖޭގެ އެކި ކަންކޮޅުގައި، 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް އެބަ ހިނގާ. އަދި އޭގެއިތުރަށް، ސޮއިކުރެވި، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށާ އެކީގައި، ޖުމްލަ 99 ރަށުގައި މިހާރު ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ މަސައްކަތް އެދަނީ ކުރިއަށް. ހަމަ އެއާއެކީގައި، މި މަހުގެ ތެރޭގައި، ބާކީ މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަދި އިތުރު 39 ރަށުގައި، ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ހަވާލުކުރަން އެކި ފަރާތްތަކަށް. މާނައަކީ 138 ރަށުގައި، މި އަހަރު ނިމޭއިރުގައި، ފުލުހުންގެ އިމާރާތް އެޅުމުގެ އާ މަޝްރޫޢުތައް ހިނގަމުންދާނެއޭ. މި ދައުރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން ފެށިއިރުގައި އެންމެ 17 ރަށުގައި ފުލުހުންގެ އަމިއްލަ ޚިދުމަތްދޭ އިމާރާތް ހުރި ހުރުން ބަދަލުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެވޭ ހިސާބަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލުކުރާނަން. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްދެނީ އިރާދަކުރެއްވީތީ މިގޮތަށް.
އިޤްތިޞާދު ހަލާކުވެފައި، ވަރަށް ބޮޑު އަނދަވަޅެއްގައި އޮއްވައި، އަޅުގަނޑުމެން މަސައްކަތާ ހަވާލުވާންޖެހުނީ. އެ އަނދަވަޅުން ނަގައި، ރައްޔިތުންނަށް ކަންކަން ކުރެވޭ ހިސާބަށް ގެނެސްދީ، އަދި ގެނެސްދިނުމުގެ ތެރޭގައި، 2024 ވަނަ އަހަރު، މުޅި އަހަރު އަޅުގަނޑުމެން ކުރިމަތިލާންޖެހުނީ، ނިމިގެންދިޔަ ސަރުކާރުން އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުކުރެވޭގޮތަށް، އޭރުއޮތް މަޖިލީހުން ޤަޞްދުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ފާސްކުރި ބަޖެޓެއް ތަންފީޒު ކުރުމުގެ ތެރެއިން. އެ ވާހަކަ ދައްކައި ނިމިއްޖެ މިހާރު ކިތަންމެ ޖަލްސާއެއްގައި. އެހެންވީމާ، ތަކުރާރެއް ނުކުރާނަން. އެހެންވިޔަސް، އެ ދަތިކަމުގެ ތެރެއިންނާ އެކީގައި އައިސް، މި އަހަރަށް އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން، މި ރަށް ގޮތަށް، މިއަދު މި ފެށިގެންދިޔަގޮތަށް އިރާދަކުރެއްވީތީ، އެތައް ރަށެއްގައި، އެތައް މަޝްރޫޢެއް ފެށިގެން މިހާރު އެ ހިނގަނީ. އަދި ކުރިއަށް އޮތް ތާނގައިވެސް އެތައް މަޝްރޫޢެއް ފެށި، އަދި މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓުން ބާކީހުރި، އަޅުގަނޑު ވަޢުދުވީ ހުރިހާ ވަޢުދެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. އެއީ، އަޅުގަނޑު ރިޔާސީ ބަޔާނުގައި ބަޔާންކުރި ގޮތް. އެ ޕްލޭން އިރާދަކުރެއްވީތީ އެގޮތަށް ތަންފީޒު ކުރަމުން މިދަނީ. އެހެންވީމާ، މިގޮތަށް ތަރުތީބު ކުރެވިގެން މިގެންދަނީ. މީގެއިތުރަށް، ޢަމަލީގޮތުން މިހެން ހުންނަ އިމާރާތެއް އެޅުމުގެ އިތުރަށް ވެފައިހުރި ވަޢުދުތައްވެސް ފުއްދަމުން މިދަނީ.
މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި، މިގޮތުން އަޅުގަނޑުވީ އެއް ވަޢުދު އެއީ، އެކަނިވެރި މައިންގެ އެލަވަންސް މިހާރުދޭ އަދަދަށްވުރެ ބޮޑުކޮށްދީ، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްދިނުން. އެކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެ ވަޢުދު ފުއްދުންވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް މިހާރު ނިންމާފައި އެއޮތީ. އެހެންވީމާ، މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖަނަވަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް، އެކަނިވެރި މައިންނަށް ދޭ އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެންދާނެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5878 ފަރާތެއް އެބަތިބި މިހާރު ސްޓެޓިކްސްޓިކްސްގައި.
އޭގެ އިތުރަށް، އަޅުގަނޑު ވަޢުދުވީ އެހެން އެލަވަންސެއް، ތެލަސީމިއާ ކުދިންނަށްދޭ އެލަވަންސް، 1000 ރުފިޔާ ކޮންމެ ކުއްޖަކަށް ދިނުންވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އެވަނީ. އެ ކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަކަށް މިކަން ވާނެ. އެވެސް މި އަންނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިޔައިމާ، ތެލަސީމިއާ ބަލި ތަޙައްމަލުކުރާ ކުދިންނަށް އޭގެ ފަސޭހަކަންވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމެއް މިއީ. އެހެންވީމާ، މި ދެ ކަންތައް އަޅުގަނޑުމެން ހިމަނާފައި އޮންނާނީ މި އަންނަ އަހަރުގެ ބަޖެޓުގައި. އާދެ، ސިންގަލް ޕޭރަންޓް އެލަވަންސަށް މި އަންނަ އަހަރުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ، އެއީ މިހާރުވެސް ލިބޭ އެލަވަންސެއް. ބޮޑުވެގެން މިދަނީ. މި އަހަރު 78 މިލިއަން ރުފިޔާ، އެކަނިވެރި މައިންނަށް ދޫކުރިން. މިދިޔަ އަހަރު 66 މިލިއަން. މި އަންނަ އަހަރު 211 މިލިއަނަށް މި ބޮޑުވަނީ. އަލަށް ފަށާ ތެލަސީމިއާ އެލަވަންސަށް މި އަންނަ އަހަރު 11.7 މިލިއަން އެބަ ހިމަނަން. އެއީ، ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން. މިހާރު އެބަތިބި ރަޖިސްޓަރ ކުރެވިފައި، 982 ތެލެސީމިއާ ކުދިން މިގޮތަށް އެލަވަންސް ލިބެންޖެހޭނެ ކަމަށް. އެ ކުދިންނަށް މި ފައިސާ ލިބޭނެ.
އެހެންވީމާ، އިމާރާތްތަކާއި، މިފަދަ މަޝްރޫޢުތަކުގެ އިތުރަށް، މިގޮތަށް ހުރި ވަޢުދުތައްވެސް ފުއްދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. ރައްޔިތުންނަށް ބޭނުންޖެހިފައި ހުރި މިއިން ކޮންމެ ކަމެއްގައި، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދި ޒިންމާ. އަޅުގަނޑުމެން އެކަން މި ކުރަނީ، ތަރުތީބު ކުރެވިގެން، މި އިޤްތިޞާދު ރަނގަޅުކޮށް، ހަރުދަނާކޮށް، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދެމުން.
އަޅުގަނޑު ހަމަ ގާތްގަނޑަކަށް ކޮންމެ ޖަލްސާއެއްގައިހެން މިހާރު އަޕްޑޭޓް ދެމުންދާ ކަމެއް. ދާދި އަވަހަށް، ކުރިއަށް އޮތް ހަފްތާއެއް، ދިހަވަރަކަށް ދުވަސް ތެރޭގައި، މިދިޔަ ސަރުކާރުން ފުނި ޖައްސާފައި ހުރި، އެތައްހާސް މިލިއަން ރުފިޔާގެ ބިލުތަކާއި، މިދިޔަ ތިރީހަކަށް ދުވަހާ ހަމައަށް، ސަރުކާރަށް ލިބިފައި ހުރި ބިލުތައް، މި ހުރިހާ ބިލުތަކެއްގެ ތެރެއިން ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިންގޮސް، ބިލަށް ޕޭކުރުމާ ހަމައަށް ގޮސްފައި ހުރި ހުރިހާ ބިލަކަށް ފައިސާދީ ނިމޭނެ. އޭރުންވެސް، ދިވެހި އެތައް ރައްޔިތުންނެއްގެ ކުދިކުދި ކުންފުނިތައް، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމާ، އެތައް ރައްޔިތުންނެއް މުއްސަނދިވެގެންދާނެ. އެކަންވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. އެއީ، ގާތްގަނޑަކަށް 2300 މިލިއަން ރުފިޔާ. 2.3 ބިލިއަން ރުފިޔާ. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެބައި ދީ ނިންމަން.
ހަމަ އެގޮތަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ޕްރައިވެޓް އެތައް ކުންފުންޏަކަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ޕްރައިވެޓް އެތައް ކުންފުންޏަކަށް، ސަރުކާރުގެ އެތައް މަޝްރޫޢެއް އެބަ ހަވާލުކުރަން ޤާނޫނާއި ގަވާއިދުގެ ތެރެއިން. އޭގެ ސަބަބުންވެސް އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދިޔައިމާ، އާންމު އެތައް ރައްޔިތުންނަކަށް، އެތައް އާއިލާތަކަކަށް، އޭގެ ސަބަބުން މުއްސަނދިކަން ލިބިގެން އެބަދޭ. ތަނަވަސްކަން ލިބިގެން އެބަދޭ. އިޤްތިޞާދު ފުޅާވެގެން އެބަދޭ. އިޤްތިޞާދު ކުރިއަރައިގެން އެބަދޭ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ރާއްޖޭގެ ދެވަނަ ނުވަތަ ތިންވަނަ އިންޑަސްޓްރީ. ބައެއްފަހަރު ދެވަނަ. ބައެއްފަހަރު ތިންވަނަ. އެހެންވީމާ، އަޅުގަނޑުމެން ބޭނުން، ދެވަނައަށް ގެންދަން. ނޫނީވިއްޔާ ވީހާވެސް މައްޗަކަށް ގެންދަން މަސައްކަތްކުރަން.
މީގެ ކުރީގައި ސިޔާސަތުތައް އޮތްގޮތުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ އަނދަވަޅަކަށް ވެއްޓިފައި. އަދި މުޅި އިޤްތިޞާދު އޮތްގޮތަށް އަނދަވަޅަކަށް ވެއްޓިފައި. އެހެންވީމާ، އެކި ކުދިކުދި މެދުފަންތީގެ ކުންފުނިތަކާއި، އަދި ބޮޑެތި ބައެއް ކުންފުނިތަކަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް، އަޅުގަނޑު ވަޢުދުވެފައި ހުރި އެތައް ވަޢުދެއް ފުއްދުމަށްޓަކައި، އޭގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރާ ގުޅޭ އިމާރާތް ކުރުމާއި، މިސްކިތްތަކާއި، މިހެންގޮސް އެތައް ތަނެއް އެޅުމުގެ މަސައްކަތް އެބަ ހަވާލުކުރަން. އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރުވަނީކީ ސަރުކާރުގެ އެސް.އޯ.އީ.ތައް ލައްވައެއްނޫން. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ތަރުތީބު ކުރެވިގެން، ޕްލޭން ކޮށްގެން. އެއިރަކު މަސައްކަތް ކުރަން އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ މަސައްކަތެއް ހަވާލުކުރަންޖެހޭނެ ފަރާތްތަކާ ޤާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ހަވާލުކޮށްގެން.
އެހެންވީމާ، ރައްޔިތުންނަށް ބޭނުންވާ މިފަދަ ހުރިހާ ކަމެއް ތަރުތީބުކުރެވިގެން، ފައިސާ ޗާޕުކުރުމަކާ ނުލައި، އަޅުގަނޑުމެން ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުން އަދި ޢަދުލުވެރިކަމާ އެކީގައި ރައްޔިތުން މުއްސަނދިކޮށްދިނުން އެއީ، އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ. މަސައްކަތްތައް އެކި ރަށްރަށުގައި ހިނގަމުންދާނެ. މި ރަށުގައި މި ފެށިގެންދިޔަ މަސައްކަތްތަކާއެކު. އަދި އިތުރު ކަންކަންވެސް އަޅުގަނޑު ދަންނަވާލި ގޮތަށް ހިނގަމުންދާނެ. އޭގެ ސަބަބުންވެސް ރަށަށް އަންނާނީ ދިރުން. އިޤްތިޞާދީ ގޮތުންވެސް މަސައްކަތްތައް ލިބި، އޭގެ ތެރެއިން ހުންނަ އެކިކަހަލަ ސަބް މަސައްކަތްތަކާ އެކި ފަރާތްތައް ހަވާލުވީމާ، އޭގެ ސަބަބުންވެސް ރަށްރަށަށް އަންނާނީ ކުރިއެރުން. އެހެންވީމާ، މިގޮތަށް ކަންކަން ބައްޓަންކުރެވިގެން މިދަނީ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ގަމުގެ ރައްޔިތުންނަށް، އިރާދަކުރެއްވިއްޔާ ހަމަ ތަކުރާރުކުރުމަކާ ނުލައި، ތިޔަބޭފުޅުންނަށް މިވީ ވަޢުދުތައް ފުއްދައިދީ ނިންމައި، ބައެއް ކަންކަން ނިންމައި، އަދި ގިނަ ކަންކަން ހިނގަމުންދާ ތަން ދުށުމަށް މާލަސްތަކެއްނުވެ ތިޔަބޭފުޅުންގެ ގާތަށް އަނެއްކާވެސް އަންނަން އަޅުގަނޑު އުންމީދުކުރަމޭ. މިއަދު ފެށިގެން މިދިޔަ މަޝްރޫޢުތައް، ސޮއިކުރެވިގެންދިޔަ މަޝްރޫޢުތައް، ނިމިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ދުވަސް. އިރާދަކުރެއްވިއްޔާ، އެ އުފަލުގައި ބައިވެރިވާން އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް އައުމުގެ އުންމީދުގައި ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، ދިވެހި ޤައުމަށް އުފާފާގަތިކަން މިންވަރު ކޮށްދެއްވައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް މުއްސަނދިކަން މިންވަރު ކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.