ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އޮޅުވެލިފުށީ ރިސޯސް ސެންޓަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ނިމިފައިވާ ރަށުގެ ނަރުދަމާ ނިޒާމު ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަނަށް ބޭނުންވާ ކަރަންޓު ނެޓްވޯރކް ރަނގަޅުކޮށްދެއްވުމަށާއި، ރަށުގެ ވަރަށް ގިނަ ކަންކަމާއި ގުޅިފައިވާ، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އެގޮތުން ހެލްތު ސެންޓަރުގެ އައު އިމާރާތަށްވެސް ކަރަންޓުގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުން ކޮންމެހެން ބޭނުންވާ ޓެސްޓްތައް ހެދޭނެ ގޮތް ހައްދަވައިދެއްވުމަށާއި ރަށަށް ޚާއްޞަކޮށްގެން ސީއެމްބިއުލާންސެއްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ މަގުހެދުމާއި، ފުޓްސަލް ދަނޑެއް ހަދައިދިނުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ ވީއެންމެ އަވަހަކަށް ރަށުގެ ކަރަންޓް އަދި ޞިއްޙީ ދާއިރާގެ ކަންކަން އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.