بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހިންނަވަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށަށް އަޅުގަނޑުމެންނަށް އާދެވުނު ހޫނުގަދަ ވަގުތުވެސް، ރަށުގެ ލޮބުވެތި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެއްލަނީ އާ ޞަފްޙާއެއް. ހިންނަވަރުގެ ތަރައްޤީ. ހިންނަވަރުގެ ތަރައްޤީ ވަރަށް މަޑު ދުވެލީގައި އައި އައުން، ގެނައި ގެނައުން، ނިމުމަކަށް ގެނެސް، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ޙައްޤުވާގޮތަށް އެންމެ ބާރު ދުވެލީގައި، މި ރަށުގެ ތަރައްޤީ ގެންދަން އެއްލުނު ޞަފްޙާ އެއްލުނު ދުވަސް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުއްދައިދޭނަން، މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން. އަދި ޢަމަލީގޮތުން މަސައްކަތް ފެށިގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން މި ހުރިހާ ވަޢުދެއް ފުދިގެން އެބަދޭ.
ވަރަށް ގިނަ ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅެމުންދާ ރަށެއް. އާބާދީ ގޮތުން ފަސްހާހަށްވުރެ ގިނަ ރައްޔިތުން އުޅެމުންދާއިރު، ބައިބޯމިނުގެ ގޮތުން ވަރަށް ބޮޑަށް ތޮއްޖެހިފައި ވަނީ. ހިއްކިފައިވާ ބިން އެތައް އަހަރެއް ވީއިރުގައިވެސް އެދެވޭގޮތުގައި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ގޮތަކަށް، ބޭނުންކުރެވޭގޮތެއް ހެދިފައެއް ނުއެއްވޭ. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، މިއަދު ދެންމެ މި ހަވާލުކުރެވުނު މަސައްކަތް. އެ ބިމުގެ ބޭނުން ކުރެވޭނެގޮތަށް، ފެނާއި ކަރަންޓު، ނަރުދަމާ، މި ކަންކަން، ޔުޓިލިޓީސް ހަމަޖައްސައިދިނުމުގެ މަސައްކަތް. އާދެ، މި މަސައްކަތް އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ވަރަށް ބޮޑު އިސްކަމެއްދޭނެ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދާނަން. އަޅުގަނޑަށް އެނގޭ، އަދި ފެނިގެންވެސްދޭ، އެ ބިމުގެ ބޭނުން ރައްޔިތުންނަށް ބޮޑުވެފައިވާވަރު. އެތައް ގޯއްޗެއް ދެވިފައިވާއިރުގައި، އަދި އެހެނިހެން އެތައް ބޭނުމެއް ކުރުމަށް ބިން ދޫކުރެވި، ބިން ބޭނުންކުރަން ރައްޔިތުން ބޭނުންވެފައިވާއިރުގައި، އެ މުހިންމު އަސާސީ ޚިދުމަތްތައް ނެތުން އެއީ، ވަރަށް ބޮޑު ނިކަމެތިކަމެއް.
އެހެންވީމާ، މި ފެށިގެންދިޔަ މަޝްރޫޢު، ސޮއިކުރެވިގެންދިޔަ މަޝްރޫޢުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއްދީގެން، ވަރަށް ހަލުވިކަމާ އެކީގައި، ވަރަށް ބާރު ސްޕީޑުގައި އިރާދަކުރެއްވިއްޔާ، މި މަސައްކަތް ތިޔަބޭފުޅުންނަށް ކޮށްދީ ނިންމައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
އާދެ، މި މަޝްރޫޢުގެ އިތުރަށް، އަޅުގަނޑުމެން މި ރަށުގައި އެހެން ކަންކަންވެސް ފަށައިފިން. އާދެ، ތަޢުލީމީ ދާއިރާއިން އަޅުގަނޑު ވަޢުދުތަކެއްވިން. މި ތަނުގައި ދަރިވަރުން ތިބެގެން، އެހެން ރަށްރަށުގެ ރައްޔިތުންވެސް ތިބެގެން ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމު ދެވޭނެގޮތަށް، ދަނާލު ހިމެނޭހެން ކެމްޕަސް ޤާއިމުކޮށްދޭނެކަމަށް ވަޢުދުވިން. އެ މަޝްރޫޢުގައި ސޮއިކުރެވިގެން އެ ދިޔައީ. އެކަން އިރާދަކުރެއްވިއްޔާ އެ ވަޢުދު ވީގޮތަށް ފުދިގެންދާނެ.
ހަމައެއާއެކީގައި، ސްކޫލަށް މި ބޭނުންވާ ކުލާސްރޫމްތަކާއި، އެޑްމިން ބްލޮކާއި، އަދިވެސް އެހެނިހެން ޖާގަތައް އިތުރުކުރުމަށްޓަކައި މި ހަވާލުކުރެވުނު މަޝްރޫޢަކީވެސް ހަމަ އެގޮތުގައި ކުރިއަށްދާނެ މުހިންމު މަޝްރޫޢުތަކެއް.
މީގެ އިތުރުންވެސް، ގިނަ ކަންތައްތަކެއް ކުރަން މިއަދުވަނީ ފެށިފައި. މި ރަށުގައި އޭ.ޓީ.އެމް.އެއް ބެހެއްޓިގެން ބޭންކިންގ ޚިދުމަތް ދޭން ފެށިފަހުން އެތައް އަހަރެއްވެއްޖެ. ގާތްގަނޑަކަށް ފަސްވަރަކަށް އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަންނޭނގެ. އެހެންނަމަވެސް، މިހާބޮޑު އާބާދީއެއް އޮންނައިރުގައި، އެއަށްވުރެ މަތީ ލެވެލްއަކަށް ނެތް ގެންދެވިފައެއް. މިއަދު މި ބިންގާ އެޅުނު ބޭންކުގެ ބްރާންޗުގެ ސަބަބުން، ހަމަ ޔަޤީނުންވެސް އެ ތަން ހުޅުވިގެންދާއިރުގައި، މިކަން ހަމަޖެހިގެން އެބަދޭ.
އާދެ، އަޅުގަނޑު ވެފައިމިވާ މުހިންމު ވަޢުދު ރައްޔިތުންނަށް ފުއްދައިދިނުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ދެއްވާ އެއްބާރުލެއްވުމަށް ހަމަ ޝުކުރު ދަންނަވަން. އަޅުގަނޑުމެން ރަށްރަށުގައި މި ފަށާ ބޭންކް ބްރާންޗްތައް އެޅުމުގެ މަޝްރޫޢުތައް ފަދައިން، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢަކީވެސް ހަމަ ވަރަށް ކާމިޔާބުކަމާ އެކީގައި، ވަރަށް ހަލުވި ދުވެލީގައި ގޮސް ނިމިގެންދާނެ މަޝްރޫޢެއް. މިހާރު މިހާތަނަށް އަޅުގަނޑުމެން ބޭންކް ބްރާންޗް ޤާއިމުކުރަން ފެށި ހުރިހާ ރަށެއްގެ މަސައްކަތްތައްވެސް ކުރިއަށް އޮތް ހަތަރު ފަސްމަސްތެރޭގައި ނިމިގެންދާނެ. މި ރަށްވެސް އޭގެތެރޭގައި ހިމެނޭ. އެހެންވީމާ، އެންމެ ލަސްވެގެން، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ މާރިޗުމަހާ ހަމައަށް ދާއިރުގައި މި ބްރާންޗުގެ ޚިދުމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.
ހަމަ އޭގެއިތުރަށްވެސް، ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، ވަރަށް ބޮޑު މަރުކަޒެއް އަޅަން މިއަދު މި ފެށުނީ. ވަރަށް މުހިންމު ކަމެއް، މިހާވަރުގެ އާބާދީއެއް އޮންނަ ރަށެއްގައި، ރަނގަޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ދެވޭނެ މަރުކަޒެއް ހުރުން. އަދި ބޭނުންވާ އެހެން ފެސިލިޓީޒްތައް ޤާއިމުވެފައި ހުރުން. އެހެންވީމާ، އިރާދަކުރެއްވީތީ އެ މަޝްރޫޢުވެސް ފެށިގެން އެދިޔައީ. ހަމަ ޔަޤީނުންވެސް އަމާން ވެށްޓެއް ޤާއިމުކުރުމުގައި، ރައްޔިތުންނަށް އޭގެފައިދާ ލިބިގެންދާނެ މަޝްރޫޢަކަށްވާނެ.
ކުޅިވަރުގެ ދާއިރާއިންވެސް ހަމަ އެގޮތަށް މިހާރު ފުޓްސަލް ދަނޑެއްގެ މަސައްކަތް އެދަނީ ހަލުވި ދުވެލީގައި. މިއަދު މި ބިންގާ އެޅުނު ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކީވެސް، އެތަން ނިމިގެން ދިޔުމުން އެފަދަ މުހިންމު ޚިދުމަތެއް ލިބޭނެ މުހިންމު ތަނެއް. އައުޓް ޑޯ ޖިމްއެއް އެވަނީ ހަދާ ނިމިފައި. ބޭނުންކުރަން ތައްޔާރުވެފައި. އަދި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ބަޖެޓުގައި ޖަހައިގެން މި ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. ސްޕޯޓްސް ކޮމްޕްލެކްސްއަކީ 1200 މީހުންގެ ސްޕެކްޓޭޓަރ ކެޕޭސިޓީ، ނޫނީވިއްޔާ ބަލަން ތިބޭ މީހުންގެ ޖާގަ ހިމެނޭ، އެންމެ ޒަމާނީ ފެންވަރުގެ، އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ މަރުކަޒެއް. އެހެންވީމާ، މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން ހިމެނިގެންދާނެ.
އާދެ، ފެށިފައި ހުރި ބައެއް މަޝްރޫޢުތައް ހަލުވި ދުވެލީގައި ދިޔުމަކީ، ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް. ހައުސިންގއަކީ އެންމެ ބޮޑު މައްސަލަ. އާދެ، މި މައްސަލައަށް ބަލާއިރުގައި، ވަރަށް ހިތާމަކުރަން ޙަޤީޤަތުގައި، މިކަން މިހެން މި ރަށުގައި، އަދި މިކަހަލަ އެހެން ރަށްތަކުގައި ހުއްޓިފައި ހުރުމުން. އެއީ، މިހެން މި ދަންނަވަނީ، ސަރުކާރުން މި ކުންފުންޏަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނުދީގެން މަސައްކަތް ނުކޮށް އޮވެގެނެއްނޫން، މަސައްކަތް ނުކޮށް ތިބެނީ. ސަރުކާރު ބަދަލުވުމާ އެކީގައި، މިފަދަ ބައެއް ކުންފުނިތަކުން، މަސައްކަތް ދޫކޮށްލާފައި ދިޔައީ. ޕެންޑިންގ ޕޭމަންޓެއް ނެތް މިހާރު، މި ރަށުގައި މަސައްކަތްކުރާ ކުންފުންޏަށް ދޭކަށެއްވެސް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރުވޭތޯ، ނިންމޭތޯ. އެކަން ނުވާނެކަން މިހާރު އަޅުގަނޑުމެންނަށް މިއޮތީ ޔަޤީންވެފައި. އެހެންވީމާ، ސަރުކާރުން މި މަޝްރޫޢު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޓަރމިނޭޓް ކުރާނަން. ކޮށްފައި، މިކަން ކުރެވޭވަރުގެ ބަޔަކާ ހަވާލުކުރާނަން. ކޮށްގެން ނިންމާނަން. ކޮންމެގޮތެއްވިޔަސް، އެއީ މި ރަށަށް، ރައްޔިތުންނަށް އެންމެ މުހިންމު އެއް ކަމަކީ، އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ލިބޭނެގޮތް ހަދައިދިނުން. އެހެންވީމާ، މި މައްސަލައަށް ޙައްލެއް ގެންނަން، އަޅުގަނޑުމެން ނިންމާފައިވާގޮތް މި ދަންނަވާލީ. ވަރަށް މަސައްކަތް ކުރެވިއްޖެ ކުންފުނި ލައްވައި މަސައްކަތް ކުރުވަން. އެކަމެއް ނުހިނގި. އެހެންވީމާ، ޓަރމިނޭޓް ކޮށްގެން، ބަޔަކާ ހަވާލުކުރާނަން. ހަވާލުކޮށް، އެކަން ނިންމައިދޭނަން.
އޭގެއިތުރަށް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އިތުރު 100 ހައުސިންގ ޔުނިޓު، މި ރަށުގައި އިރާދަކުރެއްވިއްޔާ އަޅައިދޭނަން. މިހާރު މި ހަފުތާގައި ބަޖެޓު އެބަ ހުށަހަޅަން. ނިއު ޕޮލިސީ އިނިޝިއޭޓިވް، ނޫނީވިއްޔާ އަލަށް ފަށާ މަޝްރޫޢުތަކުގެ ލިސްޓުގައި، މި ރަށުގައި 100 ހައުސިންގ ޔުނިޓު އެޅުން ހިމެނިފައި އޮންނާނެ. އެހެންވީމާ، މި އަންނަ އަހަރަށް ބޮޑު ދެ މަޝްރޫޢެއް މިހާރުވެސް މިއޮތީ ކަނޑައެޅިފައި. 100 ހައުސިންގ ޔުނިޓާއި، ސްޕޯޓްސް ކޮމްޕްލެކްސް މި ރަށުގައި ހިންގުމަށްޓަކައި.
އާދެ، ހިނގަމުންދާ މަޝްރޫޢުތައް ހަލުވިކުރުމުގެ ވާހަކައިގެ ތެރެއިން ދަންނަވާލަން ބޭނުން، ހޮސްޕިޓަލަކީ މި ރަށަށް ވަރަށް މުހިންމު މަޝްރޫޢެއް. އެކަމުގައި އިތުރަށް ފާސްޓް ޓްރެކް ކުރަން، އަވަސްކުރަން ކޮށްދެވޭނެ ކަންކަން ސަރުކާރުން ކޮށްދޭނަން. ވަރަށް ގާތުން އަޅުގަނޑުމެން ބަލަމުންދާ، ވަރަށް މުހިންމު މަޝްރޫޢެއް.
މަގު ހެދުމުގެ މަސައްކަތަށް ބަލާއިރުގައި، މިހާރު މިވަނީ ތާރުއެޅުމާ ހަމައަށް، ގާތްގަނޑަކަށް ހަމަ ހުރިހާ މަގެއް ގެނެވިފައި. އާދެ، އާރު.ޑީ.ސީ.އަކީ، އަޅުގަނޑުމެންގެ މަގު ހެދުމުގެ މަޝްރޫޢުތައް ވަރަށް ގިނަ ރަށްރަށުގައި ހިންގާ ކުންފުންޏެއް. މި ކުންފުނީގެ ކެޕޭސިޓީވެސް އަޅުގަނޑުމެން ހަވާލުވީއިރުގައި އޮތީ، ހަމަ ވަރަށް ހާލު ދަށްކޮށް. ވަރަށް ގިނަ ރަށްރަށުގައި އެއްފަހަރާ މަސައްކަތް ގެންދެވޭ ވަރަށް، އަޅުގަނޑުމެން މިހާރު ބޭރުން އެބަ ގެންނަން އާރު.ޑީ.ސީ.އަށް، އެންމެ ޒަމާނީ ފެންވަރުގެ، ހުރިހާ ޒާތެއްގެ މެޝިނަރީ. ތާރުއަޅާ މެޝިންތަކާއި، ދެން މިހެން ހުންނަ ހުރިހާ އެއްޗެއް. ވަރަށް ބޮޑު ފްލީޓެއް އެބަ ހަމަކޮށްދެން. ޕެރެލަލީ މިކަހަލަ ބޮޑެތި ރަށްރަށުގައި، އަދި އެކި ރަށްރަށުގައި މަސައްކަތްކުރެވޭ ގޮތަށް. އާރު.ޑީ.ސީ.ގެ ކެޕޭސިޓީ، އިރާދަކުރެއްވިއްޔާ ގިނަވެގެން ދެމަހެހްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެގެން އެބަދޭ. މިހާރު އޯޑަރ ދެވިފައި އެވަނީ.
އެހެންވީމާ، އެ ތަކެތި ގެނެވިގެން ދިޔައީމަ، މިގޮތަށް ހުރި ގިނަ ރަށްތަކުގެ ތާރުއެޅުމާއި، ދެންހުރި މަސައްކަތްތައް އެތައް ގުނައަކުން ހަލުވިވާނެ. އެހެންވީމާ، މި ރަށުގެ މަސައްކަތް ނިންމުމަށް އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭނަން. އެކަމަށް އަޅުގަނޑުމެން މި ދަންނަވާހެން، މި ބޭނުންވާ އާލާތްތައް، އިކްއިޕްމަންޓްސް، މެޝިނަރީޒް ހަމަކުރުމުގެ މަސައްކަތް މިގެންދަނީ، ވަރަށް ވަރަށް ބޮޑު އިސްކަމެއްދީގެން. މީގެ ނަތީޖާ އިރާދަކުރެއްވިއްޔާ، އެންމެ ގިނަވިޔަސް، މި އާ އަހަރު ފެށޭ ހިސާބުން ފެށިގެން، ވަރަށް ގިނަ ރަށްތަކުގައި ޢަމަލީގޮތުން ފެނިވަޑައިގަންނަވާނެ، މި ދެންނެވިހެން މެޝިނަރީޒްތައް ގެނެވި، މަސައްކަތްތައް ފެށިގެންދިޔައީމަ. އެހެންވީމާ، އެގޮތަށް އެކަންވެސް ދާނެކަން، އަޅުގަނޑު ހަމަ މި ދަންނަވާލީ، އިރާދަކުރެއްވީތީ އެކަންވެސް އެހެން ހަމަޖެހިފައި އޮތީމަ.
އާދެ އޭގެއިތުރަށްވެސް، ބަނދަރަށް ބަލާއިރުގައި، ބަނދަރުގެ ބޭނުން އެންމެ އެދެވޭގޮތަށް ހިފުމަށް، އެކިކަހަލަ އޮޑިދޯނިފަހަރު، ލޯންޗްފަހަރު ގެންގުޅޭ ފަރާތްތަކަށް މި ބޭނުންވާ ޖާގަ އުފެއްދުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ރައްޔިތުންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް އޮތް ކަމެއް މިއީ. އެގޮތުން، އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައި އޮތް މަޝްރޫޢުގެ ތެރެއިން، އަޅުގަނޑުމެން ދެ ބަދަލެއް ގެންނާނަން ބޭރުތޮށްޓަށް. އެއްކަމަކީ، އުސްކޮށްދީ، އެ ބޭނުންވާ ޙިމާޔަތްތެރިކަން ލިބޭގޮތަށް، ބަނދަރުގެ ބޭރުތޮށި ބޮޑުކޮށްދީ، ރަނގަޅުކޮށްދިނުން. ދެވަނަ ކަމަކީ، ބޭރުތޮށީގައި އުޅަނދުފަހަރު އެޅޭގޮތަށް، އަޅުގަނޑުމެން ޑިޒައިން ބަދަލުކޮށްދިނުން، އިރާދަކުރެއްވިއްޔާ. އެ ބަނދަރުގައި މި ދެ ކަންތައް އަޅުގަނޑުމެން ކޮށްދޭނަން. އެހެންވީމާ، ވަރަށް އަވަހަށް މި ދެ މަސައްކަތް ފެށިގެންދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެ ބޭނުންވާ ޖެޓީ އަޅައިދީ، އޭގައި އޮޑިދޯނިފަހަރު އެޅޭގޮތަށް، ބޭނުންވާ ފެސިލިޓީ ގާއިމުކުރެވޭގޮތަށް ހަދައިދިނުމާއި، ބޭރުތޮށި އުސްކޮށް، ޙިމާޔަތްތެރިކަން އިތުރުވާގޮތަށް ހަދައިދިނުން. އެހެންވީމާ، އެގޮތަށް އެކަން ދާނެ. އަދި މި އަންނަ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އާ މަޝްރޫޢެއް ގޮތުގައި، ސްވިމިންގ ޓްރެކެއްވެސް މި ރަށުގައި ގާއިމުކޮށްދޭނެ ވާހަކަވެސް ދަންނަވާލަން.
އާދެ، މިހާބޮޑު އާބާދީއަކަށް ބަލާއިރުގައި، އެންމެ ރަނގަޅު ފެންވަރުގައި މިހާރުވެސް ކައުންސިލުން ކުނި މެނޭޖްކޮށްދޭ. އެހެންނަމަވެސް، އެންމެ ރަނގަޅު ފެންވަރުގައި، އެންމެ ރަނގަޅަށް މިކަން ކުރެވޭނެ ގޮތަކަށް، އަޅުގަނޑުމެން މިކަން ކޮށްދޭން ނިންމާފައިވަނީ. އާދެ، ވެމްކޯއަކީ ސަރުކާރުގެ ފަރާތުން މިފަދަ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ހަވާލުކުރާ ކުންފުނި. އާދެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، މި ރަށުގައި ވެމްކޯގެ އޮޕަރޭޝަންސް ފެށިގެންދާނެ. އެކަމަށްޓަކައި ބޭނުންވާ މެޝިނަރީ ހޯދައި، މި ރަށުގައި މޮބިލައިޒް ކުރުމަށް، މި ރަށުގައި ކައުންސިލުން ދޭ ޚިދުމަތް، ކައުންސިލާ އެގްރީމަންޓެއް ހަދައިގެން، ވެމްކޯއިން ހަވާލުވާނެ. މި އަހަރު ނިމެންވާއިރަށް ހަވާލުވެ، އިރާދަކުރެއްވިއްޔާ މި ދެންނެވި ފަދައިން، މި އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމެންވާއިރަށް، ކުރިއަށް އޮތް ތިންމަސް ތެރޭގައި އޮޕަރޭޝަންސް ފެށިގެންދާނެ. އާދެ އެހެންވީމާ، އޭގެ ސަބަބުން ކުނި މެނޭޖްކުރުމުގެ ގޮތުން ކުރެވޭ ވަރަށް ގިނަ ކަންކަމުން ރައްޔިތުންނަށް ފައިދާވާނެ. އެތައް ޚިދުމަތްތަކެއް ރަނގަޅުވެގެންދާނެ. މިހާރުވެސް ކައުންސިލުން އެކަން ކުރާގޮތްވެސް، އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީގައި ބަލައިގަންނަން.
އާދެ، މިކަހަލަ އެތައް ދާއިރާއަކުން، މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމެއްގައި ސަރުކާރުން، އިރާދަކުރެއްވިއްޔާ ވަރަށް އިސްކަމެއްދީގެން ކުލަޖައްސައިދޭނަން. އަޅުގަނޑު ވީ ހުރިހާ ވަޢުދެއް، މި ދެންނެވިހެން ފުއްދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ފަށާފައި މިވަނީ. ގެދޮރު ބިނާކުރުން ކަމުގައިވިޔަސް، އަދި މި ސޮއިކުރެވިގެންދިޔަ ހުރިހާ ދާއިރާއެއްގެ މަޝްރޫޢުތައް ކަމުގައިވިޔަސް، އަދި ހިނގަމުންދާ މަސައްކަތްތައް އަވަސްކުރުން ކަމުގައިވިޔަސް، އަދި ހުއްޓިފައި ހުރި މަސައްކަތްތައް ފެށުން ކަމުގައިވިޔަސް، މިއިން ކޮންމެ ދާއިރާއަކުން، މި ރަށަށް ބޭނުންވާ ތަރައްޤީ އަޅުގަނޑުމެން ގެނެސްދޭނަން. މި ލަސް ދުވެލީގައި މިދިޔަ ތަރައްޤީ ނިމުމަކަށް ގެނެސް، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ހަލުވިކަމާއެކީގައި ރަށުގެ ތަރައްޤީ، ހިންނަވަރުގެ ރައްޔިތުންނަށް ބޭނުންވާ، ލިބެންޖެހޭ މިންވަރުގައި، ހަލުވިކޮށް ގެނެސްދިނުމަށް މިކުރާ މަސައްކަތް، ޙަޤީޤަތަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ އެގޮތުގައި ދާތަން، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު އެކަން އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، މި ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުން، އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. ޤައުމުގެ ކަންކަން ހެޔޮގޮތުގައި ގެންދިޔުމުގައި، އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.