ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ނައިފަރު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނައިފަރު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ނައިފަރު ކައުންސިލުން ވަނީ، ރަށަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމުގައިވާތީ، ނައިފަރުގެ އިޙްތިޞާސްގައި ޅ އަތޮޅު މަޑިވަރު ހިމަނުއްވައިދެއްވައި، ނައިފަރާއި އެރަށް ގުޅާލަދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ވަނީ، ޞިއްޙީ ދާއިރާއަށް ކުރިއެރުންތައް ލިބި، އެކި ޚިދުމަތްތައް މިހާރު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމާއި މިހާރު ހޮސްޕިޓަލް ހުރި ލެވެލް މަތިކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރަށުގައި ސްޓޭޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި، ހަމައެކަނި ސްޓޭޓް ހައުސް އެއް އެޅުމުގެ ބަދަލުގައި، ރަށުގެ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނެ އޮޑިޓޯރިއަމް، މީޓިން ރޫމް އަދި ހޯލް ހިމެނޭ އިމާރާތެއް ގޮތަށް އެތަން އެޅުމަށް ވެސް މިބައްދަލުވުމުގައި ވަނީ އެދިވަޑައިގެންފައެވެ.

ރަށުގައި އާބާދީ އިތުރުވަމުން ދިއުމާއިއެކު އިތުރު ޕްރައިމަރީ ސްކޫލެއް އަޅުއްވައިދެއްވުމަށް ސްކޫލްގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.