بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނައިފަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، އަދި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރިޔާސީ އިންތިޚާބުގައި، ދެ ފަހަރެއްގެ މަތިން ތިޔަބޭފުޅުންނާ ބައްދަލުވި. ފަހުފަހަރު ދެތިން މިނިޓަށް ނަމަވެސް. އަދި އޭގެފަހުންވެސް، ރަސްމީކޮށް އެއްފަހަރު އާދެވިއްޖެ. މިއިން ކޮންމެ ފަހަރަކު، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަން، ވިދާޅުވެފައިވާ ކަންކަން، ވަރަށް ރަނގަޅަށް އަޅުގަނޑުމެން ހަނދާން އެބަހުރި. އަދި ސަރުކާރުން އެކަމަށް ސަމާލުކަން ދެން. ވީ ވަޢުދުތައް ފުއްދުމަކީ، އަޅުގަނޑުގެ ޒިންމާއެއް. ސަރުކާރުގެ މަސްއޫލިއްޔަތު. މިއަދާ ހަމައަށް އައިއިރުގައި، އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މިއައީ، މި ހުރިހާ ކަމެއް ކޮށްދިނުމަށް ތައްޔާރުވުމަށް، މަގުފަހިކުރުމަށް، ކަންކަން ހަމަޖެއްސުމަށް.

އެގޮތުން، މިއަދު މި ޖަލްސާގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް، އަޅުގަނޑުމެން މި ހަވާލުކުރީ މިކަމަށް މި ދެންނެވި ގޮތަށް ތައްޔާރުވެ، ހުރިހާ ކަމެއް ހަމަޖެހިގެން. އާދެ، އަދި ހަމައެއާއެކީގައި، މިއަދު އަދި މާދަމާ ހެނދުނު މި ފެށިގެންދާ މަސައްކަތްތަކަކީވެސް، މި ދެންނެވި ގޮތަށް ކަންކަން ފުރިހަމަކުރެވިގެން، ފެށިގެންދާ ކަންތައްތައް. އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވަން ބޭނުންވާ މައިގަނޑު ވާހަކައަކީ، ދޭން ބޭނުންވާ ޔަޤީންކަމަކީ، މިރޭ އެކި ދާއިރާތަކުން މި ރަށަށް ތަރައްޤީ ގެނައުމަށްޓަކައި، މި ހަވާލުކުރެވުނު މަސައްކަތްތަކާއި، މިއަދު އަދި މާދަމާ ހެނދުނު މި ފެށިގެންދާ މަސައްކަތްތަކަކީ، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ފުރިހަމަކަމާއެކީގައި، ރަނުން ރަނަށް ފުރިހަމަވެގެންދާނެ ކަންތައްތަކެއް ކަމުގެ ޔަޤީންކަން.

އައިސް ޕްލާންޓެއް ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު މިފްކޯއާ ހަވާލުކުރެވި މަސައްކަތް ފެށީ. އެ މަސައްކަތާއި، އަދި މާދަމާ ހެނދުނު އިރާދަކުރެއްވިއްޔާ، 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މި ފަށަނީ. އަދި މިއަދު ހަވީރު، އަޅުގަނޑުމެން މަގުހެދުމުގެ މަސައްކަތްވެސް މި ފެށީ. އާދެ، މަގުހަދާނީ ބައިބަޔަށް، ފޭސް ފޭސްއަށް ބަހައިގެނެއްނޫން. މި ރަށުގައި އޮންނާނީ އެންމެ ފޭސްއެއް. އެ ފޭސް ހަދައި ނިމޭއިރު، ހުރިހާ މަގެއް ނިމޭނެ. އެހެންވީމާ، އެއް ފޭހުން ހުރިހާ މަގެއް ހަދާ މަޝްރޫޢެއް މިއަދު މި ރަށުގައި މި ފެށުނީ. އަޅުގަނޑު ވަޢުދުވީ އެގޮތަށް، ހުރިހާ މަގެއް ހަދަން. 45 ހެކްޓަރުގެ ބިން މި ހިއްކަނީ، މިއީ އަރބަން ސެންޓަރެއް ގޮތުގައި އަޅުގަނޑު އިޢުލާނުކޮށްފައިވާ ރަށެއް. އާބާދީގެ ގޮތުން މިހާރުވެސް، 6200 ނޫނީ 6300 އަށްވުރެ މީހުންގެ އާބާދީ ގިނަ. ރަށުގައި އުޅޭ އާބާދީ 7000 އާ ގާތްކުރޭ. ތަރައްޤީގެ ގޮތުން މުހިންމު ނާރެހެއް. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް. އެހެންވީމާ، މި 45 ހެކްޓަރުގެ ބިން މި ރަށަށް އިތުރުވެގެންދިޔުމަކީ، މި ރަށުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މުހިންމު ކަމެއް. އަދި ރާއްޖޭގެ ތަރައްޤީއަށްވެސް މުހިންމު ކަމެއް. އެހެންވީމާ، މި މަސައްކަތަށް ދޭންޖެހޭ އެންމެމަތީ، އެންމެ ފުރިހަމަ ސަމާލުކަން ސަރުކާރުން ދޭނެ. މި މަސައްކަތް ފެށި، ނުހުއްޓި ބާރަށް ގެންގޮސް، ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަރުވަން.

އަޅުގަނޑުމެން މިރޭ މި ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން، ބަނދަރުގެ މަސައްކަތަށް ބަލާއިރު، ބަނދަރުގެ މަސައްކަތަކީ، އާދެ، މި ރަށުގައި މިހާރު ހެދިފައި މިއޮތް ބަނދަރުވެސް މިއީ، އޭރުގައި ހެދިގެންދިޔައިރުގައި، އެ ވަގުތަށް ބަލާއިރުގައި، ރާއްޖޭގައި އޮތް މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، އެންމެ ބޮޑު އެއް ބަނދަރު. ނަމަވެސް، މި ރަށުގެ އިޤްތިޞާދު ކުރިއަރައިގެން ގޮސް، މީހުންގެ ބޭނުންތައް އިތުރުވެ، ރަށުގެ ތަރައްޤީ އިތުރުވެގެން ދިޔުމުން، އޭގެ ޒާތުގައި ބަނދަރު މިވަނީ ކުޑަވެފައި. އެހެންވީމާ، ވަޢުދުވިން އިތުރު ބަނދަރެއް ހަދައިދިނުމަށް. އަދި މިހާރު އޮތް ބަނދަރަށް އިތުރު ޖާގަ، ޑިންގީ، ނޫނީވިއްޔާ ކުދި ދޯނިތައް އެޅޭނެފަދަ ޖާގަތައް އިތުރުކޮށް، މިފަދަ ގޮތްގޮތުން، ނެރުގެ މައްސަލައާއި، މިފަދަ ކަންކަން ޙައްލުވާގޮތަށް، މިހާރު އޮތް ބަނދަރުވެސް އަޕްގްރޭޑް ކޮށްދޭނެ ކަމަށް. އެހެންވީމާ، ދެ ވަޢުދު ފުއްދުމަށް މި ހަވާލުކުރެވުނީ.

އެހެންވީމާ، މި މަސައްކަތް ދާއިރުގައި، މި ދެންނެވި ގޮތަށް، ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ގޮތަށް މިކަން ޙައްލުވާނީ. އާދެ، މިހާރު އޮތް ބަނދަރުގެ ބޭރުތޮށީގެ ކައިރިން ކުދި ދޯނިފަހަރު އެޅޭގޮތަށް ޖެޓީއެއް ހެދުމާއި، އަދި ނެރުފައިކަށްޓަށް ބަދަލުގެނެވިގެންދާއިރުގައިވެސް، އިތުރު ޖާގަ ލިބޭނެގޮތަށް މަގުފަހިކުރެވިގެން ދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ބަނދަރު ދެން ނިމިގެންދާއިރު، މި ދެންނެވީ، އާ ބަނދަރާއި، މިހާރު އޮތް ބަނދަރުގެ، މި ކެޕޭސިޓީ އިތުރުވެގެންދިޔައީމަ، އަނެއްކާވެސް މި ރަށް ވާނީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެންމެ ބޮޑު ބަނދަރު އޮތް އެއް ރަށަށް. މި ރަށުގެ ބަނދަރަކީ، ހަމަ ޔަޤީނުންވެސް، އުތުރުގައި އޮންނާނެ އެންމެ ބޮޑު ބަނދަރަށް ވާނެ. އެ ޔަޤީންކަން އެބައޮތް. އެއީ، ހަމަ ޔަޤީނުންވެސް މަސްވެރިކަމާއި، އެހެން ހުރިހާ ޞިނާޢަތެއްގައިވެސް މި ރަށުގައި މަސައްކަތްކުރާ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. މި މުހިންމު އިންފްރާސްޓްރަކްޗަރ، މި ރަށަށް އިތުރުވެގެންދިޔުން.

އާދެ، އޭގެއިތުރުން ބަލާއިރުގައި، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މި ހަވާލުކުރެވުނީ. އެއީވެސް، މި ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫޢެއް. މި ދެންނެވީ، ކުޅިވަރުގެ ދާއިރާއިން ތަރައްޤީ ހާސިލުކުރުމުގެ މައިދާނުގައި ކުރިއަށްދާން ބަލާއިރުގައި، އަޅުގަނޑު ވީ ވަޢުދެއް. އާދެ، 1200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭވަރުގެ ޖާގަ ހިމެނޭ، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއްގެ ކުޅިވަރު ކުޅެވޭ، ޒަމާނީ މަރުކަޒެއް. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން ކުޅިވަރުގެ ދާއިރާއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް.

މީގެއިތުރުންވެސް، އަޅުގަނޑު ވަޢުދުވިން، ފީފާ ސްޓޭންޑަޑަށް މި ރަށުގެ ދަނޑު އަޕްގްރޭޑް ކޮށްދޭން، ނޫނީވިއްޔާ ފެންވަރުމަތިކޮށްދޭނެ ކަމަށް. މިހާރު އަޅުގަނޑުމެން އެވަނީ، ކުޅިވަރާ ބެހޭ ވުޒާރާއިން އެ މަސައްކަތް ހަވާލުކުރައްވާފައި. އެ މަސައްކަތުގެ ތެރެއިން، ރޮސްޓްރަމް ޤާއިމުކުރުމާއި، މިހާރު އޮތް ޓަރފް ބަދަލުކުރުން، އަދި ބައެއް ލައިޓްތައް އިތުރުކުރެވިގެންދާނެ.
އެ މަސައްކަތް ދާދި އަވަހަށް، މި އަހަރު ތެރޭގައި ފެށިގެންދާނެ.

އާދެ، ސްލިޕްވޭއެއް ޤާއިމުކޮށްދޭނެ ކަމަށްވެސް އަޅުގަނޑު ވަޢުދުވިން. އެހެންވީމާ، މިރޭ ޕްރައިވެޓް ކުންފުންޏަކާ މި ހަވާލުކުރެވުނު މަސައްކަތް ނިމިގެންދާއިރުގައި، އެކަން އެއޮތީ ހާސިލުވެގެން ގޮސްފައި.

އާދެ، އަޅުގަނޑުމެންނަށް މިތާނގައި ސޮއިނުކުރެވުނު މަޝްރޫޢެއް، އަޅުގަނޑުމެންނަށް އަދި އިޖުރާތްތައް އެކީގައި ފުރިހަމަކޮށްނުލެވުނީމަ، މިއަދާ ހަމައަށް ނިންމައިނުލެވުނު ވަޢުދެއް، އިސްލާމިކް ސެންޓަރެއް، ނޫނީވިއްޔާ އިސްލާމީ މަރުކަޒެއް އެޅުން. އެއީ، ހަމަޖެހިފައި އޮތް ކަމެއް. އެކަމަށްޓަކައި ފުރިހަމަކުރަންޖެހޭ މަރުޙަލާތައް، ވަރަށް ބާރަށް އެބަ ކުރިއަށްދޭ. މާގިނަ ދުވަހެއް ނުވާނެ. ދާދި އަވަހަށް، އަޅުގަނޑަށް ހީވަނީ ހަފުތާއެއް ތެރޭގައިވެސް ނިންމިދާނެހެން. ނިމުނުހާ އަވަހަކަށް، ބަޔަކާ ހަވާލުކުރެވި، އެ މަސައްކަތްވެސް މި އަހަރު ތެރޭގައި، ޢަމަލީގޮތުން އިސްލާމީ މަރުކަޒެއް ޤާއިމުކުރުންވެސް ފެށިގެންދާނެ.

އާދެ، މަތީ ތަޢުލީމީ ފުރުޞަތުތައް، އަރބަން ސެންޓަރެއްގައި ހަމަ އެންމެ މަތީ ފެންވަރަށް ހުންނަން ޖެހޭނެ. ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ކަމެއް. ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ޤާއިމުކޮށްދޭނެ ކަމަށް. އެހެންވީމާ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމުކުރުމަށް މި ހަވާލުކުރެވުނު މަޝްރޫޢު ވެގެންދާނީ، އެ ވަޢުދު ފުއްދުމަށް. އޭގެއިތުރަށްވެސް އަޅުގަނޑުމެން އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްއަކާއި، ދަނާލެއް އެޅުމަށްޓަކައި، ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް، އެ މަސައްކަތްވެސް މި ރަށުގައި، އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާނެ. އެހެންވީމާ، ނެޝަނަލް ޔުނިވަރސިޓީގެ، ޤައުމީ ދެ ޔުނިވަރސިޓީގެ ކެމްޕަސް އެޅި، ދަނާލެއް އެޅިގެން އެބަދޭ. އެހެންވީމާ، އޭގެ ސަބަބުން، މި ރަށަކީ، ރާއްޖޭގެ ތާރީޚުގައި، ތަޢުލީމީ ޙަޔާތުގައި ތަޢުލީމީ ދާއިރާއިން އެންމެވިދާ، އެންމެ ފަޚުރުވެރި އެއް ރަށަށް ވެގެންދާނެ. މި ރަށަކީ، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ އެންމެ މުހިންމު ދައުރު އަދާކުރާ އެއްރަށް. އެހެންވީމާ، މިފަދަ މުހިންމު ރަށެއްގައި އެތައް ދަރިންނެއް، އެތައް ފަރާތްތަކެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި އުފައްދާފައިވާ، އުފައްދަމުންދާ ރަށެއްގައި، މި ދެންނެވި މަތީ ތަޢުލީމުގެ ހުރިހާ މަރުކަޒުތަކެއް ޤާއިމުވެފައި ހުރުމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. މި ދެންނެވި ދެ މަޝްރޫޢުގެ ތެރެއިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގައި އެކަން ފުރިހަމަކޮށްދޭނަން.

އާދެ، ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކާއިރުގައި، މި ރަށުގެ ސްކޫލަށް، އާދެ، ރާއްޖޭގައި އެންމެ ދުވަސްވީ އެއް ސްކޫލުގައި ޖާގަ އިތުރުކުރަންޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، 10 ކްލާސްރޫމާއި، ހުރިހާ ވައްތަރެއްގެ ލެބުތައް ހިމެނޭގޮތަށް، އިމާރާތެއް އެޅުމުގެ މަސައްކަތް، ވަރަށް އަވަހަށް އަޅުގަނޑުމެން ބަޔަކާ އެބަ ހަވާލުކުރަން. އެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށިގެންދާނެ.

އާދެ، ޞިއްޙީ ދާއިރާއިން، މި ރަށުގައި ހުރި ހޮސްޕިޓަލް އަޕްގްރޭޑް ކޮށްދޭނެ ކަމަށް އަޅުގަނޑު ވަޢުދުވިން. އެކިކަހަލަ ޚާއްޞަ ޑޮކްޓަރުން، ޚާއްޞަ ދާއިރާތަކުން ކުރިއެރުން ގެނެސްދޭނެ ކަމަށް ވަޢުދުވިން. މިގޮތުން ބަލާއިރުގައި، ސްޕީޗް ތެރަޕީގެ ޚިދުމަތަކީ، މި ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ޖުމްލަކޮށް ޤައުމީ ފެންވަރެއްގައިވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން އެ ދާއިރާއަކުން މީހުން ބިނާކުރުމަށްވެސް މަސައްކަތްކުރާ، ހޯދަންވެސް މަސައްކަތްކުރާ، އަދި ޤާއިމުކޮށްދޭން މަސައްކަތްކުރާ އެއް ދާއިރާ އެއީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ހެލްތް މިނިސްޓްރީގެ ފަރާތުން، ސްޕީޗް ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ. އޭގެތެރެއިން، އެންމެ އަވަހަށް ހަމަޖެހޭ ސްޕީޗް ތެރަޕިސްޓެއް، މި ރަށަށް ހަމަޖެއްސުމަށް ނިންމާފައިވަނީ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެކަން ހަމަޖެހިގެންދާނެ.

އާދެ، މި ރަށުގެ ހޮސްޕިޓަލް އަޕްގްރޭޑްކޮށް، އައި.ސީ.ޔޫ.އާއި، އަދި ބައެއް ޚިދުމަތްތައް އިތުރުކުރަން މިހާރު އަޅުގަނޑުމެން ހަވާލުކޮށްފައިވާ މަޝްރޫޢުގެ ސްކޯޕް ފުޅާކޮށް، 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ގޮތުގައި، އިރާދަކުރެއްވިއްޔާ މި ރަށުގެ ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވާ ވާހަކަ ދަންނަވަން. އަޅުގަނޑު ހިތުން މިހާރު ހުރީ 22 ވަރަކަށް އެނދު. އެހެންވީމާ، މި އަހަރު ތެރޭގައި، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ. މިހާރު އެގްރީމަންޓް އެއޮތީ ކުރެވިފައި، އާރު.ޑީ.ސީ.އާ އެކީގައި. މިހާރު ހިނގަނީ ޑީޓެއިލްޑް ޑިޒައިން ހެދުމުގެ މަސައްކަތް. އެ ޑީޓެއިލްޑް ޑިޒައިން ހެދިގެންދާއިރުގައި، މަސައްކަތް ފެށިގެންދާއިރުގައި، މި ދެންނެވި ފަދައިން، 50 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެ، އަދި ދެންހުރި ކަންކަން ހިމެނޭ. ސީ.ޓީ. ޚިދުމަތް ހިމެނޭ. އަދި މި ހޮސްޕިޓަލް ނިމެންދެން މަޑުނުކޮށްވެސް، ކުރިއަށް އޮތް ހަތަރުވަރަކަށް މަސް ތެރޭގައި، ރާއްޖޭގެ ހުރިހާ އަރބަން ސެންޓަރުތަކަކަށް، ހުރިހާ ސިޓީތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސީ.ޓީ. ސްކޭން އެބަ ގެންނަން. ސީ.ޓީ. ސްކޭނާއި، އަދި ޓަރޝަރީ ހޮސްޕިޓަލް ގޮތުގައި މިހާރު ކަނޑައަޅާފައި ހުރި ތަންތަނުގައި ނެތް ތަންތަނަށާއި، އެމް.އާރު.އައި. ނެތް ތަންތަނަށް، އެމް.އާރު.އައި. ސްކޭނަރެއް. ގާތްގަނޑަކަށް ހަތަރު މަސްދުވަހު ތެރޭގައި ނިންމަންވެގެން ފެށިފައިވާ މަޝްރޫޢެއް އެބައޮތް. އޭގެތެރެއިން، މި ރަށަށްވެސް އިރާދަކުރެއްވިއްޔާ، އެންމެ ގިނަވެގެން ހަތަރު މަސް ތެރޭގައި ސީ.ޓީ. ސްކޭންވެސް އަންނާނެ. އަދި، އިތުރު ޚިދުމަތްތައްވެސް އިރާދަކުރެއްވިއްޔާ އަންނާނެ.

އާދެ، މިކަންކަމުގެ އިތުރަށް ބަލައިލާއިރުގައި، ބޯހިޔާވަހިކަން މިއީ އަޅުގަނޑު ހިތުން އެންމެ މުހިންމު ކަންތައް. އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން. މި ރަށް ފަދަ މުހިންމު، އާބާދީގެ ގޮތުން ތޮއްޖެހިފައި އޮންނަ، ޖާގަ ކުޑަ ރަށްރަށުގައި، މާލެސިޓީ ފަދަ، މި ރަށްފަދަ، މުހިންމު ރަށްރަށުގައި، އާބާދީ ބޮޑު ރަށްރަށުގައި، އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ޙައްލުކުރުމުގެ މައްސަލަ.

އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އޮންނާނީ 400 ހައުސިންގ ޔުނިޓު މި ރަށުގައި އަޅައިދޭނެކަމަށް ވަޢުދުވެފައި. 400 ހައުސިންގ ޔުނިޓުގެ ތެރެއިން އަޅުގަނޑުމެން މިރޭ އެޗް.ޑީ.ސީ.އާ މި ހަވާލުކުރީ، 300 ހައުސިންގ ޔުނިޓު އަޅަން. އޭގެ އިތުރަށް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އިތުރު 100 ހައުސިންގ ޔުނިޓު ބަޔަކާ ހަވާލު އެބަކުރަން. އެހެންވީމާ، ޖުމްލަ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ރަށުގައި ފެށިގެންދާނެ.

އާދެ، މި 400 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ އިތުރަށް، މި އަންނަ އަހަރު ދޫކޮށް، ދެން އަންނަ އަހަރު، 2027ގެ ތެރޭގައި، އިތުރު 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މި ރަށުގައި ފަށާނަން. އެހެންވީމާ، ޖުމްލަ 800 ހައުސިންގ ޔުނިޓު އިރާދަކުރެއްވިއްޔާ މި ދައުރުގައި، މި ރަށުގައި އެޅޭނެ. އޭގެތެރެއިން، އަޅުގަނޑަށް ގަބޫލުކުރެވޭ، ދެބައިކުޅައެއްބައިވަރު ނިމޭނެ. އެއީ، އެވަރުގެ ޕްރޮޖެކްޓެއް ނިންމަން ދެ އަހަރާއި ބައި، ދެ އަހަރެއްހާ ދުވަސް ނަގާނެ. އެހެންވީމާ، ޖުމްލަ 800 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ރަށުގައި، މި ދައުރުގައި ބާކީއޮތް ތިން އަހަރުގެ ތެރޭގައި ހިނގަމުންދާއިރުގައި އޭގެތެރެއިން، ބޮޑުބައެއް ނިމޭނެކަން މިއީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް އިރާދަކުރެއްވީތީ ދޭ ޔަޤީންކަމެއް. އާދެ، އެހެންވީމާ، 6000 ނުވަތަ 7000 އެއްހާ ރައްޔިތުންގެ އެންމެ މުހިންމު އެއް ބޭނުމަކީ، އެންމެ މުހިންމުވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ގެދޮރުގެ މައްސަލަ ކަމުގައިވާއިރުގައި، އިރާދަކުރެއްވިއްޔާ، އެކަމަށް މުހިންމު ޙައްލެއް މި ގެނެސްދެވެނީ.

އާދެ، އަޅުގަނޑު މި ދަންނަވާލީ، މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ މުހިންމު މަޝްރޫޢުތައް. އަދި ރޭވިފައި ހުރިގޮތް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ތިޔަ ލޮބުވެތި ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދަކީ، ފުއްދުމުގެ ބޭނުމުގައި ވީ ވަޢުދު. އެކަންކަމަކީ، ނައިފަރުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް. މުހިންމު ކަންތައްތައް. އަޅުގަނޑު ކުރިންވެސް ދަންނަވާލިފަދައިން، އެކަންކަން ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ. އަދި މަސްއޫލިއްޔަތު. އެހެންވީމާ، އެކަންކަން ކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން މިއައީ މިއަދާ ހަމަޔަށް އައިއިރުގައި ކަންތައްތައް ފުރިހަމަކުރަމުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑު މިގޮތަށް ވީ ހުރިހާ ވަޢުދެއް ފުއްދުމަށް ދެ އަހަރު ދުވަހުގެ ޕްލޭނެއް ފަށައިގެން މިއައީ. މިހާރު އެއް އަހަރު މި ނިމުނީ ގާތްގަނޑަކަށް. ދެން އަންނަ އަހަރަށް ބަޖެޓު މި ހުށަހެޅެނީ. ދެން ހަމަ އަޅުގަނޑު މި ދެންނެވިފަދައިން، ދެންހުރި ވަޢުދުތައް، މި އަންނަ އަހަރަށް އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި ހުރި ކަންކަންވެސް، ކުރިއަށް ގެންދެވޭނެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވެފައިހުރި ހުރިހާ ވަޢުދެއްފުއްދުމަކީ، ދެ އަހަރަށް ބަހާލެވިގެން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ނިންމާފައިވާ ކަންތައްތައް.

އެހެންވީމާ، މި ރަށުގައި މައިގަނޑު ގޮތެއްގައި، ގިނަ ވަޢުދުތައް މި އަހަރު މި ފެށެނީ. ދެން ބިން ހިއްކުމުގެ މަސައްކަތް ނިމުނީމާ، ދެންހުރި ކަންކަމަށް ބިން ބޭނުންކުރެވިގެން، ބިމުގެ ބޭނުން ޖެހިފައިވާ، އެކަމަކާނުލައި ނުކުރެވޭނެ މަސައްކަތްތައް މަޑުޖެހިފައި އޮތް ނަމަވެސް، ބިން އިތުރުވީމާ ކުރިއަށްދާނެ ކަންތައް ދެން ހުންނާނެ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިން، މި ރަށުގައި، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކިއިރުގައި، މިކަމާގުޅޭ އެކި ކަހަލަ ވާހަކަތައް. އާދެ، ތޮއްޖެހިފައިވާ، ވަރަށް ބޮޑަށް ތޮއްޖެހިފައި ހުރި ސަރަޙައްދުތައް މި ރަށުގައި އެބަހުރި. އެ ތަންތަނަށްވެސް ރަނގަޅު ޙައްލެއް ގެނެސްދޭނެ ކަމަށް، މަސައްކަތްކޮށްދޭނެ ކަމަށްވާނީ ދަންނަވާފައި. އާދެ، އެހެންވީމާ، މިކަހަލަ ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް އެބަހުރި. ބިން އިތުރުކުރެވިގެން ދިޔައިމާ، ކުރެވޭނެ ކަންކަން އެބަހުރި.

އެހެންވީމާ، ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ، މީގެ އެތައް ކަމެއް، އެތައް މަސައްކަތްތަކަކަށް އިތުރަށް މަގުފަހިވާނެ ދުވަސްތައް. އިރާދަކުރެއްވިއްޔާ، މި 45 ހެކްޓަރުގެ ބިން ވެގެންދާނީ، ނައިފަރުގެ ތަރައްޤީގެ އާ ޞަފްޙާއެއް އެއްލިގެންދާ މަޝްރޫޢަކަށް. އޭގެ ސަބަބުން އެ އިތުރުވާ ޖާގައަކީ، ބޯހިޔާވަހިކަމާއި، އިޤްތިޞާދީ އެކިކަހަލަ މަސައްކަތްތައް ކުރުމަށާއި، އަދި ޖުމްލަކޮށް މި އާރބަން ސެންޓަރުގެ ޙަޤީޤަތް. ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ފެނިގެންދާނެ، ލިބިގެންދާނެ މުހިންމު ވަސީލަތަކަށް. އެހެންވީމާ، މި ފެށިގެންދާ ހުރިހާ މަޝްރޫޢެއްގެ ތެރެއިންވެސް އެންމެ އިސްކަމެއްދީ، އެންމެ އަވަހަށް ނިންމަން އަޅުގަނޑުމެން މަސައްކަތްކުރާނީ، ބިން އިތުރުކުރުމުގެ މަސައްކަތް. އޭގެއިތުރަށް، ހައުސިންގ ޔުނިޓުތައް އެޅުމާއި، ހޮސްޕިޓަލް އެޅުމާއި، އަދި ސްކޫލްގެ މަޝްރޫޢާއި، މިހިރަ ހުރިހާ ކަމެއްވެސް. ޔުނިވަރސިޓީގެ ކެމްޕަސް އެޅުމާއި، ބަނދަރުގެ މަޝްރޫޢުތަކާއި، ދެންހުރި ހުރިހާ ކަމެއްވެސް ހަމަ ހިނގަމުންދާނެ. 

އާދެ، އެހެންވީމާ ނައިފަރުގެ ރައްޔިތުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ދެއްވާ ތަރުޙީބާއި، ތިޔަ ބަހައްޓަވާ ގާތްކަމާ، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ވަރަށް އުފަލާއެކީ ބަލައިގަންނަ ކަންތައްތަކެއް. މި ރަށުގެ ތަރައްޤީއަށް މިހިރަ ކޮންމެ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް ސަމާލުކަންދީގެން، ވަރަށް އިސްކަންދީގެން ހަމަ ކުރިއަށް ގެންގޮސް ނިންމައިދޭނަން.

އާދެ، މި އަންނަ އަހަރުގެ ބަޖެޓު މިހާރު މި ހަފްތާގެ ތެރޭގައި ހުށަހެޅިގެންދާއިރު، އާދެ، ތަފްޞީލުކޮށް ބަޖެޓް ސްޕީޗް ފިނޭންސް މިނިސްޓަރ ލިޔުއްވާއިރު، ވަރަށް ގިނަ ކަންތައްތައް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ރައްޔިތުންނަށް. ކެބިނެޓުން މިހާރު ބަޖެޓު އެވަނީ، ބަޖެޓު އޮންނަންވާގޮތް ފާސްކޮށްފައި. ދެން އަޅުގަނޑު ކުޑަގޮތަކަށް ދަންނަވާލަންޏާ، އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ދާއިރާ.

އަޅުގަނޑުގެ ސިޔާސަތަކީ، ޞިއްޙީ ދާއިރާއަށް ބޮޑު އިންވެސްޓްމަންޓެއް ކުރުން. ސަރުކާރުން އިންވެސްޓް ކުރުން. ބަލިތައް ޖެހުމުން ދުރުކުރުވުމަށް، ޖެހުނަނުދީ ދުރުކުރުވުމަށް، ޕްރިވެންޓިވް ހެލްތު ކެއަރ ދާއިރާއަށް ވަރަށް އިސްކަމެއްދީގެން ޚަރަދުކުރުން. އަދި ބަލިތައް ޖެހުނީމާ، އެ ބަލިތަކުން ސަލާމަތްވާން ރާއްޖެއިން ބޭރަށްދާން ނުޖެހޭވަރަށް، ރާއްޖޭގެ ޚިދުމަތްތައް ޤާއިމުކުރުމަށް އިންވެސްޓް ކުރުން. އެހެންވީމާ، މި އަހަރުގެ ތެރޭގައިވެސް އެކަމަށް އިސްކަންދީގެން ވަރަށް ގިނަ މަޝްރޫޢުތައް އެބަ ގެންދެވޭ. މާލޭގައާއި، އާރބަން ސެންޓަރުތަކުގައި، ސިޓީތަކުގައި، އަދި އެހެން ރަށްތަކުގައިވެސް. އަތޮޅުތަކުގައި، ފަތުރާލެވިގެން، ލާމަރުކަޒު ކުރެވިގެން. މި އަންނަ އަހަރަށްވެސް މިހުރީ އިރާދަކުރެއްވީތީ ވަރަށް ބޮޑު އިސްކަމެއްދީގެން މިކަހަލަ މަޝްރޫޢުތައް ތަރުތީބު ކުރެވިފައި. މި އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓުގައި، އެއް ދާއިރާއަކަށް އެންމެ އިސްކަންދީފައި އޮންނާނީ ޞިއްޙީ ދާއިރާއަށް. އެއީ، އަޅުގަނޑު މި ދެންނެވިފަދައިން، ރައްޔިތުން ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަރަށް މުހިންމު އިންވެސްޓްމަންޓެއް. ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތުންތަކެއް ޤައުމުގައި ތިބުމަކީ، އިޤްތިޞާދީގޮތުން ޤައުމު ކުރިއެރުމުގައިވެސް ވަރަށް މުހިންމު ކަމެއް. އިޖްތިމާޢީގޮތުން ޤައުމު ކުރިއެރުމުގައިވެސް މުހިންމު ކަމެއް.

އެހެންވީމާ، ބަލިތަކުން ދުރުވެފައި ތިބި، ބަލިތަކަށް ހުށަނޭޅޭ، ނޫނީވިއްޔާ އެ ހުރަސްތައް ކުރިމަތިނުވާ ގޮތަށް މުޖުތަމަޢު އޮތުމަކީ މުހިންމު ކަމެއް. އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކަށް ޞިއްޙީ ދާއިރާ ވާނެ. މީގެތެރޭގައި، ހަމަ މި ދެންނެވިހެން ޕްރިވެންޓިވް ހެލްތު ކެއަރއާއި، ކިއުރެޓިވް ހެލްތު ކެއަރއާއި ދެ ދާއިރާއަށްވެސް އިސްކަންދީގެން ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިންގަން. މި އަހަރުވެސް އޭގެތެރެއިން އެތައްކަމެއް މި ފެށެނީ.

އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ބޮޑަށް ބަލިތައްޖެހޭ އެއްކަމަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުން. އަޅުގަނޑުމެން މިވަނީ ވަރަށް މުހިންމު ނިންމުންތަކެއް ނިންމައި، މި ފެށޭ ނޮވެންބަރު 1 ން ފެށިގެން ޤާނޫނުގައިވާ ގޮތަށް، ޖަނަރޭޝަނަލް ބޭން އިފެކްޓިވް އެބަވޭ. 2007 ޖަނަވަރީ 1 ން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނާއި، ދެން އުފަންވާން ތިބި ހުރިހާ ކުދިންނަށް، އެ ޤާނޫނުގައިވާ ގޮތުން، ނޮވެންބަރު 1 ން ފެށިގެން ދުންފަތުގެ އިސްތިޢުމާލު ކުރުން ރާއްޖޭގައި އެބަ މަނާވޭ. އެއީ އެ ޤާނޫނުގައި އޮތްގޮތް.

އަޅުގަނޑު ހިތުން ޕްރިވެންޓަލް ހެލްތު ކެއަރގެ އެންމެ މުހިންމު ޕްރޮގްރާމަކީ މިއީ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން، ގައިންގަޔަށްނާރާ އެކިކަހަލަ އެތައް ބައްޔެއް ފެތުރޭކަން އެއީ، ޑަބްލިޔޫ.އެޗް.އޯ.އިންނާއި، ޞިއްޙީ ދާއިރާގެ އެކްސްޕާރޓުންނާއި، ކިރިޔާވެސް މި ދާއިރާގެ ތަޢުލީމެއް، ނޫނީވިއްޔާ ކަމެއް އެނގިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ވިދާޅުވާ ޙަޤީޤަތް. އެހެންވީމާ، ފުރަތަމަ، 18 އަހަރުން ފެށިގެން ދަށުގެ ހުރިހާ ޒުވާނުންނަށް ޤާނޫނެއްގެ ތެރެއިން، މަނާވެގެން މިދަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުން. ދެން އެއިން ޢުމުރުން މަތީ ފަރާތްތައް، އާންމުކޮށް ބޮޑެތި މީހުންނަށް އެފަދަ ޤާނޫނަކުން މަނައެއްނުކުރަން. އެހެންނަމަވެސް، އެކިކަހަލަ ހުރަސްތައް އަޅުގަނޑުމެން މި ކުރިމަތިކުރަނީ، ޞިއްޙަތު ރަނގަޅު މުޖުތަމަޢެއް ޤައުމުގައި ބިނާކުރުމަށްޓަކައި. ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލު ކުރާ އާލަތްތަކުގެ އަގުބޮޑުކުރީ އެ ބޭނުމުގައި.

އަޅުގަނޑު ބޭނުންވަނީ، މި މުޖުތަމަޢުގައި ކޮންމެ ރައްޔިތަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ރައްޔިތަކަށްވާން. ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ހުރިހާ ކަމަކުން ދުރުވެފައި ތިބި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅޭ ރައްޔިތަކަށްވާން. އެހެންވީމާ، އެކަމަށް އަޅުގަނޑު އަދިވެސް އިލްތިމާސް ކުރަން. އަމިއްލައަށް ވޮލަންޓްރީކޮށް އެކަން ހުއްޓާލެވޭނެ. ޤާނޫނަކުން އަޅުގަނޑުމެން ޒުވާނުންނަށް މަނާކުރިގޮތަކަށް މަނައެއްނުކުރާނަން. އެހެންނަމަވެސް، އެކަމަށް އަޅުގަނޑުމެން މިވަނީ ހުރަސްތަކެއް ކުރިމަތިކޮށްފައި، އަގުބޮޑުކޮށްފައި.

އެހެންވީމާ، ނުގަވާއިދުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި ރާއްޖެއަށް އިތުރުކުރުމާއި، މި އިސްތިޢުމާލު ކުރުމުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑު ހަމަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން، މިކަމުން ދުރުވާން. މި ވަބާއިން ދުރުވާން. އޭރުން އަޅުގަނޑުމެންގެ މުޖުތަމަޢު ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ވެގެންދާނީ. މިހާރު ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު މިކަމުން ދުރުވެގެން، މި ލިބޭ ހިތްހަމަޖެހުން މުޖުތަމަޢަށް. ކައިރީގައި، މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަން ތިބޭއިރުގައި، ކުރީގައި ސިނގިރޭޓް ބުއިމަށްފަހު، ދެން މިސްކިތަށް އަރައިގެން އަނގައިން އެދުވާ ވަސް، މިސްކިތްތަކުން ނުދުވާކަން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ. އަދި އެފަދަ އެތައްކަމެއް އެބަ ފެނޭ. އަޅުގަނޑުމެން އެބަޖެހޭ މިކަމުން ދުރުވާން. އެހެންވީމާ، މިފަދަ މުހިންމު ފިޔަވަޅުތަކެއް އަޅުގަނޑުމެން މިހާރުވެސް މިވަނީ އަޅަން ފަށާފައޭ.

ވޭޕްވެސް ބޭންކުރީ އެހެންވެގެން. ވޭޕް ބޭންކުރީ އޭގެ ސަބަބުން، އެ ނުބައި ދޮރުގެ ތެރެއިންލާފައި، މަސްތުވާތަކެތި، ޒުވާނުންނާއި ކުޑަކުދިންނާ ހަމައަށް ގޮސްފައި އޮތީމާ. ސްކޫލްތެރޭގައާއި، ސްކޫލަށް ގެންދާ ދަބަސްތެރޭގައާއި، ޤުރްއާން ކުލާހަށް ގެންދާ ދަބަސްތެރޭގައާއި، އެތައް އެއްޗެއްގެ ތެރޭގައި މި ފެތުރެން ފެށީ އެލާރމިންގ ލެވެލްއެއްގައި. އެހެންވީމާ، ލޮބުވެތި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރޭ، މަނާކުރަންޖެހޭ އެއްޗެއްކަން. އެހެންވީމާ، އެއީވެސް ޞިއްޙަތު ސަލާމަތް ކުރުމަށްޓަކައި، ޕްރިވެންޓިވް ހެލްތު ކެއަރ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އެޅި ފިޔަވަޅެއް.

އެހެންވީމާ، ދެ ދާއިރާ. ބަލިތަކުން ދުރުކުރުމާއި، ބަލިޖެހުނީމާ ރަނގަޅު ޚިދުމަތް ދިނުމާއި، ޞިއްޙީ ފަރުވާ ދިނުމާއި، މި ދެ ދާއިރާއަށްވެސް ސަރުކާރުން އެބަ އިންވެސްޓް ކުރަން. މި ދެންނެވިހެން ރާއްޖެއިން ބޭރަށް އާސަންދައިންނާއި، އެކި ކަންކަމުން ޚަރަދުކޮށްގެން، ނޫނީ އަމިއްލައަށް ޚަރަދުކޮށްގެންވެސް ވަރަށްދަތި ހާލުގައި މަޖުބޫރުވެގެން ބޭރަށްދާންޖެހޭ ދިޔުން މަދުކޮށް، ރާއްޖޭގައި، މާލޭގައި، އެކި އަތޮޅުތަކުގައި، އެކި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭގޮތް މި އަންނަ އަހަރު ޤާއިމުކުރުމަކީ، އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކަށް، ވަކި ދާއިރާއެއް ޚާއްޞަކޮށްފައި ބަލަންޏާ، އެންމެ އިސްކަން މިދެނީ ޞިއްޙީ ދާއިރާއަށް. އިރާދަކުރެއްވިއްޔާ، މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ނޫނީވިއްޔާ ޞިއްޙަތު ސަލާމަތުން ހުރުމުގެ ފުރުޞަތު ލިބުމުން، އެ ލިބޭ ކުރިއެރުން ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެންގެ ސިޔާސަތަކީ، އަތުން ހިފޭ ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ހިންގުމާއި، އަތުން ނުހިފުނު ނަމަވެސް، އިޙްސާސްކުރެވޭ، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ގެނެސްދިނުން. މިތާނގައި މި ސޮއިކުރެވުނު މަޝްރޫޢުތަކާއި، މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ލޮލުން ފެންނަން ހުންނާނެ ތަރައްޤީގެ މަޝްރޫޢުތައް. އެހެންނަމަވެސް، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވޭ ޚަރަދުތަކާއި އިންވެސްޓްމެންޓަކީ، އަތުން ހިފޭ އެއްޗެއްނޫން. އެހެންނަމަވެސް، ލޮލުން ފެންނަ، އިޙްސާސްކުރެވޭ ތަރައްޤީ. އެހެންވީމާ، މި ވަށައިޖެހޭ ތަރައްޤީ ގެނައުމަށް ބަޖެޓުން ޚަރަދުކުރަނީ. އަދި އެހެނިހެން ދާއިރާތަކުންވެސް ޚަރަދުކުރަނީ.

ދެވަނައަށް އެންމެ އިސްކަމެއް މި އަންނަ އަހަރުގެ ބަޖެޓުން ދޭނީ ތަޢުލީމީ ދާއިރާއަށް. އެހެންވީމާ، ތަޢުލީމީ ގޮތުން ވަރަށްބޮޑަށް ކުރިއަރާފައިވާ ސިކުނޑިތަކެއް، ޒުވާން ސިކުނޑިތަކެއް އުފެއްދުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ އިންވެސްޓްމެންޓެއް. މި ދެ ދާއިރާއަށް ޕްލޭންކުރެވިގެން އަޅުގަނޑުމެން މި ޚަރަދު ކުރަނީ މި އަންނަ އަހަރު އެންމެ ބޮޑަށް. އެހެންވީމާ، މިގޮތަށް މަޝްރޫޢުތައް ގެންދިޔުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކުރިއަށްގެންދާނީ. އާދެ، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް ބޮޑުތަނުން ރައްޔިތުންނަށް ހެޔޮގޮތުގައި ލިބިގެންދާނެކަމީ، އަޅުގަނޑުގެ ހިތުން ރައްޔިތުން ދެކެން ބޭނުންވާނެ ތަން.

އާދެ، އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުންވަނީ، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް، މި ތަނުގައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުތަކާއި، ފެށިގެންދާ މަޝްރޫޢުތަކާއި، އަދި ފަށަންހުރި ކަމަށް އަޅުގަނޑު މި ދެންނެވި މަޝްރޫޢުތައް ހަމަ ވަރަށް ޒިންމާދާރުކަމާއެކީގައި، ސަރުކާރުގެ އެ މަޝްރޫޢުތަކާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ކުންފުނިތަކާއި، މިނިސްޓްރީތަކުން ގެންދަވާނެއޭ. ގެންގޮސް ނިންމައިދޭނެއޭ. ހަމަ ރަނުން ރަނަށް، އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުއްދާނަމޭ. ނައިފަރުގެ ތަރައްޤީ ޙަޤީޤަތަކަށް ހެދުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. އަޅުގަނޑުގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެކަން ތިޔަބޭފުޅުންނަށްޓަކައި އަޅުގަނޑު ކޮށްދޭނަން.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބުކޮށްދެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.