بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކާށިދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން، އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅުގައި މިހާތަނަށް އަޅުގަނޑު ރަސްމީކޮށް އާދެވިފައިނުވާ ތިން ރަށަށް މި ކުރާ ދަތުރުގައި، މިއަދު މި ރަށަށް ހެނދުނުގެ ވަގުތު އާދެވުނު ހިނދު، ކާށިދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އިރާދަކުރެއްވީތީ، ރަށުގެ ރައްޔިތުންނަށް، ކާށިދޫގެ ތަރައްޤީއަށް މުހިންމު ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފެށިއްޖެ. ރަސްމީކޮށް ފެށިގެން މިދިޔައީ. މީގެތެރޭގައި މިހިރަ ގިނަ ކަންކަމަކީ، ރައްޔިތުންނަށް އަޅުގަނޑު ވަޢުދުގެ ގޮތުގައި ވެފައި ހުރި، ކޮށްދޭން ނިންމާފައި ހުރި ކަންތައްތައް. އަދި ސޮއިކުރެވިގެން މިދިޔަ މަސައްކަތްތަކަކީވެސް، އެފަދަ ވަޢުދުތައް ފުއްދުމުގެ ގޮތުން ހަވާލުކުރެވުނު މަޝްރޫޢުތައް. އިރާދަކުރެއްވިއްޔާ މީގެ ކޮންމެ މަސައްކަތެއްވެސް، ކާމިޔާބުކަމާ އެކީގައި ނިންމައިދޭނަން. ވަރަށް މުހިންމު އިސްކަމެއްދެވިގެން، މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ. އާދެ، މީގެއިތުރަށްވެސް، މުހިންމު ކަންކަން ރަށުގެ ތަރައްޤީއަށް އެބަހުރި. އަދި ވަޢުދުތަކުގެ ތެރޭގައި، މިހާތަނަށް އަދި ނުފެށި ހުރި ބައެއް ކަންކަންވެސް އެބަހުރި.
އާދެ، މިއަދު އަޅުގަނޑުމެން ފެށި މަސައްކަތްތަކަށް ބަލާއިރުގައި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، ހެލްތް ސެންޓަރަށް އިތުރު އިމާރާތެއް އެޅުމަށް މި ފެށި މަސައްކަތް ވެގެންދާނީ، އަޅުގަނޑު ހިތުން މި ރަށަށް ވަރަށް މުހިންމު މަސައްކަތަކަށް. މުޅިން ވަކިން، ވަރަށް ދުރުގައި ރައްޔިތުން އުޅެމުންދާ މި ރަށުގައި، ޞިއްޙީގޮތުން ރަނގަޅު ޚިދުމަތްތަކެއް ދެވޭނެގޮތް ވުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިއަދު މި ފެށިގެންދިޔަ އިމާރާތް އެޅުން ނިމިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިކަހަލަ މުހިންމު ޚިދުމަތްތައް ގާއިމުވެފައި ހުންނާނެ. އެކްސް.ރޭގެ ޚިދުމަތާއި، ސްކޭނިންގ ޚިދުމަތް ދެވޭގޮތަށް މި އިމާރާތް ފަރުމާކުރެވި، މަސައްކަތް ކުރެވިގެން ދާނީ. ހަމައެއާއެކީގައި، އިތުރު އެނދުތައް ވޯޑަށް އިތުރުކުރެވި، ނާރސް ސްޓޭޝަނާއި، އެކިކަހަލަ ކްލިނިކަލް މަސައްކަތްތަކަށް ބޭނުންވާ ޖާގަ، މިފަދަ ކަންކަން ހިމެނިފައިވާނެ. އާދެ، އޭގެ ކުރިންވެސް، މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ފިޒިއޮތެރަޕީގެ ޚިދުމަތް ފެށޭނެގޮތް ހެދުމަށް. އެކަންވެސް ވަރަށް ހަލުވި ދުވެލީގައި އެބަ ހިނގާ. ދާދި އަވަހަށް އެކަން ވާނެ ކަމުގެ އުންމީދު އެބައޮތް. އެހެންވީމާ، އެފަދަ މުހިންމު ޚިދުމަތްތައް އިތުރުކުރުމަށް މަސައްކަތް ކުރުމަކީ، ސަރުކާރުގެ ސިޔާސަތު.
ހަމައެއާއެކީގައި، ވަރަށް މުހިންމު ކަމެއް، މި ރަށުގެ ތަރައްޤީއަށްޓަކައި ބަނދަރު ހެދުމަކީ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓުގެ ތެރެއިން، އަލަށް ފަށާ އެންމެ މުހިންމު މަޝްރޫޢެއް ގޮތުގައި، މި ރަށަށް އަޅުގަނޑުމެން މި ކަނޑައަޅަނީ، ބަނދަރު ހެދުން. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު އެ ބަނދަރު ހެދިގެންދާނެ.
އާދެ، އަޅުގަނޑު ވަޢުދުވިން ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނެ ކަމަށް. ފަޅުތެރޭގައި ރިޒޯޓެއް ގާއިމުކުރަން މަސައްކަތް ކޮށްދޭނެ ކަމަށް. އެނގިވަޑައިގެންފައި އޮންނާނެ ތިޔަބޭފުޅުންނަށް، އަޅުގަނޑުމެން މި އިޢުލާނުކުރިން. އެހެންނަމަވެސް، ފުރަތަމަ މި އިޢުލާނުކުރެވުނު މަރުޙަލާގައި، އެއްވެސް ފަރާތަކުން ޝައުޤުވެރިކަމެއް ފާޅެއްނުކުރި. އެހެންކަމުން، އެކަން ނުވެ އަދި މިއޮތީ. އެހެންނަމަވެސް، އަނެއްކާވެސް އަޅުގަނޑުމެން މި ރަށަށް ޚާއްޞަކޮށް ވަރަށް ބޮޑެތި ލުއިތައް ދީފައި، އަނެއްކާވެސް ފުރުޞަތު ހުޅުވާލައިފިން. އެހެންވީމާ، އިންވެސްޓަރުން ޝައުގުވެރިކުރުވުމަށްޓަކައި އިތުރު ލުއިތައް ދީފައި، މިހާރު އެއޮތީ ހުޅުވާލާފައި. އަޅުގަނޑުމެން އުންމީދުކުރަނީ، މިހާރު މި ހުޅުވާލެވުނު ފުރުޞަތުގެ ތެރެއިން، މި ރަށުގެ ފަޅުތެރޭގައި ރިޒޯޓު ހެދުމަށްޓަކައި، އިރާދަކުރެއްވިއްޔާ އިންވެސްޓަރުން ލިބޭނެކަމަށް. މިކަން ވެގެންދާނީ، ހަމަ ޔަޤީނުންވެސް ރަށުގެ އިޤްތިޞާދީ ތަރައްޤީއާއި، ވަޒީފާގެ ފުރުޞަތުތަކާ، މިހެންގޮސް ހުރިހާ ކަމަކަށް ބަލާއިރުގައި، ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަކަށް. ދެހާހަށްވުރެ ގިނަ ރައްޔިތުންގެ ބޮޑު އާބާދީއެއް، މިހެން ވަކިން އޮންނަ ރަށެއް އޮންނައިރުގައި، ވަޒީފާގެ ފުރުޞަތުތައް ރަށާ ކައިރިން ލިބުމަކީ، ހަމަ ޒަރޫރީ ކަމެއް. އެހެންވީމާ، ސަރުކާރުން މިހާ ބޮޑެތި ލުއިތައް ދީފައި، އަލުން މި އިޢުލާނުކުރީވެސް. ދެން، ކައުންސިލުން މިހާރު ގެންދަވާ ލޯކަލް ޓޫރިޒަމް މަޝްރޫޢަށްވެސް ސަރުކާރުން އެހީތެރިކަންދޭނެ. އެހެންވީމާ، މި ދެ މަޝްރޫޢު ވެގެންދާނީ، އަޅުގަނޑު ހިތުން ވަޒީފާގެ ގޮތުން، ރަށުގެ ރައްޔިތުންނަށް، ޒުވާނުންނަށް، އާންމުކޮށް ވަޒީފާ ބޭނުންވާ، ޓޫރިޒަމް ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މުހިންމު ފުރުޞަތުތަކަކަށް.
އާދެ، މިހެން ވަކިން އޮތުމުގެ ސަބަބުން، ޓޫރިޒަމް އައުމަށް ހުރަސްތަކެއް ހުރިކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. ސްޓްރެޓެޖިކަލީ ބަލާއިރުގައި، މުހިންމު ލޮކޭޝަނެއްގައި ރަށް އޮތް ނަމަވެސް، ދުރުކަމުން ޓޫރިޒަމަށް އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ނެތުން އެއީ، ސަބަބަކަށް ވެދާނެ. އެހެންވީމާ، ލުއިތައް މިދިނީ.
އާދެ، އަޅުގަނޑުމެން މި ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމަށް ވަރަށް ޔަޤީންކަން އެބައޮތް. އެހެންނަމަވެސް، އޭގެއިތުރަށްވެސް ދަތުރުފަތުރު ކުރުމުގައި، ރަށުގެ ރައްޔިތުންނަށް ލުއިތައް ހޯދައިދިނުމަށް އިތުރު މަސައްކަތްތައް ކުރުމަކީ، ސަރުކާރުގެ ސިޔާސަތު. އާދެ، ޓޫރިޒަމަށް އިންވެސްޓް ކުރާނެ ފަރާތެއް ވެގެންދިޔުންވާނީ ޙަޤީޤަތުގައި، މި ދެންނެވި ދަތުރުފަތުރު ކުރުމުގެ މި ދަތިކަމަށް ލުއި ގެނައުމުގައިވެސް ވަރަށް މުހިންމު ވަސީލަތަކަށް. ނޫނީވިއްޔާ ސަބަބަކަށް.
އާދެ، ކަނޑު ދަތުރުފަތުރު ކުރުމުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ އަތޮޅެއްގައި އާރު.ޓީ.އެލް. ޤާއިމުކުރުމުގެ މަސައްކަތް މި އަތޮޅުގައިވެސް ޤާއިމުވެގެންދާނެ. ދާއިރުގައި މި ރަށަށްވެސް އޭގެ ފައިދާވާނެ. އެހެންނަމަވެސް، އޭގެއިތުރަށް، ވައިގެމަގުން ދަތުރުފަތުރު ކުރެވޭނެގޮތް ހެދުމަށްޓަކައިވެސް ސީ ޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންސްތަކެއް މި ރަށަށް ޤާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު.
ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރެވޭގޮތަށް ޕްލެޓްފޯމެއް ޤާއިމުކުރެވި އެކަން ކުރަން ބަލާއިރުގައި، މި ދެންނެވިހެން ޓޫރިޒަމް އެބަ ވަރަށް މުހިންމުވޭ. ރަށުގެ ރައްޔިތުންނަށް މިކަން މުހިންމުވޭ. ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމަށް މަސައްކަތްކުރާއިރުގައި، ސީޕްލޭން އޮޕަރޭޓްކުރާ ދެ ކުންފުނިން ކުރެ ކުންފުންޏަކުން އެ އިންވެސްޓްމަންޓް ކުރަން ބަލާއިރުގައި، އެ ފަރާތުން އެ ބޭނުންވާނެ ގޮތަށް، ފީޒިބަލް ކުރުމަށްޓަކައި، ކޮންސްޓެންޓް ޕެސެންޖަރ އަދަދު އެ ބޭފުޅުންނަށް ހަމަވާންޖެހޭނެ އަބަދުވެސް. ނޫނީވިއްޔާ ފީޒިބަލް ވާންޖެހޭނެ.
އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މި ރިޒޯޓް ހަދާނެ ފަރާތެއް ހޯދުމާއެކު، ދާއިމީ ގޮތެއްގައި މި ތަނުގައި ސީ ޕްލޭން އޮޕަރޭޝަންވެސް ގެނެވޭގޮތަށް މިކަން ކުރަން. އެހެންވީމާ، ސަރުކާރުގެ ސިޔާސަތު މިއޮތީ، މިދެންނެވި ގޮތަށް، ސީ ޕްލޭންގެ ޚިދުމަތް ދާއިމީކޮށް، ޝެޑިއުލްކޮށް ހަމަޖެހޭނެގޮތަށް، ޓޫރިޒަމާ އެކީގައި ގެނެވޭނެގޮތް ހެދުމުގެ މައްޗަށް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ގެންދަން މަސައްކަތްކުރާނަން. އިރާދަކުރެއްވިއްޔާ، އެކަން ކާމިޔާބުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
އާދެ، މި ދެންނެވި ގޮތަށް، ވައިގެމަގުންނާއި، އާރު.ޓީ.އެލް.އާއި މި ހުރިހާ ކަމެއް ޤާއިމުވެގެންދިޔުން ވެގެންދާނީ ހަމަ ޔަޤީނުންވެސް، މި ރަށުގައި އެކިކަހަލަ ދާއިރާތަކުން ވިޔަފާރިކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް، ޔަޤީންކަމަކަށް. އަދި ރަށުގެ ރައްޔިތުންގެ ތެރެއިން، މިހާރު މާލޭގައި، ނޫނީވިއްޔާ އެހެން ތަންތާނގައި ދިރިއުޅޭ ޒުވާނުންނާއި، އެކި ފަރާތްތަކަށް، އެނބުރި ރަށަށް އައިސް، ނޫނީވިއްޔާ، ގިނަގިނައިން ރަށަށް އައިސް، ވިޔަފާރިކުރުމާއި، އާމްދަނީ ހޯދަން މަސައްކަތް ކުރުމާއި، މި ކަންކަމުގައި ޝައުޤުވެރިވެ، ބައިވެރިވެ، ކުރިއަށްދާން ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް.
އާދެ، އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް މި ދަތުރުފަތުރުގެ ނިޒާމު ރަނގަޅަށް މި ރަށުގައި ޤާއިމުވާގޮތަށް ކަންތައްތައް ފަހިކޮށްދިނުން. އެގޮތަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަރަށް އިސްކަންދޭނަން.
އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށްވެސް ހަމަ ޔަޤީނުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އެބަހުރި. ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލައި، މަސައްކަތް ކުރުމަށް އަޅުގަނޑުމެން މި ސޮއިކުރި އެއްބަސްވުން ވެގެންދާނީ ހަމަ ޔަޤީނުންވެސް އާމްދަނީ އިތުރުކުރުމަށް، މި ރަށުގެ ރައްޔިތުންނަށް، އަދި ޖުމްލަކޮށް ހަމަ ޙަޤީޤަތުގައިވެސް މުޅި ރާއްޖޭގެ މި ފުޑް ސެކިއުރިޓީ ޕޮލިސީއަށް، ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް ދޭނެ މަޝްރޫޢަކަށް. ބިން ބޮޑު، އަދި ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ފައްކާވެފައި ހުރި ރަށްރަށުގެ ބޭނުން ހިފައިގެން، ރާއްޖޭގެ އުފެއްދޭ ބާވަތްތަކުގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަށް އެކި ކަހަލަ އިންސެންޓިވްސްދީ، އެކިއެކި އިންވެސްޓަރުން ގެނައުމަށް، ސަރުކާރުން މަސައްކަތް ކުރަނީ. އެހެންވީމާ، ކާށިދޫ ރައްޔިތުންގެ މި ޕްރޮގްރާމްގައި ބައިވެރިވުން ވެގެންދާނީ ޙަޤީޤަތުގައި ރަށުގެ ރައްޔިތުންނަށާއި، ހަމަ ރާއްޖޭގެ އިކޮނޮމީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަކަށް.
އާދެ، އެހެންވީމާ މި ދެންނެވި އެކިއެކި ދާއިރާތަކުން ސަރުކާރުންދާނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، ރައްޔިތުން އެދޭގޮތަށް، ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން.
އާދެ، ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، ދެންމެ ސޮއިކުރެވިގެންދިޔަ މަޝްރޫޢުތައް، މަގުހެދުމާއި އަދި ދަނޑުވެރިކަމުގެ މަޝްރޫޢު، އަދި ޢަމަލީގޮތުން ފެށިގެންދިޔަ ހުރިހާ މަޝްރޫޢެއްވެސް ކާމިޔާބުކަމާއެކީ އިރާދަކުރެއްވިއްޔާ، ނިމިގެންދާނެއޭ. އަދި ބަނދަރު ހެދުންފަދަ އިތުރު ކަންކަންވެސް، އަޅުގަނޑު ދެންމެ މި ފާހަގަކުރިފަދައިން، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނަމޭ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީގޮތުން ކުލަޖައްސައިދީ، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދީ، ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހާސިލުކުރާނެ ކަމެކޭ.
އާދެ، އަދިވެސް އެއްފަހަރު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އުފާފާގަތިގޮތުން، ކުރިއަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގައި ބަރަކާތްލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.