بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިއްފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ދިއްފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދު އިރާދަކުރެއްވީތީ، ޢަމަލީގޮތުން މި ފެށުނީ ވަރަށް މުހިންމު މަސައްކަތްތަކެއް. ރައްޔިތުންނަށް އަޅުގަނޑު ވީ މުހިންމު ވަޢުދުތަކެއް ފުއްދުމުގެ މަސައްކަތްތައް. އާދެ، މިއިން ކޮންމެ މަސައްކަތެއްވެސް، އިރާދަކުރެއްވިއްޔާ އެއްވެސްވަރެއްގެ މެދުކެނޑުމެއްނެތި، ހުއްޓުމެއްނައިސް، ހަލުވި ދުވެލީގައި ކުރިއަށްގޮސް ނިންމޭނެ، އިރާދަކުރެއްވިއްޔާ ނިންމާނަން. އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ވާނެގޮތަށް މަގުފަހިކޮށްދޭނަން. އެހެންވެގެން، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންނަށް މި ކަންތައްތައް ފެށުމުގައި ވާންޖެހޭ ތައްޔާރީތައް ވުމަށް ވަގުތު މި ނެގީ. މިދިޔަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކުރެވޭ ކަހަލަ ގޮތަކަށް ނޫން، މިދިޔަ 2024ގެ ބަޖެޓު އޮތީ. މި އަހަރު ބަޖެޓުގެ ތެރެއިން މަސައްކަތްތައް ތަރުތީބު ކުރެވިގެން، މިއަދާ ހަމައަށް، މި ރަށާއި، އަދި މި ދާއިރާއާއި، ޖުމްލަކޮށް ރާއްޖޭގެ ގިނަ ރަށްރަށުގައި މަސައްކަތްތައް ފެށިގެން މި އަންނަނީ.

އާދެ، އެގޮތުން ބަލާއިރުގައި، ހަމަ ޔަޤީނުންވެސް، ތޮއްޖެހިފައި، މި ބައިބޯވުން ވަރަށް ބޮޑަށް އޮތް، އާބާދީގެ ގޮތުން ޖާގަ ނެތް މި ރަށުގައި، އެންމެ މުހިންމު ކަމަކީ، ބިން އިތުރުކުރުން ކަމުގައިވާއިރުގައި، ދެންމެ ޢިއްޒަތްތެރި މެންބަރު އެ ފާހަގަކުރެއްވީ، ރައްޔިތުން މިކަމުގައި އެތައް އަހަރެއް ވަންދެން އުޅެންޖެހުނު ނިކަމެތި ޙާލަތުގެ ވާހަކަފުޅު. އާދެ، އެކަން އިރާދަކުރެއްވިއްޔާ، ނިމުމަކަށް މި އަންނަނީ.

މިއަދު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ، އިރާދަކުރެއްވިއްޔާ އެކަން ނިމުމަކަށް ގެނެސްދޭނެ މަޝްރޫޢު. މި ރަށުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް 27 ހެކްޓަރަށް ވާއިރުގައި، ހިއްކިގެން އެބަދޭ، 23 ހެކްޓަރުގެ ބިން. އެހެންވީމާ، ގާތްގަނޑަކަށް ރަށުގެ ސައިޒު ދެގުނަވެގެން ދާނެ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން، ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި،
12 މަސް ދުވަހުގެ ތެރޭގައި، މިއަދުން ފެށިގެން ހުއްޓުމެއްނެތި. މިހާރު އެ ފެށީ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް. ފަށައިގެން، ހިމާޔަތްކުރަންޖެހޭ ހިއްކާތަން ހިއްކުމުގެ ކުރިން. ބަންޑް ވޯލް ޖެހުމުގެ މަސައްކަތާ އެކީގައި، ކަޓަރ ޑްރެޖަރެއް ގެނެސްގެން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ. އެހެންވީމާ، ހުރިހާ މަސައްކަތެއް އެކުގައި. އަދި ތޮށިލުމާ އެކީގައި، ރަށްގިރުމުގެ މައްސަލަ ޙައްލުވެގެންދާ ގޮތަށް، ދެ ކަންތައް އެކުގައި ޙައްލުވާ ގޮތަށް މަޝްރޫޢު ރޭވިފައި މިއޮތީ.

އެހެންވީމާ، މުޅި މަޝްރޫޢު މި ދެންނެވި ފަދައިން، އެއްވެސްވަރަކަށް ހުއްޓުމެއް ނައިސް، ބާރު ސްޕީޑުގައި ގެންގޮސް، ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި މި ރަށުގެ ބިންހިއްކައި، ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އެހެންވީމާ، އެގޮތަށް ހަމަޖެހިގެން މިދިޔައީ. އޭގެ ސަބަބުން، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ޖާގައާއި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމާއި، އުމްރާނީ އެކިކަހަލަ މަސައްކަތްތައް ކުރުމާއި، އެކި ކަންކަމަށް މި ބިން ވެގެންދާނީ ވަރަށް މުހިންމު ތަރައްޤީގެ ވަސީލަތަކަށްކަން ޔަޤީން.

އޭގެއިތުރަށްވެސް، މުހިންމު މަޝްރޫޢުތަކެއް ފެށިގެން ހިނގައްޖެ. ސްކޫލަށް މުހިންމު އިމާރާތް، ޖާގަ އިތުރުކުރުމުގެ މަޝްރޫޢެއް މިއޮތީ ފެށިފައި. މަލްޓި ޕަރޕަސް ހޯލެއް ގާއިމުކުރުމާއި، ކްލާސްރޫމްތަކެއް އިތުރުކުރުމާއި، ސެންރޫމް އިތުރުކުރުމާއި، މިފަދަ މުހިންމު ކަންތައްތަކެއް އެ މަޝްރޫޢުގެ ތެރެއިން އެބަ ލިބިގެންދޭ.

ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒެއް އެޅިގެން ދިޔުމުން، އޭގެ ސަބަބުން ޒުވާނުންނަށް، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް، އެއީ ވަރަށް މުހިންމު ވަސީލަތަކަށްވާނެ މަރުކަޒަކަށް ވެގެންދާނެ.

އާދެ، މީގެއިތުރަށް، ކުނި މެނޭޖްކުރުމުގެ މަރުކަޒުގެ މަސައްކަތްވެސް މިއަދު ފެށިގެން އެ ދިޔައީ. އާދެ، މިއިން ކޮންމެ މަސައްކަތަކީވެސް، މި ރަށުގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް. ބިން ހިއްކުމުގެ މަޝްރޫޢު ފަދައިން، ހަމަ ވަރަށް ރަނގަޅަށް، ވަރަށް އިސްކަންދެވޭ މަޝްރޫޢުތައް ގޮތުގައި، މި ހުރިހާ މަޝްރޫޢުތައްވެސް ކުރިއަށް ގެންދެވޭނީ.

މީގެ އިތުރަށް ކުރިއަށް ހުރި ކަންކަމަށް ބަލާއިރުގައި، މި ރަށުގައި މިވަގުތު އިތުރު މިސްކިތެއް އަޅަން ރައްޔިތުން ބޭނުންވެލައްވާ. އެހެންވީމާ، ސަރުކާރުން ވަނީ އެގޮތަށް ނިންމާފައި. ބަޔަކާ މަޝްރޫޢު ހަވާލުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރަށް އެބަ ކުރިއަށްދޭ. އަޅުގަނޑުމެން މި އުންމީދުކުރަނީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެގްރިމެންޓަކާ ހަމައަށް ވަރަށް އަވަހަށް ދާނެއޭ. ސޮއިކުރެވިގެންދާނެ. އަދި އެއާއެކީގައި، އެ އެގްރިމެންޓް ކުރެވިގެންދާ ފަރާތާ އެކީގައި، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އާ މިސްކިތެއްގެ މަސައްކަތްވެސް ފެށިގެންދާނެ.

އަދި ހަމައެއާއެކީގައި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމަށްވެސް އަޅުގަނޑުމެން ދާދި އަވަހަށް ފަރާތަކާ އެގްރިމެންޓް ހެދުމުގެ މަސައްކަތް އެބަ ނިންމަން. ނިންމައި، އެ މަޝްރޫޢުވެސް މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން މަސައްކަތް ފެށިގެންދާނެ.

ހަމައެއާއެކީގައި، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓުކުރާ ކަންކަމުގެ ތެރޭގައި، މި ރަށުގައި ވޮލީކޯޓެއް ޤާއިމުކޮށްދިނުމުގެ މަސައްކަތާއި، ހޭންޑްބޯލް ކޯޓެއް ޤާއިމުކޮށްދިނުމުގެ މަސައްކަތާއި، ރައްޔިތުން އެދިވަޑައިގަންނަވާ ކޮންސެޕްޓްގައި މި ރަށުގައި، ލޯކަލް ޓޫރިޒަމަށް މަގުފަހިވާގޮތަށް، ފެންހިންދޭ ރަނގަޅު ނިޒާމަކާ އެކީގައި ރަނގަޅު ފެންވަރުގައި މަގުތައް ހެދުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މި ހުރިހާ މަޝްރޫޢުތަކެއް މި ރަށުގައި ކުރިއަށް ގެންދިޔުމަށް ބަޖެޓު ކުރެވިގެން ގޮސްފައިވަނީ. އެހެންވީމާ، މި ހުރިހާ ކަންތައްތަކެއްވެސް މި އަންނަ އަހަރު ކުރިއަށްދާނެ.

ހަމައެއާއެކީގައި، ޞިއްޙީ މަރުކަޒުގައި ޚިދުމަތްދޭ މުވައްޒަފުން އިތުރުކުރުމަށްޓަކައި، 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށްޓަކައި، ބޭނުންވާ ޑޮކްޓަރުންނާއި، އެޓެންޑެންޓުންނާއި، މުވައްޒަފުން، ހުރިހާ ދާއިރާއަކުން ބޭނުންވާނެ ހުރިހާ މުވައްޒަފުން ހޯދުމަށްވެސް ވަނީ ބަޖެޓު ކުރެވިފައި. އޭގެ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ އިތުރަށް ބޭނުންވާ ޖާގަވެސް ހަމަޖައްސައި، އެކްސްރޭއާއި، ސްކޭން ކުރުމުގެ ޚިދުމަތާއި، މި ކަންކަންވެސް ހިމެނިގެންދާގޮތަށް ހަމަޖެހިގެންދިޔުން. އެހެންވީމާ، އަޅުގަނޑު ލިސްޓެއް ގޮތަށް މި ދަންނަވާލި ހުރިހާ މަސައްކަތްތަކެއް، އާދެ، ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުން، އާ މިސްކިތެއް އެޅުން، ވޮލީކޯޓެއް އެޅުން، ހޭންޑްބޯލް ކޯޓެއް އެޅުން، ފުލުހުންގެ މަރުކަޒެއް އެޅުން، މަގުތައް ހެދުން، މި ހުރިހާ ކަމެއް ހުރީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ އެ ކަންކަން ކުރިއަށް ދާނެ.

އާދެ، އޭގެއިތުރަށް ދަންނަވާ ކަމަށްވަންޏާ، ސްޕޯޓްސް ފިޝިންގ ބޮއެއް އެޅުމުގެ މަސައްކަތްވެސް އޮތީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ހަމަ ދާދި އަވަހަށް މި އަހަރުގެ ތެރޭގައި، އެކަންވެސް މި ރަށް ކައިރީގައި ހަމަޖެހިގެންދާނެ. އެހެންވީމާ، އެކަންވެސް އަޅުގަނޑު ދަންނަވާލީ.

އާދެ، ލޯކަލް ޓޫރިޒަމްގެ މިހާބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި، އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، ރައްޔިތުންނަށް ލޯކަލް ޓޫރިޒަމް ފަހިކޮށްދިނުމަށްޓަކައި، ޑޮލަރު އޭ.ޓީ.އެމް.ތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް، ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި، 40 ރަށެއްގައި، ޑޮލަރު އޭ.ޓީ.އެމް.ތައް ބެހެއްޓުމުގެ މަޝްރޫޢެއް އަޅުގަނޑުވާނީ އިޢުލާނުކޮށްފައި. އޭގެތެރޭގައި ހިމެނޭނީ ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާ ރަށްތަކާއި، އަދި ސިޓީތަކާއި، އާރބަން ސެންޓަރުތައް ފަދަ ބައިބޯ، އާބާދީ ބޮޑެތި ރަށްތައް. އޭގެ ތެރޭގައި މި ރަށް ހިމަނައި، މި އަންނަ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރީގައި، އިރާދަކުރެއްވިއްޔާ މި ރަށުގައި ޑޮލަރު އޭ.ޓީ.އެމް. އެއްވެސް ހުޅުވިގެންދާނެ.

ހަމައެއާއެކީގައި، އިތުރު ބައެއް މަޝްރޫޢުތައްވެސް ކުރިއަށް އެބަހުރި. ލިސްޓުގައި ހުރި ބައެއް ކަންކަން އަޅުގަނޑު މިއަދު މި ދަންނަވާލީ.

އާދެ، މިއަދު މިފެށިގެންދިޔަ ބިންހިއްކުމާއި، ދެންހުރި މަޝްރޫޢުތަކާއި، އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް މި އަހަރު ދެން ފެށޭނެ ކަންކަމާއި، އަދި މި އަންނަ އަހަރަށް ބަޖެޓު މި ކުރެވުނު ކަންކަމާއި، މި ހުރިހާ ކަމެއް ހަމަ މި ދަންނަވާލި ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދިއްފުށީގެ ލޮބުވެތި ރައްޔިތުންނަށް އަދިވެސް އަރުވަމުން އަޅުގަނޑު މިއަދު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ހެޔޮމަގުން ގެންދިޔުމުގައި، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.