بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތުލުސްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނާއި، ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތުލުސްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއް މި ރަށުގައި، އިރާދަކުރެއްވީތީ އަޅުގަނޑުމެން ކުރަން މި ފެށީ. އަޅުގަނޑު ވެފައި ހުރި ބައެއް ވަޢުދުތަކާއި، އަދި ރައްޔިތުންގެ މުހިންމު ވަރަށް ގިނަ ކަންތައްތަކެއް ހާސިލުވެގެންދާނެ މަސައްކަތްތަކެއް. ޢަމަލީގޮތުން ފެށިގެންދިޔަ މަސައްކަތްތަކާއި، ދެންމެ އެގްރީމަންޓް ކުރެވިގެންދިޔަ މަޝްރޫޢުތަކާއި، މިއިން ކޮންމެ މަޝްރޫޢަކީ ހަމަ ޔަޤީނުންވެސް، އެ މަޝްރޫޢުތައް ނިމިގެން ދިޔުމުން، މި ރަށުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް، އަދާކުރާނެ މަޝްރޫޢުތަކެއްކަން ޔަޤީން. އިރާދަކުރެއްވިއްޔާ ސަރުކާރުން، މިއިން ކޮންމެ މަސައްކަތެއްގައި، ފުރިހަމަ ކާމިޔާބީއާ ހަމައަށް ދިޔުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނަން. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ހާސިލުވެގެން ދާނެ ފުރިހަމަކަމާ އެކީގައި. ތަޢުލީމީ ދާއިރާއިން، ޞިއްޙީ ދާއިރާއިން، އަދި އެހެނިހެން ދާއިރާތަކުން، ކުޅިވަރުގެ ދާއިރާއިން، އަމަންއަމާންކަން ގާއިމުކުރުން، މިހެންގޮސް ކޮންމެ ދާއިރާއަކުންވެސް، ރަށުގެ ތަރައްޤީއަށް ހުރި މުހިންމު މަސައްކަތްތަކެއް މިއަދު މި ފެށުނީ.

އާދެ، މީގެއިތުރަށްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، މުހިންމު ގިނަ މަސައްކަތްތަކެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގައި ކުރިއަށް ގެންދާނަން. ޝައްކެއްނެތް ގޮތުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އަޅުގަނޑުމެން ފަށާނެ މަސައްކަތަކީ، މަގު ހެދުމުގެ މަޝްރޫޢު. ދާދި އަވަހަށް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، މިކަން ކުރެވޭވަރުގެ ބަޔަކާ އަޅުގަނޑުމެން މަސައްކަތް ހަވާލުކޮށް، އަމާޒަކީ އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި އެ މަސައްކަތް ފެށުން. މި އަހަރު ނިމެންވާއިރަށް ފެށޭވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ކުރުން. ހަމަ އެންމެ ލަސްވެގެންވެސް، ޖަނަވަރީ މަހުގެ ތެރޭގައި، ޢަމަލީގޮތުން މި ރަށުގެ މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެ. އެ ޔަޤީންކަން އަޅުގަނޑު އަރުވަން. މި މަގުތައް ހެދުން ވެގެންދާނީ، މި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، އެކަންކަމުގައި މިރަށަށް ހިޖުރަކުރާ ރައްޔިތުންނާއި، ހުރިހާ ފަރާތްތަކަށްވެސް ވަރަށް މުހިންމު، ވަރަށް މުހިންމު ކަމަކަށްކަން ޔަޤީން. އާދެ އެހެންވީމާ، އެކަން އެންމެ އިސްކަމެއްގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ހިއްކިފައިވާ ބިމުން ގޯތިލިބި، އެ ގޯތިތަކުގައި ގެދޮރުއެޅުމާއި، ހައުސިންގގެ މައްސަލަ ޙައްލުވުމަކީވެސް، ރައްޔިތުން ބޭނުންވާ ކަމެއް. އެކަމަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތަކެއް ކުރަން ނިންމާފައި އޮތް ކަމެއް މިއީ.

އާދެ، މި ރަށަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ތުލުސްދޫގެ ރައްޔިތުންނަކީ މިގޮތަށް ތަރުޙީބުދޭ، ވެލްކަމް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށްފަހު، ދެން މި ރަށަށް އެހެން ރަށްރަށުން ހިޖުރަކުރަން، ނޫނީވިއްޔާ އާބާދީ އެއްފަސްކުރަން ބޭނުންވާ ރަށްރަށުގެ ރައްޔިތުންވެސް ގެނެސް، މި ރަށުގައި ގާއިމުކުރެވޭ ގޮތަށް، ރަށުގެ ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާއާ އެކުގައި ސަރުކާރުން ބޭނުންވަނީ ކުރިއަށްދާން.

އަޅުގަނޑު މި ދެންނެވި ގޮތަށް، ތުލުސްދޫގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް ބޭނުންވާ ގޯތި ދިނުން، ނޫނީވިއްޔާ ހައުސިންގގެ މައްސަލަ ޙައްލުވާވަރު ޔަޤީންކުރުން، އެއީ އަސާސީ އެއް ކަންތައް. އޭގެއިތުރަށް، ދެން ޖާގަ އޮތް މިންވަރަކުން، އަޅުގަނޑުމެން ބޭނުންވަނީ، އިތުރަށްވެސް އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މި ރަށުގައި ހިންގަން. އެކަން ކުރިއަށް ގެންދާނީ ހަމަ ޔަޤީނުންވެސް، މި ރަށުގެ ރައްޔިތުންގެ ވިސްނުމާއި، ޚިޔާލާ އެއްގޮތަށް. މި ދެންނެވި ފަދައިން، މިހާތަނަށްވެސް، ވަރަށް އެކުވެރިކަމާ އެކީގައި، ވަރަށް އެއްބައިވަންތަކަމާ އެކީގައި، މިގޮތަށް ދިރިއުޅެމުން އަންނަ ރަށެއް މި ރަށަކީ. އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، އެގޮތުގެ މަތިން.

އާދެ، ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން މިއަދު ފިޓްނަސް ސެންޓަރެއްގެ މަސައްކަތް ފެށިނަމަވެސް، އަދި އިތުރު ކަންކަންވެސް ކުރިއަށް އޮތްތާނގައި، މި ރަށުގައި ކުރިއަށް ގެންދާނަން. އާދެ، ފުޓްބޯޅަ ކުޅުމުގެ ދާއިރާއިން ބަލާއިރުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް، ހެދުމަށް ބަޖެޓުގައި އެބަ ހިމަނަން، 2026ގެ އާ މަޝްރޫޢުތަކުގެ ލިސްޓުގައިހިމަނައި، މި ރަށުގައި އޮތް ދަނޑުގައި ޓަރފްއަޅައި، ރަނގަޅު ފެންވަރުގެ ރޮސްޓްރަމެއްވެސް ހިމެނޭގޮތަށް، މި އަންނަ އަހަރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ގޮތުގައި ތަރައްޤީކޮށްދޭނަން. އިރާދަކުރެއްވިއްޔާ އެކަން ދާނީ ކުރިއަށް.

އާދެ، ހަމަ އޭގެއިތުރަށްވެސް، މުހިންމު ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އެބައޮތް. މީގެ ތެރޭގައި، އިތުރު ބަނދަރެއް، ހުޅަނގު ފަރާތުން ބަނދަރެއް ހެދުން އެއީ، އަޅުގަނޑު ވީ ވަޢުދެއް. މި އަހަރު އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާގޮތަކަށް ޕްލޭން ކުރެވިފައެއް ނޫން އޮތީ. އެހެންވީމާ، އަދި ނުފެށިގެން މި އުޅެނީ. މި އަންނަ އަހަރަށް އަޅުގަނޑުމެން އޮންނާނީ ޕްލޭންކޮށްފައި. އަޅުގަނޑު ވަރަށް ގިނަ ރަށްތަކުގައި އެބަ ދަންނަވަން، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރަނީ ދެ އަހަރަށް ބަހާލައިގެންކަމަށް. އެހެންވީމާ، އަޅުގަނޑު ވެފައި އޮތް މި ވަޢުދު ފުއްދުމަށްޓަކައި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތްވެސް މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ކުރިއަށްދާނެކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން.

އާދެ، މީގެއިތުރަށް، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށާއި، ޑޮލަރު އޭ.ޓީ.އެމް.އެއް ޤާއިމުކޮށްދޭން އަޅުގަނޑު ވާނީ ނިންމާފައި. މި އަންނަ އަހަރުގެ ކުރީކޮޅު އެކަންވެސް ކުރިއަށްދާނެ. އެހެންވީމާ، އެކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން.

އާދެ، މީގެއިތުރަށްވެސް، ތަޢުލީމީ ދާއިރާއިންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، އަދި ޞިއްޙީ ދާއިރާއިންވެސް މަސައްކަތް ކުރަމުންދާނީ، މިހާރު މި ފެށިގެންދިޔަ މަސައްކަތްތައް ނިމެންދެންވެސް ކުރެވެންހުރި އިތުރު ކަންކަން ކުރެވޭތޯ ބަލަން. އެއީ، ވަސީލަތުގެ ގޮތުން ކަމުގައިވިޔަސް، މުވައްޒަފުން އިތުރުކޮށްދިނުން ކަމުގައިވިޔަސް، މިފަދަ ގޮތްގޮތުން މިހާރު ހުރި ޢިމާރާތާއި ޖާގައިގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެ ދާއިރާއިން ރަށުގެ ތަރައްޤީއަށް ކޮށްދެވެންހުރި ކަންކަން ބަލައި، އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އިތުރަށް ފެންވަރު މަތިކޮށްދޭން. އޭގެތެރޭގައި، ގްރޭޑް 11، 12 އާ ހަމައަށް ދިޔުން އެއީ، ރައްޔިތުން އެދޭ ކަމެއް. ޞިއްޙީ ދާއިރާއިން އިތުރު ޚިދުމަތްތައް އިތުރުކުރަން ރައްޔިތުން އެދިވަޑައިގަންނަވާ. އެހެންވީމާ، މިހެން ހުރި ކަންކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން.

މައިގަނޑު ގޮތެއްގައި އަޅުގަނޑު މި ދަންނަވާލީ ބައެއް މަޝްރޫޢުތައް. އިތުރު ގިނަ ކަންކަން ކުރިއަށް އޮތް ތާނގައި، މި ރަށުގެ ރައްޔިތުންނަށްޓަކައިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރާނީ، ރައްޔިތުންގެ ގާތަށް މިހެން އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް.

އާދެ، މިއަދު ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުވެގެން މިގޮތަށް ދިޔުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވި، މި ބައްދަލުކުރެވުނީ. ރައްޔިތުންގެ އެއްބާރުލުމާއެކު، އިރާދަކުރެއްވީތީ 187 ރަށަށް އަޅުގަނޑުމެންނަށް ދެވުނީ، ދެ އަހަރު ދުވަސްވުމުގެ ކުރިން މި 187 ރަށަށް ދެވުނީ. މީގެ އިތުރަށްވެސް، އެއްބުރު ނިމި، ދެވަނަ ފަހަރަށްވެސް މި ދަތުރުގައި އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް، ދެވުނު ބައެއް ރަށްތައް ހިމެނޭގޮތުން، ދެވަނަ ފަހަރަށް 64 ރަށަކަށް ދެވިއްޖެ. އަދި ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ. ތަކާއި، ހުރިހާ ކައުންސިލްތަކެއް، އެއީ އަތޮޅު ކައުންސިލްތައް، ސިޓީ ކައުންސިލްތައް ހިމެނޭހެން އެއްފަހަރު ބައްދަލުކޮށް ނިމި، ދެވަނަފަހަރަށްވެސް މިއަދުގެ މި ބައްދަލުވުމާއެކު، 148 ކައުންސިލާ ބައްދަލުވެއްޖެ. ދެވަނަ ފަހަރަށްވެސް.

އާދެ، މި ކަންކަމަކީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ ގޮތް. ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންގެ އަޑުއެހުން، ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގާތަށް އައިސް، އެ މަންދޫބުން ރައްޔިތުންގެ ފަރާތުން ދައްކަންހުރި ވާހަކަތައް އަޑުއެހުން. ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި މުއައްސަސާތަކުގެ ވެރިން ގާތަށް އައިސް، އެ ބޭފުޅުން ވިދާޅުވާން ހުރި ކަންކަން އޮޅުންފިލުވައި، އެ ކަންކަމަށް ޙައްލުގެނެސްދޭން މަސައްކަތްކުރުން. އެއީ، އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަކީ. އެގޮތަށް މަސައްކަތްކުރީމާ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް އަވަހަށް ފުއްދޭ. އަދި ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ބައްޓަންކުރުމަށް މަގުފަހިވެގެންދޭ. އަދި މަސައްކަތްތައް އަވަސްވެގެންދޭ. މައްސަލަތައް ޙައްލުވެގެންދޭ ފަސޭހަކަމާ އެކީގައި.

އެހެންނޫނީވިއްޔާ، ސިޓީ ފޮނުވުން، އެ ސިޓީއަށް ޖަވާބު އަންނަންދެން އެތައް ދުވަހަކު މަޑުކުރުން، މާލެއަށް ކައުންސިލްތައް ދަތުރުކުރުން، މުއައްސަސާތަކުގެ ވެރިން މާލެއަށް ދަތުރުކުރުން. މި ކަހަލަ ގޮތަކަށް ނިޒާމު މި އޮންނަނީ ޒަމާނުއްސުރެ. އެ ނިޒާމުގެ ތެރޭގައި، އެދާ ލަސްމިނުގެ ތެރޭގައި ދާކަށް އަޅުގަނޑު ހިތުން ރައްޔިތުންނެއް ބޭނުމެއް ނުވާނެ. އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވީވެސް އެގޮތަށް އެކަން ދިޔަ ނުދޭނެކަމަށް. ރައްޔިތުންގެ ގާތަށް އައިސް ހަލުވި ދުވެލީގައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކޮށްދޭނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވީތީ އެކަން އެގޮތުގައި މި ގެންދެވެނީ. ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މީގެ ނަތީޖާ ފެނިވަޑައިގަންނަވާނެ. ތުލުސްދޫގެ ރައްޔިތުންނަށްވެސް މި ރަށުގައި މި ފެށިގެންދިޔަ ކަންކަމާއި، ފެށޭނެ ކަމަށް އަޅުގަނޑު މި ދެންނެވި ކަންކަން ކުރިއަށް މި ގެންދަނީ، ހަމަ ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން އޮޅުންފިލުވައިގެން އެގޮތަށް. ކޮންމެ ރަށެއްގެ، ކޮންމެ މަޝްރޫޢެއްވެސް އަޅުގަނޑުމެން ގެންދާނީ އެގޮތަށް. އެއީ، އަޅުގަނޑު ހިތުން ރައްޔިތުންގެ އުންމީދަކީ. އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކީވެސް.

އާދެ، އަދިވެސް އެއްފަހަރު، ތުލުސްދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކަން އަރުވާނީ، މި ދެންނެވި ގޮތަށް މި ހުރިހާ މަސައްކަތްތަކެއް ވަރަށް ޒިންމާދާރު ކަމާއި، އަވަސްމިނުގައި، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދޭނެ ކަމަށް. އަދި ފަށަންވެފައި އޮތް އެންމެ މުހިންމު މަޝްރޫޢު، މަގުހެދުމުގެ މަޝްރޫޢު، އަޅުގަނޑު މި ދެންނެވިފަދައިން ފަށައިދޭނެކަމަށް ދަންނަވަން. އަދި ދެން ހުރި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމު ތަރައްޤީ ކުރުމުގައި، ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމުގައި، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް އުފާފާގަތިކަން، ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަމައްދުން މިންވަރުކޮށްދެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.