بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲ، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހި ފަޚުރުވެރި ސިފައިން، ނޮވެންބަރު 3 ގައި ޝަހީދުވި ޝަހީދުންގެ ޢާއިލާތަކުގެ މެންބަރުން، ވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުން، ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ނޭޝަނަލް ސަރވިސްގެ އެންމެހައި ބައިވެރިން، ލޮބުވެތި ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މީގެ 37 އަހަރު ކުރިން ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށްޓަކައި ދެވުނު ޢުދުވާނީ ޙަމަލައިން ﷲގެ އިރާދަފުޅާއި ރަޙްމަތްފުޅާއެކުގައި ސަލާމަތްވެ، މިއަދާ ހަމަޔަށް މި އާދެވި، އަޅުގަނޑުމެން މިއަދު މި ބާއްވާ ޖަލްސާގައި އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވެގަންނާނީ، އައްޑަނަތައް ލިބިވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް. އެގޮތުން، ޝަރަފުގެ އެންމެމަތީ އައްޑަނަ، ނޫނީވިއްޔާ ޙައްޤުވެރި ބައިވެރިޔާ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް މަރުޙަބާއާއި ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި، ސިފައިންގެ ތެރޭގައި އެ ދުވަހު ދިވެހި ޤައުމުގެ ދިފާޢުގައި ޝަހީދުވި ޝަހީދުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންގެ ތެރެއިން ޝަހީދުވި ޝަހީދުންގެ ޢާއިލާތަކުގެ ހުރިހާ މެންބަރުންނަށާއި، ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހަމަ ޙައްޤު މަރުޙަބާއާއި ޝުކުރު އަޅުގަނޑު އަރިސްކުރަން.
އާދެ، ދިވެހި ޤައުމު އޮތްހާ ދުވަހަކު، ދިވެހި ޤައުމު މިއަދާ ހަމަޔަށް ގެނައުމުގައި، ދިވެހިން ޤައުމުގެ މިނިވަންކަން ދިފާޢުކުރައްވައި މިއަދާ ހަމަޔަށް ގެނައުމުގައި، ދިވެހި ޤައުމުގެ މިނިވަންކަން ސަލާމަތްކުރުމުގައި ޝަހީދުވި ހުރިހާ އަބްޠާލުންގެ ޛިކުރާ ތާއަބަދަށް ދެމިއޮންނާނެ. ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ނޮވެންބަރު 3ގެ ޝަހީދުންނާއި އަދި އެކިއެކި ދުވަސްވަރު އެކިކަހަލަ ޙަމަލާތަކުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރައްވައި، ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި، ޤުރްބާންވި ހުރިހާ އަބްޠާލުންގެ ޛިކުރާ ހަނދާންކުރާނަން.
މި ޤައުމު ފަޚުރުވެރި ޤައުމަކަށްވަނީ އެހެންވެ. އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބައެއް. މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބަހަކުން ވާހަކަ ދައްކައި، އެއް ނަސްލަކަށް ނިސްބަތްވާ، އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއް. މި ޤައުމުގެ މި ޙަޤީޤަތް، މި ދިވެހިވަންތަކަން، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެންގެ ޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކޮށް، އެއިން ޢިބްރަތް ލިބިގަނެ، އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ދަސްކޮށްދީ ވާރުތަކޮށްދޭންޖެހޭ. ދިވެހި ޤައުމިއްޔަތު އިޢާދަކޮށް ދިރުވައި އާލާކުރަން މިޖެހެނީ އެހެންވެގެން. އަޅުގަނޑުމެންނަކީ ކޮންބައެއްކަމާއި، އަޅުގަނޑުމެންގެ ޤައުމު މިއަދާ ހަމަޔަށް ގެނައުމުގައި މަސައްކަތްކޮށް މިއަދާ ހަމަޔަށް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިނުމުގައި ޤުރްބާންވީ ކޮންބައެއްކަމާއި، ޤުރްބާންތަކަކީ ކޮބައިކަން އަޅުގަނޑުމެންގެ ޒުވާނުންނަށް، މުސްތަޤްބަލަށް އެބަޖެހޭ ދަސްކޮށްދޭން. އެ މާތް މަޤްޞަދުގައި އަޅުގަނޑުމެން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި، މަސައްކަތް ފެށީ. އިރާދަކުރެއްވީތީ އެކަމުގެ ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން ފެށި ގިނަ މަސައްކަތްތައް، އޭގެ ފުރިހަމަ ކާމިޔާބީއާ ހަމަޔަށް މިދަނީ ހަމަ ޔަޤީނުންވެސް ލޮބުވެތި ދިވެހި ރައްޔިތުން އެކަން ބަލައިގަނެ، އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން. ކުރައްވާ އިތުބާރުގެ ސަބަބުން. ދިވެހި ޒުވާނުންގެ ތެރެއިން ޤައުމީ ޚިދުމަތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ހުރިހާ ޒުވާނުންނަށް އެ ފުރުޞަތު ހުޅުވައިލެވުމުން، އެ ޒުވާނުންގެ، އެ ކުދިންގެ ޢާއިލާތަކުން، މައިންބަފައިން، ބެލެނިވެރިން، މިއީ މުހިންމު ކަމެއްކަމާއި، މިއިން ވާނީ ފައިދާކަން ގަބޫލުކުރައްވައި ކުރެއްވި އިތުބާރުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހުޅުވައިލެވުނު ފުރުޞަތުގައިވެސް، ޖާގައޮތް މިންވަރަށްވުރެ ހަތަރުގުނައަށްވުރެ އިތުރަށް ބައިވެރިވާން ކުރިމަތިލި. އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނާ އެކީގައި މި ބައިވެރިވާ ޒުވާނުންނަކީ، މީގެ ފުރަތަމަ ބެޗް. އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރު، މީގެ ތިންގުނަ، ނޫނީ ހަތަރުގުނައަށް، އަޅުގަނޑުމެން ކުރިންވެސް ކަނޑައަޅާފައި އޮތްގޮތަށް ގާތްގަނޑަކަށް އިތުރު 1000 ކުދިން ތަމްރީނު ކުރަން ފެށޭނެ. ހަމަ އެގޮތަށް، ދެންއޮތް ކޮންމެ އަހަރަކު، މަދުވެގެން 1000 ކުދިން ތަމްރީނު ކުރަމުން އަޅުގަނޑުމެން ގެންދާނަން. މިކަމަށްޓަކައި އެމް.އެން.ޑީ.އެފް.ގެ ފަރާތުން އެ ދެއްވާ އެއްބާރުލެއްވުމާއި، މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން، ފުލުހުންގެ ފަރާތުންވެސް އަދި އެހެން މުއައްސަސާތަކުންވެސް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން.
އާދެ، ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކައި ޤުރްބާންވާން ތައްޔާރަށް ތިބި ބަޔަކު އަޅުގަނޑުމެން އުފެއްދުމަކީ، އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭ މުހިންމު ކަމެއް.
އާދެ، އަޅުގަނޑު މައިގަނޑު ގޮތެއްގައި މިއަދު ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ، ޤައުމަށްޓަކައި ޤުރްބާންވުމަކީ، ހަމައެކަނި ސިފައިންގެ، ނޫނީވިއްޔާ ފުލުހުންގެ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ މިއަދުގެ މި ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ނަގާލުމަށް، ނޫނީވިއްޔާ ޤައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލާން. އޭރުގައި އެކަން ކުރާގޮތަކަށް ނޫން، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެ ޤައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގައި ހަރަކާތްތެރިވަނީ. މިއަދުގެ މި ޓެކްނޯލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ، އަޅުގަނޑުމެން ޣާފިލްވެގެން ތިއްބާ. ނޭނގިތިއްބާ. އަޅުގަނޑު ކުރިން މި ދެންނެވި ދިވެހިވަންތަކަން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެން ތިބި ބައެއްކަން، އަޅުގަނޑުމެންގެ އަތުގައި އޮތީ، އެހެން އެއްވެސް ޤައުމެއްގައި ނެތްފަދަ ޚާއްޞިއްޔަތުތަކެއްކަން، ޚާއްޞަ ސިފަތަކެއްކަން، އެއްބަހަކުން ވާހަކަ ދައްކާ ބައެއްކަން، އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަން، މި އެއްބައެއްވަންތަކަން ނަގާލުމަކީ، މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން އައިސް ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މި އިޤްތިޞާދު އިސާހިތަކު ނައްތާލައި، ނޫނީވިއްޔާ ބޮޑު އަނދަވަޅަކަށް ވައްޓާލައި، އަޅުގަނޑުމެންގެ އަތްމަތީގައި މިއޮތް އަމިއްލަ މިނިވަންކަން، ހުރިހާ ނަޒަރިއްޔާތަކުންވެސް ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއް، އެކަމަށްޓަކައި އަޅުގަނޑުމެން ނުވިސްނާ ތިބެއްޖެނަމަ.
އެހެންވީމާ، މިއަދު އަޅުގަނޑު މައިގަނޑު ގޮތެއްގައި ދަންނަވަން ބޭނުންވާ އެއް ވާހަކައަކީ، ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަޚުރެއް ކަމުގައި އަދި ޒިންމާއެއް ކަމުގައި ދެކިވަޑައިގަންނަވާށޭ، ތިމަންނަގެ ފަރާތުންވެސް މި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަމާއި، އެކަން ކުރެވޭނެކަމާއި، ކުރަންޖެހޭނެކަން. ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ، اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމް ކަނޑައަޅައި، އެގޮތުގައި ރެޔާއިދުވާލު އެ މީހާގެ ވިސްނުން ބަހައްޓައި، އެ މީހާގެ ހިތުގެއަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަން ކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާހާ ހިނދަކު، މި ޤައުމާމެދުގައި ކަންބޮޑުވާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް، އިރާދަކުރެއްވިއްޔާ އޭރުން އޮންނާނީ އަބަދުވެސް ޙިމާޔަތްވެފައި. އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކީ ފޯރުކޮށްދެވޭނެ. އޭރުގައިވެސް ޤައުމުގެ މިނިވަންކަން ނަގާލީ، ދިވެހިންގެ ބަޔަކު ބޭރުގެ ކޮންމެވެސް ބަޔަކާ ބައިވެރިވެގެން. ކޮންމެފަހަރަކުވެސް. މިހާރުގެ މި ބަވަނަވެފައި އޮތް މި ދުނިޔޭގެ މި ޙަޤީޤަތްތަކުގެ ތެރެއިންވެސް އެކަން ކުރާނީ އަދި ކުރަމުންދަނީވެސް، ދާނީވެސް ހަމަ އެގޮތަށް. އެހެންނަމަވެސް، މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރާނަމަ، އެއީ ކޮން ވާހަކައެއްތޯ؟ އަމިއްލަ މަޞްލަޙަތަށްވުރެ، އަމިއްލަ ބޭނުންތަކަށްވުރެ އިސްކުރަންވީ ޤައުމޭ. ތިމަންނައަށް ޤައުމުގެ ފަރާތުން ކަމެއް އަދި ނުކޮށްދެވި އޮތް ކަމަށް ޤަބޫލުކުރިޔަސް، އެކަމަކާ ކަންބޮޑުނުވެ، ޤައުމަށް އަބަދާއި އަބަދު، ކޮންމެވެސް ކަމެއް، އެ ކުރިމަތިވާ ކަމެއްގައި ޤައުމު އިސްކޮށްގެން ކުރިއަށްދިޔުމުގެ އެ ޢަޒުމް އެއީ، ޤައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމަކީ. އަބަދުވެސް އެ ޢަޒުމް ވަރުގަދަކޮށް، އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކުވެސް، ކޮންމެ ޒުވާނަކުވެސް އެ ޢަޒުމުގައި ކުރިއަށްދާނަމަ، އިރާދަކުރެއްވިއްޔާ މި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް އޮންނާނީ ހަމަ ވަރަށް ވަރުގަދައަށް ޙިމާޔަތް ކުރެވިފައި.
ޤައުމެއް ޤައުމަކަށް ވަނީ އެ ޤައުމެއްގެ އަފްރާދުންގެ މައްޗަށް ބިނާވެގެން. އެ ޤައުމެއްގެ އަފްރާދުންގެ ސިކުނޑިން ވިސްނާ ގޮތެއްގެ މައްޗަށް ބިނާވެގެން. އެ ޤައުމެއްގައި އެ ވަގުތަކު އޮންނަ ސަރުކާރަކުން އެކި ކަންކަމުގައި، އިމާރާތްތައްކޮށް، ޢުމްރާނީ ކަންކަން ކުރާނެ. ކުރަމުންވެސްދާނެ. އެހެންނަމަވެސް، އެ ޤައުމުގައި ތިބި އަފްރާދުންގެ މި ދެންނެވި ސިކުނޑީގެ ވިސްނުން، ޤައުމާ އެއްކޮޅަށް ބޭނުންކުރަން ނުނިންމާނަމަ، ނޫނީވިއްޔާ ބޭނުންކުރަމުން ނުދާނަމަ، ކޮންޝަސްލީ ވިސްނައިގެން އެކަން ނުކުރާނަމަ، އެ ގެނެވޭ، އަތްލެވޭ ތަރައްޤީގެ ބޭނުމެއް ނެތް. މިއަދު ފެނިދާނެ، އަޅުގަނޑުމެންގެ ފަތުރުވެރިކަން ނައްތާލުމަށް، ފަތުރުވެރިކަމާ ދެކޮޅަށް، މިސާލަކަށް މި ދަންނަވަނީ. ބަޔަކު ކަންތައްތަކެއް، ދިވެހީންގެ ބަޔަކު ބައިވެރިވެގެން ކުރާ ތަން. އަޅުގަނޑުމެން މި ދެންނެވި ކޮންމެ އަފްރާދަކު ޤައުމާ އެއްކޮޅަށް ވިސްނައިގެން، އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން، މިހާރުގެ މި ޙަޤީޤަތް، މާސް މީޑިއާގެ ޙަޤީޤަތް، މީސް މީޑިއާގެ ޙަޤީޤަތް ބޭނުންކޮށްގެން، ޤައުމާ އެއްކޮޅަށް މަސައްކަތް ކުރައްވައިފިއްޔާ، އެކަހަލަ ހުރިހާ ޙަމަލާތަކެއް އިސާހިތަކު ނައްތާލެވޭނެ.
އިޤްތިޞާދުގެ މިނިވަންކަން ޤައުމުގައި ޤާއިމުވުމަކީ، ޙަޤީޤަތުގައި ޤައުމުގައި މިނިވަންކަން ފުރިހަމައަށް ޤާއިމުވެގެންދިޔުމުގައި ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ދެންހުރި ކޮންމެ ދާއިރާއަކުންވެސް. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވޭނެ، އެހެންނަމަވެސް ވަރަށް މާނަ ފުން، ވަރަށް ބޮޑެތި ކަންކަން އެބަހުރި.
އެހެންވީމާ، އަޅުގަނޑުމެންނަކީ ކޮންބައެއްކަން ޤަބޫލުކޮށް، ދިވެހީން، ދިވެހީންނަށް ވަނީ ކީއްވެކަން ޤަބޫލުކޮށް، ދިވެހިވަންތަކަން އިސްކޮށް، ތިމަންނައަކީ ފަޚުރުވެރި މައް ދިވެއްސެއްކަން، ފަޚުރުވެރިކަމާއެކީގައި ޤަބޫލުކޮށް، ފަޚުރުވެރިވާނީ ކިހިނެއްތޯ؟ އިސްލާމްދީނަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ މަތިވެރި ނިޢުމަތްކަން ފުރަތަމަ ގަބޫލުކުރަންވީ. ކޮށްގެން، އެ ދީނުގައި އޮތްގޮތަށް ޢަމަލާއި ބަސް ދިމާކުރަންވީ އަބަދާއި އަބަދު. ޢަމަލާއި ބަސް އަބަދާއި އަބަދު ދިމާކުރަންވީ. އެއީ، އޮޕްޝަނެއް ނޫން، މި ވަގުތު އެއިން އެއްބައި ގަބޫލުކޮށް، އަނެއްވަގުތު އަނެއް ތަންކޮޅެއް ގަބޫލުކޮށް. ނޫން. އަޅުގަނޑުމެންނަށް ލިބިފައި މިއޮތް އެންމެ މަތިވެރި ނިޢުމަތަށް ފުރަތަމަ ފަޚުރުވެރިވާންވީ. ފަޚުރުވެރިވެވޭނީ އެއަށް ޢަމަލުކޮށްގެން. އެއާއެކު، ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް މި ގެނެސްދީފައި މިއޮތް މަތިވެރި ޤައުމު އެގޮތުގައި، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އެ ޤުރްބާނީތައް އަޅުގަނޑުމެންގެ ޒުވާނުންނަށް، ތުއްތުކުދިންނަށް ކިޔައިދީ، އަންނާން އޮތް ޖީލުތަކަށް އެ ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރުން.
އެއާއެކު، މިހާރު އަޅުގަނޑުމެންގެ އަތުގައި މި އޮންނަނީ ޙަޤީޤަތުގައި ދުނިޔެ. ފޯނުގައި. މިއީ އެންމެ ބޮޑު ޙަޤީޤަތަކީ މިހާރު. ދުނިޔެއާއި އަޅުގަނޑުމެންނާ ގުޅުވާލަދޭ އެއްޗަކީ ފޯނު. ނޫނީވިއްޔާ އަތުގައި އޮންނަ ކޮންމެވެސްކަހަލަ އިލެކްޓްރޯނިކް މީޑިއަމެއް. މިއިން އަޅުގަނޑުމެންގެ ޤައުމު އެންމެ ބޮޑަށް ދިފާޢުކުރެވޭނީ މިހާރު. ޤައުމާ އެއްކޮޅަށް ސިކުނޑިތައް ބޭނުންކުރަންވީ. އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާނަން. ރާއްޖޭގެ މުސްތަޤްބަލް އޮތީ އުޖާލާކޮށް. އަދި އަޅުގަނޑު ޔަޤީންކުރަނީވެސް އެގޮތަށްކަން ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކުވެސް ވިސްނާވަޑައިގެން ކުރިއަށް ވަޑައިގަންނަވާނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އިރާދަކުރެއްވިއްޔާ މިގޮތަށް ކަންކަން ކުރުމަށް. އެކިކަހަލަ ކަންކަން މަގުފަހިކޮށްދިނުމާއި، ޢުމްރާނީ ގޮތުން ޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމުގައި. ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ، މިގޮތުން ކުރެވޭ އެއްބައި ކަންތައްތައް. މިދިޔަ ދެ އަހަރެއްހާ ދުވަހުވެސް އިރާދަކުރެއްވީތީ މަސައްކަތްކުރީ މިގޮތަށް. މި އަންނަ އަހަރުވެސް، އަޅުގަނޑުމެން މިހާރު ފާސްކުރަން ހުށަހަޅާފައި އޮތް ބަޖެޓުންވެސް ފެނިވަޑައިގަންނަވާނެ، ދިވެހި ލޮބުވެތި ރައްޔިތުންނަށް. މިގޮތުން އެތައް ކަމެއް ކުރަން އެއޮތީ ހުށަހަޅާފައި، ނޫނީވިއްޔާ ހިމަނާފައި، ޕްލޭންކޮށްފައި. ސިފައިންގެ އެކިއެކި ދާއިރާތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމާއި، އޭގެއިތުރަށް، ސިފައިން ޚިދުމަތުގައި ހޭދަކުރާ ވަގުތު، އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅައިނުލައި އޮތްއޮތުން ނިމުމަކަށް ގެނެސް، ރަނގަޅު ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމެނުމަށް. މިސާލަކަށް ދަންނަވަންޏާ، ބަންޑާރަ ކޮށްޓާއި، ކަޅުތުއްކަލާ ކޮށީގައި، ޚިދުމަތުގައި އުޅޭ ވަގުތު އެ ބޭނުންކުރަންޖެހޭ އިމާރާތްތަކާއި ތަންތަން ބާވެ ވީރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި އާ އިމާރާތްތައް އެޅުމާއި، ދެކުނުގައި، އައްޑުއަތޮޅުގައި އިރާދަކުރެއްވިއްޔާ އާ މަރުކަޒެއް އެޅުމާއި، ޓްރޭނިންގ މަރުކަޒެއް އެޅުން. އިރާދަކުރެއްވިއްޔާ ގިރިފުށީގެ ޓްރޭނިންގ ސެންޓަރު ހެދުމުގެ މަސައްކަތްވެސް އެވަނީ ފެށިފައި. މިފަދަ އެތައް ކަމެއް، އެތައް ކަމެއް. ފުލުހުންގެ ތެރޭގައިވެސް އެތައް ކަމެއް ކުރުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނެ ކަންތައްތައް. އެހެންނަމަވެސް، މިކަންކަމުގެ ބޭނުމެއް ޙަޤީޤަތުގައި އޮތީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަތްމަތީގައޭ. ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ޤައުމާ އެއްކޮޅަށް ކުރަން ނިންމައިފިއްޔާއޭ، ކުރާކަމުގައިވަންޏާއޭ. އާދެ، އެ ވާހަކަ، މައިގަނޑު ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވީ.
އަދިވެސް އެއްފަހަރު، ނަޞްރުގެ ދުވަހުގެ ހެޔޮ ތަހުނިޔާ، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަޅުގަނޑުގެ އިލްތިމާސަކީ، އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރެއްވުމޭ. މިއަދާ ހަމަޔަށް މި ޤައުމު ގެނެސްދިން އަބްޠާލުން އެ ކުރެއްވި ޖިހާދު ބޭކާރުވިޔަނުދެއްވާށޭ. އިރާދަކުރެއްވިއްޔާ ޤައުމުގެ މުސްތަޤްބަލް އޮތީ އުޖާލާކަންމަތީގައޭ.
އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމުގެ މިނިވަންކަން ތާއަބަދަށްމެ اللهُ سُبْحَانَهُ وَتَعَالَى ޙިމާޔަތްކޮށްދެއްވައި ދަމަހައްޓަވައި ދެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.