މިއަދު މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ވަރަށް މުހިންމު ބާބެއް ކަމަށާ، މިއަދު މި އެއްލޭ މުހިންމު ޞަފުޙާއަކީ ރައްޔިތުންގެ އުފާފަގަތިކަން ޙަޤީޤަތަކަށް ހެދުމުގެ އާ ޞަފުޙާއަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ސިޓީގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރެއްވި 11 މަޝްރޫޢުއާއި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ފުވަމުއްލަކު ސިޓީގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުނުކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކާމިޔާބުކަމާއެކު މި މަޝްރޫޢުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ތަކުރާރު ކުރައްވައިފައެވެ.

މިކަންކަމަށް އަލިއަޅުވާލައްވަމުން، ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކުނީގެ މައްސަލައެވެ. ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާއިރު، މިއަދު މި ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިޢާޔަތްކުރެވި، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތް ފެއްޓެވި މަޝްރޫޢުގެ އިތުރުން، ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްޤީ ގެނެސްދެއްވުމުގެ މަޝްރޫޢެއްގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމާއި، ޓިވެޓްގެ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ފުވައްމުލަކު ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލެއްވީ، ޓަރޝަރީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ. ފުވައްމުލަކު ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި ޢަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެކަމުގައި ވިދާޅުވެފައެވެ. އޭގެ ކުރިންވެސް ބައެއް ޚިދުމަތްތައް ފައްޓަވާނެކަމަށާ، މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ޚިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ޕޭޝަންޓުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިންގ ޔުނިޓްގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގައި 500 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. ވަޢުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ ބަނދަރުގެ މައްސަލައަށްވެސް ފުރިހަމަ ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށާ، ބަޖެޓުގެ މައްސަލައެއް އެކަމުގައިވެސް ނެތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރުވާނެހެން، ސީދާ އަދި ނުސީދާ ފައިދާ ލިބޭނެފަދައިން ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓާ ތަރައްޤީކުރެއްވުމުގެ ކަންކަންވެސް ކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް ދާދި އަވަހަށް ހައްލު ލިބޭނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ފެނަކައިން ކުރައްވަމުން ގެންދަވާ ކަމަށާ، އަލަށް ގެނެވޭ ޖަނެރޭޓަރާއެކު ރަމަޟާން މަހުގެ ކުރިއަށް، ކަރަންޓުގެ މައްސަލައަށް ޙައްލު ލިބޭނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ. އަދި މުޅި ސިޓީއަށް ބޭނުންވާ ކަރަންޓު، އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ކުޅިވަރުގެ ރޮނގުންނާއި ޒުވާނުންނަށް ބޭނުންވާ އެކި ދާއިރާތަކުން ސިޓީއަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމްރާނީ ގޮތުން ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފުވައްމުލަކު އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި، ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ގާއިމުކުރުމުގެ މަސައްކަތްތައް، ދާދި އަވަހަށް ފެށޭނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.