بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އިންޑިއާގެ ބޮޑުވަޒީރު ސްރީ ނަރެންދްރަ މޯދީގެ ޚާއްޞަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ހިޒް އެކްސެލެންސީ ކިންޖަރަޕު ރާމް މޯހަން ނައިޑޫ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ހަނިމާދޫއާއި، މި އަތޮޅު، އަދި ބޮޑުތިލަދުންމަތީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އެންމެހައި ބޭފުޅުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ﷲއަށް ޙަމްދުކުރަން. އަޅުގަނޑުމެން މިއަދު މި އިހުތިފާލުކުރަނީ ވަރަށްވެސް މުހިންމު ތަރައްޤީގެ މަސައްކަތެއްގެ ކާމިޔާބީ. ރިޔާސީ އިންތިޚާބުގެ ތެރޭގައި އަޅުގަނޑު މި ރަށަށް އައިން. މި ރަށުގެ ރައްޔިތުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި، ނޫނީ ކުރެއްވި އެއް ސުވާލަކީ، އޭރުގައި ހިނގަމުންދިޔަ މި އެއަރޕޯޓުގެ މި މަޝްރޫޢުއަށް ކިހިނެއްތޯ އަޅުގަނޑު ހަދާނީ. އަޅުގަނޑު ވަގުތުން ޖަވާބު ދިނިން. އަޅުގަނޑު ދެންނެވިން، ހަމައެކަނި މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދާނީއެއް ނޫނޭ، އެއަށްވުރެވެސް ބޮޑަށް މި މަސައްކަތަށް އިތުރަށް ބާރުލައި، އިތުރަށް ކަންކަން ހަލުވިކުރެވޭނެ ގޮތް ހަދައިދީ، މި އެއަރޕޯޓު އޭރުގައި ދިޔަ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރުމިނުގައި ގެންގޮސްދީ، ނިންމައިދޭނަމޭ. އެ ވަޢުދު އިރާދަކުރެއްވީތީ މިއަދު ފުދިގެން މިދިޔައީ. އެކަމަށްޓަކައި، ހަނިމާދޫގެ އެންމެހައި ރައްޔިތުންނަށް، އަދި ޖުމްލަކޮށް ބޮޑުތިލަދުންމަތީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. އަދި، މިކަމުގައި އެހީތެރިކަން ދެއްވެވި ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް، ހަމަ ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، މިއަދު މި ހުޅުވިގެންދަނީ، ހަމައެކަނި އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރއެއް ނޫން. މި އަތޮޅާއި، މި ސަރަހައްދުގެ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ، ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި. އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ރައްޔިތުންނަށް ހުށަހެޅި ތަރައްޤީގެ ޕްލޭންގައި، އުތުރުގެ ހަތަރު އަތޮޅު، އަދި ދެކުނުގެ ހަތަރު އަތޮޅު އަޅުގަނޑު ކަނޑައަޅައި، އިޢުލާނުކުރި، މެނިފެސްޓޯގައި އޮންނާނީ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ގޮތުގައި، އެކިއެކި މަތީ ފަންތީގެ ތަރައްޤީގެ ކަންކަން ގުޅި ލާމެހިގެންދާ ގޮތަށޭ، އަޅުގަނޑުމެން ތަރައްޤީކުރަން ހުށަހަޅަނީ. އަދި އެއާއެކީގައި، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް އެހެން ކަންކަން ހުށަހެޅީ.
އެގޮތުން، އުތުރުގެ މި ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގައި، މި އެއަރޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް. އެހެންވީމާ، މިއަދު ހާސިލުވެގެން މިދަނީ، ރާއްޖޭގެ ތަރައްޤީގެ ޚާއްޞަކޮށް، ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ. އާދެ، އެކަމަށްޓަކައިވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް، މި ސަރަޙައްދުގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. މިއަދު މި ހުޅުވޭ ދޮރޯށިން، މި އަތޮޅާއި، މި ސަރަޙައްދުގެ ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ކުރިއެރުމާއި، ޖުމްލަކޮށް ތަރައްޤީގެ ކުރިއެރުމަށް، ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން މިދަނީ.
އާދެ، އަޅުގަނޑު ވާހަކަ އިތުރަށް ދިވެހިބަހުން ކުރިއަށް ގެންދިޔުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބުގެ ޝަރަފުގައި، އަދި އެމަނިކުފާނާއެކު ވަޑައިގެންނެވި އިންޑިއާގެ ޑެލިގޭޝަނާއި، ވަޑައިގެން މިތާނގައި ތިއްބެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި، އިނގިރޭސި ބަހުން ކުޑަ އެއްޗެއް ދަންނަވާލުމަށްފަހު ކުރިއަށްދާނަން.
It is my pleasure to welcome the Special Envoy of PM Modi, Your Excellency, Minister Naidu, and your delegation to the Maldives
Your presence here today carries great significance. This airport, developed through the generous Line of Credit from the Government of India, reaffirms India’s friendship and development corporation with the Maldives.
The inauguration of Hanimaadhoo International Airport marks a moment of pride and progress for our nation. It signifies advancement in our efforts to enhance connectivity.
What we see here is not just concrete and steel. We see a modern runway and terminal, designed for safety, for efficiency, and for sustainable growth.
For many years, the immense potential of Atolls in the North remained unrealised. This airport connects the Northern most Atolls of the Maldives to the world. The airport will bring new livelihoods to local families. It will create new opportunities for youth, and drive national development, so that progress reaches every island, not just the capital.
The development of this airport aligns closely with my Government’s broader vision to transform the Northern Atolls of Maldives into a dynamic economic zone. It enables direct air access, we open the door for new investments and opportunities. Resorts, guesthouses, small businesses, fishermen and farmers will now find faster, more affordable access to both local and global markets.
We are laying the foundation for a more resilient and more self-reliant Maldives. But to make this vision a reality, we need partners.
I invite all international airlines to begin direct flights to Hanimaadhoo International Airport.
Airports create potential, but it need airlines to bring life to it. Our authorities stand ready to support airline partners with scheduling, handling, and operational facilitation.
I also invite investors, both local and international, to seize the vast potential that this Airport and the surrounding Atolls present. The north of Maldives is ready for enterprise, and my Government is committed to facilitating a stable and enabling environment for businesses.
އާދެ، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، އަދި ދެންމެވެސް މި ފާހަގަކުރި ފަދައިން، މި ދޮރޯށްޓަކީ، ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހަލުވި މިނުގައި ހާސިލުކުރުމުގެ ވަރަށް މުހިންމު ވަސީލަތެކޭ. މި ރަށާއި، މި އަތޮޅަށް، ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުޞަތު އަޅުގަނޑު އެދެނީ، ވަރަށް ފުޅާމިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުންހިފަން ފަށަން. މި އަތޮޅުގައި ޚާއްޞަކޮށް، އަދި މި ސަރަޙައްދުގައިވެސް އެކަށީގެންވާ ވަރަކަށް ޓޫރިޒަމެއް ނެތް އަދި ގެނެވިފައެއް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވިން، އަދި އިރާދަކުރެއްވީތީ އެ މަސައްކަތް ކުރަމުން މިދަނީ، ޚާއްޞަކޮށް މި އަތޮޅަށް، އަދި މި ސަރަޙައްދަށް ޓޫރިޒަމް ފުޅާކުރަން.
އެގޮތުން، މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން، ވަރަށް ގިނަ ކަންކަން ފަހިކޮށްދީގެން، އެމް.ޓީ.ޑީ.ސީ.އަށް އެކި ކަންކަން ހަމަޖައްސައިދީ، އެ އުސޫލުގެ ތެރެއިން ހުރިހާ ކަމެއް ހަމަޖައްސައިދީ، މިހާރު އެވަނީ ނާގޯށީގެ މަސައްކަތް ފެށިފައި. އެއީ، ޓޫރިޒަމް މި އަތޮޅަށް ގެނައުމުގައި، އަދި، ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފައްކާކުރުމުގެ އެންމެ ފުރިހަމަ ނަތީޖާ ނެރެދޭނެ އެންމެ މުހިންމު އެއް ފިޔަވަޅަށް ވާނެ. އެއާއެކީގައި، އަޅުގަނޑުމެން ޚާއްޞަ ލުއިތަކެއްދީގެން، މިހާރު އެވަނީ ހުޅުވާލައިފައި، މި އަތޮޅާއި، މި ތިން އަތޮޅުގައި، ހއ.، ހދ.، ށ. ގައި ފަޅުތަކުން ލުއިތަކެއް، ލީޒްއެންޑް އަދި އެހެން ކަންކަމުގެ ތެރެއިންނާ އެކީގައި، އިޢުލާނުގައިވާ ތަފުސީލުތަކުގައި ވާނެ، އިންވެސްޓަރުންނަށް ހުރި ފުރުޞަތު. އޭގެތެރެއިން، ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިވެސް ލާފައި، އަދި އެ ޕްރޮސެސްވެސް އެބަ ހިނގާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމަށްވެސް، އެ އިންވެސްޓްމަންޓްތައް ހުށަހަޅާ ފަރާތްތަކުގެ ކޮންފިޑެންސަށްވެސް، އަދި ކުރިއަށް އޮތްތާނގައި މި އަތޮޅުތަކުގެ ޓޫރިޒަމް ކުރިއެރުވުމުގައި، މި އެއަރޕޯޓު ހަމަ ޔަޤީނުންވެސް ވާނީ ވަރަށް ބޮޑު ބޫސްޓެއް ގެންނާނެ ކަމަކަށް. އަޅުގަނޑުމެން ވާހަކަ ދައްކަން ބޭނުންވަނީ ނަތީޖާއިން.
އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ދެންމެ އެމް.ޑީ. ފާހަގަކުރެއްވި ފަދައިން، ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓް މަސައްކަތް ނިމިފައި އޮތް މި އެއަރޕޯޓް، އެތައް މަސައްކަތެއް އަވަސްކޮށްގެން، އިންޑިއާ ސަރުކާރާއި، ކޮންޓްރެކްޓަރާއި، ދިވެހި ސަރުކާރާއި، ހުރިހާ ފަރާތްތަކާ، އެންމެން ގުޅިގެން ކުރި މަސައްކަތުން، 70 ޕަސެންޓް މިހާތަނަށް މިހާ އަވަސްކޮށް، އަޅުގަނޑު ވަޢުދުވީ ގޮތަށް މި ނިންމި ބޭނުމަކީ، މި ދެންނެވި ފަދައިން، މި ރަށާއި، މި އަތޮޅާއި، މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް އަވަސްމިނެއްގައި އިޤްތިޞާދީ ފަހި ފުރުޞަތުތައް ހޯދައިދީ، އިންވެސްޓަރުން މި ސަރަޙައްދަށް ގެނެސްދީ، އާމްދަނީގެ ފުރުޞަތުތައް އިތުރުކޮށްދިނުން އަވަސްކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ޓޫރިޒަމްގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތަކާއި، އެހެން ކަންކަން ހަމަޖެހިގެންދާނެ.
ހަމައެއާއެކީގައި، މަސްވެރިކަމާއި، އެގްރިކަލްޗަރާއި، އަދި އެހެނިހެން އިންޑަސްޓްރީތަކުން، އަޅުގަނޑުމެން މިހާރު މިވަނީ، ހއ. ގައި މޯލްޑިވްސް އިކޮނޮމީގެ ގޭޓްވޭގެ މަސައްކަތްތައްވެސް ފަށާފައި. އަދި، އެހެނިހެން ކަންކަންވެސް ތަރުތީބުކުރެވިގެން މިދަނީ. އެހެންވީމާ، މި ކަންކަމަށްޓަކައި މިއަދު މި ފެށޭ މަސައްކަތަކީ، ނޫނީ ހުޅުވިގެންމިދާ ދޮރޯށި، އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި، ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިވެރިން، ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަޙައްދަށް ވަޑައިގަންނަވަން. މި ސަރަޙައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕޯރޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ، ވަރަށް ބޮޑު ރަނުގެ ފުރުޞަތެއް. ވަރަށް ފުން، ފުޅާ ރަނުގެ މި ބޮޑު ފުރުޞަތު، ހުރިހާ ދާއިރާއަކުން މި ސަރަހައްދުގައި އެބައޮތް. ސަރުކާރުން މިއޮތީ ތައްޔާރަށް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންތައްތައް ފަހިކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދޭން. ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުމަށްވެސް، އަޅުގަނޑު ދެންމެ ދެންނެވި ގޮތަށް ގޮވާލަން. މި ރަށުގެ ތަރައްޤީއަށް ބަލާއިރުގައިވެސް، މިއީ ވަރަށް ބޮޑު ކުރިއެރުމެއް.
ހަނިމާދުއަކީ، ތަރައްޤީގެ ޕޮޓެންޝަލް ވަރަށް ބޮޑު، އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ކުރިއަށް އޮތްތާނގައި ހޯދަންވެސް ތައްޔާރަށް އޮތް ރަށެއް. ދާދި އަވަހަށް، ހިރިމަރަދޫގެ ރައްޔިތުން މި ރަށަށް ބަދަލުކުރުމުގެ މަސައްކަތަށް، ހައުސިންގ ޕްރޮޖެކްޓް ފަށަން އެއޮތީ ތައްޔާރަށް. އަދި މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ އިތުރު ބޯހިޔާވަހިކަމާއި، އުމްރާނީ އެތައް ކަމެއް އެވަނީ ތަރުތީބުކުރެވިފައި. ހަމަ އެފަދައިން، މި އަތޮޅުގެ ދެންހުރި ރަށްތަކުގައިވެސް މަސައްކަތް އެވަނީ ފެށިފައި. މި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ މައި ހަބް، މަރުކަޒު، ކުޅުދުއްފުށި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައިވެސް ވަރަށް ހަލުވި ދުވެލީގައި ކަންތައްތައް ތަރުތީބުކުރެވިގެން ވަނީ ފެށިފައި.
އެހެންވީމާ، މި އެއަރޕޯޓް މި ގުޅިގެންދަނީ، މި ސަރަޙައްދުގެ ތަރައްޤީގެ، މުޅި ރާއްޖޭގެ ތަރައްޤީގެ މުހިންމު މަސައްކަތަށް، ނޫނީވިއްޔާ ދަތުރަކަށް. މި އަތޮޅުގައި ދެންހުރި އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ މުހިންމު ރަށްރަށުގައިވެސް، އެ ރަށްރަށް ތަރައްޤީކުރުމުގައިވެސް، މިއީ ހުޅުވިގެންދާ ވަރަށް މުހިންމު ދޮރޯށްޓެއް. މިހާތަނަށްވެސް، އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ކާމިޔާބީތައް ހޯދާފައި ހުރި ރަށްރަށް، މި ތިން އަތޮޅުގައި އެބަހުރި. ހއ.، ހދ.، ށ. އެހެންވީމާ، މި ހުރިހާ ކަމެއް ގުޅި ލާމެހޭ ޕްލޭނެއްގެ ތެރެއިން، އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ކަންކަން ކުރަން. ނޮޅިވަރަންފަރު، ނޮޅިވަރަމު، ހދ. ގައި ބަލާނަމަ، މަކުނުދޫ، މި ތަންތަނަކީ ސްޓްރެޓެޖިކަލީ، އަދި އެހެން ނަޒަރިއްޔާތަކުންވެސް، ދެމެހެއްޓެނިވި ތަރައްޤީގައި އަޅުގަނޑުމެން މި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ މުހިންމު ބައިވެރިން، އަދި ދެންހުރި ރަށްތަކަށްވެސް އެ ހުރިހާ ކަމެއް، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދަމުން މިދަނީ، އެއްވެސް ރަށެއް ބާކީނުވެ، ތަފާތުނުކޮށް.
ހއ. އަށް ބަލާއިރުގައިވެސް، ހއ. ގައި ދިއްދޫގެ ތަރައްޤީއަށް އެއަރޕޯޓުގެ މަސައްކަތް ކުރިންވެސް ދެންނެވި ގޮތަށް، ދާދި ފަހުން އަޅުގަނޑު އިޢުލާނުކުރި ގޮތަށް، މި އަންނަ މަހުގެ ތެރޭގައި، އެއަރޕޯޓު ތަރައްޤީ ކުރުމަށް ބިން ހިއްކަން މި ފެށެނީ. ހއ. ގައި އިހަވަންދޫ، ހޯރަފުށި، މިހެންހުރި އާބާދީގެ ތަރައްޤީގެ މުހިންމު މަސައްކަތްތައް ހިނގަމުންދާ ރަށްރަށުގައި، ކަންކަންވެސް އެދަނީ ބާރު މިނުގައި ހަމަޖެހިގެން ކުރިއަށް.
އެހެންވީމާ، މިއަދުގެ ވާހަކައިގައި ބޮޑަށް މި އަތޮޅުގެ ވާހަކަ މި ދައްކަނީ، އެއްގޮތަކަށްވެސް ރާއްޖޭގެ އެހެން ރަށްރަށުގެ ވާހަކަ ނުދައްކާކަށް، ތަފާތުކުރާކަށް ނޫން. މި މައުޟޫޢާ ގުޅުވަން. އެހެންވީމާ، މި ދެންނެވި ގޮތަށް، ކަންކަން ތަރުތީބުކުރެވިގެން މި ގެންދެވޭ މަސައްކަތުގައި، އަޅުގަނޑުމެންގެ އަމާޒަކީ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި ވަޢުދުތައް ފުއްދުން. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ނޫނީވިއްޔާ ދެތިން މަސް ތެރޭގައި، މިގޮތަށް ގިނަ ކަންކަން މި އަތޮޅުގައިވެސް މިހިރީ ފެށިފައި. އެންމެ ވަކިން އޮންނަ، ހދ. މަކުނުދޫގައި އެއަރޕޯޓުގެ މަސައްކަތާއި، ދެންހުރި ކަންކަންވެސް މިގޮތަށް ތަރުތީބު ކުރެވޭނެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ސަރުކާރުން ރައްޔިތުންނަށްދޭ ޔަޤީންކަމަކީ، މި އެއަރޕޯޓް މިހާ ހަލުވިމިނުގައި ކުރެވުނު މަސައްކަތުން ހުޅުވުނު ފަދައިން، ދެންހުރި ތަރައްޤީގެ މަސައްކަތްތައްވެސް، މި ބޮޑުތިލަދުންމަތީގެ ހުރިހާ މަސައްކަތެއްވެސް، ހަމަ އެ ބާރުމިނުގައި، އެ އިސްކަންދީގެން، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކުން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން. އެ ނަތީޖާ ނެރެދޭނަމޭ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިދަނީ ކުރަމުން. ހަމަ އެފަދައިން، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށްވެސް ދޭން އޮތީ ޔަޤީންކަން. ހަމަ އެގޮތަށް، ކޮންމެ އަތޮޅެއްގެ، ކޮންމެ ރަށެއްގެ ތަރައްޤީވެސް ތަފާތުކުރުމެއްނެތި، ވީ ވަޢުދުތައް މި ސަރުކާރުން ފުއްދަމުންދާނެ ކަމުގެ ޔަޤީންކަން.
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިންޑިއާގެ ސަރުކާރަށް، އަދި މިކަމުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށާއި، އަދި މަރުޙަބާ ދަންނަވަން މި އަތޮޅާއި، މި ރަށާއި، ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް، ޖުމްލަކޮށް ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ތަރައްޤީ ކާމިޔާބު މަންޒިލަކަށް ގެންދިޔުމުގައި މިކުރެވޭ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.