ފަސޭހަ ގޮތް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި މި ސަރުކާރުން އިޚުތިޔާރުކުރައްވަނީ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ދިވެހީންގެރާއްޖެ" މި ނަމުގައި މިރޭ، މާލޭ އާޓިފިޝަލް ބީޗުގައި ޕީ.އެން.ސީ އިން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ، މަސްތުވާތަކެތީގެ މައްސަލަ އާއި، ގޭންގު ކުށުގެ މައްސަލަ އާއި، ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވަނީ، ފަސޭހަ ގޮތްތައް އިޚުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު ގޮތް އިޚުތިޔާރުކުރައްވައިގެން ކަމަށެވެ. އެގޮތުން، އެ ދާއިރާއިން ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީ އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ކުރަނގި އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުއްވުމާއި، އިއްޔެ ފެށި ޚާއްޞަ އޮޕަރޭޝަނާއި، ޝަރުޢީ ދާއިރާއަށް ފުރިހަމަ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ޢަދުލު އިންސާފު ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ގިޔަމުތަކާއި ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތާއި، ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރައްވާ ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް އެމަނިކުފާނު ތަފްޞީލުކޮށް ވާހަކަފުޅުދެއްކެވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ފަރސްޓް ޚާރިޖީ ސިޔާސަތާއި، ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރައްވައި، ހަމަޖެހުން ޤާއިމުކުރެއްވުމުގެ ސިޔާސަތުގެ މައްޗަށްވެސް މިރޭގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން، އިޒްރޭލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިސްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުޙަބާ ނުކިޔާނޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށް ވިދާޅުވެ، ދާޚިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަމިއްލަ މަސްލަޙަތައް ވުރެ ޤައުމު އިސްކުރެއްވުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ޙަޤީޤީ މާނައިގައި ޤައުމަށް ހަމަޖެހުން އަންނާނީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނުބައި، ވިހަ އޮއިވަރު ނައްތާލުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައިނުވާނޭކަމާއި، ދީނީ ހުދޫދުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ފުޅާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި، ހިންގުމުގެ ނިޒާމުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ފައްޓަވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ވަށާޖެހޭ ތަރައްޤީއަށް ދެއްވާ އަހުމިއްޔަތުކަމުގެ ތެރޭގައި ހިމެނިގެން ދުޅަހެޔޮ އަދި ސިކުނޑި ތަނަވަސް މުޖުތަމަޢެއް ބިނާކުރެއްވުމަށް ކުރައްވާ ކަންކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އެގޮތުން، ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަމާއި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރެއްވި ބައެއް މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ލޯބި ހިތުގައި އަށަގެންފައިވާ ފަޚުރުވެރި ދިވެހިން އުފެއްދުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރައްވާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަހަމަ ތަރައްޤީ ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަކަށް އިޝާރާތްކުރައްވައި، އެހެން ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށްރަށާއި، މާލެވެސް، އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް ތަރައްޤީ ލާމަރުކަޒުކޮށް، ރައްޔިތުން ފުދުންތެރިކޮށް ބާރުވެރިކުރުމުގައި މިހާތަނަށް ހޯއްދެވިފައިވާ ކާމިޔާބީތަކާއި، ކުރިއަށް ހުރި މުހިންމު ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ފާހަގަކުރައްވައި، އެ ރޮނގުން ކުރިއަށްހުރި ގިނަ މަޝްރޫޢުތަކެއްގެ ތަފްޞީލު މިރޭޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަޙައްދު ކަމުގައިވާ އައްޑޫގެ ތަރައްޤީއަށް ކުރެވެން ހުރި އިތުރުކަންކަން ދިރާސާކުރައްވަމުން ދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދު ހަރުދާނާކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދާދި އަވަހަށް، ރާއްޖޭގެ މައި ތިން ސިނާޢަތްކަމުގައިވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޢިމާރާތްކުރުމުގެ ސިނާޢަތުގެ ޕްރެޒިޑެންޝަލް އެޑްވައިޒަރީ ކޮމިޓީތައް އުފައްދަވައި، އެ ސިނާޢަތްތަކުގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުން ގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދު ކޮޅަށްޖައްސަވަނީ، ރޭވުންތެރިކަމާއެކު، ވިލުންތެރިކަމާއެކު، ރައްޔިތުންނަށް ފައިދާ އާއި، މުއްސަނދިކަމާއި، ވަޒީފާގެ ފުރުޞަތުތައް ލިބޭ ގޮތަށް، ރައްޔިތުންގެ އަތްމައްޗަށް ތަރައްޤީ އަންނާނޭ ގޮތަށް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ތަރައްޤީކުރައްވައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަހަކަށް ނުވާނޭ ގޮތަށް، މަޝްރޫޢުތަކަށް ހުއްޓުމެއް ނާންނާނޭ މޭރުމުން ކައުންސިލަރުން އިޚުތިޔާރުކުރެއްވުމަށް އިލްތިމާސްކުރައްވައި، އެމަނިކުފާނުގެ މަސައްކަތަކަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޕީ.އެން.ސީ ގެ އިސް ވެރީންނާއި ރެކޯޑު ޢަދަދެއްގެ ޢާންމުން ބައިވެރިވެވަޑައިގެންފައިވެއެވެ.