ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފަރަންސޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި، އެމަނިކުފާނު ފުރާވަޑައިގަތީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 
ރައީސުލްޖުމްހޫރިއްޔާ ފަރަންސޭސިވިލާތަށް މިކުރައްވާ ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ފޮރިން މިނިސްޓަރާއި އަދި އެންވަޔަރަންމަންޓް މިނިސްޓަރާ މަޝްވަރާ ކުރައްވާނެއެވެ. އަދި ތަރައްޤީއަށް އެހީތެރިވެދެއްވާ ފަރަންސޭސި ސަރުކާރުގެ އެސޯސިއޭޝަނެއް ކަމުގައިވާ އޭ.އެފް.ޑީ.ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މިވަގުތު އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެއެވެ. 
މިގޮތުން، ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ބައެއް ރަށްރަށުގެ ފެނާއި، ނަރުދަމާ ހެއްދެވުމުގެ މަޝްރޫޢުތަކާއި އަދި އެހެންވެސް ތަރައްޤީގެ އެހީ ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ފަރަންސޭސި ބައިނަލްއަޤްވާމީ އެހީ ރާއްޖެއަށް ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާނެއެވެ. 
މިދަތުރުފުޅުގައި ރައީސް ނަޝީދު ފުރާވަޑައިގަންނަވަމުން، މާލޭ ރަސްމީ ފާލަމުގައި ހުންނަވާ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވިދާޅުވީ، މިވަގުތު ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއި، ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އަޅާބައްލަވާއިރު، ސަރުކާރުގެ ޕްރޮގްރާމްތައް ހިނގަމުންދަނީ، އެދެވޭ ދުވެއްޔެއްގައި ކަމަށެވެ. 
ފަރަންސޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއަށް އާމްދަނީ އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މިގޮތުން ރާއްޖޭގައި ޓްރެޑިޝަނަލް މާކެޓްތަކާއެކީ މިޑްމާކެޓް ޓުއަރިޒަމް ތަރައްޤީ ކުރިއަށް ގެންދިޔުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ސާކް ސަމިޓަށް ތައްޔާރުވުމަށްޓަކައި އައްޑުއަތޮޅުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢްލޫމާތު، ޚަބަރުފަތުރާ ވަސީލަތްތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިސަރުކާރުން އުންމީދު ކުރައްވަނީ އެދެވިގެންވާ ރަނގަޅު ނަތީޖާތަކެއް ސާކް ސަމިޓުން ޙާޞިލް ކުރެއްވޭނޭ ކަމުގައެވެ.