1.      ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ހިމާޔަތްކުރުން. އަދި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.      ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުން. އަދި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ސަރުކާރަށް އެހީތެރިވުން.

3.      ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދާއި އެ ސަރަހައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުން. އަދި ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެނޫންވެސް، ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަމެއް ބަލައި އެކަމެއް މަނާކޮށް، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4.      ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި އަދި ސިޔާސީ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5.      ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން.

6.      އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

7.      ރާއްޖެއަށް ދިމާވާ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ޙާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން.

8.      ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުން.

9.      ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން.

10. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

11. ޤާނޫނާ ޚިލާފަށް ހިންގޭ ޢަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިފާނެ ބުރުލަކުން އެ ސިނާއަތު ރައްކާތެރިކުރުމަށްޓަކައި ޢަމަލު ކުރާނެ ރައްކާތެރިކަމާ ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަމާ ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުން.

12. "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން" ގެ ސޭފްގާރޑިންގ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އެގެއިންސްޓް އެކްޓްސް އޮފް އަންލޯފުލް އިންޓަފިއަރެންސް އާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅުންހުރި، ދިވެހި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމާގުޅޭ ނިޒާމުތައް ގާއިމުކޮށް ހިންގައި ބެލެހެއްޓުން.

13. އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅޭ ޚިދުމަތް ދޭ ފަރާތްތަކަށް ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) ގެ ދަށުން އަންގަންޖެހޭ އެންގުންތައް އެންގުން.

14. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، އެއްތަނުން އަނެއްތަނަށް ވައިގެ މަގުންނާއި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

15. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމާއި، އެ އުޅަނދުފަހަރު ބަލަހައްޓައި މަރާމާތުކުރުމާއި، އެ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި، މިނޫންވެސް އެ އުޅަނދުފަހަރާބެހޭ ލިޔެކިއުންތައް ބެލެހެއްޓުމާއި، އެ އުޅަނދުފަހަރަށް ބޭނުންވާނެ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އެ އުޅަނދުފަހަރަށް ފަޅުވެރިން ހަމަޖެއްސުމާއި އެފަރާތްތަކަށް ތަމްރީނު ދިނުން. 

16. ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުން.

17. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތާއި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް، އެންކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

18. ޤައުމީ މަޞްލަޙަތާއި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

19. ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

20. ޤާނޫނު ނަންބަރު 2022/22 (ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނު) ތަންފީޒުކުރުން.

21. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

22. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުންނެވެ.

(ހ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ

(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް

(ހ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތްތައް

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަންނަނިވި ކަންކަން ކުރުން:

1.      މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކާއި ކަންކަން ދެނެގަނެ، އެފަދަ ހާލަތްތަކާއި ކަންކަމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައި އެކަންކަން ހުއްޓުވުމުގެ ނިޒާމުތައް، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަދަނީ ވައިގެ ބަނދަރުތަކުގައި ޤާއިމުކުރުން.

2.      ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

3.      މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަހައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަޙައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

4.      މަދަނީ ވައިގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި އުފުލާ ކާގޯއާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެ މީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.

5.      މަދަނީ ވައިގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަދަނީ ވައިގެ ބަނދަރުތަކުގައި ބޭނުންކުރާ ވެހިކަލްތައް ބަލައި ފާސްކުރުން.

6.      މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކުގައި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްއާ އެއްގޮތްވާގޮތުގެ މަތިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއިން ޢަމަކުރަން ކަނޑައަޅާ ގޮތްތައް، އެއަރޕޯޓްތަކުގެ އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭންތަކުގައި ހިމެނުމަށް ކަމާގުޅޭފަރާތްތަކަށް ފޮނުވައި، އެ ފަރާތްތަކާ ގުޅިގެން  އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީގެ ފަރިތަކުރުންތައް ބާއްވައި ތަންފީޒުކުރުން.

7.      ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ޑިފެންސްއިން ފާސްކޮށްފައިވާ އެއަރޕޯޓް ސެކިއުރިޓީ ޕްރޮގްރާމްއާ އެއްގޮތަށް، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުން.

8.      މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނަ ޒަމާނީ ވަސީލަތްތަކާއި މެޝިންތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

9.      ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މަދަނީ ވައިގެ ބަނދަރުތަކުގައި ސެކިއުރިޓީ ފާހުގެ ނިޒާމު ޤާއިމުކޮށް، އެނިޒާމު ހިންގުން.

10. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމާއި، އޭވިއޭޝަން ކޮމާންޑްގެ އިންސާނީ ވަސީލަތް، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރޭނިންގ ޕްރޮގްރާމްގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަމްރީނުކޮށް ތަރައްޤީކުރުން.

11. މަދަނީ ވައިގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

12. މިނިސްޓްރީ އޮފް ޑިފެންސްއިން އަންގާ އެންގުންތައް ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ތަންފީޒުކުރުން.

13. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ތަންފީޒުކުރުން.

(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ މަސައްކަތްތައް

1.      އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.

2.      ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމްގެ ފިޔަވަޅުތައް ބައްޓަންކުރުން.

3.      ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަޢުލޫމާތު އެނަލައިޒްކުރުމާއި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށް ކަމާބެހޭ މިނިސްޓަރު އެކުލަވައިލާ  އޮނިގަނޑާ އެއްގޮތަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސާއި މަޢުލޫމާތު ބަދަލުކުރުމުގައި އެހީތެރިވެދީ، އެ އިންޓެލިޖެންސާއި މަޢުލޫމާތު ބަދަލުކުރުމުގެ ކަންކަން ވިލަރެސްކުރުން.

4.      ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާބެހޭ މަޢުލޫމާތު ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމުގެ މަސައްކަތް ފަހިކޮށްދިނުމާއި ވިލަރެސްކުރުން.

5.      ޓެރަރިޒަމްގެ ޢަމަލު ހިންގާ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތަކާއި މިންގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދުދިނުން.

6.      އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅާފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މަޢުލޫމާތާއި ތަމްރީނުދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކުން ކުރާކަން ކަށަވަރުކުރުން.

7.      އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްޙަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާބެހޭ މަޢުލޫމާތު ދައުލަތުގެ ކަމާބެހޭ ފަރާތަކުގެ މެދުގައި ހިއްސާކުރުމުގައި އެހީތެރިވެދިނުމާއި އެކަންކަން ވިލަރެސްކުރުން.

8.      އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާއީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާބެހޭ ދިރާސާތައް ހަދައި، މިފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށްޓަކައި އިޖުތިމާއީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.

9.      ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި، އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށާއި، ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތައް) ރިހެބިލިޓޭޝަން ޕްރޮގްރާތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގާކަން ކަށަވަރުކުރުން.

10. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށްޓަކައި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.

11. ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.

12. ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމްގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބާއްވާކަން ކަށަވަރުކުރުން.

13. ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓްޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ލަފަޔާއި، އިރުޝާދުދިނުން.

14. ކައުންޓަރ ޓެރަރިޒަމްގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރަތަކުގެ މެދުގައި ވިލަރެސްކުރުން.

15. ދައުލަތުގެ އިދާރާތަކުން ޓެރަރިޒަމާގުޅޭ އިންޓެލިޖެންސްއާއި މަޢުލޫމާތު އެއްކުރުމުގައާއި ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސް އާއި މަޢުލޫމާތު ހިއްސާކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން.

16. ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރަންވީ ގޮތްތަކާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ލަފާދިނުން.

17. ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

18. ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.

19. ޓެރަރިޒަމުގެ ނުރައްކަލާ ބެހޭގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ދައުލަތުގެ އިދާރާތަކަށާއި، ސިނާއީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، އާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.

20. އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، އެފަރާތްތަކާއެކު މަސަތްކަތްކުރުން.

21. ޓެރަރިޒަމާބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ހުށަހެޅުން.

(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

2.      ސަރުކާރުގެ އިދާރާތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

3.      ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

4.      ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.

5.      ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު އާންމުކުރުން.

6.      ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

7.      ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އެހީ (ގްރާންޓް) ހޯދުމަށް މަސައްކަތްކުރުން.

8.      ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

9.      ހައިޑްރޯގްރަފީއާ ގުޅުންހުރި ކަންތައްތަކުގައި ޤައުމީފެންވަރުގައި ފޯކަލްޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.