1.      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުން.

2.      އިދާރީ ދާއިރާތަކުގައި ޕަބްލިކް ވަރކްސްގެ ޚިދުމަތް ދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.

3.      އިދާރީ ދާއިރާތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް މިސްރާބުކުރުމަށްޓަކައި ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުން.

4.      ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގަން ކަނޑައަޅާ 5 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަޝްރޫޢުތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

5.      ސިޓީއެއްގެ ދަރަޖަ ދީފައިވާ އިދާރީ ދާއިރާއެއްގައި ހިންގަން ކަނޑައަޅާ 15 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަސައްކަތްތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

6.      އިދާރީ ދާއިރާތަކުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ލޯކަލް ކައުންސިލްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.

7.      އިދާރީ ދާއިރާތަކުގެ ތަރައްޤީގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8.      އަތޮޅުތައް ހިންގުމުގެ ބޭނުމަށް ގާއިމުކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނާއި ވަސީލަތްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

9.      އިދާރީ ދާއިރާތަކުގައި ޕަބްލިކް ވަރކްސްގެ ދާއިރާއިން ހިންގާ މަސައްކަތްތައް ލޯކަލް ކައުންސިލްތަކާ ގުޅިގެން ރާވައި، ޕަބްލިކް ވަރކްސްގެ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

10. ޕަބްލިކް ވަރކްސްގެ ދާއިރާއިން އިދާރީ ދާއިރާތަކުގައި ހިންގާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި، ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުން.

11. ސަރުކާރުން ހިނގާ ހަރަކާތްތަކަށް ޕަބްލިކް ވަރކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

12. ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާއެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

13. އިދާރީ ދާއިރާތަކުގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމާއި، މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުން.

14. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ހިންގުމުގައި، ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ އިދާރާތަކަށް ހޯދައިދިނުން.

 

15. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.