ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ތިލަދުންމަތީ ދެކުނުބުރީ ނޭކުރަންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި މިހާރު އޮތް ބޮޑު ހުސްބިމެއްގައި އެރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ޕްރޮޖެކްޓެއް ފަށައިދިނުމަށާއި، އޭޓީއެމްގެ ޚިދުމަތް އަވަހަށް ފެށޭނެގޮތް ހެދުމާއި، ޕޮލިސް ސްޓޭޝަނެއްގެ ބޭނުންތެރިކަމާއި، ރަށުގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދުން ދުރުގައި ގާއިމުކުރުންފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ އިންޑޯ ކުޅިވަރުތައްފަދަ ރަށުގެ ޒުވާނުންގެ ތަރައްޤީއަށް މުހިންމުކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.