ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ 8 ވަނަ މަންޒިލުގެ ގޮތުގައި އެ އަތޮޅު ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ ޢާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވައިފައެވެ.