ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 117 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ. ނިޢުމާތުގެ މަޤާމުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، 5 އަހަރުގެ ދައުރެއް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނިޢުމާތުގެ މަޤާމުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާޤުންނެވެ.
ނިޢުމާތު ޝަފީޤަކީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްޠަޤިއްލު އިދާރާއެކެވެ.