ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައާއި ރަށު ރައްޔިތުން ޕިކްނިކް ދިއުންފަދަ ބޭނުންތަކަށް ފަޅުރަށެއް ހަމަޖެއްސުމާއި އެންމެ ފުޓްބޯޅަ ދަނޑެއް އޮތުމުން ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ހުރި ދަތިތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ މަގު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. ކަރަންޓުގެ މައްސަލައާއި އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުލިބި ހުރުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެލިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން އޮތުމާއެކު ދަރިވަރުންނަށް ދިމާވާ ދަތިތަކާއިމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.