بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


ޙަމްދާއި ޝުކުރުހުރީ ގަދަކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَى އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ކައުއިތުރު ރަސޫލާ مُحَمَّدٌ صـلّى الله علـيـه وسـلّم އަށް. މި ސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު، މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަޙްމަދު ޒާހިރު، އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް، މީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ޝަރީފް، ކައުންސިލްގެ މެންބަރުންނާއި، ހީވާގި މުވައްޒަފުން، މީދޫގެ ލޮބުވެތި ރައްޔިތުން، އަދި މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّـلام عليـكم.

އާދެ، އެންމެ ފުރަތަމަވެސް، މިރޭ މި ޙަފްލާގައި އެކި ދާއިރާތަކުން އެވޯޑް ހާސިލުކުރި އެންމެހައި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އެއަށްފަހު، މި ރަށަށް އައުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އަދި މި ރަށުގެ ފަސްގަނޑަށް އަޅުގަނޑު އައުމުން، ބަދަހި ސަފުން އަޅުގަނޑަށް ދިން އަމާންކަމާއި، ދެއްވި މެހްމާންދާރީއަށްޓަކައި ހިތުގެ ފުންމިނުން އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނޭ ފަދައިން، މާޅޮސްމަޑުލު އުތުރުބުރީ މީދުއަކީ، ތާރީޚީގޮތުންނާއި، ސަގާފީގޮތުންވެސް ފާހަގަކުރެވޭ މުހިއްމު ރަށެއް. ރާއްޖެއަށް އިސްލާމްދީން ތަޢާރުފުވުމާ ގުޅިފައިވާ ތާރީޚީ ނިޝާންތައްވެސް މި ރަށުން ފެންނަން އެބަހުރި. އަދި ހަމަ އެހެންމެ، މި ރަށުގެ ރައްޔިތުންނަކީ، ދިވެހީންގެ އާދަކާދަތައް ދިރުވައި އާލާކޮށް، ސަގާފީ ކުޅިވަރުތައް އުވިޔަނުދީ ދަމަހައްޓަން، ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ، ޤައުމުދެކެ ލޯބިވާ ރައްޔިތުން ދިރިއުޅޭ ރަށެއް.

އިޖުތިމާޢީ ގޮތުން ބެލިކަމުގައިވިޔަސް، މި ރަށް ފެނިގެންދަނީ ތަރައްޤީއަށް ހުޅުވިފައިވާ ރަށެއްގެ ގޮތުގައި. ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ކުލަބު ޖަމްޢިއްޔާތަކާ ގުޅިގެން، ރަށުގެ ތަރައްޤީއަށާއި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަން މި ރަށް ފާހަގަކޮށްލެވޭ.

އެގޮތުން، މި ރޭގެ މި ޙަފްލާއަކީވެސް މިކަމުގެ އެއް ނަމޫނާ. އެކި ދާއިރާތަކުން އެކިގޮތްގޮތުން ރަށަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ މަޤްޞަދުގައި، މީދޫ ކައުންސިލުން އިސްނަންގަވައިގެން ބާއްވާ މި މުހިއްމު ޙަފްލާއަކީ ރަށުގެ ކުރިއެރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި، ލޯބި ދިރުވައި އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ޔަޤީން.

އާދެ، އަދިވެސް އެއްފަހަރު، މި އުފާވެރި ޙަފްލާގައި، އިނާމު ހާސިލުކުރި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކުބާދު އަޅުގަނޑު ދަންނަވަން.

އާދެ، ތިޔަބޭފުޅުންގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ވަރަށް ބޮޑު ޤުރުބާނީއެއް. އެތައް ދުވަހެއްގެ މިންނެތް މަސައްކަތާއި، އެތައް ރެއެއްގެ ނިދި ނަންގަވައިލައްވައިގެން ކުރެއްވި ހިތްވަރު. ތިޔަބޭފުޅުންގެ މި ކާމިޔާބީއަކީ، މި ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭ ކާމިޔާބީއެއް. އެހާމެ ބޮޑު އުފަލެއް އަދި ރަށަށް ލިބޭ ފަޚުރެއްވެސްމެ. ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.

އާދެ. މި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަރަށް ގިނަ ބޭފުޅުންތަކެއް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ޙަފްލާއިންވެސް ސާބިތުވޭ. އެގޮތުން، ކައުންސިލުގެ މެންބަރުން، ސަރުކާރުގެ މުވައްޒަފުން، ވޮލަންޓިއަރުން، ސިއްޙީ ދާއިރާގެ ޚިދުމަތްތެރީން، މުދައްރިސުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް މި ތިއްބެވީ މި ރަށަށްޓަކައި އެ ބޭފުޅުންގެ ވަގުތު ހުސްކުރައްވައިގެން. މިފަދަ ބޭފުޅުންގެ ޚިދުމަތްތަކުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭ.

މިފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުން، ރަށަށް އޮންނަ ލޯތްބާއި، ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށުގެ އެއްބައިވަންތަކަން ބަދަހިވޭ. ހަމައެހެންމެ، އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ހާސިލުކުރުމަށް މަގުފަހިވޭ. މިކަމުގެ ނަތީޖާއަކަށް ވާނީ ރަށް އިތުރަށް ތަރައްޤީވެ، މި ރަށަކީ އަމާންކަމާއި އުފާވެރިކަމުގައި ދިރިއުޅޭ ބައެއް އުޅޭ ރަށަކަށްވެގެން ދިޔުން.

އާދެ، ކައުންސިލްތަކުން އިސްނަންގަވައިގެން މިފަދަ ކަންކަން ކުރެއްވުމަކީ ކޮންމެހެންވެސް ކުރައްވަންޖެހޭ ކަމެއް. ކަންކަމުގެ އަގުވަޒަންކުރައްވައި، ހިތްވަރު ދެއްވުމަކީ ތަހުޒީބު މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް އަސާސް. އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، މީދޫގެ ތަރައްޤީގެ ތަދުބީރުތައް ރާއްވަވައި، މިކަންކަމުގެ މައްޗަށް މިހާރަށްވުރެ ފުންކޮށް، ފުޅާކޮށް ވިސްނައިވަޑައިގެން އިސްތިރާޖީތަކެއް ހިމެނުއްވުން. އަދި މި އިނާމު ދެއްވުމުގައި އިތުރު ދާއިރާތަކާއި ރޮނގުތައް ހިމަނުއްވައިގެން، ކުލަތައް ގަދަވާނޭހެން ފުޅާ ތަޞައްވުރެއް އެކުލަވައިލައްވައި، އެކަށައެޅުއްވުން.

އާދެ، މީދޫ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، އަދި އެނޫންވެސް ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި އަޅުގަނޑާމެދު ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރަށް، އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރަށަކުންވެސް، ކޮންމެ ރައްޔިތަކުވެސް އުންމީދުތަކެއް ހާސިލުކުރަން ބޭނުންވާނެ. އުންމީދުތަކާއި ދިރިއުޅުމާ ވާނީ ގުޅިފައި. އެގޮތުން، ކެތްތެރިކަމާއެކީގައި، ވަރަށް ޞުލްޙަ ޤާއިމުވެފައިވާ ރައްޔިތުންތަކެއްގެ ތެރެއިން ތިޔަބޭފުޅުން ތިޔަ އެދެމުން އަންނަ ތަރައްޤީއަށް، ތިޔަބޭފުޅުން މިރޭވެސް ވަރަށް ލޯތްބާއި އިޙްތިރާމާއެކީގައި އަޅުގަނޑުމެންނަށް ތިޔަ ދިން މެސެޖަކީ، ތިޔަބޭފުޅުންގެ ރަށަށް ތަރައްޤީ ބޭނުންވާ ވާހަކަ. މިއީ މުޖުތަމަޢުތަކާއި ރަށްތަކުން އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރަކީ. އެއްބައިވަންތަކަން، ލޯތްބާއި އިޙްތިރާމާއެކީގައި، އަނެކާއަށް އިޙްތިރާމު ފޯރުކޮށްދިނުން. އޭރުން ތިމާއަށް ލިބޭ އިޙްތިރާމު، އެ ލިބޭ ލޯބި މާބޮޑަށް ފުޅާވެ، ހިތްހަމަޖެހުން ލިބިގެންދާނެ. މިއީ އަޅުގަނޑުމެން ދަސްކުރަންވީ ކަމަކީ.

އަޅުގަނޑު އައުމާއެކީގައި، މި ރަށުގެ ފަސްގަނޑުން އަޅުގަނޑަށް ލިބިގެންދިޔަ އަމާންކަމާއި، ލިބުނު ހިތްހަމަޖެހުމުގެ ވާހަކަ، ފެށިއިރު އަޅުގަނޑު މި ޙިއްޞާކޮށްލީ. އަލަށްމެ އަޅުގަނޑު މި ރަށަށް މިއައީ.

އަޅުގަނޑު ޔަޤީންކުރަން، އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިޔަބޭފުޅުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ބާރު ސްޕީޑްގައި ފުރިހަމަކުރައްވާނެކަން. އުނދަގޫ ދުވަސްތަކަކަށްފަހު، މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދު ހަމަމަގަށް އެޅުމުގެ މަސައްކަތް އެވަނީ ފެށްޓިފައި. ތިޔަބޭފުޅުން އެދޭ ތަރައްޤީ، އަޅުގަނޑުމެން މި ސަރުކާރުން އިރާދަކުރެއްވިއްޔާ، އެ މަގަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އަޅުގަނޑު އެދެނީ، މި ލޮބުވެތި ވަޠަނަށް ކުރިއެރުމާއި ފާގަތިކަން. އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ އުފާވެރި ވިލުންތެރި، ދުޅަހެޔޮ މުޖުތަމަޢެއް ކަމުގައި މީދޫ ލައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.