މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، ކޮމިއުނިކޭޝަންސް އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
"ރައްޔިތުންނާއެކު" މި ނަމުގައި އަޅުގަނޑުމެން މި އަހަރުގެ ކުރީކޮޅު ފަށައިގެން ކުރިއަށްގެންދާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑް މިއީ. އަޅުގަނޑުމެންގެ މި އެޕިސޯޑަށް ހަމަ ވަގުތު ހޯއްދަވައިގެން ވަޑައިގެންދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ.
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުމެން ހަމަ ލަސްނުކޮށް ވަރަށް މުހިންމު ވާހަކަތަކެއް ހުރީމާ ފަށަން ކަމަށް. އެންމެ ފުރަތަމަ ވާހަކައަކަށް އަޅުގަނޑު ހަމަ ހިތަށް މި އަންނަނީ، ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން، ރާއްޖޭގެ އަތޮޅުތައް މަނިކުފާނު އުވާލައްވަން އުޅުއްވާ ވާހަކައެއް. ދެން ގަބޫލުކުރަންވެސް ދަތި ވާހަކައެއް މިއީ. އަތޮޅުތައް އުވާލެވޭނެ ގޮތަކާ ދޭތެރޭގައި. ކޮންމެއަކަސް އަޅުގަނޑުގެ ހިތުން އަތޮޅު ކައުންސިލްތަކާ ގުޅިގެން މަނިކުފާނު ބައެއް ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތަކެއް އެބަހުރި. މީގެ އަސްލު ޙަޤީޤަތަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު ސިޔާސަތެއް. މި ނިޒާމަކީ ކަން ދިމާކުރިގޮތުން، އަޅުގަނޑަށް ވަރަށްބޮޑަށް އުޅެވިފައި އޮތް، ތަޖުރިބާ ކުރެވިފައި އޮތް، ވަރަށް ރަނގަޅަށް މީގެ ފައިދާއާއި، އަދި ގެއްލުން ހުރި ކަންކަން ރަނގަޅުކުރާނެ ގޮތާއި، މި ކަންކަން ޢަމަލީގޮތުން އެނގޭ ދާއިރާއަކަށްވީމާ އަޅުގަނޑު ވަރަށްބޮޑަށް އިސްކަންދެން އަޅުގަނޑުގެ ސިޔާސަތްތަކުގެ ތެރޭގައި އިޢުލާންކޮށްފައި އޮންނާނެ، މި ނިޒާމު ޗެމްޕިއަންކުރުން ނޫނީ އިތުރަށް ފުރިހަމަކުރަން، ވަރުގަދަކުރަން މަސައްކަތްކުރާނެ ކަމަށް. އެގޮތުން މިއަދާ ހަމައަށް އައިއިރު އެކިކަހަލަ އިޞްލާޙުތައް ނޫނީވިއްޔާ ރަނގަޅު ކަންކަމާއި ރިފޯރމްތައް ގެނެސްފިން.
މީގެ ތެރެއަށް އިތުރުވާ އެއްބޮޅު، އަތޮޅު ކައުންސިލްތައް ނުބޭއްވުމަކީ. އަތޮޅު ކައުންސިލްތަކަކީ، އެއްގޮތަކަށްވެސް ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އެއްޗެއްނޫން. އެއްގޮތަކަށްވެސް އަތޮޅު އުވައެއް ނުލެވޭނެ. އަތޮޅަކީ ޖިއޮގްރަފިކަލީވެސް ރާއްޖެ އުފެދިފައިވާ ގޮތް. އަދުގެ ޙަޤީޤަތެއް. އަތޮޅުތަކުގައި އަތޮޅު ލެވެލްގެ ކަންކަން ހަމަ ހިނގާނެ. މިސާލަކަށް އަތޮޅު ހޮސްޕިޓަލް ހުންނާނެ. އަތޮޅު މަދަރުސާ ހުންނާނެ. އަތޮޅު ވެރިކަންކުރާ ރަށްރަށް، މިހެންގޮސް އަތޮޅު އަތޮޅުގެ ގޮތުގައި އޮންނާނެ.
ޕްރެޒެންޓަރ:
އިތުރު ފަށަލައެއް ވާހަކައަކީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއީ، ޙަޤީޤަތުގައި ރައްޔިތުންނަށް ފައިދާހުރި، މާނަހުރި، އެއްޗަކަށްނުވޭ ޙަޤީޤަތުގައި. މިދިޔަ ދުވަސްތަކުގައި އެކަން ފެނިފައިވާނީ ރައްޔިތުންނަށް. އަދި މިހާރުވެސް އެދަނީ ތަޖުރިބާ ކުރަމުން. އޭގެ ބަދަލުގައި އަޅުގަނޑު މި ބޭނުންވަނީ، އަޅުގަނޑު ބޭނުންވާގޮތަކީ، ސީދާ ކައުންސިލްގެ ފަރާތުން ސަރުކާރާ މުޢާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
ޕްރެޒެންޓަރ:
ކޮންމެ ރަށެއްގައި އޮވޭ ކައުންސިލެއް. އޮވެފައި އަތޮޅު ވެރިކަންކުރާ ރަށުގައިވެސް ކައުންސިލެއް އޮންނާނެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޮވޭ. އާދެ. އެހެންވީމާ، ކައުންސިލްތައް މި ހޮވަނީ، ސީދާ ރައްޔިތުން. ރައްޔިތުން ހޮވާ ކައުންސިލުން އެ ރަށުގެ ކަންތަކާ ސަރުކާރާ މުޢާމަލާތްކުރީމާ ނިމުނީ. ކޮންމެހެން އަތޮޅު ކައުންސިލްކިޔާފައި އަނެއްކާވެސް، ހަމަ މިހާރު ވެއްޖިއްޔާ އަތޮޅު ކައުންސިލްތަކުގައިވެސް ކައުންސިލްތަކުގެ ރައީސުން އެބަތިބި. އެހެންވީމާ، މިކަމެއް ރަނގަޅަކަށް ނުހިނގައޭ.
ކުރުގޮތަކަށް ދަންނަވާކަމަށްވަންޏާ، އަތޮޅު ކައުންސިލް ބޭއްވުމުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް. އެއިން ގެއްލުން މިވަނީ، ޒިންމާދާރުކަން ކުޑަކޮށް މިކަން ކުރާތީ. އެހެންވީމާ، އަތޮޅު ކައުންސިލެއް އޮތުމުގެ ބޭނުމެއް ނެތޭ. އެހެންނަމަވެސް، އަތޮޅުތައް ގޮތުގައި އަތޮޅު ހިންގާނެ. ކަމާބެހޭ މިނިސްޓްރީތަކުން މި ދެންނެވީ ހޮސްޕިޓަލް ހިންގަނީ، ސްކޫލް ހިންގަނީ. އަދި އަތޮޅު ފެންވަރުގެ އެކިކަހަލަ މުބާރާތްތައްވެސް ބާއްވާ. މިހެންގޮސް ހިންގާނެ. އެހެންވީމާ، އަތޮޅު އުވާލުމަކީ ޙަޤީޤީ ވާހަކައެއްނޫން.
ޕްރެޒެންޓަރ:
އެހެންވީމާ، ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބު އަންނަންވާއިރަށް މިއަށް ކޮންމެވެސްގޮތެއް ނިމެންވާނެތާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނިމެންވާނެ. އާދެ. އެހެންވީމާ، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއްގެ ތެރެއިންވާ ކަމެއްވީމާ، އެކަމުގެ މަސައްކަތްވެސް އެބަ ހިނގާ.
ޕްރެޒެންޓަރ:
އާދެ، ކުރިއަށް އޮތް އިންތިޚާބުގެ ކުރިން އަޅުގަނޑު ހިތުން މުޅިން ހަމަޖެހެންޖެހޭ ކަންތައްތަކުގެ ތެރޭގައި އެބައޮތް ކަންނޭނގެ ދޮގެއްތޯ އައްޑޫގެ އިޝޫއެއްވެސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ. އައްޑޫ ސިޓީގައި މިވާގޮތަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުވެގެން ދެކެވުނު ވާހަކަތަކުގައި، ވަރަށް ބޮޑަށް އެބޭފުޅުން އެދޭކަމެއް، އައްޑޫ ސިޓީ އުފެދިފައި، ސިޓީއެއްގެ ގޮތުގައި މި އޮންނަ އޮތުމުގައި، ބައެއް ބަދަލުތައް ގެންނަންޖެހޭ އެކި ދިމަދިމާއިން މިކަން އައި. މިސާލަކަށް ހުޅުދޫމީދޫ، ކަހަލަ ތަންތަނުން އައި. ފޭދޫންވެސް.
ދެން އަޅުގަނޑު ވަޢުދުވިން، މި ކަމަށް ރައްޔިތުން އެދޭކަހަލަ ދާއިމީ ޙައްލެއް ގެނެސްދޭނަމޭ. ދެން އައީ މަޖިލިސް އިންތިޚާބު. އޭރުގައި އަޅުގަނޑުމެންނަކަށް އެކަން ކުރެވޭ ގޮތަކަށްނޫން މަޖިލިސް އިންތިޚާބުގެ ކުރިން އޮތީކީއެއް. އޭރުން ފެށިގެން މިއަދާ ހަމައަށް މިއައީ މަޝްވަރާތައް ކުރެވިގެން އެކި ގޮތްގޮތަށް.
އެއީ، އަޅުގަނޑު ދެކޭގޮތުގައި، އައްޑޫ ސިޓީގެ ރައްޔިތުން ނިންމަވާނީ އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު، ކައުންސިލް އޮންނާނީ ކޮންގޮތަކަށްތޯ. އެހެންވީމާ، ކުރިއަށް މިއޮތީ ކައުންސިލް އިންތިޚާބު. ދެން ކައުންސިލް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އެ ކުރަންޖެހޭ އިދާރީ ކަންކަން ކުރަން ފަށައިގަތުމުގެ މަރުޙަލާ ކުރިއަށްދާއިރުގައި، ސަރުކާރުން އެބަޖެހޭ މިކަމަށް ކުރިއަށްދާންވީ ގޮތެއް އިލެކްޝަންސް ކޮމިޝަނަށް ދައްކައިދޭން.
ޕްރެޒެންޓަރ:
މަގެއް ދައްކައިދޭން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދައްކަން ބަލާއިރުގައި، އަޅުގަނޑު ބޭނުމެއްނޫން ރައްޔިތުންގެ ގާތުގައި ނާހައި އެއްވެސްކަހަލަ އިޞްލާޙެއް ގެންނާކަށެއް. އެއީ، އަޅުގަނޑު މި މަސައްކަތްކުރަނީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރަން. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ގާތު އަހަން.
ދެން އެހެންވީމާ، އަޅުގަނޑު ބޭނުން، މި ބިލް ފާސްވެ ޤާނޫނަކަށް ވާހިސާބުން، ވީ އެންމެ އަވަހަކަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށް، އައްޑޫގައި، އައްޑޫ ރައްޔިތުންގެ މެދުގައި ވޯޓެއްލާން.
ޕްރެޒެންޓަރ:
ވޯޓެއްލާން ދޮގެއްތޯ؟ އާދެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މި ވޯޓުގައި މި އަހާ ސުވާލަކީ، މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގައި ނަގާނެ ވޯޓެއް. ހުޅުދޫ ރައްޔިތުން ބޭނުންވަނީ، އައްޑޫ ހުޅުދޫ ކައުންސިލް، އަޅުގަނޑުމެން ހުރިހާ ރަށަކަށް އައްޑޫލާފައި.
އައްޑޫ ހުޅުދޫ ކައުންސިލްގެ ގޮތުގައި ކައުންސިލެއް އުފެއްދުންތޯ ނޫނީވިއްޔާ ހަމަ މިހާރު އެ އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނަންތޯ. ހަމަ އެގޮތަށް މީދޫ. އައްޑޫ މީދޫ ކައުންސިލް އުފައްދަންތޯ ނޫނީވިއްޔާ، ހަމަ މިހާރު އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ގޮތުގައި އޮންނަންތޯ. ފޭދޫވެސް، އައްޑޫ ފޭދޫ ކައުންސިލްގޮތަށް ވާންތޯ ނޫނީވިއްޔާ މިހާރު އޮތް ގޮތަށްތޯ.
ޕްރެޒެންޓަރ:
އެހެންވީމާ، އައްޑުއަތޮޅުގައި ކުރިން ކިޔާގޮތުންވިއްޔާ ކޮންމެ ރަށަކަށްވެސް އެ ފުރުޞަތު އޮންނާނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން، ނަމުގެ ކުރިއަށް އައްޑޫ މި ލަނީ. އަޅުގަނޑު ބޭނުމެއްނޫން، ދެން އަންނަ ބަދަލެއްގައި އައްޑޫ މި ނަން އުނިވެގެންދާކަށް. އެހެންވީމާ، އައްޑޫ މަރަދޫފޭދޫ، އައްޑޫ ފޭދޫ، މި އިން ކޮންމެ ތަނެއްގައި ވަކިން ކައުންސިލްތަކެއްގެ ގޮތަށް، ވަކި ރަށްތަކެއް ގޮތަށް، ކައުންސިލް އުފެދިގެން، ވަކި ކައުންސިލްތަކެއް ގޮތަށް، އޮންނަންތޯ، ނޫންތޯ، މި އަހަނީ. ދެން ހިތަދޫގައި ހިތަދޫ ކައުންސިލް. ހިތަދޫ ސިޓީ ކައުންސިލް ގޮތަށްތޯ، ނޫނީވިއްޔާ، އައްޑޫ ސިޓީ ކައުންސިލް ގޮތަށްތޯ؟ ދެން ހިތަދޫގައި ސިޓީ ކައުންސިލް އެއީ އަޅުގަނޑު ހިތުން ވަކިން ހަމަ މިހާރުވެސް ސިޓީ ކައުންސިލަކަށް ހެދޭނެ ތަނެއް. ޤާނޫނު އޮތް ގޮތުން.
އެހެންވީމާ، މި ވޯޓު އަޅުގަނޑު ނަގަން ބޭނުންވަނީ އައްޑޫ ރައްޔިތުން ބޭނުންވާ ގޮތަކަށް، އެކަން ކުރަން. އެހެންވީމާ، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި މި ވޯޓުނަގައި، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނަތީޖާ އެބަ ބޭނުންވޭ. ސަރުކާރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ގޮތެއް ނިންމަން ދޭން.
އެހެންވީމާ، މިއީ ވަރަށް މުހިންމު ތާރީޚީ ވޯޓެއް މި ނެގެނީ. އައްޑޫ ރައްޔިތުންގެ މެދުގައި. އެއީ، މިކަން މިގޮތަށް ކުރުމުގެ ސަބަބުން އައްޑޫގެ ކުރިއެރުމަށް ކުރަންހުރި ކަންކަމުގައި، ރައްޔިތުން އެދޭގޮތަށް، ކަންކަން ގެންދިޔުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބޭނެ.
މިސާލަކަށް، އަޅުގަނޑުގެ އެންމެ ބޮޑު ހަމަ ވަރަށް ޙަޤީޤީ އެއް ކޮންސަރނަކީ، ހުޅުދޫގައި، ހުޅުދޫމީދޫގައި ވަކިން ޚާއްޞަކޮށް މި އޮންނަ އޮތުމުގެ ތެރެއިން، ވަރަށްބޮޑަށް ނިގްލެކްޓް ކުރެވިފައި މި ހުންނަނީ ކަންކަން. ކަންކަން ނުކުރެވިފައި އޮންނަކަން. ކައުންސިލެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫމީދޫ، ވަކިން އޮތުމާ އެކީގައި އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި، މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމައެގޮތަށް، ފޭދޫންވެސް އަޅުގަނޑަށް އެކަން ފޭދޫގެ ރައްޔިތުންގެ ކިބައިންވެސް އައިސްފައި އެބައޮތް.
ދެން އަޅުގަނޑު ގަސްދުކުރީ އެހެންވީމާ، ހުރިހާ ރަށެއްގައިވެސް ވޯޓެކޭ ނަގާނީ. ރައްޔިތުން ބޭނުންވާގޮތެއް ރައްޔިތުން ނިންމަވާނެއޭ. ނިންމެވީމާ، އެގޮތަކަށް އަޅުގަނޑު ކުރިއަށްދާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެވެސް ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގެ ކުރިއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތަކަށްވާނެ ކަމަށް ގަބޫލުކުރެވޭ.
ޕްރެޒެންޓަރ:
މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރުގައި، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، އަޑުފުޅަށް ވަރަށް ބާރުލައްވާފައި ވިދާޅުވި ވާހަކައެއް، މަނިކުފާނުގެ ވެރިކަން ފެށޭ ހިސާބުން، ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުމަކަށް އަންނާނެއޭ. ދެން މި ދެންނެވީ، އަބަދުވެސް އިދިކޮޅަށް ވާހަކަދައްކާ ބަޔަކުދެން ކަންކަމަށް ފާޑުކިޔައި ވާހަކަދެއްކުމަކީ އެއީ ދެން އޮންނާނެކަމެއް ދޮގެއްތޯ، ޑިމޮކްރަސީގައި. އެހެންނަމަވެސް، މިހާ ހިސާބަށް އައިއިރު ރާއްޖޭގެ ތާރީޚުގައި އަޅުގަނޑު ހިތުން ޖުޑީޝަރީއަށް ނުދެއްވާވަރުގެ ބޮޑު މިނިވަންކަމެއް ދެއްވަން މަނިކުފާނު ޚިޔާލުފުޅު ކުރައްވައި އެ ކަން މިހާރު އިޢުލާން ކުރައްވައިފި. އެއީ، ބަޖެޓުގެ މިނިވަންކަން ދެއްވުން ދޮގެއްތޯ. ކިހާވަރެއްގެ ބަދަލެއްތޯ މިއީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިއީ ވަރަށް މުހިންމު ބަދަލެއް. ޖުޑިޝަރީ މިހާރު މި ހިނގާ ގޮތަކީ، މިހާރުއޭ މި ދެންނެވީ ފެށުނީއްސުރެ މިއަދާ ހަމައަށް. މިހެން ހިނގަމުން އަންނަ ގޮތަކީ، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާ ތަނެއް އެއީ އިނގޭތޯ. އަހަރުގެ މެދަކާ ހިސާބަށް ދިޔައިމާ، ފިނޭންސް މިނިސްޓްރީއިން ދާނެ ސަރކިއުލަރއެއް ހުރިހާ އޮފީހަކަށް. މިހާ ހިސާބުން ޚަރަދު ކުޑަކޮށްލީއޭ. ފަހު ތިން މަހަށް، ހަތަރުމަހަށް ދިޔައިމާ، ހަމަ ބޮޑުތަނުން ކަނޑާވެސްލާނެ. ޖުޑީޝަރީއަށްވެސް އެހެން އިނގޭތޯ.
އެހެން ކަންތައްތައްވީމާ، ޖުޑީޝަރީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް މި ދެވެނީ. ކުރަން ހުންނަ މުހިންމު ޚަރަދުތައްވެސް ނުކުރެވި، ސަލާންޖަހަން ޖެހެނީ. އެކަމަކު މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ. އުއްތަމަ ފަނޑިޔާރެއް ހުރެފައި، ސްޕްރީމް ކޯޓެއް ހުރެފައި، އަދި އެހެން ހުރިހާ ކޯޓުތަކެއް ހުންނަ ވަކި ނިޒާމެއް މިއީ. ވަކި ބާރެއް.
ޕްރެޒެންޓަރ:
ވަކިން އޮންނަ ވަކި ބާރެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިނިވަން ބާރެއް. އެކަމަކު މި ބާރުގެ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް މި އޮންނަނީ ސަރުކާރުގައި މިހާރު މި އޮންނަ ގޮތުން. ބަޖެޓު މި އޮންނަ ގޮތުން. ބަޖެޓު ހިފަހައްޓާލީމާ ހިންގުން ހިފެހެއްޓުނީ ނޫންތޯ؟ އެހެންވީމާ، އަޅުގަނޑުމެން މި ނިންމީ، ކެބިނެޓުގައި މަޝްވަރާކޮށްފައި، މި އަހަރުން ފެށިގެން މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ފެށިގެން، މިހާތަނަށް މިއޮތް ނިޒާމު، މި އޮތްގޮތް އެއްކޮށް ބަދަލުކޮށްލަން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް އެއީ، އަބަދުވެސް ޖުޑިޝަރީއަށް ދޭ އަދަދުކަމުގައި ކަނޑައަޅައި، އެ އަދަދު ބްލޮކް ގްރާންޓްގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވާފައި. އެހެންވީމާ، ކައުންސިލްތަކުގައި އޮންނަހެން އެކައުންޓެއް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ހުޅުވޭނެ. ހުޅުވައި އެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދާނީ ބްލޮކް ގްރާންޓްގެ އުސޫލުން.
ޕްރެޒެންޓަރ:
އެހެންވީމާ، މިހާރު ހިންގުމުގެ ގޮތުން ސަރުކާރަށް ބަރޯސާވުން ހުއްޓޭނެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހުއްޓޭނެ. އާދެ، އޭރުން އެ ބޭފުޅުން އެ ހުށަހަޅުއްވާ ބަޖެޓުގައި އޮންނަ ޚަރަދުތައް އެބޭފުޅުން ކުރަމުންދާނެ އިނގޭތޯ. އެއީ އިދާރީ މުވައްޒަފުން ނެގުން ކަމުގައިވިޔަސް، އަދި ތަނުގެ މަރާމާތަށް ކުރާ ޚަރަދުކަމުގައިވިޔަސް، ދެން ހުރި ހުރިހާ ޚަރަދެއްކުރާނީ، އެ ބޭފުޅުން އަމިއްލަފުޅަށް ނިންމަވާ ގޮތަކަށް. މިހާރު ކައުންސިލްތަކުގައިވެސް ބްލޮކް ގްރާންޓް އެގޮތަށްނޫންތޯ މި އޮންނަނީ. ކައުންސިލުން ބަޖެޓެއް ފާސްކުރިޔަސް، އެ ބަޖެޓުގައި ޚަރަދުކުރާނެ ގޮތް، ފިނޭންސް މިނިސްޓްރީން ކޮންޓްރޯލެއް ނުކުރާނެ. ބްލޮކް ގްރާންޓުގެ ގޮތުގައި އެކައުންޓަށް މި ފައިސާ ޖަމާކޮށްދިނީމާ، އެހާހިސާބުން ޚަރަދު ކުރަނީ. އެހެންވީމާ، އެގޮތަށް މި ކަން މި އޮންނަނީ. އެގޮތަށް ކުރަން މި ނިންމީ އިނގޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މީގެ ސަބަބުން ހިންގުމަށް ވަރަށް ބޮޑު މިނިވަންކަން މި ދެވެނީ. ފައިސާ ޚަރަދުކުރުމުގައި ވަރަށް ބޮޑު މިނިވަންކަމެއް މި ދެވެނީ. ކޮންމެގޮތެއްވިޔަސް ބަޖެޓެއް ހުށަހަޅާނެ. އެ ބަޖެޓަކީ، އެ ބޭފުޅުންގެ އޯވަރޯލް ޕްލޭން. އެހެންނަމަވެސް، އެ ޕްލޭންގެ ތެރެއިން ތަންފީޒުކުރާގޮތް މިނިވަންވެގެން މިދަނީ. އިރާދަކުރެއްވިއްޔާ އެގޮތަށް ހެދިގެންދިޔައިމާ އިރާދަކުރެއްވިއްޔާ އަދި މިހާތަނަށް އެއްވެސް އަހަރަކު ނުދޭވަރުގެ ބަޖެޓް ސީލިންގއެއް އަޅުގަނޑުމެން ދޭނަން.
މިހާތަނަށް ދިން އަދަދަށް ބަލާއިރު އެންމެ ގިނަވެގެންވެސް 600 މިލިއަން ރުފިޔާއަށްވުރެ ބޮޑެއްނުވާނެ. މިދިޔަ އަހަރުވެސް ފައްސަތޭކަ ފަސްދޮޅަހަކަށް މިލިއަން ރުފިޔާ ދިނީ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާތަނަށް ނުދޭވަރުގެ ބޮޑު އަދަދެއް ލިބޭވަރުގެ ސީލިންގއެއް ކަނޑައަޅާނަން.
ޕްރެޒެންޓަރ:
2026އަށް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ. 2026 ން ފެށިގެން ކޮންމެ އަހަރަކަށް. އެހެންވީމާ، ޙަޤީޤަތުގައި ޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް. ކުރަމުންވެސްދާ ކަމެއް. މި އަހަރު އިރާދަކުރެއްވިއްޔާ، ސްޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތްވެސް ހުޅުމާލޭގައި ފެށޭނެ. މިއީ ވޭތުވެދިޔަ އެތައް އަހަރަކު، ކޮންމެ ސަރުކާރަކުންހެން ދައްކަމުންއައި ވާހަކައެއް. ތިމަންނަމެން އަޅާނަމޭ. ހަވާލުވެސް ކުރާނަމޭ. އެކިފަހަރު އެކިގޮތަށް ވާހަކަދައްކަމުން ދިޔައީ. އަޅުގަނޑު މި ފަހަރު ރިޔާސީބަޔާނުގައި މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވިން މި އަހަރު މަސައްކަތް ފަށާނެ ވާހަކަ. މި ދޭތެރެއިން އިޢުލާން ކުރިން، އެއްވެސް ފަރާތަކުން ކުރިމަތިނުލާތީ އަނެއްކާ ހުޅުވާލީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ހަމަ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ޢަމަލީ މަސައްކަތް ފެށޭވަރު ކުރެވޭނެ ކަމަށް.
އެހެންވީމާ، އެކި ގޮތްގޮތުން، އަޅުގަނޑުމެން ޖުޑީޝަރީ މިނިވަންކުރުމަށް، އެބޭފުޅުންނަށް ހިންގުމުގެ ބާރު ދިނުމުގައި މި ކުރެވޭ ކަންތައް ކާމިޔާބުވެގެން ދިޔައިމާ ވަރަށް ބޮޑުތަނުން ޖުޑީޝަރީ މިނިވަންވީ. އަދި އަޅުގަނޑު އަދި ރައީސް އޮފީހަކުންވެސް، ސަރުކާރުގެ އެއްވެސް މުޢައްސަސާއަކުން، އެއްވެސް އޮފީހަކުންވެސް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސްކަމެއްގައި ހުކުމެއް ކުރުމުގައި ކުރަންވީގޮތެއް، ނުކުރަންވީ ގޮތެއް ބަލައިފައެއްވެސް ނޯންނާނޭ. ނުވެސް ބަލާނަން. ކޯޓަށް މީހަކު ހާޒިރުކުރަނީ ކޮންއިރަކުތޯ، ކީއްކުރަންތޯވެސް ނުބަލަން. ނުވެސް ބަލާނަން. އެހެންވީމާ، އަޅުގަނޑު ހަމަ 17 ނޮވެންބަރު 2023ގައި ހުވާކޮށް، ރައްޔިތުންނާ މުޚާޠަބުކޮށް އިޢުލާންކުރި ގޮތަށް، އެދުވަހުން ފެށިގެން، އެ ވަގުތުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަރީ އަކަށް އެއްވެސް ނުފޫޒެއް ނޯންނާނެ މި ސަރުކާރަކުން ފޯރުވާފައެއްވެސް ނޯންނާނެ.
ޕްރެޒެންޓަރ:
ނުފޫޒު ފޯރުވުން އެއްކިބައިގައި އޮއްވާ،
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފުރިހަމައަށް މިނިވަންވީ.
ޕްރެޒެންޓަރ:
މަނިކުފާނު ވާނެ އިނގޭތޯ ހަމަ ރައީސުންގެ ތެރެއިން، ރައީސްކަން ކުރައްވާ ބޭފުޅުންގެ ތެރެއިން، ރައީސްކަމުގައި ހުންނަވައިގެން ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ވަޑައިގަންނަވާ ރައީސަކަށް ކަށަވަރުންވެސް. ވޭތުވެދިޔަ އޮގަސްޓްމަހުވެސް އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް ފަންސާހަކަށް ރަށަށް ވަޑައިގެންނެވި ކަންނޭނގެ. އަނެއްކާ މީގައި އެންމެބޮޑަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ރަށްރަށަށް ވަޑައިގެންފައި، މަނިކުފާނު ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ވާހަކަފުޅު ދައްކަވައި ބައްދަލުކުރައްވާ. ދެން އޭގެ ތެރެއިންވެސް، ދެންމެ އަޅުގަނޑުމެން ދައްކައިފިން ދޮގެއްތޯ، އަތޮޅު ކައުންސިލްގެ ވާހަކަ. ރަށްރަށުގެ ކައުންސިލްތަކާވެސް އެބަ ބައްދަލުކުރައްވާ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ. އެބޭފުޅުންނަށް ވަރަށް ޚާއްޞަ ޢިނާޔަތްތަކަކާއި، އެހީތެރިކަމެއް ފޯރުކޮށްދެއްވާ. އަދި އޭގެއިތުރުން މިހާރު މަނިކުފާނު ގަސްތުފުޅު އެބަ ކުރައްވާ ދޮގެއްތޯ ރަށްރަށުގެ ކައުންސިލްތަކަށް މި ލިބޭ ބަޖެޓަށްވެސް އާބާދީގެ ނިސްބަތުން ކޮންމެވެސްކަހަލަ ހެޔޮ ބަދަލެއް ގެންނަވަން މީގެ ތަފްސީލެއް ދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން. މިއަދާ ހަމައަށް އައިއިރު ތިޔަވިދާޅުވިގޮތަށް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ބޭނުމަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވުން. ރައްޔިތުންގެ އަޑު އެހެން. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިޔުމުގައި، ހަމަ ސީދާ ރައްޔިތުން ބޭނުންވާގޮތް ކަށަވަރުކޮށް، ނޫނީވިއްޔާ އެ ގޮތަކަށް ކަންކަން ކުރެވޭނެ މަގު ވީހާވެސް ގާތުން ފަހިކުރުން. ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުން، އަދި ކުންފުނިތަކުގެ ވެރިންވެސް، އެބޭފުޅުންގެ ދާއިރާއާބެހޭ ކަންކަން ސީދާ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ މަންދޫބުންނާއި، މުއައްސަސާތަކުގެ ވެރިން ގާތުން އޮޅުން ފިލުވުން. އެކަމުގެ ސަބަބުން ހިންގުމަށް ވަރަށް ބޮޑެތި ކުރިއެރުމެއް ލިބޭ. ވަރަށް ބޮޑު ހަލުވިމިނެއް އާދޭ.
ކުރީގައިވިއްޔާ މި ޖެހެނީ ސިޓީބިޓީއިން ނޫނީވިއްޔާ، ދަތުރުހަދާފައި މާލެއަންނަން މި ހުރިހާ ވެރިން ނޫނީވިއްޔާ މި ހުރިހާ މުއައްސަސާތަކުގެ ބޭފުޅުން. އެ އަޅުވެތިކަން، ނޫނީވިއްޔާ އެ އަޅުދާސްތުވުން، ނިމުމަކަށްގެނެސް، ސީދާ ރައްޔިތުންގެ ގާތަށް އަޅުގަނޑު ގޮސް، އަޅުގަނޑާ އެކީގައި އެކި މުއައްސަސާތަކުގެ ހިންގަން ތިއްބެވި ބޭފުޅުން ގެންގޮސް ބައްދަލުކުރުވައި، ކަންކަން އަޑުއަހައި، ކަންކަން ހައްލުކުރުން. އެއީ އަޅުގަނޑު ގަބޫލުކުރާ ފަލްސަފާއަކީ. އެހެންވީމާ، އެގޮތަށް މި މަސައްކަތް ކުރަނީ.
ދެން ހަމަ އެއާއެކީގައި، ތިޔަވިދާޅުވިގޮތަށް، ކައުންސިލްތަކާއި، ޑަބްލިޔު.ޑީ.ސީ.ތައް ބާރުވެރި ކުރުވަންވެސް މަސައްކަތް ކުރަމުން މި އަންނަނީ. މިހާތަނަށް، ޑަބްލިޔު.ޑީ.ސީ.ތަކުގެ ފަރާތުން އެންމެ ބޮޑަށް އެދުނު އެއްކަންތައް އެއީ، ތިމަންނަމެންނަކަށް ރޯދަމަހުގެ ޢިނާޔަތެއް ނުލިބެއޭ. ވިހެއުމުގެ ޗުއްޓީއެއް ނުލިބެއޭ. މިކަހަލަ އެއްވެސްކަމެއް ނޯވެއޭ. އެކަން މިހާރު އެ އޮތީ ޤާނޫނީގޮތުން ހައްލުކޮށްދީފައި.
ދެން މިހާރު އިތުރު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ޑަބްލިޔު.ޑީ.ސީ.ތަކަށް ލިބޭނެކަހަލަ އިސްލާޙެއްވެސް އެބަ ގެންނަން. މި އަންނަ އަހަރަށް ބަޖެޓު ހުށަހެޅިގެންދާއިރުގައި، ދެން ކުރިއަށް އޮތް ތަނުގައި، ކޮންމެ އަހަރަކުވެސް ޑަބްލިޔު.ޑީ.ސީތަކަށް މިހާރު މިދޭ ބަޖެޓު ދެގުނައަށް ބޮޑުކޮށްދެން އެބަ އިނގޭތޯ. ކައުންސިލްތަކު ބަޖެޓުގެ ތެރެއިން މިދެނީ ޑަބްލިޔު.ޑީ.ސީ.އަށް ބަޖެޓު. އެއީ، ފަސް ޕަސެންޓް. އެ ފަސްޕަސެންޓް ދިހަ ޕަސެންޓަށް މި ބޮޑުކުރަނީ އެއީ ކީއްވެތޯ؟ އެއީ، އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން. ވަރަށް ގިނަ ޑަބްލިޔު.ޑީ.ސީ.ތަކުން އަޅުގަނޑު ގާތުގައި މި ބައްދަލުވުންތަކުގައި ވިދާޅުވޭ، ތިމަންނަމެންނަށް އެއްވެސް މަސައްކަތެއް ނުކުރެވެއޭ މުސާރަދީފައި. ނޫނީވިއްޔާ، އެލަވެންސް ދީފައި ބާކީ އެއްވެސް އެއްޗެއް ނޯވެއޭ. އެހެންވީމާ، ޑަބަލް މި ކޮށްދެނީ. ކޮށްދިނީމާ އެ ބޭފުޅުންނަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ. އެކި ކަހަލަ ހަރަކާތްތައް ހިންގޭނެ. އެކި ކަހަލަ ކަންކަމުގައި، އަންހެނުންގެ ފަރާތުން މަސައްކަތްކުރެވޭނެ. ވަކާލާތު ކުރެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ކުރިއެރުމެއް މިއިން ލިބޭނެ.
ދެވަނަ ކަމަކަށް ރޯދަ މަހުގެ ޢިނާޔަތް އެބޭފުޅުންނަށް ލިބޭއިރުގައި، ޑަބްލިޔު.ޑީ.ސީ.ގެ ބަޖެޓުން ނުކަނޑައި، މުޅި ކައުންސިލްގެ ބަޖެޓުން އެ އަދަދު ނަގާގޮތަށް މި ހަމަޖައްސަނީ. އެވެސް އެއްކަލަ ދިހަ ޕަސެންޓުގެ ތެރެއިން، ބޮޑު އެއްޗެއް އުނިވެގެން ދިޔަ ނުދިނުމަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ޑަބްލިޔު.ޑީ.ސީ.ތައް ނޫނީވިއްޔާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބޭފުޅުނަށް ވަރަށް ބޮޑު ބާރުވެރިކަމެއް އިރާދަކުރެއްވިއްޔާ މި ދެވެނީ. ޑަބްލިޔު.ޑީ.ސީ.ތަކަށް ކުރިމަތިލާން ވިސްނަވާ ބޭފުޅުންނަށްވެސް މިއީ އިރާދަކުރެއްވިއްޔާ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ.
ހަމައެއާއެކީގައި ޑަބްލިޔު.ޑީ.ސީ.ގެ ރައީސާއަކަށް މިހާތަނަށް މީހަކު ހޮވާގޮތްވެސް އެބަ ބަދަލުކުރަން ޤާނޫނަށް އިސްލާހު ގެނެސްގެން. އެއީ މިހާރު ރައީސާ ހޮވާނީ، އެ ޑަބްލިޔު.ޑީ.ސީ.ގެ މެންބަރުގެ ތެރޭގައި ނަގާ ވޯޓަކުން. އެހެންނަމަވެސް، މި ގެންނަ ބަދަލަކީ، ކައުންސިލްގެ ރައީސް ހޮވާ އުސޫލުން، ޑަބްލިޔު.ޑީ.ސީ.ގެ ރައީސާވެސް ހޮވުން.
ޕްރެޒެންޓަރ:
ރައްޔިތުންގެ ބަހެއް ހޯދައިގެން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސީދާ ރައްޔިތުންގެ ބަހެއް މި ހޯދަނީ. އޭނަ އިންތިޚާބު މިވަނީ ސީދާ ޑަބްލިޔު.ޑީ.ސީ.ގެ ރައީސާގެ މަގާމަށް. އެހެންވީމާ، އެ ރަށުގައި އަންހެނުންގެ ފަރާތުން ހުންނަ އެންމެ އިސްމީހާގެ ގޮތުގައި ހަމަ އެ މަގާމަށް އޭނަ މި ހޮވެނީ. ފުލްޓައިމް މަގާމެއްގެ ގޮތުގައި. މިހާތަނަށް ޑަބްލިޔު.ޑީ.ސީ.ތަކަކީ، އެލަވަންސެއް ލިބޭ ޕާޓްޓައިމް މަގާމެއް. އެހެންނަމަވެސް، ރައީސާ ވެގެންދާނީ، ކުރިއަށް އޮތްތާނގައި ހަމަ ފުލްޓައިމް މުސާރަލިބޭ، ފުލްޓައިމް މަގާމަކަށް. އެވެސް ޑަބްލިޔު.ޑީ.ސީ. ބާރުވެރި ކުރަން ކުރާ ކަމެއް.
ދެން އާބާދީގެ ނިސްބަތުން ކޮން ބަދަލެއްތޯ މި ގެނެވެނީ، މީގައިވެސް މި ވާގޮތަކީ، މިހާރު ރައްޔިތުންގެ ގާތަށްގޮސް ކަންކަން ނުބަލާތީ މި ކަންކަން ނޭނގެނީ. މި އޮތްހާ ދުވަހު ނުކޮށްއޮތް ކަމެއް މިއީ. އަޅައެއްވެސްނުލާ ކުދި އާބާދީ ތަކަކަށް. ޚާއްޞަކޮށް ކުދި އާބާދީތަކަށް ހަމަ ވާނެގޮތެއްވާން ދޫކޮށްލާފައޭ އޮތީވެސް ދެންނެވިދާނެ.
އަޅުގަނޑަށް ރަށްރަށަށް ދިޔައިމާ އެނގޭކަމަކީ، ޚާއްޞަކޮށް ބޮޑެތި ބިންއޮތް އެހެންނަމަވެސް، އާބާދީ ކުޑަ ރަށްރަށަށް މި ބްލޮކް ގްރާންޓް ދޭ އުސޫލުގެ ތެރޭގައި އޮންނަ މައްސަލައަކުން ނުލިބޭ އެކަށީގެންވާ އެއްޗެއް.
މިސާލަކަށް ވަރަށް ބޮޑު ރަށެއް ނަގަމާ ހިނގާ. ހއ. މޮޅަދޫ. ވަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ ރަށެއް. އެކަމަކު މޮޅަދޫ ކައުންސިލުންޖެހޭ އެއޮއް ބޮޑުރަށް ސާފުކުރަން. އެބޭފުޅުންނަށް ލިބޭ ބްލޮކް ގްރާންޓަކުން އެކަމެއް ނުވޭ. ނޫނީވިއްޔާ، އަހަރުގެ ވަކި ހިސާބަކުން އޮންނަނީ ހުސްވެފައި. މީދެން ހަމަ މިސާލެއް އިނގޭތޯ. މި ކަހަލަ އެތައް ރަށެއް އެބައޮތް. އެހެންވީމާ، އަޅުގަނޑުމެން މި ގެންނަ އިސްލާޙަކީ، ފޯމިއުލާއަށް ގެންނަ ބަދަލަކީ، މި ކަހަލަ ރަށްތަކަށް މިވާ ގެއްލުން ނޫނީވިއްޔާ، އެކަށީގެންވާ އެއްޗެއް ނުލިބޭ ނުލިބުން ހައްލުކުރަނީ. އެއްގޮތަކަށްވެސް އާބާދީ ބޮޑު ރަށްތަކަށް ނޫނީވިއްޔާ، ބިން ކުޑަވިޔަސް އާބާދީ ބޮޑު ރަށްތަކަށް ލިބޭ އެއްޗެއް ކުޑަކުރުމެއްނޫން. އާބާދީ ކުޑަވެފައި، ބިން ބޮޑު ރަށްތަކަށް ދިމާވާ މައްސަލަ ހައްލުކޮށްދޭން މިއުޅެނީ.
ދެން އަޅުގަނޑު މިކަހަލަ ވާހަކަތައް މިހެން ދެންނެވީމާ، އަޅުގަނޑުމެން އެއްވެސް ވަރަކަށް ވިސްނާނުލައި، ނޫނީވިއްޔާ ކަންކަން އޮޅުވާލަން ޙަޤީޤަތާ ޚިލާފަށް ވާހަކަދައްކަނީއޭ ކިޔާ ވާހަކަ ދެއްކިއަސް އަޅުގަނޑަށް ހީވަނީ، ކަންކަމުގެ ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތްކުރާ ބޭފުޅުންނަށް އެނގިލައްވާނެހެން ކިހިނެއްކަން މިދަނީ. މި ދަންނަވަނީ ކޮން ވާހަކައެއްކަން.
ޕްރެޒެންޓަރ:
ދައުލަތުގެ މާލިއްޔާއިން ނުވަތަ ދައުލަތުގެ ޚަޒާނާއިން އެކި ނަންނަމުގައި، ދައުލަތަށް ޚިދުމަތްކުރައްވާ ނުވަތަ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދެވޭ ޢިނާޔަތުގެ ވާހަކަ ދެކެވޭ އިރުގައި، މިވެސް ވަރަށް ކަންބޮޑުވުން އުފެދޭ ކަމެއް އާންމުންގެ ތެރޭގައި. ސަރުކާރަށް ޚިދުމަތްކުރަނީ، ހަމަ އެންމެންވެސް ސަރުކާރަށޭ ޚިދުމަތްކުރަނީ. ޚިދުމަތްކޮށްފައި ދެން ރިޓަޔަރވީމާ، ނުވަތަ ވަކިވީމާ ވަކިކަމެއް ކޮށްފައި ޚިދުމަތުން އެއްފަރާތްވީމާ ދެވޭ ޢިނާޔަތުގެ ވާހަކަ. މިސާލެއްގެ ގޮތުން ދެން މިހާރު ހަމަ ސީދާ ނަމާއެކުގައި ދަންނަވަލަމާހިނގާ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭބޭފުޅުންނާއި، މަޖިލިސް މެންބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަންޏާ، ދެން ކުށެއް ކަމުގައިވަންޏާ މަނިކުފާނު ވިދާޅުވާނެކަމަށް މި ބަލަނީ. ކުށެއްކަމަށް ނުވަންޏާ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށްވުރެ ދައުލަތުންކުރާ ހޭދަ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ބޮޑު ކަންނޭނގެ. މިއީ އެއްވެސް އިންސާފެއްނޫން ކަންނޭނގެ ދޮގެއްތޯ؟ މިކަމަށްވެސް އަޅުގަނޑު ހިތަށްއެރީ މިހާ ހިސާބަށް އައިއިރުގައި މިހެން ހުންނަ ބައެއް ކަންތައްތަކުގައި ބައެއް ބޭފުޅުންނަށް އަތްޕުޅުލައްވަން ކެރިވަޑައިނުގެންފައި ކަންނޭނގެ އެވަނީ. މި ކަންވެސް މަނިކުފާނު މިހާރު އެބަ އިންސާފުވެރިކޮށް ގެންދިޔުމުގެ ވިސްނުންފުޅެއްގައި އެބަ މަސައްކަތްކުރައްވާ. އަޅުގަނޑު ހިތަށްއަރަނީ މިއީ ހަމަ ވަރަށް ރައްޔިތުން އެނގިލުން ވަރަށް މުހިންމު ވާހަކައެކޭ. މީގެ ތަފްސީލު ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ރަނގަޅު ވާހަކަފުޅެއް ތިޔަ ވިދާޅުވީ. ވަރަށް ބޮޑު ޢިނާޔަތެއް އެބަ ލިބޭ ކުރީގެ ރައީސުންނަށް އިނގޭތޯ. ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް. އަޅުގަނޑުވެސް ގަބޫލުކުރަން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް، އަބުރުވެރިކަމާ އެކީގައި ޤައުމަށް ޚިދުމަތްކުރަން، ނޫނީވިއްޔާ، އުޅުއްވާނެ ފުރުޞަތު، ޤާނޫނުން ދައުލަތުން ދެއްވަންވާނެ.
އެހެންނަމަވެސް، އެ ޤައުމެއްގެ ނިސްބަތުން، އެ ޤައުމަކަށް ވާން އޮތް މިންވަރަކުން ވާނީ. އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ ޢިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ބައެއް ޢިނާޔަތްތައް އުނިވާން. ބައެއް ޢިނާޔަތްތަކަށް ބަދަލުތަކެއް އަންނަން. އެއީ، އަޅުގަނޑު ހިތުން ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ތެދު ޙަޤީޤަތެއް.
ޕްރެޒެންޓަރ:
ހާލަތަށް ރިޢާޔަތްކޮށްފައި ގެންނަންޖެހޭ ބަދަލެއް، ރަނގަޅުކުރަން ޖެހިއްޖިއްޔާ ރަނގަޅު ކުރާނީ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަދި ހަމައެއާއެކީގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަން ކުރައްވާފައި ތިއްބެވި ޢިއްޒަތްތެރި މަޖިލިސް މެންބަރުން، މި ބޭފުޅުން މެންބަރުކަމުން ދިޔުމަށްފަހު، ދެން މިލިބޭ ޢިނާޔަތްވެސް ރައްޔިތުން ގަބޫލެއް ނުކުރައްވާ، އިންޞާފުވެރިގޮތަކަށް ލިބޭ އެއްޗެއް ކަމަކަށެއް. މިއަށްވުރެ ކުޑަވާން ޖެހޭނެކަމަށް ނޫނީވިއްޔާ، މިއަށް ގޮތްތަކެއްވާންޖެހޭނެ ކަމަށް ބަދަލުއަންނަންޖެހޭނެކަމަށް ގަބޫލުކުރައްވާ. މިހާރު އެއް ދައުރު އުޅުނީމާވެސް އެބަ ލިބޭ ކޮންމެވެސް އެއްޗެއް. އެހެންވީމާ، މިއީ ވިސްނަންޖެހޭ ކަމެކޭ. މިއަށް ބަދަލުތަކެއް އަންނަންޖެހޭ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ.
އެހެންވީމާ، ކުރިއަށް އޮތް، މަޖިލީހުގެ ދައުރު ހުޅުވުނީމާ، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރެއިން އިސްލާހުތަކުގެ ތެރޭގައި، އަޅުގަނޑުމެން ހުށަހަޅާނަން، މި ދެންނެވިގޮތަށް، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މިހާރު މަޖިލިސްގައި ނޫޅުއްވާ ބޭފުޅުންނަށް މި ލިބޭ ޢިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން. ބައެއް ޢިނާޔަތްތައް ވަކިކުރަން ހުށަހަޅާނަން. އެއީ، އަޅުގަނޑު ހިތުން ޤައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް.
އަދި ހަމަ އޭގެ އިތުރަށް، އެކިކަހަލަ މުއައްސަސާތަކުގައި އުޅުއްވާފައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން، ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެކި މަގާމުތަކަށް އެބަ ވަޑައިގަންނަވާ. އެހެންވީމާ، އެބޭފުޅުން އެ މަގާމުތަކުގައި، ފުލްޓައިމްކޮށް އުޅުއްވާ މުއްދަތުގައި، ދުވަސްވަރު އެއްކަލަ ރިޓަޔަރމަންޓް ސްކީމުން މަހަކު މި ލިބޭ އަދަދު ލިބުންވެސް އެއީ ރަނގަޅުގޮތެއްނޫން ކަމަށް ރައްޔިތުން ގަބޫލުކުރައްވާ. އެހެންވީމާ، އެ ދުވަސްވަރަށް ރިޓަޔަރމަންޓުން ލިބޭ އަދަދު ސަސްޕެންޑު ކޮށްލަން. ނުލިބޭގޮތަށް ހެދުން އެއީ، އަޅުގަނޑު ހިތުން ރަނގަޅުގޮތެއް. އިންސާފުވެރި ގޮތެއް އެއީ.
ދެން އަނެއްކާވެސް އެ މަގާމުން ވަޑައިގަތީމާ ހަމަ ކުރީގައި އޮތްގޮތަށް އިއާދަވެ، ލިބެން ފަށާނެ. އެހެންވީމާ، މި އިސްލާހުވެސް ގެންނަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ މިކަން ކުރަންޖެހޭ ކަމަށް. މިހާރުވާނީ ސިޔާސީ މަގާމުތަކުގައި މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިންވެސް އިންސައްތައެއް ކުޑަކޮށްފައި.
އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މި ޤައުމުގެ ހާލަތަށް ބަލާއިރުގައި ނޫނީވިއްޔާ ޤައުމުގެ ރައްޔިތުން އެދޭގޮތަކީ، މި ދެންނެވިގޮތަށް މި ދެންނެވި ބޭފުޅުންގެ މުސާރަ ނޫނީ އެ ލިބޭ އެލަވަންސްތައް ކުޑަކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ އިސްލާހު ގެނެވިގެންދާނެ.
ޕްރެޒެންޓަރ:
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ފާރަވެރިވެ، ބެއްލެވުމާއި އަދި ބައެއް ކަހަލަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ދެންނެވީ އެހެން ބައެއް ޚިދުމަތްތަކަށް ފާރަވެރިވެ ބެލުން އެއީ، ދައުލަތެއްގެ މަސްއޫލިއްޔަތެއްކަމަށް ވާންޖެހޭކަމަކަށްވާނީ ދޮގެއްތޯ. ރާއްޖޭގެ ބާޒާރުގައި ހުންނަ މުދަލުގެ އަގުތަކަށް އަންނަ ބަދަލު، ދެން ބައެއް ފަހަރު އަޅުގަނޑުވެސް ހިތަށްއަރާ، ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރުން ވަނުން މިއީ ކޮންކަހަލަ ކަމެއްބާވައޭ؟ އެހެންނަމަވެސް، ބައެއްކަހަލަ ދިމަދިމާއަށް ވަންނަންޖެހޭކަމަށް އަޅުގަނޑުވެސް ގަބޫލުކުރަނީ. މިސާލަކަށް އަޅުގަނޑުމެން ތާރީޚީ ގޮތުން މިހެން ވިސްނާލިޔަސް ވަރަށް ޒަމާންތަކެއް ވެއްޖެކަންނޭނގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ސަރުކާރުން ހެޔޮއަގެއްގައި ފޯރުކޮށްދެއްވާތާ. ދޭތެރެދޭތެރެއިން ބާޒާރުގެ މުދަލުގެ އަގުތަކަށް މި އަންނަ ބަދަލާ ގުޅިގެން، މި ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ކުއްލިއަކަށް ފާހަގަކުރެވިގެން މިދިޔައީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަބަޔަކު ބޭނުންކުރާ އާފަލު އޮރެންޖުކަހަލަ އެއްޗެތި އާދަޔާ ޚިލާފަށް މި ތަކެތީގެ އަގުތައް މައްޗަށް ދިޔަތަން އިނގޭތޯ. ދެން މި ކަމަށް މަނިކުފާނު ވަރަށް ތަފާތު ފިޔަވަޅެއް މި ފަހަރު ތި އެޅުއްވީ. މި ދެން ކެބިނެޓުގައި މަޝްވަރާ ކުރައްވާފައި، ކެބިނެޓް ލެވެލްގައި ނިންމެވި ނިންމެވުމެއް އެސް.ޓީ.އޯ.އިން ވަރަށް ގިނަ ބާވަތްތަކުގެ މުދާތަކެއް ގެންނަވާ ގޮތަކަށް. މިއީ، ކިހިނެއްވެގެން ގެންނެވި ބަދަލެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެސް.ޓީ.އޯ.ގެ މައިގަނޑު ހިއްސާދާރަކީ، ސަރުކާރު. ދެން އެސް.ޓީ.އޯ.އަކީ ވިޔަފާރި ކުރަން އުފައްދާފައި އޮތް ކުންފުންޏެއް. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ކާޑުގެ ބާވަތްތައް އެކަންޏެއްނޫން މިހާރު އެތެރެކުރަންޖެހޭނީކީއެއް. މިހާރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރުން. މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން. މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން.
ބޭންކް އޮފް މޯލްޑިވްސްއިން ދުވަހަކު މީގެ ކުރިން ނުދޭވަރަށް ދީލަތިކޮށް ޑޮލަރުގެ ވަރަށް ވަރަށް ފުޅާ ފުރުޞަތެއް މިހާރު ވިޔަފާރިވެރިންނަށް އެބަދޭ އިނގޭތޯ. އެހެންވީމާ، ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ ފުރުޞަތު ކުރިއަށްވުރެ މާބޮޑަށް އެބަލިބޭ. އެހެންވީމާ، އަޅުގަނޑުމެން މި ހުރިހާ ކަމެއް ހަމަ ނަންބަރސް ޖަހައިގެން ދިރާސާކޮށް ހަދާފައި، މިވަނީ ކިހިނެއްކަން އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، މި ނިންމީ މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް.
އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންނަށް އެހެން ބަޔަކު ކުރާކަމެއްގެ ސަބަބުން ގެއްލުންތަކެއްވާކަށް. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބެން. އޭގެ ސަބަބުން ކޮމްޕެޓިޝަން އުފެދިގެން ދާނީ. އެ ތަކެތި އެތެރެކުރާ ފަރާތްތަކުން ހަމަ އެ އަގުގައި ވިއްކާނެ. މި އުޅެނީ ސަރުކާރުން، ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ނުލިބިގެނެއްނޫން އެ ފަރާތްތަކަށް. ޑޮލަރު ލިބޭ. ލިބޭއިރުގައި އެހެން ކަމެއް ބައެއް ފަރާތްތަކުން ކުރައްވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ.
މިހާރު ސަރުކާރުން އައިނު ވިއްކަންވެސް ފެށީ ނޫންތޯ. އައި.ޖީ.އެމް.އެޗުން. ފެށީމާ، އިންތިހާއަށް ބޮޑު އަގުގައި އައިނު ވިއްކާ ފަރާތްތަކުން އެ އަގަށް މެޗް ކުރަންޖެހިއްޖެ ނޫންތޯ؟ އަޅުގަނޑަށް މުހިންމީ ރައްޔިތުން އިނގޭތޯ. ރައްޔިތުން ބާރުވެރިކުރުވަން، ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުން އަޅުގަނޑުގެ ޒިންމާއަކީ.
ޕްރެޒެންޓަރ:
މަނިކުފާނު ތިހެން ވިދާޅުވީމާ، އަޅުގަނޑުވެސް ދެން ހިތަށްއެރީ، އާންމު ގޮތެއްގައި، ރަމަޟާންމަހު ބާޒާރުގައި މުދަލުގެ އަގު ބޮޑުވާ ބޮޑުވުންވެސް މި ކޮންޓްރޯލްކޮށް ހިފަހައްޓަނީ އެސް.ޓީ.އޯ.އިންނޭ. އެސް.ޓީ.އޯ. އޮވެގެންނޭ. އެހެންވީމާ، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެބާވަތުގެ ތަކެތީގެ އަގު ބާޒާރުގައި، ގަބޫލުނުކުރެވޭ މިންވަރަށް އުފުލިގެންދަނީ، ތެލުގެ އެގު ބޮޑުވަނީއެއްނޫން. އެހެން އެއްޗެއް ބޮޑުވަނީއެއް ނޫން. ދެން އެހެންވެއްޖިއްޔާ، ކޮންމެވެސް ފިޔަވަޅެއް އަޅުއްވަން ޖެހޭނެއޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ ތެރޭގައި ދެން ކޮންމެ ކަމެއްގައިވެސް، އޮޕީނިއަންދޭ މީހުން އުޅޭ. އަޅުގަނޑު މިއޮތީ މެނިފެސްޓޯގައި ކަނޑައަޅާފައި ފުޑް ސެކިއުރިޓީއަކީ ވަރަށް މުހިންމު ސިޔާސަތެއްގެ ގޮތުގައި. އަޅުގަނޑު އިޢުލާނުވެސް ކޮށްފައި އޮންނާނެ ޕޯޑިއަމްތަކުގައިވެސް. އެކަމަށް ޚާއްޞަކޮށް މަސައްކަތްކުރާނެ ވުޒާރާއެއް އެ އޮތީ. އަޅުގަނޑުމެން މިދަނީ ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް އުފެއްދުމުގައި، އިންވެސްޓް ކުރުމަށްޓަކައި އެކި ފަރާތްތަކަށް ފުރުޞަތުދީގެން މިހާރު ބައެއް ފަރާތްތަކުން ޢަމަލީ މަސައްކަތުގެ މަރުޙަލާއަށް އެދަނީ. ރާއްޖޭގައި، އުފެއްދޭނެ ބާވަތްތައް އުފެއްދުމުގެ މަސައްކަތް ބޮޑު އަދަދަކުން އިތުރުކޮށް، އުފެއްދުމަށް. އެސް.ޓީ.އޯ.އިންވެސް މިހާރު އެބޭފުޅުން އެ ވިޔަފާރީގެ ތެރެއަށް އެ ވަންނަނީ.
އެސް.ޓީ.އޯ.އިން ބޭހުގެ ވިޔަފާރި މިހާރު ސަރުކާރުން ވަކިން ޚާއްޞަކޮށްގެން އެކަމަށް އުފެއްދި ކުންފުންޏަށް ދޫކޮށްލާފައި، އެބޭފުޅުން ފޯކަސް އެ ކުރައްވަނީ، މިހާރުދެން ކާބޯތަކެތީގެ ވިޔަފާރިއަށް. އެއީ، ސަރުކާރުގެ ސިޔާސަތު. ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއް. އެހެންވީމާ، ބޭހުގެ ވިޔަފާރި ދެން އެ ބޭސް ގެނެސް އެންމެ ހެޔޮ އަގުގައި، އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެގޮތް ގާއިމުކުރަން ވަކި ކުންފުންޏެއް މި އުފެއްދީ. އެ ކުންފުނިން ބޭސް ގެންނާނީ. މެޑިކަލް އިކުއިޕްމަންޓްސް ގެންނާނީ. މެޑިކަލް ޑިވައިސަސް ގެންނާނީ. ކޮންސިއުމަބްލްސް ގެންނާނީ. އެހެންވީމާ، ދެން އެސް.ޓީ.އޯ.އިން އެކަމެއް ނުކުރާނެ. އެސް.ޓީ.އޯ.އިން ދެން ފޯކަސް މިކުރަނީ، ކާބޯތަކެތި ގެންނަން.
އެސް.ޓީ.އޯ.އިން ރާއްޖޭގެ އެކި ރަށްރަށުން ބިންތައް ނަގާނެ. ނަގައިގެން ކާބޯތަކެތި އުފައްދަން ފަށާނެ. ޕޯލްޓްރީ ފާރމިންގގެ ތެރެއަށް އެބޭފުޅުން ވަންނާނެ. ޕޯލްޓްރީ ފާރމިންގއަށް އިންވެސްޓް ކުރައްވާނެ ވަރަށް އަވަހަށް. ސަރުކާރުގެ ނިންމުން މިއީ. އެހެންވީމާ، ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސް.ޓީ.އޯ.އިން ވަންނާނެ އިނގޭތޯ. މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން. ދެން މި ކަންކަން ކުރުމުން މިކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ހިތްހަމަ ނުޖެހޭނީ ރައްޔިތުންނަށް ހެޔޮގޮތެއްވާން ބޭނުންނުވާތީ.
ޕްރެޒެންޓަރ:
އަޅުގަނޑު ހިތަށްއަރާ، ދުނިޔޭގެ ކޮން ތަޙުޒީބު މުޖުތަމަޢެއްގައިބާއޭ ނޫސްތަކުގައި ކޮންމެހެން ސަރުކާރުގެ އަދި ވެރިންގެ ވާހަކަ އެކަންޏެއްނޫން. ދެން އެހެންނަމަވެސް އެއްވެސްބައެއްގެ އަބުރު ކަތިލުމާއި، ޙަޤީޤަތާ ޚިލާފު ނުވަތަ ޙަޤީޤަތެއް ނެތް ވާހަކަތައް ދެއްކުމާއި، އެ ވާހަކަތައް ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރުމާ، މި ކަންތައްތައް އޮވޭތޯ ތަހުޒީބު އެއްވެސް މުޖުތަމަޢެއްގައި؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑަކަށް ހީއެއްނުވޭ އޮންނަހެނެން. ކޮންމެ ކަމެއްގައިވެސް އޮވޭ ދޮގެއްތޯ އުސޫލުތަކެއް. އަޅުގަނޑުމެން މުސްލިމުންނަށްވީތީ އަދި އަމުދުން އަޅުގަނޑުމެންނަށް އެބައޮތް އިލާހީ ޤާނޫނު. އެހެންވީމާ، އަޅުގަނޑުމެންގެ އޮންނަންޖެހޭނެ ހަމަތަކެއް. އިސްލާމީ ހަމަތަކެއް. އިންސާނީ ހަމަތަކެއް. އެހެންވީމާ، ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން. އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ. އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން. އެހެންވީމާ، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއްނޫން ކަނޑައެޅީކީ. ޝަކީބެއްނޫން ކަނޑައެޅީކީ. މަތިން اللهُ سُبْحَانَهُ وَتَعَالَى އެކަން ކަނޑައެޅުއްވީ. އެހެންވީމާ، އެ އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ޙައްޤެއް. އަދި އަނެކާގެ ޒިންމާއެއް. އެހެންވީމާ، އެއީ އަޅުގަނޑުމެން އެކަކުވެސް ކޮންމެހެން ބަހުސެއްވެސް ކުރަންއޮތްކަމެއްނޫން. އަމުދުން ރާއްޖޭކަހަލަ 100 ޕަސެންޓް މުސްލިމް އިސްލާމީ ޤައުމެއްގައި.
އެހެންވީމާ، ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކެން މި އޮތީ. ބޭނުން ވާހަކައެއް ދައްކަންވީ. ތެދު ޙަޤީޤަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ. ކޮންމެ އެއްޗެއްވެސް ލިޔެވޭނެ. ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ. ތެދު ޙަޤީޤަތާ އެއްގޮތަށް. އެހެންވީމާ، އެކަން ކުރާށޭ. އޭގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީކީ އަޅުގަނޑު ހިތުން ހަމަ ޔަޤީނުންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއްނޫން.
ޕްރެޒެންޓަރ:
އާދެ، ވަރަށް ގިނަ ބަޔަކު ޝައްކުގެ ނަޒަރަކުން ބަލަމުންއައި އެއްކަމެއް އެއީ، މަނިކުފާނު އެ ވާހަކަ ކޮންމެވެސްވަރަކަށް ދައްކަވަން ފެއްޓެވިއިރުގައިވެސް ދުންފަތުގެ ވާހަކަ މި ދަންނަވަން މި އުޅެނީ. ދުންފަތުގެ ވާހަކަ. ވޭޕްގެ ވާހަކަ. އެހެންނަމަވެސް އެކަން މަނިކުފާނު ކުރެއްވި. ދެން އެ ޤާނޫނަށް ގެންނެވި ބަދަލާ އެކީގައި، އެކަން ތަންފީޒުވާން ކަނޑައަޅާފައިވާ މުއްދަތު މިހާރު އައިސް ޖެހެނީ. ނޮވެންބަރު އެކަކުން ކަންނޭނގެ ދޮގެއްތޯ؟ މި ޤާނޫނަށް ގެނެވުނު ބައެއް ބަދަލުތައް ތަންފީޒުވާން ފަށާނީ. ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް އެކަން ކުރިއަށް އެބަދޭ. ޖެނަރޭޝަނަލް ބޭންގެ ޤާނޫނަށް މިހާރު އެވަނީ ޢަމަލުކުރަން ފެށިފައި. އޭގެ ދަށުން 1 ނޮވެންބަރުން ފެށިގެން، މި ޖެނަރޭޝަނަލް ބޭން އެފެކްޓިވްވާނެ. އެދުވަހުން ފެށިގެން އެ ޑޭޓުން ތަންފީޒުވާން ފަށާނެ. 1 ނޮވެންބަރުން ފެށިގެން، ޖެނަރޭޝަނަލް ބޭންއަށް ޢަމަލުކުރެވެން ފެށޭނެ. 2007 ޖަނަވަރީއިން ފެށިގެން އުފަންވީ ހުރިހާ އެންމެންނާއި އުފަންވާން ތިބި ހުރިހާ ދިވެހީންނަށް ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ އޭގެ ފަހުންނެއް. މިއީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި، ޞިއްޙަތަށްޓަކައި އަޅުގަނޑުމެން އުފަލާއެކީގައި ކުރި ވަރަށް ރަނގަޅުކަމެއް. ރައްޔިތުން ވަރަށް ބަލައިގަންނަ ކަމެއް. ޒުވާންކުދިން ވަރަށް ބަލައިގަންނަ، އެ ކުދިންނަށްޓަކައި ކުރެވުނު ވަރަށް ރަނގަޅުކަމެއް. އިރާދަކުރެއްވިއްޔާ އެކަން ވަރަށް ކާމިޔާބުކަމާ އެކީ ދިވެހިރާއްޖޭގައި ތަންފީޒުވެގެންދާނެ.
ޕްރެޒެންޓަރ:
އާދެ. އަޅުގަނޑު ހިތަށްއެރީ މަނިކުފާނުގެ މި ވެރިކަމުގެ ދައުރުގެ ތަންކޮޅެއް ފަހުކޮޅުގައި ނަމަވެސް، ހަމަ ދިރާސާއެއް ކޮށްލެއްވުން ރަނގަޅު ކަމެކޭ މިއީ ދޮގެއްތޯ، ދެންމެ ތިޔަ ވިދާޅުވިހެން ޒުވާންޖީލަށް ޞިއްޙީގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އަދި އެހެނިހެންވެސް ގޮތްގޮތުން އަދި މާލީގޮތުން ކަމަށްވިޔަސް، ޤައުމީ ނަޒަރަކުން ބަލާއިރުގައި އަޅުގަނޑުމެންނަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް. ބަލައިލަން ރަނގަޅުކަމެއްކަން ނޭނގެ މިއީ ކުރިއަށް އޮތްތާނގައި ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ.
ޕްރެޒެންޓަރ:
އަޅުގަނޑުމެންގެ އެޕިސޯޑަށް ވަގުތުކޮޅެއް ދެއްވީތީ ކުރިންވެސް ދަންނަވާލިހެން އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަން. އަނެއްކާވެސް އާ ވާހަކަތަކަކާއެކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 10 ވަނަ އެޕިސޯޑާއެކީ ކުރިއަށް އޮތް ތާނގައި ބައްދަލުވާނެކަމަށް އުންމީދުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ. ވަރަށް ބޮޑަށް ޝުކުރިއްޔާ.