ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ އިދާރީ ކަންކަމާއިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާނެ ގޮތެއް ދައްކައިދޭން ޖެހިފައި އޮތް އިރު، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީޚީ ވޯޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.

ބިލް ފާސްވެ، ޤާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.

މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓަވައި، ޖުޑީޝަރީ މިނިވަންކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވައިލައްވާފައެވެ. ނިޒާމު އޮތް ގޮތުން ޖުޑީޝަރީއަށް ނިކަމެތިކަމެއް ލިބޭ ކަމަށާ، ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރުން ފަށައިގެން ބަޖެޓަށް ގެންނަވާ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައަޅުއްވައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރަން ފެއްޓެވުމުން، ޖުޑީޝަރީ ހިންގުމަށް ބޮޑު މިނިވަންކަމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް މިކަމަށް ކަނޑައަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންނަށް ދެވޭ އިނާޔަތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިހާރު ދެވެމުން ދަނީ ބޮޑު އިނާޔަތެއް ކަމަށާ، ނަމަވެސް އެއީ ޤައުމުގެ ޙާލަތަށް ރިޢާޔަތް ކުރައްވައިގެން ދެވޭ އިނާޔަތްތަކަކަށް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު، ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި އެ މަނިކުފާނުގެ ސަރުކާރުން ގެންނަވާ މުހިންމު އެކިއެކި ބަދަލުތަކުގެ މައްޗަށްވެސް މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބޭ ބަޖެޓަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމާއި، ކައުންސިލްތަކަށް ބްލޮކް ގްރާންޓް ލިބޭ ފޯމިއުލާއަށްވެސް އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިފައިވާ ވިޔަފާރީގެ ކަންކަމުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ހަރަކާތްތެރިވާ އުސޫލުތަކަށް ގެންނެވި ބަދަލުތަކާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.