އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ޖިއަނީ އިންފަންޓީނޯއަށް ރާއްޖެއިން ދެންނެވި މަރުހަބާއާއިމެދު އުފާފުޅުކުރައްވާކަމުގައި ރައީސުލްޖްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ފުޓުބޯޅަ ފުޅާކުރުމަށް ފީފާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާނޭކަން ތަކުރާރުކުރައްވާފައެވެ.

އެގޮތުން، ހުކުރު ދުވަހު ބޭއްވެވި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ގުޅިގެން މަސައްކަތްކުރެވޭނެ ފުރުސަތުތަކުގެ މައްޗައްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި، ރާއްޖޭގައި ފުޓުބޯޅައަށް އޮތް މަޤުބޫލުކަން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެފް.އޭ.އެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ ވަނީ އިފުތިތާޙު ކޮށްދެއްވާފައެވެ.