بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިނިސްޓަރ އޮފް ޑިފެންސް، އެމް.އެން.ޑީ.އެފް.ގެ ޗީފް، އަދި އޮފިސަރުން، އަދި މިނިސްޓަރުންނާއި، ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މެންބަރުންނާއި، އަދި އެންމެހައި ޢިއްޒަތްތެރިން. މި ޙަފުލާ، ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އިރާދަކުރެއްވިއްޔާ މިއަދު މި ހުޅުވިގެންދިޔަ ސްޓޭޝަނަކީ، އެމް.އެން.ޑީ.އެފް.ގެ ގާބިލިއްޔަތު އެތައް ގުނައަކުން މަތިވެގެންދާނެ ތަނެއް. އާދެ، ދިވެހި ސަރުކާރުގެ ސިޔާސަތަކީ، އެމް.އެން.ޑީ.އެފް.ގެ ކެޕޭސިޓީ ހުރިހާ ދާއިރާއަކުންވެސް އިތުރުކުރުން. އާދެ، ދިވެހިރާއްޖޭގެ މިނިވަންކަން ޔަޤީންކޮށް، ކަށަވަރުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހުރިހާ ދާއިރާއަކުންވެސް، ހުރިހާ މާނައެއްގައިވެސް، ކަންތައްތައް ފުރިހަމަކޮށްދީ، އިތުރަށް ވަރުގަދަކޮށްދީ، ތަރައްޤީކޮށްދިނުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެވެސް އުންމީދަކަށް ވާނެ. އަދި، ދިވެހި ސަރުކާރުގެ ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑަށް ލިބޭ ފަޚުރެއް ގޮތުގައި އަޅުގަނޑު ދެކެން. ޤައުމީ، ދީނީ ވާޖިބެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ، ރިޔާސީ ދައުރު ފެށުނުއިރު، އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، ދިވެހި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމުގެ ފަލަ، ރަތް ރޮނގެއް މި ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި ދަމާ، އެކަން ދަމަހައްޓާނެކަން ކަށަވަރު ކުރާނެކަން އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި. މިކަން ކުރުމުގައި، އެމް.އެން.ޑީ.އެފް.ގެ ހުރިހާ ދާއިރާއަކުން، އޭރުގައި އޮތް ހާލަތު، އެތައް ގުނައަކުން އޮތީ ރަނގަޅުކުރަން ޖެހިފައި. އެގޮތުން މިއަދާ ހަމައަށް އައިއިރުގައި، ﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި. އަދި ކުރެވެމުންވެސް އެބަދޭ.

އާދެ، އެއަރކޯ އުފެއްދި، އެއަރކޯއަށް ޒަމާނީ ވަސީލަތްތައް ހޯދި، އަދި އެ ވަސީލަތްތައް ބޭނުންކުރެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތްވެސް މިދަނީ އެގޮތުން ކުރެވެމުން. މިއަދު މި ހުޅުވިގެންދިޔަ އެއަރ ސްޓޭޝަނަކީ، މިގޮތުން ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ ވަސީލަތެއް. އަދި މުޅި ރާއްޖެ، ވައިގެ މަގުން ބެލެހެއްޓުމުގައި، އެއަރކޯއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް.

އާދެ، ރިޔާސީ ބަޔާން އިއްވިއިރުގައި އަޅުގަނޑު ދެންނެވިން، ރާއްޖޭގެ އުތުރާއި، ދެކުނުގައި މިފަދަ މަރުކަޒުތައް، ސްޓޭޝަންތައް ހަދާނެ ކަމަށް. އެގޮތުން، މިއަދު މިތަން ހުޅުވިގެން މިދިޔައީ. އަދި، އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް، އުތުރުގައި، ށ. އަތޮޅު ފުނަދޫގައި ހަދަމުންމިދާ މަރުކަޒު ހެދުމުގެ މަސައްކަތްވެސް އެދަނީ، ބާރު ސްޕީޑުގައި ކުރިއަށް.

އާދެ، އޭގެއިތުރަށްވެސް، ވައިގެ ބާރަށް، އެއްގަމުގެ ބާރަށް، އަދި ކަނޑުގެ ބާރަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދިނުމަކީ، ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތައް. އާދެ، އިރާދަކުރެއްވީތީ މި މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑުގައި އެދަނީ ކުރިއަށް.

ކޯސްޓް ގާޑުގެ ފްލީޓް ދެގުނަ ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުންވެސް ކުރެވެންފެށި މަސައްކަތް، ވަރަށް ކާމިޔާބުކަމާ އެކީގައި އެބަ ކުރިއަށްދޭ. މެރިންކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް ބައެއް ކަންކަން ހާސިލުކުރެވި، އަދި އިތުރު ކަންތައްތައް އެދަނީ ބާރު ސްޕީޑުގައި ކުރިއަށް.

އޭގެއިތުރަށްވެސް، ސިފައިންގެ އިންސާނީ ތަރައްޤީއަށްވެސް ކޮށްދޭންޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން، ވަރަށް ގިނަ މަސައްކަތްތަކެއް ފެށި، އަދި މި އަންނަ އަހަރަށް ބަޖެޓު ކުރެވިފައިވެސް އޭގެ ބައެއް ކަންކަން އެހެރީ. އިރާދަކުރެއްވިއްޔާ، މީގެ ކޮންމެ ކަމަކީ، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް ނުހަނު ފައިދާވާނެ ކަންތައްތައް. އިޤްތިޞާދީ ގޮތުން މި ޤައުމަކީ ރެސިލިއަންޓް، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިޔުމުގައިވެސް، ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ޤައުމު އޮތުމަކީ، ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ، އެ ޤައުމަކީ ސޭފް ތަނެއްގެ ގޮތުގައި، އެ އިންވެސްޓަރުންނަށް ގަބޫލުކުރެވެންޏާ. އަޅުގަނޑުމެންގެ ކެޕޭސިޓީ، ކޭޕެބިލިޓީ އެ މަގުން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މި ޤައުމުގެ އިޤްތިޞާދުވެސް ދާނީ ކުރިއަށް. އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުން.

އާދެ، މި ދުނިޔޭގައި ތަރައްޤީވެފައިވާ އިސްލާމީ ޢަރަބި ޤައުމުތަކުގައިވެސް ތަރައްޤީ ހާސިލުކުރެވިފައިވާ ގޮތަށް ބަލާއިރުގައި، މިއީ އެ ޤައުމުތަކުންވެސް، ކަންކަން ކުރަމުންދިޔަ ގޮތް. ކުރަމުންދާވެސް ގޮތް. އެހެންވީމާ، އަޅުގަނޑުމެންގެ ނޭޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރެވި، އިސްލާމީ ވަޙުދަތު ކަށަވަރު ކުރެވި އޮންނަ ގޮތަށް، އަޅުގަނޑުމެންގެ ޤައުމު އިޤްތިޞާދީގޮތުން ހުޅުވާލުމަށްޓަކައި، މި ކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް، އެމް.އެން.ޑީ.އެފް.ގައި ޤާއިމުވެފައި އޮތުމަކީ، ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.

އެހެންވީމާ، އެގޮތުން ގިނަ މަސައްކަތްތަކެއް މި ކުރަނީ. އިންސާނީ ވަސީލަތް ޤާއިމުކުރުމުގެ ގޮތުންވެސް، މިކުރެވޭ މަސައްކަތްތަކަކީ އެހެން ކުރެވޭ ކަންކަން. އިރާދަކުރެއްވިއްޔާ މި މަރުކަޒުގެ މި ތަނުގައިވެސް، އަޅުގަނޑުމެން ދާދިއަވަހަށް މިފަށަނީ، އިތުރު ޓްރޭނިންގ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް. ގިރިފުށީގައިވެސް ބިން ހިއްކުމާ އެއާ ގުޅިފައިވާ މަސައްކަތްތައް ފެށިފައި އެވަނީ. އެތަންވެސް ތަރައްޤީ ކުރެވިގެންދާނެ. މާފިލާފުށީގެ ތަރައްޤީވެސް އިރާދަކުރެއްވިއްޔާ، އެދަނީ ކުރިއަށް. ނޭޝަނަލް ސަރވިސް ޕްރޮގްރާމް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ވެގެންދާނީ، ވަރަށްބޮޑު ތަނުން ނޭޝަނަލް ސަރވިސް ޕްރޮގްރާމަށް ކުދިން ރެކްރޫޓް ކުރެވޭނެ އަހަރަކަށް.

އެހެންވީމާ، މި ހުރިހާ ގޮތަކަށް ކަންކަން މި ގެންދެވެނީ. ސިފައިންނަށް ބޭނުންވާ ޚިދުމަތްތައް މާލޭގައި ހުރި އެކި މަރުކަޒުތަކުގައި، ސިފައިންނަށް ބޭނުންވާ އިމާރާތްތައް ޤާއިމުކޮށްދިނުމާއި، މިގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މި އަންނަ އަހަރު މިވަނީ ބަޖެޓު ކުރެވިފައި. އެހެންވީމާ، މިފަދަ ހުރިހާ ކަމެއް މިކުރަނީ. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި ޤައުމުގެ މުސްތަޤުބަލަށްޓަކައި ބިނާކުރެވޭ، ޤާއިމުކުރެވޭ، ވަރަށް މުހިންމު ކަންކަންގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ. އިރާދަކުރެއްވިއްޔާ، މި ކަންކަން ކާމިޔާބުވެގެންދިޔުން ވެގެންދާނީ، މިނިވަން، މުސްތަޤިއްލު، ތަރައްޤީ ހާސިލުވަމުންދާ، ތަރައްޤީވެފައިވާ ޤައުމަކަށް މި ޤައުމު ހެދުމަށް މިކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް.

2040 ވަނަ އަހަރާ ހަމައަށް ދާއިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މި ޤައުމު ގުނާލެވޭނީ ހަމަ ޔަޤީނުންވެސް، މި ޤައުމުގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަކީ، މިގޮތުން ދެންމެ އަޅުގަނޑު ދަންނަވާލި ކަންކަންކުރާ، އަދި އިތުރު ކަންކަންވެސް ކުރުމަށް މަސައްކަތްކުރާނެ އަހަރަކަށް ވާނެ. އެއަރކޯއަށް މިލިޓަރީ މަތިންދާބޯޓުތައް ހޯދުމާއި، މިފަދަ ގިނަ ކަންކަން ކުރަންވެސް އަޅުގަނޑުމެން މިހާރުވަނީ ނިންމައި އެ މަސައްކަތްވެސް ފަށާފައި. ސައިބަރ ވޯރފެއަރ އަށް އެމް.އެން.ޑީ.އެފް.ގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސީ އީކޯ ސިސްޓަމެއް އެމް.އެން.ޑީ.އެފް.ގައި ޤާއިމުކުރުވޭ ދުވަހަކީ އަޅުގަނޑު ދެކެން ބޭނުންވާ ދުވަސް. އިރާދަކުރެއްވިއްޔާ އެމް.އެން.ޑީ.އެފް.އަކީ، ވަށައިޖެހިފައިވާ، ހުރިހާ ގޮތަކުންވެސް މި ޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ ހުރިހާ މާނައެއްގައިވެސް މި ޤައުމު ހިމާޔަތްކޮށް، މި ޤައުމު ދިފާޢުކުރުމަށްޖެހޭ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް މަސައްކަތްކުރެވޭނެ ވަރުގެ ކެޕޭސިޓީ ޤާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެ ވަރުގަދަ ޢަޒުމުގައިކޮށް ކާމިޔާބުކުރާނެ ކަމެއް. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން.

އާދެ، އަދިވެސް އެއްފަހަރު މިއަދުގެ މި މުނާސަބަތުގައި، އެމް.އެން.ޑީ.އެފް.ގެ ބޭފުޅުންނަށާއި، އަދި ޖުމުލަކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. ތަހުނިޔާ އަރިސްކުރަން. މި ފެށިގެންދިޔައީ، މި ހުޅުވިގެންދިޔައީ، މުހިންމު ބިނާއެއް. މުހިންމު ދޮރެއް. މުހިންމު ޞަފްޙާއެއް އެއްލިގެން މި ދިޔައީ.

މި ދެންނެވި ކަންކަމުގެ އިތުރަށް، ދެން ހުރި މަސައްކަތްތަކާ އެކީގައި ކުރިއަށް ދިޔުމުން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެން މި ދެކެން ބޭނުންވާ ވަށައިޖެހޭ ތަރައްޤީ ހާސިލުވެގެންދާނެ.

އަދިވެސް އެއްފަހަރު ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމު ތާ އަބަދަށް މިނިވަންކަންމަތީ اللهُ سُبْحَانَهُ وَتَعَالَى ލެހެއްޓެވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.