بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އައްޑޫ ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސިޓީގެ މަޖިލިސް މެންބަރުން، އައްޑޫ ސިޓީގެ އެންމެހައި ރަށްތަކުގެ ޚިދުމަތްތެރި އިސް ރަށްވެހިންނާއި، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ހަވީރުގެ ވަގުތު އަޅުގަނޑަށް މި ސިޓީއަށް އާދެވުނު ހިނދު، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން، އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށްވެސް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އައްޑޫ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ފަށްފަށުން ޝުކުރު ދަންނަވަން.
މިއަދު ޙަޤީޤަތުގައިވެސް އަޅުގަނޑުމެން މި ދަތުރު މި ޚާއްޞަ ކުރަނީ، ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެފައި ހުރި ވަޢުދުތަކުގެ ތެރެއިން، ގިނަ ކަންތައްތަކެއް ޢަމަލީގޮތުން ފެށުމަށާއި، އަދި އެގްރީމަންޓްތައް ސޮއިކޮށް، މަސައްކަތް ހަވާލުކުރުމުގެ ކަންތައްތައް ކުރުމަށް. އަދި ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ގާތުން ކަންތައްތައް އަޑުއަހައި، އޮޅުންފިލުވައި، އެ ކަންކަން އެގޮތުގެމަތިން ގެންދެވޭތޯ މަސައްކަތް ކުރުމަށް.
އާދެ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ، މިގޮތަށް އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ ތެރެއިން ކަންކަން މަގުފަހިކުރުމަށް. އަދި ފެށުމަށް. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އާ އަހަރުގެ ބަޖެޓު ތަންފީޒުކުރަންފެށި ހިސާބުން، މިގޮތަށް އެކި ރަށްރަށުގައި ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި، އިރާދަކުރެއްވީތީ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކުރަން ފެށިއްޖެ. އަދި ނިމެމުންވެސް އެބަދޭ. މި އަންނަ އަހަރަށް ފާސްކުރަން ހުށަހަޅާފައި އޮތް ބަޖެޓުގައިވެސް، ދެންހުރި އިމާރާތް ކުރުމާ ގުޅޭ ގިނަ ވަޢުދުތައް އެވަނީ ހިމެނިފައި.
އާދެ، މިގޮތުން މިރޭ، އަދި މިއަދު ހަވީރު އަޅުގަނޑުމެން މި ސިޓީގެ އެކި ރަށްރަށުގައި ކުރަންހުރި މުހިންމު ގިނަ ކަންތައްތަކެއް ފެށިގެން އެ ދިޔައީ. އައްޑޫ ސިޓީގެ ކޮންމެ ރަށެއްގައިވެސް، އަޅުގަނޑުމެން މިއަދު ޢަމަލީގޮތުން ބިންގާ އެޅިގެން، ނޫނީވިއްޔާ މަސައްކަތް ފެށިގެންދިޔަ ކޮންމެ މަޝްރޫޢަކީވެސް، ވަރަށް ހަލުވި ދުވެލީގައި، ވަރަށް ބާރު ސްޕީޑުގައި ގޮސް ނިމޭނެ މަޝްރޫޢުތަކެއް. އަދި އޭގެއިތުރަށް، މިއަދު ސްޓޭޖްމަތިން އަޅުގަނޑުމެން މި ސޮއިކުރި ކޮންމެ މަޝްރޫޢަކީވެސް، އެގޮތުން ކުރިއަށްދާނެ މަޝްރޫޢުތަކެއް. އެކަމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރެވިގެން، ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫޢުތަކެއް.
އާދެ، ސްޓޭޖްމަތީގައި ސޮއިކުރެވިގެންދިޔަ ކޮންމެ މަޝްރޫޢަކަށްވެސް ފައިނޭންޝަލް އެއްވެސް ކަހަލަ ހުރަހެއް ނެތި، ކަންތައްތައް އެވަނީ ހަމަޖެހިފައި. ފެނިވަޑައިގަންނަވާނެ، ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާވެސް އަޅުގަނޑުމެން މަޝްރޫޢުތައް ހަވާލުކުރަމުން މިދަނީ. އާދެ، ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރާއިރުގައި، އަދި އަމުދުން އޭގައި ހުންނަ އިޖުރާތްތައް ވަރަށް ތަރުތީބުވާނެ، ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރެވިގެން ހަވާލުކުރެވެނީ. ސަރުކާރުގެ 100 ޕަސެންޓް ޙިއްޞާ އޮންނަ ކުންފުނިތަކާ، މާލިއްޔަތު ގަވާއިދުގައި އޮންނަ ލުއިތަކަށްވުރެ، މާ ހަރުކަށި އުނދަގޫ އުސޫލުތަކެއްގެ ތެރެއިން، ފައިނޭންޝަލް ހުރިހާ ކަމެއް ހަމަޖެހިގެން ސޮއިކުރެވޭ، ނޫނީވިއްޔާ ހުރިހާ އިޖުރާތްތަކެއް ނިމިގެން ހަވާލުކުރެވެނީ. އެހެންވީމާ، ވަރަށް ގިނަ މަޝްރޫޢުތައް ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާވެސް، އަދި ސަރުކާރުގެ ކުންފުނިތަކާވެސް ހަވާލުކުރެވިގެން މިދިޔައީ. މިކަމަށް ކުރަންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ނިންމައިގެން.
އާދެ އެހެންވީމާ، އަޅުގަނޑު ޖުމްލަކޮށް ދަންނަވަން ބޭނުންވާ އެންމެ ފުރަތަމަ ވާހަކައަކީ، އަޅުގަނޑުމެން މިތަނުގައި ގާތްގަނޑަކަށް 21 މަޝްރޫޢުގައި މި ސޮއިކުރީ، މި ސިޓީގެ އެކި ރަށްތަކުގައި ކުރަންހުރި މުހިންމު ގިނަ ކަންތައްތައް ކުރުމަށް. އެ ހުރިހާ ކަމެއްވެސް، އަދި މިއަދު ޢަމަލީގޮތުން މި ސިޓީގެ އެކި ރަށްރަށުގައި، އެކި ދާއިރާތަކުގައި ކުރަން ހުރި، އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ކަމެއްވެސް، ފެށިގެން އެދިޔަ ހުރިހާ ކަމަކީވެސް، ރައްޔިތުންނަށްޓަކައި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްގެން، ތައްޔާރުވެގެން ފެށިގެންދިޔަ، ސޮއިކުރެވިގެންދިޔަ ކަންކަން ކަމުގެ ޔަޤީންކަން، އަދި އެ ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ފުރިހަމަކަމާއި، ވަރަށް އިސްކަންދީގެން ސަރުކާރުން ކޮށްދީ، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އާދެ، އަޅުގަނޑު މިއިން ކޮންމެ ކަމެއް ތަކުރާރުކުރަން ވެއްޖިއްޔާ ތަންކޮޅެއް ގިނައިރުވެސް ވެދާނެ. އެހެންވީމާ، ތިޔަބޭފުޅުންނަށް ފެނިވަޑައިގެން އެދިޔައީ، އެއިން ކޮންމެ މަޝްރޫޢެއްގައި ސޮއިކުރެވިގެންދިޔަ ތަން. އަދި ޚިދުމަތް ފެށިގެންދިޔަ ކަންކަން. އައި.ޑީ.ކާޑު ދޫކުރުން، ޕާސްޕޯޓް ދޫކުރުން، މިކަހަލަ ކަންތައްތައް. އެހެންވީމާ، މިއިން ކޮންމެ ކަމަކީވެސް ހަމަ ޔަޤީނުންވެސް، ރައްޔިތުންނަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިއްބައިދޭނެ ކަންތައްތަކެއް.
އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ރައްޔިތަކު ދިރިއުޅެން ބޭނުންވެގެން އުޅޭ ކޮންމެ ތަނަކީ، ދިވެހި ސަރުކާރުން އެ ރައްޔިތަކަށްޓަކައި ކަންތައްތައް ކޮށްދޭންޖެހޭނެ ތަންތަނުގެ ގޮތުގައި. ކޮންމެ ރައްޔިތަކީ، އަޅުގަނޑަށް ހަމަހަމަ ރައްޔިތެއް. އެހެންވީމާ، މާލޭގައި އެކަނި ޚިދުމަތްތައް ހުރެގެން ނުވާނެކަން، އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތަރުތީބުކޮށްގެން މި ގެންދަނީ. މާލޭގައި މީގެކުރިން، މާލެއިން އެކަނި ލިބެންހުރި ގިނަ ކަންތައްތަކެއް މި ފެށީ. އަދި މީގެކުރިން، ވަރަށް މަދު އަތޮޅުތަކެއްގައި ހުރި ކަންކަން، ހުރިހާ އަތޮޅަކަށް އިރާދަކުރެއްވީތީ މި ފެށީ. އެހެންވީމާ، އައި.ޑީ.ކާޑު ދޫކުރުން، ޕާސްޕޯޓް، ކޮންމެ ރަށެއްގައި އޭ.ޓީ.އެމް. ހުޅުވުން، މިހެންގޮސް އެތައްއެތައް ކަމެއް، ކޮންމެ އަތޮޅެއްގައި، އަދި ކޮންމެ ރަށެއްގައި ކުރަންހުރި ކަންކަން، ކޮންމެ ރަށެއްގައި، މި ކުރު މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން މި ފެށީ، މި ދެންނެވި އުސޫލުގެ މަތިން. ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތަކުވެސް މި ސަރުކާރަށް ހަމަހަމަ ވީމާ. ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އެއް ފެންވަރެއްގެ ޚިދުމަތް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އެ ހަމައިގެމަތިން، އެ ޢަދުލުވެރިކަން ގާއިމުކުރުމަށްޓަކައި. އަޅުގަނޑު ވަޢުދުވިން، އަޅުގަނޑުމެން ވެރިކަން ކުރާނީ، ރައްޔިތުންނަށް ޚިދުމަތްދޭނީ ޢަދުލުވެރިކަމާ އެކީގައިކަން. އެ ޢަދުލުވެރިކަން ގާއިމުކުރެވޭނީ، އިންސާފުވެރިކަންމަތީގައި، ހަމަހަމަ ކަމާއެކީގައި. އެހެންވީމާ، މިގޮތަށް މި ކަންކަން ގެންދަން މަސައްކަތް މި ކުރަނީ. މިކަން މިގޮތަށް ކުރުމުގައި އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ، ރައްޔިތުން ދެއްވާ އެއްބާރުލެއްވުމުގެ ސަބަބުން.
އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވާލާނީ، ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލެއްވުމަށް.
އާދެ، ހަމަ ޔަޤީނުންވެސް މި ސިޓީގައި ކުރަން ހުރި ކަންކަމުގެ ތެރޭގައި، މައިގަނޑުގޮތެއްގައި ކުރަންހުރި ކަންކަން އަޅުގަނޑުމެން މި ފެށީ. އާދެ، އެންމެ ބޮޑު އެއް މައްސަލައަކީ، ކަރަންޓުގެ މައްސަލަ. އެކަން ޙައްލުކުރުމުގައި، ކުދިކުދި ކަންކަން ކޮށްގެން ވާންއޮތް ކަމެއް ނޫން އެއީކީއެއް. މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންނަށް އަށެއްކަ ޖެންސެޓް ގެނެވިއްޖެ. އެހެންނަމަވެސް، އަދިވެސް މުޅިން މިކަމަކަށް ހިތްހަމަޖެހޭ ވަރުގެ ޙައްލެއް ނާދޭ. ގާތްގަނޑަކަށް، 15 މެގަވޮޓްސްގެ ކަރަންޓް، ނޫނީ 16 މެގަވޮޓްސްގެ ކަރަންޓް ބޭނުންކުރަންޖެހޭއިރުގައި، އަދި ކުރިއަށް އޮތްތާނގައި އެއަރޕޯޓަށްވެސް އިތުރަށް ކަރަންޓް ވަކިން ފޯރުކޮށްދެވޭނެ ގޮތް ގާއިމުކުރަންޖެހޭއިރުގައި، މި ހުރިހާ ކަމަކަށް ވިސްނާއިރުގައި، މި ސިޓީ ކުރިއެރުވުމުގައި ކުރަންހުރި ކަންކަމަށް ވިސްނާއިރުގައިވެސް ދާއިމީ، ވަށާޖެހޭ ޙައްލެއް މިކަމަށް އަންނަންޖެހޭ. އެހެންވީމާ، 30 މެގަވޮޓްސް ކަރަންޓް ކެޕޭސިޓީ ގާއިމުކުރުމަށް ސަރުކާރުން މިވަނީ ނިންމާފައި. އެހެންވީމާ، އެކަމަށްޓަކައި ފަށާ، ބިޔަ ބޮޑު މަޝްރޫޢެއް ފެށުމަށް މިވަނީ ނިންމާފައި. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ، އިދާރީ، ފަންނީ މަސައްކަތްތައް ކުރަން ފަށައިގެން މި ގެންދަނީ. އެހެންވީމާ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރެވި، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ވީހާވެސް އަވަހަކަށް ޖެނެރޭޓަރުތަކާއި، ޕަވަރ ހައުސް އަޕްގްރޭޑް ކުރުމާއި، މިހެން ހުރި ހުރިހާ ކަމެއް، އަދި މިހާރު ހުރި ސެޓަޕްގެ ތެރޭގައި ރަނގަޅު ކުރެވެންހުރި ކަންކަންވެސް ރަނގަޅުކުރުމާއި، އަދި މިހެންގޮސް، ވަށާޖެހޭ ޙައްލެއް ގެނައުމުގައި، މި ކަރަންޓުގެ މައްސަލަ ޙައްލުކުރުމުގައި ކުރަން ހުރި ކަންކަން ކުރަން. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ދެންނެވިހެން، 30 މެގަވޮޓްސްއަށް ވާވަރުގެ ކަރަންޓް ކެޕޭސިޓީ ގާއިމުކުރުމަކީ، ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން.
ދެން، އެންމެ ބޮޑު އެއް ކަމަކީ، އިންފްރާސްޓްރަކްޗަރ މައްސަލަ. މަގުތަކުގެ މައްސަލަ. އެހެންވީމާ، އަޅުގަނޑުމެން ލިންކް ރޯޑާއި، އަދި މި ސިޓީގެ އެކި ރަށްރަށުގައި، އެކި ސަރަޙައްދުތަކުގައި ކުރަން ހުރި މަގު ހެދުމުގެ މަސައްކަތްތައް މި ފެށީ. މީގެ ގިނަ ކަންކަމަކީ، އެ ކަންކަން ނުކުރެވި ހުރުމުގެ ސަބަބުން، އެތައް ދަތިތަކެއް ރައްޔިތުންނަށް ވެފައި ހުރި ކަންކަން. އިޤްތިޞާދީ މަސައްކަތް ކުރުމަށްވެސް ހުރަސްއެޅިފައި ހުރި ކަންކަން. ފޭދޫގައި ހިއްކާފައި އޮތް ބިމުގައި މަގު ހެދުމާއި، ނެޓްވަރކް ގާއިމުކުރުން، ޔޫޓިލިޓީޒް ގާއިމުކުރުން، އަދި ހިތަދޫގައިވެސް، މަރަދޫގައިވެސް، ފޭދޫގައިވެސް، މަރަދޫފޭދޫ، މިއިން ކޮންމެ ތަނެއްގައިވެސް މަގުތައް ހެދިގެންދިޔުން ވެގެންދާނީ، އިޤްތިޞާދީ ގޮތުން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށްވެސް، އަދި ދުވަހުން ދުވަހުން އެ ތަންތަން ބޭނުންކުރާ އާންމު ރައްޔިތުންނަށްވެސް، ކޮންމެހެން ބޭނުންވާ ކުރިއެރުމަކަށް. އެހެންވީމާ، އެ މަސައްކަތްތައްވެސް ހަވާލުކޮށް، ނޫނީވިއްޔާ ފެށިގެން މިދިޔައީ، މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި. އަޅުގަނޑު ވަޢުދުވީ، މި ސިޓީގެ ހުރިހާ މަގެއް ހަދައިދޭން. އެހެންވީމާ، މާގިނަ ފޭސްތަކަކަށް ބެހުމެއް ނޯންނާނެ. މިހާރު އަޅުގަނޑުމެން މި ފެށި މަސައްކަތްތަކަކީ، އިތުރު ފޭސްތަކަކަށް ބައިކުރުމެއްނެތި ގެންގޮސް، ހުރިހާ މަގެއް ހަދައި ނިންމުމުގެ މަސައްކަތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން މަސައްކަތް ހުއްޓާނީ، ހުރިހާ މަގެއް ހަދައި ނިންމާފައި.
ދެން، މައިގަނޑު ކަމަކީ، ވަޒީފާގެ ކަންތައްތައް. ވަޒީފާއަށް ބަލާއިރުގައި، ވަޒީފާގެ ފުރުޞަތު ނެތީމަ، ކިތަންމެ ދަތިނަމަވެސް މާލެއަށް ގޮސް، އުޅެންޖެހިފައި ގިނަ ޢާއިލާތަކަށް އޮތީ. ދާން ބޭނުންވެގެންނެއްނޫން. ދާން މަޖުބޫރުވީ. އެކަން ބަދަލުކުރެވޭނީ، އެނބުރި އަންނާނެ ސަބަބުތަކެއް މިތަނުގައި ގާއިމުކުރެވިގެން، އުފެއްދިގެން. އެއީ، ވަޒީފާގެ ފުރުޞަތު، ރަނގަޅު ތަޢުލީމީ ފުރުޞަތު، ރަނގަޅު ޞިއްޙީ ފުރުޞަތުތައް، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް. މި މައިގަނޑު ހަތަރު ކަންތައް ނެތްތަނަކަށް ބަޔަކު ނާންނާނެ. އެހެންވީމާ، އެ ފުލް ފެކްޓަރތައް ހުންނަންޖެހޭ. އެއީ، އަޅުގަނޑު އިޢުލާނުކުރި، މައިގަނޑު ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަކީވެސް. ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ތެރެއިންނޭ އަޅުގަނޑުމެން ކުރިއަށްދާނީ. އަޅުގަނޑު މެނިފެސްޓޯ އިޢުލާނުކުރިއިރުގައިވެސް، އެންމެ ފުރަތަމަވެސް ދެއްކި ވާހަކަ އެއީ. ހަނދުމަފުޅު ހުންނާނެ ތިޔަ ލޮބުވެތި ރައްޔިތުން.
އެހެންވީމާ، އެގޮތުން މި އަތޮޅު ހިމެނޭހެން، މި ދެކުނުގެ ހަތަރު އަތޮޅު އެކީގައި އިންޓެގްރޭޓް ކުރެވިގެން، ޑިވެލޮޕްމަންޓް ޒޯނެއް ގޮތަށް ތަރައްޤީ ކުރުމާ، ކަންކަން މި ތަރުތީބުކުރީ. އުތުރުގައިވެސް، ހަތަރު އަތޮޅު އެކީގައި. ދެން، މެދުތެރެއިން ހަތް ރަށެއް ވަކިން ނަގައި، އަރބަން ސެންޓަރުތަކެއް ގޮތަށް. މީގެ ބޭނުމަކީ، މި ފުލް ފެކްޓަރތައް އެންމެ މަތީ ފެންވަރުގެ ތަޢުލީމީ، ޞިއްޙީ، ވަޒީފާ، ބޯހިޔާވަހިކަން، މި ކަންކަން ގާއިމުކުރުން. އޭރުން މެދު ރާސްތާގައި، އަދި ޔަޤީނުންވެސް ދުރު ރާސްތާގައި ރާއްޖޭގައި މީހުން ދިރިއުޅުމުގައި، މި ދެންނެވި ގޮތަށް ކަންކަން ތަރުތީބުވެގެން ދިޔައީމަ، ރައްޔިތުން އެމީހުންގެ ވަޒަނަށް އެނބުރި އައިސް، ރައްޔިތުންނަށް އެ ތަންތަނުގައި އުފަލާއެކީގައި އުޅެވޭނެގޮތް ފަހިވާނެ. އެހެންވީމާ، މި ސިޓީގައިވެސް ވަޒީފާގެ ފުރުޞަތުތައް ވަރަށް މުހިންމު ވަނީ އެހެންވެގެން.
ވަޒީފާއަށް ބަލާއިރުގައި، ޓޫރިޒަމްގެ ދާއިރާއަކީ، އަޅުގަނޑު ހިތުން، މި އެއަރޕޯޓުވެސް ނިމިގެންދާއިރުގައި، އެންމެ މުހިންމު އެއް ކަމަކަށް ވާނެ، މައިގަނޑު ގޮތެއްގައި އޭގެ ސަބަބުން ވަޒީފާ ލިބޭނީވެސް. މަސްވެރިކަންވެސް ކުރޭ މި ސިޓީގައި. އެހެންނަމަވެސް، ވަޒީފާ އެންމެ ގިނައިން ލިބޭނެ އެއް ދާއިރާއަކީ، ރަނގަޅަށް ޓޫރިޒަމް ކުރިއެރުވުން. އެހެންވީމާ އަޅުގަނޑު ވަޢުދުވީ، މީގެތެރެއިން މުހިންމު ކަންތައްތަކެއް ކުރަން. މިރޭ އަޅުގަނޑުމެން އެމް.ޓީ.ޑީ.ސީ.އާ މި ހަވާލުކުރީ، އޭގެތެރެއިން 600 ރޫމް އެޅުމަށްޓަކައި، "އައްސޭރި ޓޫރިޒަމް"ގެ މަޝްރޫޢިން. އެއީ، މީގެތެރެއިން އެއް ކޮމްޕޯނެންޓް މި ހަވާލުކުރީ.
އެހެންވީމާ، އެ މަސައްކަތް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަމެއްދީގެން، ވަރަށް ގާތުން ގެންދާނެ. އެކަމަށްޓަކައި ތައްޔާރުވާތާ އެތައް ދުވަހެއްވެއްޖެ. މިތަނަށް އައިސް ސަރވޭ ކުރެވި، ފީޒިބިލިޓީ ހަދައި ހުރިހާ ކަމެއް ގެންދިޔައީ. އެހެންވީމާ، މި ހަވާލުކުރީ.
ޝަންގްރިއްލާ ރިޒޯޓު ހުޅުވުމަށްޓަކައި އެތަނުގެ އިސް ވެރިންނާ މިއަދު އަޅުގަނޑުމެން ބައްދަލުކުރިން. ހިނގަމުންދާ މަސައްކަތް ބަލަން. ވަރަށް ތަފްސީލު ޕުރެޒެންޓޭޝަނެއްވެސް ދެއްވި. ޓުއަރ އެއްވެސް ހައްދަވައިދެއްވި. ކުރަމުންދާ މަސައްކަތް ވަރަށް ގާތުން ދެއްކެވި. ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ ތިމަންނަމެން ހަމަ ވަރަށް ޔަޤީންކަމޭ މި ދެނީ 31 ޑިސެންބަރަށް ނިންމާނަމޭ. އެހެންވީމާ، އަޅުގަނޑަށްވެސް ޔަޤީންކަން އެބައޮތް، އެހާގާތުން އަޅުގަނޑުމެންނަށް އެ ކަންކަން ދައްކައި، އެ ޔަޤީންކަން ދިނީމާ. އެ ހިސާބަށް ދިޔުމުގައި ހަމަ އަޅުގަނޑުމެންނަށް ސަރުކާރަށްވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބޭފުޅުން ދެއްވި. ވަރަށް ގިނަ ދުވަހުގެ މަޝްވަރާތައް ކުރެވި، އެބޭފުޅުންނަށްވެސް އެ ބޭނުންވާ ޔަޤީންކަމަކާއި، އިޤްތިޞާދު ކުރިއަރާ ގޮތާއި، އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތުތައް ހުރިގޮތާއި، މި ހުރިހާ ކަމެއްވެސް އެބޭފުޅުން ގާތުން ބައްލަވައި ހައްދަވާފައިވަނީ. އެބޭފުޅުންނަކީވެސް ވަރަށް ބޮޑަށް އަމިއްލައަށް ކަންކަން ބައްލަވައި ދިރާސާކުރައްވައިގެން، ހިސާބުޖައްސަވައިގެން ކަންކަން ކުރައްވާ ބޭފުޅުން ކަމުގައިވާތީ، އެ ވަރަށް އެ ބޭފުޅުންނަށް ޔަޤީންވީމާ އެ މަސައްކަތް އެ ފެށްޓެވީ. އެހެންނޫނީވިއްޔާ ހަމަ ބަންދުކޮށްފައި ބާއްވާންވީ. އެހެން ނަހަދައި އެ މަސައްކަތް އެ ފެށްޓެވީ.
އެހެންވީމާ، މި އަހަރުގެ ނިޔަލަށް ނިންމާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ދެއްވި. މިއަދުވެސް އަޅުގަނޑުމެންނާ އެކީގައި އެމް.ޕީ. އިންވެސް ވަޑައިގެންނެވި. އަދި ބައެއް އެހެން ބޭފުޅުންވެސް ތިއްބެވި. މިނިސްޓަރުންނާއި ބައެއް ބޭފުޅުންވެސް. އެހެންވީމާ، އެގޮތަށް އެކަންވެސް އެއޮތީ ހަމަޖެހިފައި. އޭގެ ތެރެއިންވެސް އަންނާނީ ވަޒީފާގެ ފުރުޞަތުތައް. އައްސޭރި ޓޫރިޒަމުންވެސް ވަޒީފާގެ ފުރުޞަތުތައް.
ދެން ހަމައެއާއެކީގައި ހަންކެނޑެ. ދެންމެ އެމް.ޕީ. އަޒާން އެ ފާހަގަކުރެއްވީ، މި ކަމުގައި ދިމާވި ބައެއް ދަތިތައް. ކުރީގައި ސޮއިކޮށްފި. އެހެންނަމަވެސް، ފައިސާގެ ކަންތައްތައް ހަމަނުޖެހި. ދެން އެކަން ކުރެވޭތޯވެސް އެތައް މަސައްކަތެއް، އަހަރަކަށްވުރެ ގިނަ ދުވަސްމިވީ. ދޮޅު އަހަރެއްހާ ދުވަސް ޙަޤީޤަތުގައި މިދިޔައީ އެކަމުގެ ތެރޭގައި. އެހެންނަމަވެސް، ދެން އަޅުގަނޑުމެން އިތުރަށް ޑިލޭކުރަން ބޭނުންނުވާތީ، މި ކަމަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، އެ އޮންނަ އުސޫލުން ބާތިލުކޮށްފައި މިހާރު އަލުން މި ފުރުޞަތު ހުޅުވާލީ މިނިސްޓްރީގެ ފަރާތުން. ދެން މިނިސްޓްރީގެ ފަރާތުން ފުރުޞަތު ހުޅުވާލައިގެން މިހާރު އެ ހުޅުވާލި ފުރުޞަތަށް ޕުރޮޕޯސަލަށް ލައިގެން، ބޭރުގެ ކުންފުންޏަކުން އެވަނީ ޕުރޮޕޯސަލްލައި، އަދި އެވޯރޑް ލެޓާރވެސް މިހާރު މިނިސްޓްރީގެ ފަރާތުން 23 އޮކްޓޯބަރުގައި 2025ގައި ބޭރުގެ ކުންފުންޏަކަށް، ތުރުކީގެ އިންވެސްޓަރަކަށް، އެ ފަރާތަށް އެވަނީ ޓޫރިޒަމް މިނިސްޓްރީއިން ލެޓަރ އޮފް އެވޯރޑުވެސް ދީފައި. ދެން އޮންނަ އުސޫލުގެ ތެރެއިން 45 ދުވަހުގެ މުއްދަތެއްދޭނެ އެކުއިޝަން ކޯސްޓް ދައްކަން. އެހެންވީމާ، އެ ފުރުޞަތު އެއޮތީ ދީފައި. އެ މުއްދަތު އެދަނީ ހިނގަމުން މިހާރު. އެހެންވީމާ، 7 ޑިސެންބަރަށް އެ މުއްދަތު ހަމަވާނެ. އެކަމަކު އެބޭފުޅުން އަޅުގަނޑުމެންނަށް، ޓޫރިޒަމް މިނިސްޓަރ އަޅުގަނޑަށް މިއަދުވެސް ޔަޤީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރައްވައޭ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް އެ ޕޭމަންޓް ހަދަން. ހެދިއްޖިއްޔާ، އެގްރިމެންޓް އެކްޗްއަލް ހަމަ ލީޒް އެގްރިމެންޓުގައި ސޮއިކުރާނެ.
އޭގެތެރެއިން، އެ ބޭފުޅުން އެބަ ހައްދަވާ މަދުވެގެން 1000 އެނދުގެ އެންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް އެ ތަނުގައި. މަދުވެގެން 1000 އެނދުގެ. އެއީ، ފުރަތަމަ ފޭސް. އެހެންވީމާ، 3000 އެނދުގެ ޕްރޮޖެކްޓެއް އެއީ. އެހެންވީމާ، ހަންކެނޑެ ޕްރޮޖެކްޓުގެ ތެރެއިންވެސް ވަޒީފާ ލިބޭނެ. އެހެންވީމާ، މައިގަނޑު ތިން ވަޢުދެއް އަޅުގަނޑުވީ. ޝަންގްރިއްލާ ރިޒޯޓު އަނބުރާ އޮޕަރޭޝަނަށް ގެންނަން މަސައްކަތްކޮށްދޭނެ ކަމާއި، އެ ކަން އެ ވަނީ މި އަހަރުގެ ނިޔަލަށް. ދެން އައްސޭރި ޓޫރިޒަމް މަޝްރޫޢުގެ ތެރެއިން، 6000 އެނދާއި ހަމައަށްދާން. އޭގެ ތެރެއިން، 600 އެނދުގެ މަސައްކަތް އެފެށީ އޭގެތެރެއިން. ދެން ހަންކެނޑެ ޕްރޮޖެކްޓް. މި 3 ވަޢުދު އަޅުގަނޑުވީ. އެހެންވީމާ، މި 3 ވަޢުދަށްވެސް އެވަނީ ބޮޑެތި ކާމިޔާބުތަކެއް ލިބިފައި. އެހެންވީމާ، މިއިން ކޮންމެ ކަމެއް ނިމިގެންދާއިރު ވަޒީފާގެ އެތައް ފުރުޞަތުތަކެއް މި އިތުރުވަނީ.
ދެން އޭގެއިތުރަށްވެސް، މިއަދު މިތާ ސޮއިކުރެވިގެންދިޔަ ކޮންމެ ކަމެއްގެ ތެރެއިންވެސް، އެތައް ވަޒީފާއެއް އެބަ އުފެދޭ. މިއިން ކޮންމެ އިންސްޓިޓިއުޝަނެއް ހުޅުވިގެންދާއިރުގައި، އޭގެ ތެރެއިންވެސް އަންނާނީ ވަޒީފާގެ ފުރުޞަތުތައް. އެއީ، ސްކޫލްގެ ޢިމާރާތެއް ނިމިގެން، ސްކޫލަށް އިތުރުވާ ޖާގަ ކަމުގައިވިޔަސް، މިތާގައި ސޮއި ކުރެވިގެން ހިނގައްޖެ، ހެލްތު ސެންޓަރު ހަދަންވެސް. މިތާގައި ސޮއި ކުރެވިގެން ހިނގައްޖެ، އިތުރު އެހެން ކަންކަން ކުރަންވެސް. ޢިމާރާތްތައް އަޅަން. ވަރަށް ގިނަ އިމާރާތްތައް އަޅަން. ވަރަށް ގިނަ ފެސިލިޓީޒްތައް ޤާއިމުކުރަން. ވަރަށް ގިނަ ޚިދުމަތްތައްދޭން. ވަރަށް މުހިންމު ޚިދުމަތްތައް. މިއިން ކޮންމެ ޕްރޮޖެކްޓެއް ނިމިގެން، އެތަނަށް އެ ޚިދުމަތަށް ހުޅުވާލަންވާއިރުގައި، އެއީވެސް ވަޒީފާގެ ފުރުޞަތުތައް. އެހެންވީމާ، ޑެސްކު ކައިރީ އަދާކުރާ ކަހަލަ ވަޒީފާއާއި، މައިދާނުގައި ކުރާކަހަލަ މަސައްކަތްތަކާއި، މިހެންގޮސް އެކި ކަންކަމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ވަޒީފާގެ ފުރުޞަތުތައް އެތައް ގުނައަކުން ކުރިއަށް އޮތް މަސްތަކުގައާއި، އަހަރުތަކުގައި އިތުރުކުރެވޭނެ ގޮތް ހަދައިދެން. އެހެންވީމާ، އެއީ ތިޔަބޭފުޅުން ތިޔަ އުންމީދު ކުރައްވަމުން ގެންދަވާ ގޮތަށް، މިކަން ނިންމައިދިނުމަށްޓަކައި.
ހަމައެއާއެކީގައި ހައުސިންގެ މައްސަލަ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަކީ، އަޅުގަނޑު ވެފައިއޮތް އެންމެ މުހިންމު އެއް ވަޢުދު. ޖުމްލަކޮށް މުޅި ރާއްޖޭގައިވެސް. އެކަމަށްޓަކައިވެސް އަޅުގަނޑުމެން މި ސިޓީގެ އެކި ރަށްރަށުގައި، އެކި އަދަދުތަކުން ހައުސިންގ ޔުނިޓު އަޅަން އެޗް.ޑީ.ސީ.އާ މި ހަވާލުކުރީ. އެއީ، މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ އިތުރަށް އާ މަޝްރޫޢުތަކެއްގެ ގޮތުގައި. ހަމަ ޔަޤީނުންވެސް މި މަޝްރޫޢުތައް ނިމިގެންދިޔައިމާވެސް އެ ލިބިގެންދަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގައި ޒުވާނުންނަށް އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑެތި ފުރުޞަތުތަކެއް.
އެހެންވީމާ، މި ސިޓީގެ ރައްޔިތުން ބޭނުންވާގޮތަށް، މި ސިޓީގައި ދިރިއުޅުމަށްޓަކައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ މިއިން ކޮންމެ ކަމެއް އެންމެ ރަނގަޅަށް ޤާއިމުކުރުމުގެ މަސައްކަތް މި ފެށީ.
ޞިއްޙީ ދާއިރާއަށް ބަލާއިރުގައިވެސް ހަމަ އެހެން. މަރަދޫގެ ހެލްތު ސެންޓަރު، މިއަދު އަޅުގަނޑުމެން މި ސޮއިކުރި ޕްރޮޖެކްޓަކީ، 20 އެނދުގެ ޒަމާނީ ހުރިހާ ޚިދުމަތެއް ޤާއިމުކުރެވިފައި ހުންނަ ވޯޑުތަކާއި ކޮންސަލްޓޭޝަން ރޫމްތަކާއި، ނަރސް ސްޓޭޝަން، ޕްރައިވެޓް ވޯޑް، މިހެން ހުންނަ ހުރިހާ ތަނެއް ހިމެނޭނެ. އެހެންވީމާ، އެގޮތަށް ހަވާލުކުރެވުނު މަޝްރޫޢެއް. އަދި މިތާ ހުންނަ މައި ހޮސްޕިޓަލް، ހިތަދޫގައި ހުންނަ މައި ހޮސްޕިޓަލަށްވެސް އެތައް ޚިދުމަތްތަކެއް އިތުރުކުރުމަށްޓަކައި މިހާރު ފިނޭންސް މިނިސްޓްރީން އެވަނީ ހޮސްޕިޓަލަށް ފައިނޭންޝަލް ކަންތައްތައް ހަމަޖައްސައިދީ، އެބޭފުޅުން މަސައްކަތް ފަށްޓަވާފައި.
ކެތުލެބަށް ބޭނުންވާ، އެ އޮޕަރޭޝަނަށް ގެނައުމަށްޓަކައިވެސް، މިހާރު ކުރިމަތިލީ ފަރާތަށް އެވަނީ، އެކަމާބެހޭ އާރު.އެފް.ބީ. ހުށަހެޅުމުގެ ފުރުޞަތު، ނެކްސްޓް ސްޓޭޖް، އެވަނީ ފުރުޞަތު އިއްޔެ ދީފައި. އެހެންވީމާ، އެތަންވެސް އޮޕަރޭޝަނަށް ގެނައުން. ދެން އަދި އެހެން ގިނަ ޚިދުމަތްތައް އިތުރު ކުރުމަށް. އެންމެ ސްޓޭޓް އޮފް ދަ އާޓް ގިނަ ސްޕެޝަލިޓީސްތަކާއި، ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިނޭންޝަލް ހުރިހާ ކަމެއް ހަމަޖައްސައިދީފައި ވަނީ. މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޞިއްހީ ޚިދުމަތް އެންމެ މަތީ ފެންވަރަށް މި ރާއްޖޭގައި ދިނުން. އެކަމަށްޓަކައި ދެންމެ މި ދެންނެވިހެން، އެންމެ އާބާދީ ބޮޑު ރަށްރަށާއި، އާބާދީ އިތުރު ކުރެވެން ހުރި ތަންތަނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން، ޑިވެލޮޕް ކުރެވެން ހުރި ތަންތަނަށް އެންމެ އިސްކަމެއްދީގެން، ޞިއްޙީ ދާއިރާ އެންމެ މަތީ ފެންވަރަށް ގެންދިޔުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް.
އޭގެތެރެއިން، މި އަންނަ އަހަރަށް މި ހުށަހެޅި ބަޖެޓުންވެސް ތިޔަބޭފުޅުންނަށް ފާހަގަވެލައްވާނެ، 500 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދު ކަނޑައަޅާފައި އެވަނީ އާ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ދާއިރާއިން ހިންގަން. 300 އަށްވުރެ ގިނަ މިލިއަން ރުފިޔާ، ޞިއްޙީ ދާއިރާގެ އެކި ކަހަލަ އާ ޚިދުމަތްތައް ދިނުމަށާއި އެކި އެކްޓިވިޓީސްތައް ހިންގަން. ޖުމްލަ 800 އަށްވުރެ ގިނަ މިލިއަން ރުފިޔާ، އެއް ދާއިރާއަކަށް އެންމެ ގިނައިން މި އަންނަ އަހަރު ބަޖެޓު ކަނަޑައެޅިފައި މިއޮތީ ޞިއްޙީ ދާއިރާއަށް. އެއީވެސް ރައްޔިތުންނަށް މި ބޭނުންވާ އެންމެ މަތީ ފެންވަރުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، އެކި އުސޫލުތަކުގެ މަތިން، ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި. ދެން ހަމައެއާއެކީގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މި ކުރެވޭ މަސައްކަތް މި ކުރެވެނީ އެގޮތުން.
އެހެންވީމާ ޖުމްލަކޮށް ދަންނަވަންޏާ، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިހިރަ ކޮންމެ ކަމަކީ، މި ސަރުކާރުން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާނެ ކަންތައްތައްކަމުގެ ޔަޤީންކަން އަޅުގަނޑު މިދެނީ. ޚިދުމަތްތަކުގެ ތެރެއިންކަމުގައި ބެއްޔަސް، އަމަންއަމާންކަން ޤާއިމުކުރުން ކަމުގައި ބެއްޔަސް، ފުލުހުންގެ މަރުކަޒުތައް ހަވާލުކުރެވިއްޖެ. ފުލުހުންގެ މަރުކަޒުތައް އަޅަން މިއަދު ފެށިއްޖެ. މިހެންގޮސް ހުރިހާ ކަމެއް. ކުޅިވަރުތަކާ ބެހޭ އެކި ކަހަލަ އިމާރާތްތައް ކުރުންވެސް. އެއީވެސް ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ތަރައްޤީގެ ދާއިރާއިން ކުރިއަށްދަންޏާ، ވަރަށް މުހިންމުދާއިރާއެއް ތަރައްޤީކުރަން. ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަން ހަވާލުކުރެވިއްޖެ. ބައެއް ފިޓްނަސް ސެންޓަރުތަކުގެ މަސައްކަތް ފެށިއްޖެ މިއަދު. އެހެންވީމާ، މި ހުރިހާ ކަމެއް މި ކުރެވިގެން މިދަނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށާއި، އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ، ޕްރޮޑަކްޓިވް، ފައިދާހުރި މަސައްކަތެއް ކުރެވޭ މުޖުތަމަޢަކަށް ހެދުމަށްޓަކައި، ކުރެވޭ އިންވެސްޓްމެންޓެއްގެ ގޮތުގައި. އެހެންވީމާ، މި ކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ގޮތުގައި މި ކުރިއަށް ގެންދަނީ.
އާދެ، މިދިޔަ ގިނަ ދުވަސްތަކުގެ ތެރޭގައި، ވަރަށް ގިނަ މަސައްކަތްތައް މިގޮތުން ފެށިގެން މި ދިޔައީ. މިއިން ކޮންމެ މަސައްކަތަކީ، މައިގަނޑު ގޮތެއްގައި ގިނަވާނީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައާއި އަދި ފަހުން ވެފައިހުރި ވަޢުދުތައް. އޭގެއިތުރަށްވެސް ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންނާ މަޝްވަރާ ކުރެވުނީމާ، ފާހަގަކުރެވިފައި ހުރި ކަންކަމުގެ ތެރެއިންވެސް މަސައްކަތްތައްވަނީ ހަވާލުކުރެވިފައި. މިކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ކަހަލަ އެތައް ވަޢުދެއް ފުއްދުމަށްޓަކައި އެކި މަސައްކަތް ހަވާލު ކުރެވޭނެ.
އާދެ، މާދަމާ އިރާދަކުރެއްވިއްޔާ މާލޭގައި އަޅުގަނޑުމެން ރަސްމިއްޔާތެއްގައި އެބަ ސޮއިކުރަން. އިތުރު 205 މަޝްރޫޢުގައި ސޮއިކުރަން. މުޅިވެސް ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ މި ހަވާލުކުރަނީ. މިއިން ކޮންމެ މަޝްރޫޢަކީވެސް އަޅުގަނޑު ވެފައިހުރި ވަޢުދެއް. އެއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. މީގެ ތެރެއިން، މި 205 މަޝްރޫޢުގެ އިތުރަށް، އޭގެ ތެރޭގައި ޖުމްލަ 213 މަޝްރޫޢު އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރާ ހަވާލުކުރަން މިހާތަނަށް މިވަނީ ނިންމިފައި. އޭގެތެރެއިން 8 މަޝްރޫޢު މި ދަތުރުގައި ފުވައްމުލަކާއި މި ސިޓީގައި، ފުވައްމުލަކު ސިޓީއާއި މި ސިޓީގައި، މި ސޮއިކުރީ. އައްޑު އަތޮޅުގައާއި ފުވައްމުލަކު ސިޓީގައި 8 މަޝްރޫޢު. ޖުމްލަ 213 މަޝްރޫޢު މިވަނީ މާލިއްޔަތު ގަވާއިދުގައި އެބުނާ އުސޫލުތަކުގެ ތެރެއިން، ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމުގެ އިޖުރާޢަތްތަކުގެ ތެރެއިން ސޮއިކުރުމަށް ތައްޔާރުވެފައި އެކި ދާއިރާތަކުން. އެއީ، ޞިއްޙީ ދާއިރާކަމުގައިވިޔަސް، ތަޢުލީމީ ދާއިރާ ކަމުގައިވިޔަސް، ކުޅިވަރު ކަމުގައިވިޔަސް، އަމަންއަމާންކަން ޤާއިމުކުރުން ކަމުގައިވިޔަސް، މަތީ ތަޢުލީމު ކަމުގައިވިޔަސް، އަދި ޖުމްލަކޮށް ހުރިހާ ދާއިރާއަކުން އެކި ކަހަލަ ވަޢުދުތައް ފުއްދުމަށްޓަކައި، ޕްރައިވެޓް ސެކްޓަރަށް ޚާއްޞަ ކުރެވިގެން މާދަމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލޭގައި އެބަ ހަވާލުކުރަން 205 މަޝްރޫޢު.
މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ބޫމެއް އަންނާނެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ. މި ސަރުކާރަކީ އިންޑަސްޓްރީތައް ކުރިއަރުވަން ބޭނުންވާ، އިޤްތިޞާދު ކުރިއަރުވަން ބޭނުންވާ، މަސައްކަތްކުރާ ސަރުކާރެއް. އެހެންވީމާ، ސަރުކާރުގެ 100 ޕަސެންޓް ކުންފުނިތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާ މަސައްކަތް ހަވާލުކުރާ ފަދައިން، ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާވެސް މިދަނީ އެ މަސައްކަތްތައް ހަވާލުކުރަމުން. އޭގެ ސަބަބުން އިޤްތިޞާދު ފުޅާވެގެންދާނެ. އިޤްތިޞާދަށް ދިރުން އަންނާނެ.
ހަމައެއާއެކީގައި، ކުރީ ސަރުކާރުން ނުދީ ފުނިޖައްސާފައި ހުރި ބިލްތަކަށް ފައިސާދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. ފަސްހަފްތާ ވުމުގެކުރިން ފަށާނަމޭ. އިއްޔެގައި އެ މަސައްކަތް އެވަނީ ފަށާފައި. މިހާރު އެދަނީ ބިލްތަކަށް ޕޭ ކުރަމުން. ހަމަ ކުރިއަށް އޮތް ކޮންމެ ދުވަހަކު، މިގޮތަށް ނުދީހުރި ބިލްތަކަށް ފައިސާ ލިބެމުންދާކަން، މި ފައިސާ ލިބެން ޖެހިފައި ތިބި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ފެނިގެންދާނެ. ލިބިގެންދިޔައިމާ، ޖަމާވީމާ ފެންނާނެތާ ދޮގެއްތޯ؟ އެހެންވީމާ، އެ ދަނީ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަމުން. އެހެންވީމާ، މި މަސް ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، މިގޮތަށް ދޭންހުރި ހުރިހާ ފައިސާއެއް ދީ ނިންމުން.
އެހެންވީމާ، މިގޮތަށް ތަރުތީބު ކުރެވިގެން، އަޅުގަނޑުމެން މި އިޤްތިޞާދުގައި ހުރި މައްސަލަތައް ޙައްލުކުރަމުން، އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ބޭރަށް ދައްކަންހުރި ދަރަނިތައްވެސް އަޅުގަނޑުމެންނާ ދޭދޭ އެކުވެރި ޤައުމުތަކާވެސް ވާހަކަ ދެކެވިގެން، ރާއްޖެއަށް ފައިދާވާގޮތަށް އެކަމުގެ ތަރުތީބުތައްވެސް ހަމަޖައްސައި، މިހާރު ދައްކަންޖެހޭ ދަރަނިތައް ދައްކައި، މި އަންނަ އަހަރު ދައްކަން އޮތް ސްކޫކަށްވެސް އަޅުގަނޑުމެންނަށް ބަޖެޓު މިހާރު ކުރެވިފައި އެ އޮތީ. އެ ސްކޫކް ދައްކަން މި އަންނަ އަހަރު ނުޖެހޭނަމަ މި އަހަރަށްވުރެވެސް މި އަންނަ އަހަރުގެ ބަޖެޓު އެ އޮތީ ކުޑަކޮށް. އެހެންވީމާ، ސްކޫކް ދައްކަން މިޖެހެނީ މިދިޔަ ސަރުކާރުން، ޚާއްޞަކޮށް އޭގެ ކުރީ ސަރުކާރާ އެކީގައި ނަގާފައި އޮތް ބޮޑެތި ދަރަނިތަކެއް ދައްކަންޖެހޭތީ. މި ސަރުކާރުން ނެގި ދަރަންޏެއްނޫން. އެހެންނަމަވެސް، އެވެސް ދައްކަން އެ އޮތީ ހަމަޖެހިފައި.
އެހެންވީމާ، މި ހުރިހާކަމެއް ކުރަމުން، އެއްވެސް ފައިސާއެއް ޗާޕުނުކޮށް، މަޝްރޫޢުތައް ހިންގަމުން، ހުރިހާ އިންޑަސްޓްރީތައް، ޓޫރިޒަމް އިންޑަސްޓްރީ ކަމުގައިވިޔަސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކަމުގައިވިޔަސް، މަސްވެރިކަމުގެ އިންޑަސްޓްރީ ކަމުގައިވިޔަސް، ކުރިއަރަމުން، މިއިން ކޮންމެ އިންޑަސްޓްރީއަކަށްވީ ވަޢުދުތައް ފުއްދަމުން، ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް ޢަމަލީގޮތުން މަޝްރޫޢުތައް ހިންގަން ފަށައިގެން މި ގެންދަނީ. މި ހުރިހާ ކަމެއްވެސް މި ކުރެވެނީ، ރައްޔިތުން ދެއްވާ އެއްބާރުލެއްވުމުގެ ސަބަބުން.
އަދިވެސް އެއްފަހަރު އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އައްޑޫ ސިޓީގެ ކަންކަމުގައި ތިޔަ ދެއްވާ އެއްބާރުލުމަށް. އަދި ޖުމްލަކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް.
އަޅުގަނޑު މި ދަތުރުގެ ކުރިން މާލެ އަތޮޅު ތުލުސްދޫއަށްގޮސް ނިމުނީމާ، އިރާދަކުރެއްވީތީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދެވުނީ. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މި ކުރެވުނު ދަތުރުތަކުގައި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ހަމަ އަދިވެސް އެއްފަހަރު ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު މަސައްކަތް ކުރަމުންދާނީ، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގައި. ރައްޔިތުންގެ ތިޔަ އެއްބާރުލެއްވުމާ އެކީގައި. ތިޔަ ކުރައްވާ އިތުބާރާ އެކީގައި. އިރާދަކުރެއްވިއްޔާ ސަރުކާރަށް 2 އަހަރު ވެގެންދާއިރުގައި، އަޅުގަނޑު ވެފައިހުރި ވަޢުދުތައް އަދި އޭގެ އިތުރަށްވެސް އެތައް ކަމެއް ފެށިގެން މިދަނީ، މި އެއްބާރުލެއްވުމާއި، މި އިތުބާރުގެ ސަބަބުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަކުރައްވާ އިތުބާރު ދަމަހައްޓާދޭނަން. އަޅުގަނޑު ވެފައި ހުރި ވަޢުދުތައް އިރާދަކުރެއްވިއްޔާ ފުއްދަމުން މިދަނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުންދާނީ، އިޚްލާޞްތެރިކަމާ އެކީގައި، އަމާނާތްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމުގެ ތަރައްޤީ ޙަޤީޤަތަކަށް ހެދުމުގައި އަޅުގަނޑުމެންނަށް ތައުފީޤު މިންވަރު ކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.