بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲ، ވަޒީރުން، ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެކިއެކި މުއައްސަސާތަކާއި، އޮފީސްތަކުގެ، އަދި ޕްރައިވެޓް ސެކްޓަރގެ އެންމެހައި ބޭފުޅުން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު އަޅުގަނޑުމެން މި ބޭއްވި، ނޫނީވިއްޔާ ބާއްވަމުންމިދާ ޙަފުލާއަކީ، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ހިތުން، އާންމު ދިވެހި ރައްޔިތުންގެ ކުންފުނިތަކާ އެންމެ ގިނަ މަސައްކަތް، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހަވާލުކުރެވިގެންދިޔަ ފުރަތަމަ ޙަފުލާ. އަދި މިފަދަ ފުރަތަމަ ދުވަސްވެސްމެ. އެހެންވީމާ، މި މުނާސަބަތުގައި ޚާއްޞަކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް މަރުޙަބާ ދަންނަވަން. ކޮންސްޓްރަކްޝަން މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ވަރަށް ބޮޑަށް މަރުޙަބާއާއި، ޝުކުރު އަރިސްކުރަން. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް، ރައްޔިތުން ގާތަށް އަޅުގަނޑު މިދިޔަ ދުވަސްތަކުގައި ދަތުރުކޮށް، ބައްދަލުކޮށް، އެ ލޮބުވެތި ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަން ކޮށްދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް. މި ކަންކަން ކުރުމަށްޓަކައި ނިޒާމުގެ ތެރެއިން، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އޮންނަ އިޖުރާތްތައް ފުރިހަމަކޮށްގެން، މިއަދު މި ސޮއިކުރެވިގެންދިޔަ އެއްބަސްވުންތައް ސޮއިކުރެވިގެން މި ދިޔައީ، މި ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ، ވަރަށް ގިނަ ދިވެހި ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުމާއި، އިތުބާރާއެކު، އެ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ގަސްދުކޮށް، އެކަމަށް ކުރިމަތިލައްވާ، އަދި އެކަމުގައި ޤާނޫނުތަކުގައި، ގަވާއިދުތަކުގައި، އިޖުރާތްތަކުގައި ހުރި ކަންކަން ވަރަށް ފުރިހަމައަށް ތަރުތީބުކޮށް، ހުށަހަޅައި ކަންކަން ފުރިހަމަކުރުމުގެ ސަބަބުން.

އާދެ، ރާއްޖޭގެ އިޤްތިޞާދު މިވަނީ މިހާރު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައި. އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ފުން އަނދަވަޅަކަށް ވަށްޓައިލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި އޮތް އިޤްތިޞާދެއް ނަގައި، ކޮޅަށްޖަހައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، ސަރުކާރުގެ ތެރެއިން އެންމެންވެގެން މި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޙަޤީޤަތުގައި މިއަދު މި ސޮއިކުރުމާ ހަމައަށްވެސް މި އާދެވުނީ. އެއީ، އިޤްތިޞާދުގައި މި ބުންވަރު ނެތްނަމަ، މި ދުވަހެއް ނާންނާނެ. އިޤްތިޞާދާ މެދުގައި، ސަރުކާރާ މެދުގައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ، މި ހިސާބަކަށް ނުގެނެވޭނެ. އެހެންވީމާ، މިކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އެއީ.

މިއަދު، މި ޖަލްސާގައި ސޮއިކުރެވިގެން މިދިޔަ 206 މަޝްރޫޢަށް، އިއްޔެއާއި، އޭގެ ކުރީދުވަހު، މި މަސައްކަތުގެ ތެރެއިން ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއެކު، 216 މަޝްރޫޢު ސޮއިކުރެވިގެން މިދިޔައީ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން. އާދެ، ހުރިހާ އަތޮޅެއްގައި، 123 ރަށުގައި މަސައްކަތްތައް ކުރުމަށް، މިދިޔަ ދެ ދުވަސް ހިމެނޭގޮތުން، މިއަދާއެކު، މި ތިން ދުވަހުން މި ހަވާލުކުރެވުނީ، 123 ރަށުގައި މަސައްކަތްކުރަން. މިއީ، އަޅުގަނޑު ހިތުން އެއްފަހަރާ، އެއް ދުވަހެއްގައި، އަދި އަމުދުން، ހަމައެކަނި ދިވެހި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ މަސައްކަތް ހަވާލުކުރެވި، މަސައްކަތް ފެށޭ ދުވަސް. އާދެ، ތަފާތު 53 ކުންފުންޏެއް މިވަނީ މަސައްކަތްތަކާ ހަވާލުވެފައި. މީގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު ޔަޤީންކުރަން، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދިޔުން. އިޤްތިޞާދަށް ދިރުން އައުން. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޚާއްޞަގޮތެއްގައި، ކުރިއަރައިގެން ދިޔުން. އެއްވެސް ކަހަލަ ޕޭމެންޓެއްގެ ނުވަތަ ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫޢުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން، އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ ގޮތުގައި، މަސައްކަތްތައް ބަރާބަރަށް، އެގްރީމަންޓްގައި ވާގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ. ކުރުމަށް މަޖުބޫރުވާނެ. އެކަމުގައި ޕޭމެންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބޭ، ވަރަށް ހަލުވި ދުވެލީގައި، ވަރަށް އެފިޝަންޓްކޮށް ގެންގޮސް ނިންމާލެވޭނެ މަޝްރޫޢުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. މި މަސައްކަތްތައް އެގްރީމަންޓް ކުރެވިފައިމިވާ ގޮތަށް، ދާދި އަވަހަށް، ހަމަ ޔަޤީނުންވެސް ހުރިހާ ކުންފުނިތަކުން މަސައްކަތް ފަށްޓަވާނެ. އަދި، ވަރަށް ހަލުވި ދުވެލީގައި ކަންކަން ގެންދެވޭނެ. ސަރުކާރުގެ ތެރެއިން އަޅުގަނޑު ދޭ ފުރިހަމަ ޔަޤީންކަމަކީ، އަދި ލިބިގެންދާނެ އެއްބާރުލުމަކީ، މިއިން ކޮންމެ ކުންފުންޏަކުންވެސް މި ހަވާލުވީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ދެއްވާނެކަން، ކޮށްދީ، ފުރިހަމަ ކުރާނެކަން.

އާދެ، މީގެތެރޭގައި ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ވަރަށް ގިނަ މަޝްރޫޢުތަކެއްގައި މިއަދު މި ސޮއިކުރެވިގެން ދިޔައީ. ސަރުކާރަށް ދެ އަހަރު ދުވަސް ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރުގައިވެސް، އަޅުގަނޑުމެން އިސްކަން މިދިނީ، އެންމެ އިސްކަމެއްދޭ، އެންމެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެ ދާއިރާއެއްގެ ގޮތުގައި، ގެދޮރުވެރިކަމުގެ ދާއިރާ ޚިޔާރުކުރަން. އަޅުގަނޑު ދަންނަވާފައި އޮންނާނެ، ރިޔާސީ އިންތިޚާބުގައިވެސް އަދި އޭގެ ފަހުންވެސް، އެންމެ އިސްކަމެއްދޭ ތަރައްޤީގެ ދާއިރާއަކީ، ގެދޮރު ބިނާކޮށްދިނުމުގެ ދާއިރާ ކަމަށް. މިއަދު، ތަފާތު 13 ރަށެއްގައި، 825 ހައުސިންގ ޔުނިޓު އެޅުމަށް ސޮއިކުރެވިގެން މި ދިޔައީ. މި 825 ހައުސިންގ ޔުނިޓަކީވެސް މި ދެންނެވިހެން، ރައްޔިތުންނަށް އަޅުގަނޑު އެކި ފަހަރުމަތިން ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ހަވާލުކުރެވިގެންދިޔަ މަސައްކަތްތަކެއް.

ހަމައެއާއެކީގައި، ދާދި އަވަހަށް މާލޭގައިވެސް، މާލެ ސަރަޙައްދުގައިވެސް މިފަދަ އެތައް މަޝްރޫޢުތަކެއް ފެށުމަށް އެދަނީ ތައްޔާރުވަމުން. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ފުރިހަމަކުރެވި، އަޅުގަނޑުމެންނަށް މަސައްކަތާ ހަމައަށް ދެވޭނެ. އާދެ، މި އަހަރު ތެރޭގައި، ރައްޔިތުންނަށް މިގޮތަށް ވެފައި ހުރި ގެދޮރު ބިނާކުރުމުގެ ދާއިރާގެ ވަޢުދުތަކާގުޅޭ ގިނަ މަސައްކަތްތަކެއްވެސް ހަމަ ޔަޤީނުންވެސް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

ހަމައެއާއެކީގައި، މިއަދު މި ސޮއިކުރެވިގެންދިޔަ އެކިއެކި ދާއިރާތަކުގެ މަޝްރޫޢުތަކުގެ އިތުރުންވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރެވިގެންނާއި، ނެޝަނަލް ޓެންޑަރ ބޯޑުން އިޢުލާނުކުރެވިގެން އެ އަންނަ އިޖުރާތްތަކުގެ ތެރެއިން ހަވާލުކުރެވުނު މަޝްރޫޢުތަކާ އެކުގައިވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެދަނީ، ގިނަ މަސައްކަތްތަކެއް ފެށި، ހިނގަމުން.

އާދެ، މިއަދު މި ސޮއިކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރުގައި، އަޅުގަނޑު ވީ ވަޢުދެއް ކަމުގައިވާ، ރާއްޖޭގެ ހުރިހާ ސްކޫލެއް، މި އަންނަ ދިރާސީ އާ އަހަރަށް ކުދިން ކިޔަވަން ނުކުންނައިރުގައި، އޭސީ ހަރުކުރެވި، ފިނިކުރުމަށްޓަކައި ހިންގާ، "ކޫލް ސްކޫލް" މަޝްރޫޢަށް ބޭނުންވާނެ ހުރިހާ މަސައްކަތްތަކެއްވެސް އެވަނީ ހަވާލުކުރެވިފައި. އެ ސްކޫލްތައް އޭސީ ކުރުމަށްޓަކައި އެ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، އަދި އެ ގެންނަންވާ ތަކެތި ގެނައުމާއި، ސަޕްލައިކޮށް، މިހެންގޮސް، މިފަދަ ހުރިހާ ކަމެއްވެސް ހިމެނޭ މަޝްރޫޢުވެސް މީގެތެރޭގައި ހިމެނިގެން، މި ހަވާލުކުރެވުނީ.

އެހެންވީމާ، ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލުވެގެންދާ ގޮތަށް ކަންކަން ކުރެވޭނެގޮތް ތަރުތީބުކޮށްގެން، މި ކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ގޮތަށް، ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޒިންމާދާރުކަމާއެކީގައި އަދާކުރުމުގެ ފުރިހަމަ ނިޔަތުގައި، ފުރިހަމަ ޢަޒުމުގައި، މި މަސައްކަތްތައް މުޅި ސަރުކާރު ގުޅިގެން ކުރިއަށް މި ގެންދަނީ.

ޕްރައިވެޓް ސެކްޓަރއިން މިކަމަށް މިދޭ އެއްބާރުލެއްވުމަކީ، އަޅުގަނޑު އެކަމަށްޓަކައި އަދިވެސް ވަރަށް އުފާކުރާ، ޝުކުރު އަދާކުރާ ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، މިފަދަ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ، އާންމު ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫޢުތައް ލިބިގެންދިޔުމުން، އެ މަޝްރޫޢުތަކުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން، ލޮޖިސްޓިކަލް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން، މި ހުރިހާ ދިމާއަކުން މަސައްކަތްތައް ފޭދިގެންދާއިރުގައި، އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން، މުޅި އިޤްތިޞާދު ވަރަށް ބިޒީވެގެންދާނެ. އޭގެ ސަބަބުން، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ. އެއީ، އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ނަތީޖާއަކީ. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަވެގެންދާނެކަން ހަމަ ޔަޤީންކަން.

އާދެ، މިއިން ކޮންމެ މުންފުންޏަކުންވެސް، މާލިއްޔަތު ގަވާއިދުގައި ބުނާ ހުރިހާ އިޖުރާތްތައް ފުރިހަމަކުރި. ތިން އަހަރު ދުވަހުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހުށަހަޅައިގެން ނޫނީ، މިއިން އެންމެ ކުންފުންޏަކަށްވެސް، މި މޭޒާހަމައަށް އާދެވިފައެއް ނުވާނެ. އަދި އޭގެއިތުރަށްވެސް، މިކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް، މިތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއްނުވޭ.

އެހެންވީމާ، ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ، ވަރަށް ރަނގަޅަށް ހިނގަމުންދާ، ވަރަށް ނަތީޖާ ރަނގަޅު، ވަރަށް މެނޭޖްމަންޓް ރަނގަޅު ޓީމެއް އޮތް، މެނޭޖްކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ. އެކަމަށްޓަކައި، މި ހުރިހާ ކުންފުނިތަކުގެ ވެރިންނަށާއި، މެނޭޖްމަންޓް ޓީމްތަކަށާއި، އަދި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަނީ، ހުރިހާ ކުންފުނިތަކަކުން މި މަސައްކަތްތައް ގެންދަވާނީ، ވަރަށް ޒިންމާދާރުކަމާ އެކީގައި، ވަރަށް ފުރިހަމައަށް ކަން. މާގިނަ ދުވަސްތަކެއްނުވެ، މީގެ ގިނަ މަސައްކަތްތައް ނިމިގެންވެސް ދާނެ.

އާދެ، ގާތްގަނޑަކަށް އެކާވީސްވަރަކަށް ދުވަހުގެ ތެރޭގައި، ކުންފުނިތަކުން މޮބިލައިޒްކުރާ ގޮތަށް މިވަނީ އެގްރީމަންޓްތަކުގައި ބުނެފައި. އެކަމަށްޓަކައި، ބޭންކް ތެރެއިން، ފިނޭންސް މިނިސްޓްރީގެ ތެރެއިން ނިންމަންޖެހޭ ކަންކަންވެސް، ދާދި އަވަހަށް އެ ފައިނަލްކުރަންޖެހޭ. ދެން އޮންނަ ސްޓޭޖުގައި ހުރި ކަންކަންވެސް އެދަނީ ކުރަމުން. އެހެންވީމާ، ކުރިއަށް އޮތް އެކާވީސްވަރަކަށް ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ހަމަ ޔަޤީން، ރަށްރަށުގައި ފެނިވަޑައިގަންނަވާނެ، މި 123 ރަށުގައި މިކަމަށްޓަކައި މަސައްކަތްތައް ފެށިގެން ދާތަންވެސް.

އާދެ، އަދިވެސް އެއްފަހަރު، ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. މި މަސައްކަތްތައް މިއަދު، އަދި މިދިޔަ ދެ ދުވަހު ސޮއިކުރެވިގެން މި މަސައްކަތްތައް ހިނގާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ މަސައްކަތްތަކެއް ވަރަށް ރަނގަޅަށް، މި ހުރިހާ ކުންފުނިތަކުން، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން ކުރިއަށްދާނެ ވާހަކަ. މިކަމުގައި ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލެއްވުމަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ، މި އަހަރަށް ފާސްކުރަން މި ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިންވެސް، މިފަދަ އެތައް މަސައްކަތްތަކެއް ފެނިގެންދާނެ ކަމުގެ، ފުރިހަމަ ޔަޤީންކަން އަޅުގަނޑު ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދެން. ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި އިތުރު 3,000 މިލިއަން ރުފިޔާގެ މަސައްކަތް އެވަނީ ބަޖެޓުގައި ހިމަނާފައި. 3,000 މިލިއަން ރުފިޔާއަކީ، އަލަށް ފެށުމަށްޓަކައި ހިމެނި މަޝްރޫޢުތައް. އޭގެތެރޭގައި، ބޮޑު އަދަދެއް މިވަނީ ގެދޮރު ބިނާކުރުމަށްޓަކައި، އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި، އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހިމަނާފައި. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އިތުރު މަސައްކަތްތައް، ސަރުކާރު ކުންފުނިތަކަށާއި، ޕްރައިވެޓް ސެކްޓަރަށާއި، މައިގަނޑު މި ތިން ދާއިރާއަށްވެސް ލިބިގެންދާނެ ގޮތަށް އެވަނީ ފަރުމާކުރެވިފައި.

އާދެ، އަދިވެސް އެއްފަހަރު ލޮބުވެތި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަމުން، އަދި މިއަދު މި ސޮއިކުރެވުނު އެއްބަސްވުންތައް ސޮއިކުރެވިގެންދިޔަ ފަރާތްތަކަށްވެސް މަރުޙަބާއާއި، ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމުގެ ތަރައްޤީއާއި، ތަމައްދުން ހާސިލުކުރުމުގައި، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.